ކުޅިވަރު / އެތުލެޓިކްސް

ޒުވާން މޯޑު: ހިތްވަރު އެބަހުރި، ނަތީޖާ އެބަ ނެރޭ!

މޯޑު ދުބާއީ މެރެތަންގައި ދުވަނީ.

ސިފައިންގޭގެ ފިޒިކަލް އިންސްޓްރަކްޓާ ކޯހަށް ފަހު ފިޓްނަސް ހިފަހައްޓަން މުހައްމަދު ރަޝީދު (މޯޑް) ބޭނުންވި ވަގުތު އެހީގެ އަތެއް ދިއްކުރީ، ސިފައިންގޭގެ ތަޖުރިބާކާރު ދުވުންތެރިޔާ ނަސްރުﷲ އަހުމަދެވެ. ތަމްރީންތަކަށް ދިޔަ ފުރަތަމަ ދުވަހު މޯޑަށް އޮޅުމަކުން ބުނެވުނީ އޭނާ ދިގު ރާސްތާ ދުވުންތައް ދުވެފައިވާ ކަމަށެވެ. އެހެންވެ ނަސްރު އޭނާއާ އެކު މާލެ ވަށައި ހަތަރު ބުރު ޖެހި އެވެ.

އެރި އޮޅުމުގެ ތެރޭގައި އެވަރުގެ ރާސްތާއެއް ކަޑައްތުކުރަން ނަސްރު ޖެއްސި ޖެއްސުން ވެގެންދިޔައީ މޯޑަށް ކުރި ފައިދާއަކަށެވެ. އެއީ މޯޑު އެ ދުވަހު ދުވި ޓައިމިން އިން، އޭނާ އަކީ މަތީ ފަންތިއަށް ގެންދެވިދާނެ ދުވުންތެރިއެއް ކަން ނަސްރު އަށް ޔަގީންވުމުންނެވެ. އުމުރުން 23 އަހަރުގެ ޒުވާނާ އެ ދުވަހު ފަސް ކިލޯމީޓަރުގެ ބުރެއް 18 މިނެޓުން ދުވި އެވެ. އެކަން ގައުމީ ކޯޗުންނަށް ވެސް ގަބޫލުކޮށްދޭން ނަސްރު އަށް އުނދަގޫވި އެވެ. އެކަމަކު ހަޔެއްކަ މަސް ދުވަހުގެ ތެރޭގައި ގައުމީ ޕޫލުން ފުރުސަތު ހޯދި އެވެ.

މިއަދު މިއީ އޭގެ ފަސް އަހަރު ފަހެވެ. މިއަދު ވެސް މޯޑުގެ ފަހަތުގެ ހުރީ ނަސްރެވެ. އެކަމަކު އެހެން ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ތިމަންނާއަކީ ދިގު ރާސްތާ ދުވާ ދުވުންތެރިއެކޭ މޯޑަށް އޮޅިގެން ބުނެވުނު ބުނުން ވެސް މިއަދު ހަގީގަތަކަށްވެއްޖެ އެވެ. އޭނާ ވަރަށް ބޮޑަށް ކުރިއަރައިފި އެވެ. އުމުރުން 27 އަހަރުގައި މިއަދު މޯޑަކީ ރާއްޖޭގައި މެރެތަން ދުވުމުގައި ހުރި އެންމެ އުއްމީދީ ދުވުންތެރިޔާ އެވެ.

މޯޑު ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމުގައި ދުވަނީ.

އޭނާ މިހިސާބަށް އައުމަށް ފެށި ދަތުރުގެ ވާހަކަ ރަސްމީކޮށް ފަށަން ޖެހޭނީ ގައުމީ ޕޫލަށް އޭރު ދިޔަ ހިސާބުންނެވެ. އޭރު ދުވީ 5000 މީޓަރާއި 1500 މީޓަރު ދުވުންތަކެވެ. މެދު ރާސްތާ ދުވުންތަކެވެ. އޭރު ނަސްރު ވަނީ ސިފައިންގޭގެ ދުވުންތެރިން ދުބާއީ މެރެތަން އަށް ތައްޔާރުކޮށްދޭން ނޭޕާލުގެ މަޝްހޫރު ކޯޗު ދަރީނާމް ޗައުދަރީ މާލެ ގެންނަ ގޮތަށް ހަމަޖައްސައިފަ އެވެ. އެ ގްރޫޕުގެ ތެރެއަށް މޯޑު ވެސް ވެއްދި އެވެ. އެކަމަކު އޭރު ވެސް މެރެތަން ދުވުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އެ ހިޔާލު އައީ އަމިއްލަ އެދުމަކާ ވެސް އެކު އެވެ.

