05 މާޗް 2019 - 07:33
މުޅި ހަފުތާގައި ގެއްލުނު ނިދި ހޯދަން ހަފުތާ ބަންދުގައި ގިނައިރު ނިދުމަކުން ކުރާނެ ފައިދާއެއް ނެތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާކުރި ޓީމުން ވަނީ ދެ ގްރޫޕެއް ހަދައި، އޭގެ ތެރެއިން އެއް ބަޔަކަށް ރެޔަކު ފަސް ގަޑިއިރަށް ވުރެ ގިނައިރު ނުނިދާ ގޮތަށް ގެންގުޅެފަ އެވެ. އެއްބަޔަކު ދިރާސާގެ މުއްދަތުގައި އެއްކޮށް ގެންގުޅުނީ ވަކި ވަރަކަށް ނިންދަވައިގެންނެވެ. އޭގެ ތެރެއިން އެއް ބަޔަކަށް، އެ ގެއްލުނު ނިދި ހޯދައިދޭން ހަފުތާ ބަންދުގައި ގިނައިރު ނިދުމުގެ ފުރުސަތު ދިނެވެ.
ނުނިދާ އުޅުނު އެންމެން ވެސް ރޭގަނޑު ކެއުން ގިނަވެ، ބަރުދަން އިތުރުވި އެވެ. އަދި މެޓަބޮލިކް ނިޒާމަށް ނޭދެވޭ އަސަރުކުރި އެވެ.
"ދިރާސާ ނިންމާފައި ބެލިއިރު އެނގުނީ ހަފުތާގައި ގެއްލުނު ނިދި އަނބުރާ ހޯދަން ހަފުތާ ބަންދުގައި ގިނައިން ނިދި ކަމުގައި ވިޔަސް، ނިދި މަދުވެގެން ދިމާވި މައްސަލަތައް ރަނގަޅު ނުވާކަން،" ޔުނިވަސިޓީ އޮފް ކޮލަރާޑޯ ބުލްޑާގެ އެސިސްޓެންޓް ރިސާޗް ޕްރޮފެސަ އޮފް އިންޓަގްރޭޓިވް ފިޒިއޮލޮޖީ ކްރިސް ޑެޕްނާ ވިދާޅުވި އެވެ.
އެހެންވެ، ހަފުތާ ބަންދުގައި ގިނައިން ނިދި ކަމުގައި ވިޔަސް އެކަމުން ހަށިގަނޑަށް ލިބޭ ފައިދާއެއް ނެތެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި މާ މަދުން ނިދާ ނަމަ ސިއްހީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެ އެވެ. އެގޮތުން، ފަލަވުމާއި ހަކުރު ބައްޔަށް ހުށަހެޅުން ފަދަ ސީރިއަސް ކަންކަން ހިމެނެ އެވެ.
މި ދިރާސާ ކޮށްފައި ވަނީ ވެސް، ގެއްލޭ ނިދި އަލުން ހޯދަން ހަފުތާގެ ވަކި ދުވަސްތަކެއްގައި ގިނައިން ނިދުމުން ކުރާނެ އަސަރު ދެނެގަތުމަށެވެ. ދިރާސާގައި ބައިވެރިކުރީ އުމުރުން 18-39 އަހަރާ ދެެމެދުގެ 36 މީހަކު ނަމަވެސް މިއީ ނިންޖާ ބެހޭ ދިރާސާއަކަށް ބަލާއިރު ގިނަ އަދަދެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާގެ ނަތީޖާ އަށް ފަހު، ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މިއީ ކޮންމެ ރެޔަކު ވެސް ނިދި ހަމަކުރުން މުހިންމުކަން ހާމަވެގެން ދިޔަ ދިރާސާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރާބަރު
05 March 2019
ކަނޑައެޅިގެން ދޮގެއް....