އައިއެމްއެގް ވަފުދުން ނޫސްވެރިންނާ ވާހަކަ ދައްކަނީ. މިހާރު ފޮޓޯ: ނިޝާން އަލީ
06 މާޗް 2019 - 12:28
ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތައް ހައްލުކުރަން ދިގު ރާސްތާގެ ތަސައްވުރެއް އޮންނަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އިއްޔެ ބުނެފި އެވެ.
ރާއްޖޭގެ ހާލަތު ބަލަން ޒިޔާރަތްކުރި އައިއެމްއެފްގެ ވަފުދުން ބޭއްވި ނޫސް ކޮންފަރެންސްގައި އެ ވަފުދުގެ ވެރިޔާ ފިލިޕް ކަރަމް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ފުޅާވަމުން އަންނަ އިރު ކުރިމަތިވާ ގޮންޖެހުންތައް ވިސްނުންތެރިކަމާ އެކު މެނޭޖްކުރަން ޖެހޭ ކަމަށެވެ.
"އިގްތިސާދީ ކުރިއެރުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ދިގު ރާސްތާގެ ދެމެހެއްޓެނިވި އިގްތިސާދީ ތަސައްވުރެއް އޮތުން މުހިންމު" ކަރަމް ވިދާޅުވި އެވެ.
ރާއްޖެއަށް ކުރު މުއްދަތާއި ދިގު މުއްދަތުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ދިމާވާނެ ހުރަސްތަައް ވެސް ހުންނާނެ ކަމަށެވެ. އެގޮތުން ޗައިނާ އާއި ކުރިއަރާފައިވާ އެހެން ގައުމުތަކުގެ އިގުތިސާދު މަޑުޖެހުން ހިމެނެ އެވެ.
ކަރަމް ވިދާޅުވީ އެ ގައުމުތަކުގެ އިގުތިސާދު މަޑުޖެހުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ހީނަރުކަމެއް އައުން އެކަށީގެންވާ ކަމަށެވެ.
"މިކަމުގެ ސަބަބުން އެކްސްޓާނަލް ހާލަތު އިތުރަށް ދަށްވުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ކުރަން ޖެހޭނެ ކަމަށް އައިއެމްއެފުން ދެކޭ ކަންތައްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަނިކުރުމެވެ.
ކަރަމް ވިދާޅުވީ މަނިޓަރީ ސިޔާސަތު ހަނިކުރުމުން އެކްސްޓާނަލް ޕްރެޝަރު ކުޑަކުރެވޭނެ ކަމަށެވެ.
އައިއެމްއެފްގެ ވަފުދުން ވަނީ ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކޮށްފަ އެވެ. އެގޮތުން ފިސްކަލް ރިޒާވެއް ގާއިމްކުރުމާއި ސަރުކާރުގެ މާލީ އަދި ދަރަނީގެ ކަންތައްތައް ބެލެހެއްޓުމާއި ހިންގުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. އޭގެ އިތުރުން ތަރައްގީ ގެނެވޭނެ އާ ކަންތައްތަކަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދައްކަން އުނދަގޫވާ ހާލަތަކަށް ދިއުމުގެ ނުރައްކާ އޮތް ކަމަށް ވެސް އައިއެމްއެފްގެ ވަފުދުން އިއްޔެ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޖިޓަލް
07 March 2019
ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރެންސީއެއް އުފައްދަންޖެހޭ