"ބޭނުންވީ ވަރަށް ބޮޑަށް މީހާ ހިއްކާލަން. ހިތަށް އެރީ މެރެތަން ތަމްރީންތަކުގައި ވަރަށް ދިގު ރާސްތާއެއް ދުވަން ޖެހޭނޭ، މިއީ ރަނގަޅު ގޮތެކޭ ހިއްކާލަން،" ދުވުމުގެ ކެރިއަރުގައި ގޯޅިން ނުކުމެ ބޮޑު މަގަށް އަޅަން ދިމާވި ސަބަބު އޭނާ ކިޔައިދިނެވެ.

އެކަމަކު ނޭޕާލުގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާގެ ތަމްރީންތައް ހުރީ މެރެތަންގައި ކުރިއަށް ދިއުމަށް ދުވުންތެރިއެއްގެ ހިތުގައި ބޮޑު އަޒުމެއް އުފައްދައިދޭހާ ވަރުގަދަކޮށެވެ. މާލެ އާއި ހުޅުމާލޭގައި ކޮންމެ ދުވަހަކު ދެއިރު ހަދަމުން ދިޔަ ތަމްރީންތަކާ އެކު ބަދަލުވީ މޯޑުގެ ބުންވަރު އެކަންޏެއް ނޫނެވެ. ވިސްނުން ވެސް މެ އެވެ. އެދިޔަ ގޮތަށް ގޮސް އޭގެ ދެ މަސް ފަހުން، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އޮތް ދުބާއީ މެރެތަންގައި ދުވި އެވެ.

ފެނުނީ ފުރިހަމަ ނަތީޖާއެކެވެ. އޭނާ 2 ގަޑި 51 މިނެޓުން ދުވެ، ފުރަތަމަ ފަހަރަށް މެރެތަނެއްގައި ވާދަކޮށް ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމި ދިވެހި ތިން ދުވުންތެރިންގެ ތެރޭގައި ހިމެނުނެވެ. ލިބުނު ހިތްވަރާ އެކު، ދަނީރާމްގެ ބެލުމުގެ ދަށުން ތަމްރީން ހަދަން ސިފައިންގޭގެ ދުވުންތެރިންނާ އެކު ނޭޕާލަށް ދިޔަ އެވެ. މާބޮޑު ސްޕޮންސަރެއް ނުލިބޭތީ އެތަނުގެ އުޅެން ޖެހުނީ ވަރަށް ދަތިކޮށެވެ. އެކަމަކު ތަމްރީންތަކުގައި އެންމެ އިންޗެއް ވެސް ދުލެއް ނުދެ އެވެ.

އެއާ އެކު ފެނިގެން ދިޔައީ އާދަޔާހިލާފު ނަތީޖާއެކެވެ. މިދިޔަ އަހަރުގެ ދުބާއީ މެރެތަންގައި 2 ގަޑި 40 މިނެޓުން ދުވެ 11 މިނެޓުގެ ކުރިއެރުމެއް ހޯދީ އެވެ. އޭގެ އަހަރެއް ފަހުން މިދިޔަ ޖެނުއަރީ މަހު އޭނާ އެ ރޭސް ފުރިހަމަކުރީ ތިން މިނެޓުގެ ކުރިއެރުމަކާ އެކު 2 ގަޑި 37 މިނެޓުންނެވެ. ތިން އަހަރުގެ ތެރޭގައި 14 މިނެޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތަށް ފަހު މޯޑު (ވ) އާއި ޖަވާ (ކ) ކޯޗު ނަސްރުއާ އެކު: މެދު ރާސްތާ ދުވުންތަކުގައި ގައުމީ މުބާރާތުން އޭނާ ވަނީ ކާމިޔާބީތައް ހޯދާފައި.

