އެމްޕީއެލް: އެމްޕީއެލްގެ ބޭނުމަކަށް ބަންނަމުންދިޔަ ޓަގު ބޯޓެއްގެ މައްސަލާގައި 42 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައި -- ފޮޓޯ/މިހާރު
06 ފެބުރުއަރީ 2019 - 12:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަކަށް ބަންނަމުންދިޔަ ޓަގު ބޯޓެއް ބެލެހެއްޓުމުގެ އަގުގެ ގޮތުގައި 42 މިލިއަން ރުފިޔާ ސެންޓަ އެންޓަ ޕްރައިސަސްއަށް ދައްކަން ދަށު ކޯޓުން އެމްޕީއެލްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
އެމްޕީއެލް އިން ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން ބަންނަމުން ދިޔަ ޓަގު ބޯޓުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުއްޓިފައި އޮތުމުން ގިނަ ދުވަސްވެ، އެ ބޯޓުު ހަލާކު ވެދާނެތީ އެމްޕީއެލް އިން 2013 ގައި ވަނީ ވަކިން އަގު އަދާކުރާ ގޮތަށް އެ ބޯޓު ބަލަހައްޓަން ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްފަ އެވެ.
ބޯޓު ބެލެހެއްޓުމުގެ އަގާއި އޭގެ ޖޫރިމަނާ ފައިސާ ނުދެއްކި މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ 42.7 މިލިއަން ރުފިޔާ އެމްޕީއެލް އިން ސެންޓަ އެންޓަ ޕްރައިސަސްއަށް ދައްކަން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް އެމްޕީއެލް އިން ހައި ކޯޓުގެ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް އިއްޔެ ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ބޯޓު ބެލެހެއްޓުމުގެ މަސައްކަތްކޮށް ދިނުމަށާއި އެކަމުގެ އަގު އެމްޕީއެލް އިން އަދާކުރާނެ ކަމަށް ބުނެ 2013 ގައި އެ ކުންފުނިން ސެންޓަ އެންޓަ ޕްރައިސަސްއަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެކަމަކީ ކޮންޓްރެކްޓެއްގެ އުންސުރުތައް ފުރިހަމަވާ އަދި ތަހުޒީބީ މުޖްތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ކުރެވިފައިވާ ކަމެއް ކަމަށެވެ.
ސެންޓަ އެންޓަ ޕްރައިސަސް އިން ފޮނުވި ބައެއް އިންވޮއިސްތަކަކީ އެމްޕީއެލްއަށް ލިބިފައިނުވާ އިންވޮއިސްތަކެއް ކަމަށް އެމްޕީއެލް އިން ބުންޏަސް، އެމްޕީއެލްގެ މުވައްޒަފަކު އެ އިންވޮއިސް ލިބުނު ކަމަށް ސްޓޭމްޕް ޖަހާފައި އެބައޮތް ކަމަށެވެ. އަދި އެ އިންވޮއިސްގައި ބުނާ ތާރީޚުގެ ފަހުން އެމްޕީއެލް އިން ސެންޓަ އެންޓަ ޕްރައިސަސްއަށް ފޮނުވި ސިޓީއެއްގައި، އެ އިންވޮއިސްގެ ފައިސާ ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި އޮތް ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ އެ ފައިސާއަކީ އެމްޕީއެލް އިން ދައްކަންޖެހޭ ފައިސާއެއް ކަން ސާބިތުނުވާ ކަމަށާއި އެހެންވެ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން އެވެ.
ޓަގު ބޯޓު ބެލެހެއްޓުމުގެ މަސައްކަތަށް 42 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ހުކުމް ކުރިއިރު، އެ މަސައްކަތުގެ އަގުގެ ގޮތުގައި ސެންޓަ އެންޓަ ޕްރައިސަސްއަށް 138 މިލިއަން ރުފިޔާ ދައްކަން ވެސް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ވެސް ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ އަދި ހައި ކޯޓުން ނުނިމެ އެވެ.
