ލަނޑު ޖެހުމަށް ފަހު ޖޭމްސް އާއި އިސްކޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
25 އޯގަސްޓް 2016 - 13:07
މެޑްރިޑް (އޮގަސްޓް 25) - ރެއާލް މެޑްރިޑުގެ ކޮލަމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒާއި ސްޕެއިންގެ މިޑްފީލްޑަރު އިސްކޯ މި ޓްރާންސްފާ ބާޒާރުގައި ވިއްކާނުލާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖޭމްސް ހޯދަން އިނގިރޭސި ތިން ކްލަބް ކަމަށްވާ ޗެލްސީ އާއި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޗެލްސީން ވަނީ ޖޭމްސް ގަންނަން ދާދި ފަހުން 60 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފަ އެވެ. އަދި އިސްކޯ ހޯދަން ޔުވެންޓަސް އާއި އާސެނަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ސީޒަންގެ ފުރަތަމަ މެޗަށް ނެގި ފުރަތަމަ އެގާރައިން ޖޭމްސް އާއި އިސްކޯ އަށް ފުރުސަތެއް ނުދެ އެވެ. އެހެން ނަމަވެސް މި ދެ ކުޅުންތެރިން ވަނީ ދެ ވަނަ ހާފްގައި ކުޅެން ނުކުމެފަ އެވެ.
ޖޭމްސް އާއި އިސްކޯ ރެއާލުގައި ތިބީ ހިތްހަަމަ ޖެހިގެން ކަމަށާއި އެ ދެ ކުޅުންތެރިން ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.
ގަވައިދާ ހިލާފަށް ޔޫތު ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކޮށްފައިވާތީ ފީފާއިން އަންނަނީ ރެއާލާއި އެތުލެޓިކޯ މެޑްރިޑްގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. މައްސަލަ ބެލުމަށް ފަހު ފީފާ އިން ފަހަރުގައި، ރެއާލަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ސަސްޕެންޑްކޮށްފާނެ އެވެ. އެހެންކަމުން މިހާރު ތިބި ކުޅުންތެރިން ހިފެހެއްޓުން ރެއާލަށް މުހިއްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
25 August 2016
އާދޭ އާސެނަލްއަށް. ފުޓްބޯޅައެއީ ވިޔަފާރިއެއްވީމަ ބުނެލީ.