ކުށުގެ ވެށްޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ތޫނު ހަތިޔާރު ގާނޫނުގެ ދަށުން އަދަބު ދިނުން ހުއްޓުވަން އެދެނީ އެ ގާނޫނު އުވާލުމާ މެދު ގޮތެއް ނުނިންމާ އޮތުމުން --މިހާރު ފޮޓޯ/ނިޝާން އަލީ
25 އޯގަސްޓް 2016 - 20:51
ބިރު ދެއްކުމާއި ނުރައްކާތެެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އަދަބު ނުދެވޭނެ ކަމަށް ކަނޑައަޅައިދޭން އެދި އަމިއްލަ ޖަމިއްޔާއަކުން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި ބައެއް ގާނޫނުތައް އުވާލުމާ މެދު ގޮތެއް ނިންމަންޖެހޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވީ ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް މިހާތަނަށް އެކަން ނުކޮށް އޮތުމުންނެވެ.
އުވާލުމާ މެދު ގޮތެއް ނިންމަންޖެހޭ ގާނޫނުތަކުގެ ތެރޭގައި ބިރު ދެއްކުމާއި ނުރައްކާތެެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު ވެސް ހިމެނެ އެވެ.
ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ގާނޫނާ މެދު ގޮތެއް ނުނިންމައި އޮތުމުން، އެ ގާނޫނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ، އެ ހާލަތުގައި އެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. މިހާރު އެ ގާނޫނުގެ ދަށުން ދައުވާކޮށްފައިވާ މައްސަލަތަކުގައި ވެސް އަދަބު ކަނޑައަޅަންޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ކަނޑައަޅައިދޭން އެ މައްސަލާގައި އެދިފައިވެ އެވެ.
ދައުލަތަށް ރައްދުވާ ގޮތަށް ހުށަހެޅި މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ. ގާނޫނެއް ނުވަތަ ގަވާއިދެއްގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުންނެވެ.
ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރުން މީހުންނަށް ބިރު ދައްކާ އަދި ހަމަލާދޭ މީހުންނަށް ބޮޑެތި އަދަބުތަކާއި ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވާ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ހުއްޓުވަން މައްސަލަ ހުށަހެޅިއިރު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވަނީ ގޮތެއް ނިންމަންޖެހޭ ގާނޫނުތަކާ މެދު ގޮތެއް ނުނިންމައި އޮތީ އެ ގާނޫނުތައް އުވާލަން ނުފެންނާތީ ކަމަށެވެ.
ގާނޫނުތައް އުވާލަން ނުޖެހޭ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތެއް ގާނޫނުލް އުގޫބާތުގައި ނެތުމުން ވަކި ކަމެއް ކުރަން ލާޒިމް ނުވާނެ ކަމަށް އޭޖީ އޮފީހުން އޭރު ވަނީ ބުނެފަ އެވެ.
އުވާލުމާ މެދު ގޮތެއް ނިންމަންޖެހޭ ގާނޫނުތަކުގެ ތެރޭގައި ސީރިއަސް ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ އެހެން ބައެއް ގާނޫނުތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމު
26 August 2016
ޑިމޮކްރަސީ ނެޓްވޯކު މީހުންވެސް ކުރާނެކަމެއް ނެތިގެން ކުއްވެރިންގެ ޙައްޤްތައްހޯދަންދޯ މިމަސްއަކަތްކުރަނީ. ލަދުގަނޭ އެންޖީއޯތަކޭ ކިޔައިގެން މިބައިވަރުގަނޑު މިއުޅޭ ގޮތުން. ކުށެއްނުކުރާ ފަރުދުންގެ ގެއްލޭ ޙައްޤްތަކާއި ދެކޮޅަށް ކުޑަވެސް މަސައްކަތެއްކުރާތި ނުފެނޭ. ބޯ ހަލާކު
ނަޝީދު
26 August 2016
ޑިމޮކްރަސީގެ ނަމުގައި މި ބައިގަނޑު މިއުޅެނީ މުޖުރިމުން ހިމާޔަތްކުރަން. ޢާއްމު ނިކަމެތި ރައްޔިތުން ފަނާކުރަން....
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
25 August 2016
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ފަރާތުން ކުރައްވަން އެއުޅުއްވާ މަސައްކަތަކީ ރާއްޖޭގައި މިހާރު އޮތް ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރުގެ ''ޤާނޫނީ ހައިސީއްޔަތާއި މެދު ސުވާލު އުފެދޭ'' ކަމަށް ރާއްޖޭގެ ޤާނޫނީ އިލްމުވެރިންނާއި ބޭރުގެ ބައެއް ދައުލަތް ތަކުން ދައްކަވާ ވާހަކަ އެއީ ތެދެއްކަން ރައްޔިތުންނަށް ސާބިތު ކޮށްދެއްވުމަށް ކުރައްވާ މަސައްކަތެއް ކަމުގައި ވެދާނެ. . . . . . . އަދި މިމައްސަލަ ފައިސަލާ ކޮށް ހުކުމް ކުރައްވާ ގޮތުން ރާއްޖޭގައި ހުކުމް ކުރަނީ ''ލިޔެފައިވާ ޤާނޫނަކަށް ބެލުމެއްނެތި'' ކަން ހާމަ ވުމަކީ ވެސް ދުރުކަމެއްނޫން. / މިނިވަންކަން ، އައްޑޫ ސިޓީ
ޢެދުރުބެ
26 August 2016
މިނވަންކަން ލިބެނީ ލަންޑަން އިން ރެފިއުޖީ އަކަށް ވީމާ ނޫންތޯ. ޢަވަސް ކުރައވާ