މީގެ އިތުރުން އެ ބޯޓުގެ އަައިޑިއަލް ޓައިމް ޗާޖްގެ ގޮތުގައި 21 މިލިއަން ރުފިޔާ ދައްކަން ވެސް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އެކަމަކު މިދިޔަ އަހަރު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ ފައިސާ އެމްޕީއެލް އިން ދައްކަން ނުޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީތާބު
06 February 2019
އިބޫސަރުކާރުގެ އެންމެ ބާރަށް ފުއްދާދޭ ވައުދު:- އެމްޑީޕީއެކްޓިވިސްޓުންނަށް އެކިއެކިކަން ކަމުގެ ބޮޑެތި ބަދަލު ހޯދާދިނުން. އަދިއޮތޯ ކުރިއަށް ޓާޓާ.
ގަނެލަނީ
06 February 2019
ތި ސެންޓަރ އެންޓަރ ޕްރައިޒް އުޅޭ ކަމެއް ކުރާނެއެވެ. ތި ކޮމްޕަނީގެ ވެރިން ނަކީ "ކަންތަށް ކުރަން" އެގޭ ބައެކެވެ. މިބުނީ ލައްކަ ވާހަކައެވެ.
މިހާދު
06 February 2019
ގުޅިގެން ހިންގާ ކޮރަޕްޝަން. ތިޔަބުނާ އެއްޗެއް ބަލަހައްޓަން އެވަރުގެ އަގެއް އަރާނެ ގޮތެއް އޮތްތޯ ފުރަތަމަ ބަލާބަލަ!
ހުރިގޮތް
06 February 2019
42 މިލިއަން ރުފިޔާ ސެންޓަ އެންޓަ ޕްރައިސަސްއަށް ދައްކަން ދަށު ކޯޓުން އެމްޕީއެލްގެ މައްޗަށް ކުރި ހުކުމް ކުރުން އުފެދޭ ސުވާލަކީ ކިހާވަރެއްތޯ އަސްލު ސެންޓަ އެންޓަ ޕްރައިސަސްއަށް ލިބޭނީ %50 ؟؟؟
ހަސަން ނާޒިމު
06 February 2019
ސާބަސް ހުސައިން ނައީމު
ޥަސް
06 February 2019
ތި ސެންޓާ އެންޓަރޕްރައިޒްގެ ތާރީޚަށް ބަލާލަބަލަ. ފެންނާނީ އަބަދުވެސް އެމްޕީއެލް އިން ބޮޑު ލާރިގަޑެއް ހޯދާތަން.
އިސްމާލި
06 February 2019
ރަނގަޅު ވާހަކައެއް. ސެންޓަރ އެންޓަރޕްރައިސް ގެ ފަހަތުގައި ތިބި މީހުނާއި އެމް.ޕީ.އެލް ގެ އެ އިރުގެ ބޯޑާއި މެނޭޖެމަންޓުގެ މީހުނާއި ހުރި ގުޅުންތައް ބަލާލަނިކޮށް ވަރަށް ގިނަ އެއްޗެހި ހާމަވާނެ.
ކޮރަލް
06 February 2019
އަޑީގަ ބޮޑު ރޭވުން ގަނޑެކެވެ.
ސައީ
06 February 2019
އަޅެ ހާމިދޫ ކަލޭ ކީއްތަ ތިކުރަނީ، ހެއްކާއި ގަރީނާ ރަނގަޅަށް ހޯދައިގެން ގޮސް ކޯޓްތަކުގަ ވަކާލާތުކޮށް ބަލަ ތިމައްސަލަ ކުންފުނި ކޮޅަށް ވިންކުރަން..
ފަހަރުވަ ބޮއެލާ
06 February 2019
ކިތައް ކިތައް މުވައްޒަފުންގެ ޙައްގުތައް ނިގުޅައި ގަނެފަ، ކުންފުންޏަށް ދޭ ގެއްލުން މިފެންނަނީ.. އެޕްޕީއެލް ގެ ގިނަ މުވައްޒަފުންނަން ކުރި މަގު އޮތީ ބަނަކޮން.. ސޭޑް ލައިފް.