އެ ކުރިއެރުންތައް އޭނާ އެ ހޯދަނީ ދުނިޔޭގައި އާއްމުކޮށް ޕްރޮފެޝަނަލީ މެރެތަން ރޭސްތަކުގައި ވާދަކުރަން ފަށާ އުމުރަށް ވުރެ ތިން އަހަރު ހަގު ދުވުންތެރިއެއްގެ ގޮތުގަ އެވެ. ޅަކަމުން އޭނާ އަށް އެންމެ މަތީ ފެންވަރުގެ ތަމްރީންތައް ނޭޕާލް ކޯޗު ނުވެސް ދެ އެވެ. އެހެންވެ އޭނާގެ ކުރިމަތީގައި އޮތް ކެރިއަރުގެ ދަޅަތައް މިހާރު ވެސް އެބަ ފެނެ އެވެ.

"ބޭނުންވަނީ އޮލިމްޕިކްސް އަށް ކޮލިފައިވުމާއި ދެކުނު އޭޝިއާ އިން މެޑެއްޔެއް،" އަމާޒުތައް ސާފުވެފައި ސީދަލެވެ.

ދެން ހިތަށް އަރާފާނެ އެވެ. ގައުމީ ރެކޯޑް މުގުރާނުލެވޭ ދުވުންތެރިއެއްގެ އުއްމީދުތައް މިހުރީ މާމަތީގައި ނޫންބާވަ އެވެ. އެކަމަކު ކޮންމެ އަހަރަކު ހޯދާ ކުރިއެރުންތައް ބުނަނީ އެއީ ހާސިލްކުރެވިދާނެ ކަމެއް ކަމަށެވެ. ހަގީގަތުގައި ގައުމީ ރެކޯޑްތަކަށް ވުރެ މައްޗަށް އޭނާގެ އުއްމީދުތައް ހުރުމަކީ ރަނގަޅެއްގެ ގޮތުގައި ނަސްރު ވެސް ސިފަކުރެ އެވެ.

"ފުރަތަމަ ސަބަބަކީ ރާއްޖޭގެ ގައުމީ ރެކޯޑް ޓައިމިން (2 ގަޑި 32 މިނެޓު) އާ ދާދި އެއްވަރަށް ދުވާ ދުއިސައްތައެއްހާ ތިންސަތޭކައެއްހާ ދުވުންތެރިން މި ސަރަހައްދުގައި އެބައުޅޭ. އެހެންވީމާ އެއަށް ވުރެ މައްޗަށް ހިފަން ޖެހެނީ،" 36 މެރަތަން ޖަހައިގެން، އެންމެ ގިނަ މެރެތަން ނިންމި ދިވެހި ދުވުންތެރިޔާގެ ޝަރަފް އޮތް ނަސްރު ބުންޏެވެ.

މިހާރު 2 ގަޑި 37 މިނެޓުން ދުވާ މޯޑު ސަރަހައްދުން މެޑެއްޔެއް ބޭނުން ނަމަ 2 ގަޑި 25 މިނެޓަށް އަވަސްކުރަން ޖެހެ އެވެ. އޮލިމްޕިކްސް އަށް ކޮލިފައިވުމަށް 2 ގަޑި 20 މިނެޓަށް ވުރެ އަވަހަށް ދުވަން ޖެހެ އެވެ.

"އަޅުގަނޑަށް ރަނގަޅު ފެންވަރުގެ ތަމްރީންތައް ލިބިއްޖެއްޔާ އެކަން ކުރެވޭނެ،" ނ. މާފަރަށް އުފަން މޯޑް ބުންޏެވެ.

"އޭނާ ތިން އަހަރުގެ ތެރޭގައި އެ ހޯދީ 14 މިނެޓުގެ ކުރިއެރުމެއް. އެހެންވީމާ އެއީ ނުވާނެ ކަމެއް ނޫން،" މޯޑުގެ ޖަވާބަށް ނަސްރު ބާރުދިނެވެ.

މޯޑު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ދުވަނީ.

