މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ މަރަށް އާދީއްތަ ދުވަހު އެއް އަހަރު ފުރުނީ އެވެ. އެ ދުވަހާ ދިމާކޮށް ކުރަން އާއިލާ އިން އަންނަނީ ތަފާތު ކަންތައްތަކެއް ކުރަމުންނެވެ.

އެގޮތުން ސްރީދޭވީގެ އުފަން ސިޓީ ޗެންނާއިގައި، ފިރިމީހާ ބޯނީ ކަޕޫރާއި ދެ އަންހެން ދަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރް ބައިވެރިވެގެން އަންނަނީ ސްރީދޭވީގެ ހަނދާންތައް އެކި ގޮތްގޮތަށް އާ ކުރަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްރީދޭވީ ވަރަށް ލޯބިން ގެންގުޅުނު އަތުން ވިޔެފައިވާ ސާޅީއެއް ނީލަމެއްގައި ވިއްކަން ނިންމުމެވެ.

ބޯނީ ބެލުމުގެ ދަށުން އެ ނީލަން ކުރިއަށް ގެންދަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޕަރިސޭރާއިންނެވެ. އެ ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ބުނީ ސާޅީ އަށް ބިޑް ކުރަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އޭގެ އަގު ފެށެނީ 1.3 ލައްކަ ރުޕީސް އިންނެވެ. ސާޅީ ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށެވެ.

އާއިލާ މީހެއްގެ ކައިވެނީގެ ހަފުލާއަކަށް ދުބާއީ އަށް ގޮސް އުޅެނިކޮށް ސްރީދޭވީ، 53، މަރުވެފައި އޮއްވައި ފެނުނީ އޭނާ ހުރި ކޮޓަރީގެ ފާހާނާގެ ބިލިގާ ތެރެއިން ފެބްރުއަރީ، 24، 2018 ގަ އެވެ. އޮޓޮޕްސީ ރިޕޯޓް ބުނާ ގޮތުން ކުޅަދާނަ ބަތަލާ މަރުވީ ބިލިގާ ތެރޭގައި މަސްތު ވެގެން އޮއްވައި ގެނބިގެންނެވެ.

ސްރީދޭވީ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ގެ ހާއްސަ ފެނިލުމަކުންނެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކް އަންނަ އަހަރު

މިހާރު ޝޫޓިން ކުރިއަށްދާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ ޖެނުއަރީ، 10، 2020 ގަ އެވެ. އެހެންވެ "ޕަތީ ޕަތުނީ އޯރް ވޯ" އަށް އަދި ދިގު އިންތިޒާރީއެއް ކުރަން ޖެހޭނެ އެވެ.

މި ފިލްމަކީ 1978 ގައި ރިލީޒް ކުރި ފިލްމުގެ އަސްލަކަށް ބަލައިގެމް މުދައްސަރު އަޒީޒް ޑައިރެކްޓް ކުރާ ފިލްމެކެވެ. އޮރިޖިނަލް ފިލްމު ވެސް ގެނެސް ދިން ބީއާރް ފިލްމްސް އާއި ޓީ ސީރީޒް ގުޅިގެން ގެނެސްދޭ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ތަރިންނަކީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނޭކަރުގެ އިތުރުން އަނަންޔާ ޕާންޑޭ އެވެ.

މި ފިލްމަކީ ކައިވެނިން ބޭރުގައި ފިރިއަކު އޮފީސް ސެކްރެޓަރީއަކާ އެކު ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އޮރިޖިނަލް ފިލްމުގައި ސަންޖީވް ކަޕޫރް ކުޅުނު ރޯލް ކާތިކް ކުޅޭ އިރު، އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލުން ފެނިގެން ދާނީ ބޫމީ އެވެ. އަދި އަނަންޔާއަކީ އޮފީސް ސެކްރެޓަރީީ އެވެ.

އަނަންޔާއަކީ އަންނަ މެއި މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާ ބަތަލާއެކެވެ.

"ބަދުލާ" އިން ޝާހްރުކް ފެނިދާނެ

އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ ސަސްޕެންސް ތުރިލާ "ބަދުލާ" ގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ހާން ފެނިދާނެ ކަމުގެ އިޝާރާތެއް ޑައިރެކްޓަރު ސުޖޯއީ ގޯޝް ދީފި އެވެ.

މި ފިލްމަކީ ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އެޒްއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. "ބަދުލާ" ގެ ތަރިންނަކީ އަމީތާބް ބައްޗަން އާއި ތާޕްސޫ ޕައްނޫ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ޕްރޮމޯޓް ކުރަން ޝާހްރުކް، އަމީތާބާ އެކު މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ އިރު، ފިލްމުގެ ކޮންމެވެސް ހިސާބަކުން ޝާހްރުކް ފެނުމުގެ ފުރުސަތު ބޮޑެވެ.

އެކަމަކު ނޫސްވެރިން އެ ސުވާލު ކުރުމުން ސުޖޯއި ބުނީ އެކަން ކަށަވަރު ކުރަން ބޭނުން ނަމަ އޮތް ގޮތަކީ ސިނަމާ އަށް ގޮސް "ބަދުލާ" ބަލައިލުން ކަމަށެވެ. ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ ފްލޮޕް ބޯޑް އަޅުވަން ޖެހުނު "ޒީރޯ" އެވެ.