މި ވަގުތު ތަމްރީންތައް ކުރިއަށް ގެންދަނީ އަމިއްލަ ގޮތުންނާއި ބައެއް ސްޕޮންސަރުންގެ އެހީން އަދި ސިފައިންގޭގެ އެއްބާރުލުމާ އެކު އެވެ. މި އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އިން ފުރުސަތު ހޯދުމަށްޓަކައި ތަމްރީން ހެދުމަށް އަންނަ ހަފުތާގައި ސްރީ ލަންކާގެ ކެންޑީ އަށް ފުރާނެ އެވެ.

އެތަނުގެ ފަރުބަދަމަތީ ހިސާބުތަކުގައި ހަފުތާއަކު 260 ކިލޯމީޓަރު (މާލެ ވަށައި ނަމަ 52 ބުރު) ގެ ތަމްރީންތައް އޭނާ ހަދަމުންދާނީ މިއަށް ވުރެ ރަނގަޅު ފެންވަރުގައި، ދުނިޔޭގެ މަތީ ފަންތީގެ ތަމްރީން ފުރުސަތެއްގެ އުއްމީދުގައި ހުރެ އެވެ. އޭރުން ގައުމީ ފުޓްބޯޅަ ޓީމަށް ސަރަހައްދީ ޗެމްޕިއަންކަން ހޯދައިދިން މާފަރުގެ ދެބެން ކަމަށްވާ އައްސަދު އަބްދުލްގަނީ އާއި އަކްރަމް އަބްދުލްގަނީ ފަދައިން އޭނާ އަށް ވެސް އެތުލެޓިކްސް އަށް ސަރަހައްދުގެ ބޮޑު ކާމިޔާބެއް ހޯދައިދެވޭނެ ކަމަށް ގަބޫލުކުރެ އެވެ.

"އިރާދަކުރެވިއްޔާ އެކަން ކުރެވޭނެ،" މޯޑް ބުންޏެވެ.

4 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑު ދަންނަ ފަރާތެއް

06 February 2019

މޯޑު އެއީ ހިތްތިރި، އެންމެނާ ގުޅޭ މީހެއް. ކަމާވެގެން މަސައްކަތްކުރާ ފަރާތެއް. އަބަދުވެސް އެދެނީ މޯޑު އެގޮތުގައި ކުރިއަރައި ދިޔުމަށް

The name is already taken The name is available. Register?

މުޙައްމަދު ހާން

06 February 2019

ތީ އަސްލު ދިވެހި ދަރިންގައި ހުންނަށްޖެހޭ ހިއްވަރަކީ ދޫ ނުކުރާތީ އިރާދަކުރެއްވީޔާ ކާމިޔާބު ވާނެ ފަރިތަކުރޭ ހިތްވަރު ކުރޭ ކަލޯ މެޑެއްޔެއް ހިފައިގެން އަންނަ ދުވަހަކަށް އަހަރެން ވަރަށް އިންތިޒާރު ކުރާނަށް، އަދި ބައްދަލުކޮށް ސެލްފީއެއްވެސް ނެގެތޯ ބަލާނަށް.

The name is already taken The name is available. Register?

ހިޕް ހިޕް

06 February 2019

މޯޑުއަކީ ވވވ ހިތްވަރުގަދަ ޑިސިޕްލިން ސޯލްޖަރެއް... ދީނީ ކަންކަމަށް ފަރުވާތެރި ގިނަ ދިވެހިންނާއި ހިލާފަށް ފަތިހު ޖަމާއަތަށް ނަމާދަށް އަރާ ޒުވާނެއް... ބުނެލަން އޮތީ ނަމޫނާ އަކަށް ޖަވާ ބަލައިގެން ދިޔައީމަ ބަރާބަރުވާނޭ

The name is already taken The name is available. Register?

ރަހުމަރްތެރިެއް

06 February 2019

މޯޑްއަށް ވާނެ. އަސްލު މޯޑުއަކީ ވަރަށް ކަމާވެގެން ދުވާމީހެއް. ކަންކުރާ ހިތުން ކުރާމީހުންނަށް މިކަން ވާނީ. އޭނާ އަކީ ވަރަށް ސާދާ، މީހުނާ ގުޅޭ، ކޮންމެވަގުތަކު އެއްޗެއް އޮޅުންފިލުވާލަން އަހާލިޔަސް އޭނައަށް ވީ ވަރަކުން އެހީވާ މީހެއް. އޯލްދި ބެސްޓް މޯޑް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454