ސްކޮޓްލެންޑްގައި މަންޒަރުތައް ނަގާފައިވާ "ބަދުލާ" އަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ޔެ ރިޝްތާ" ގެ ސްޕިން-އޯފްގެ ޕްރޮމޯ ދައްކާލައިފި

ސްޓާ ޕްލަސްގެ މިހާރު ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ކުރިފަޅުވައިގެން ގެނެސްދޭން ނިންމާފައިވާ އައު ސިލްސިލާ "ޔޭ ރިޝްތާ ހޭ ޕިޔާރް ކޭ" ގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މީގެ ވާހަކައިގެ މައިގަނޑު ބިނާކޮށްފައި ވަނީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ކުޑަކުއްޖެއްގެ ރޯލް ކުޅުނު މިޝްޓީގެ ކެރެކްޓާ އަށް ކަމަށް ގަބޫލު ކުރެވެ އެވެ. ޕްރޮމޯ ވެސް ގެނެސް ދީފައި ވަނީ މިޝްޓީގެ ހަނދާންތަކާ އެކުގަ އެވެ. މި ފަހަރު މިޝްޓީ ފެނިގެން ދާނީ ޒުވާން އަންހެނެއްގެ ގޮތުގަ އެވެ.

މި ސިލްސިލާގެ ބަތަލުގެ ރޯލުން ފެނިގެން ދާނީ ކަލާޒުން ދާދި ފަހުން ގެނެސް ދިން ތާރީހީ ސިލްސިލާ "ދާސްތާނޭ އިޝްގް: ސަލީމް އަނާރުކަލީ" ގެ ބަތަލު ޝަހީރް ޝެއިހެވެ.

ސްޓާ ޕްލަސް އިން ބުނި ގޮތުގައި "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" މާ ލަސްތަކެއް ނުވެ ބެލުންތެރިންނަށް ގެނެސް ދޭން ފަށާނެ އެވެ.

އަމީތާބްގެ ތައުރީފު ސިދާންތަށް

އަމީތާބް ބައްޗަންއަކީ ފިލްމުތަކުގައި ޒުވާން އެކްޓަރުން ދައްކާ ހުނަރު އޭނާ އަށް ވަރަށް ކަމުގޮސްފި ނަމަ އަބަދު ވެސް ހިތްވަރު ދިނުމުގެ ގޮތުން މާ ބޮނޑިއަކާއި ނޯޓް ފޮނުވަން އާދަވެފައިވާ އެކްޓަރެކެވެ.

މި ފަހަރު އޭނާގެ ހިތްވަރުގެ ހަދިޔާ ލިބުނީ މިހާރު ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ "ގަލީ ބޯއި" ބޮލީވުޑަށް ތައާރަފުވި އެކްޓަރު ސިދާންތު ޗަކްރަވެދީއަށެވެ.

ފިލްމު ބަލާފައި އޭނާގެ އެކްޓިން މޮޅުކަމުން ތައުރީފުކޮށްފައި، އަމީތާބް ފޮނުވި މާ ބޮނޑި އާއި ނޯޓާ އެކު ފޮޓޯއެއް ނަގައި ސިދާންތު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. ސިދާންތު ބުނީ އަމީތާބް ކަހަލަ ވަރުގަދަ ލެޖެންޑަކަށް އޭނާގެ މަސައްކަތް ކަމުދިއުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށާއި މިއީ ބޮޑު ހިތްވަރެއް ކަމަށެވެ.

"ގަލީ ބޯއި" ގައި ސިދާންތު ކުޅެފައި ވަނީ އެމްސީ ޝޭރް ކިޔާ ރެޕާއެއްގެ ރޯލެވެ. އަދި އެއީ ރަންވީރު ސިންގް ކުޅުނު މުރާދު ޝެއިހްގެ މެންޓޯ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ސިދާންތު ވަނީ އޭނާއަކީ އައު އެކްޓަރެއް ނޫންކަން ދައްކުވައިދޭ ވަރުގެ މޮޅު އެކްޓިއެއް ފިލްމުގައި ދައްކުވައި ދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ގަލީ ބޯއި" ގެނެސް ދިން އެކްސެލް އެންޓަޓައިންމަންގެ އިތުރު ފިލްމެއްގެ ލީޑް ރޯލް ވެސް ސިދާންތަށް މިހާރު ވަނީ ލިބިފަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިނީޝާ

25 February 2019

މުޅި ރާއްޖޭގަވެސް ނުހުންނާނެކަންނޭނގެ މަށަށްތުރެގިނައިން ޝްރީގެ ފިލްމުތައް ބެލިމީހެއް! 1.ޗާނދުނީ 2.ޗާލްބާޒް 3.ނަގީނާ 4.މިސްޓަ އިންޑިޔާ 5.އިންގްލިޝް ވިންގްލިޝް 6.ޖުދާއީ 7.މޮމް 8.ހިންމަތުވާލާ 9.މަވާލީ 10.ތޯފާ 11.ސަދްމާ 12.ލަމްހޭ 13.ޙުދާ ގަވާ 14.ގުމްރާހް 15.ނަޒްރާނާ 16.މަގްސަދު 17.ލާޑްލާ 18.ޖަސްޓިސް ޗޯދުރީ 19.މާސްޓަރޖީ 20.ނަޔާ ކަދަމް 21.ތެލުގޫ ފިލްމު ކްޝާނާ ކްޝާނަމް! ދެން ރާމް އަވްތާރް، ނިގާހޭ، އޯލާދް، މިސްޓަ ބެޗާރާ، ގަރް ސަންސާރްގެ އެއްބައި ބެލުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454