ރިޕޯޓް / މީހުން

30 އަހަރު ކުރިން މިއަދު: ޖީލެއް ބިނާކުރެއްވި އުސްތާޒެއްގެ ވަކިވުން!

މާލޭ ދަރުމަވަންތަ މިސްކިތުގައި އަލަށް ހުކުރު ކުރަން ފެށި ދުވަސް ކަމަށްވާ 1958 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހު، އެ މިސްކިތުގައި އިމާމްވެވަޑައިގެން ހުކުރު ނަމާދުކުރެއްވުމަށް ފަހު ޖަމީލް ދީދީ (މ) މިސްކިތުން ފައިބައިވަޑައިގަންނަވަނީ.

ދިވެހިރާއްޖޭގެ އަޑުން ހެނދުނު ހައެއް ޖެހިއިރު ފޮނުވަން ފެށި ކީރިތި ގުރުއާން ކިޔެވުން ހުއްޓާނުލާ ކުރިއަށްގެންދަނީ އެވެ. އެއީ ބޮޑު ކަމެއް ހިނގައިފިކަމުގެ ނިޝާނެކެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ރޭޑިއޯ ދޮށުގައި ތިބި މީހުން، ވޭނީ ހިތާމައެއްގެ ތެރެއަށް ގަންބާލީ 6:45 ގައި ފޮނުވި ކުއްލި ހަބަރުންނެވެ. މުޅި ގައުމު އެ ބޭފުޅަކާ މެދު ފަހުރުވެރިވާ އައްޝައިހުލް އުސްތާޒް މުހައްމަދު ޖަމީލު ދީދީ އަވަހާރަވީ އެވެ.

އެއީ ފަތިހުގެ ތެތްފިނިކަމުގެ މައްޗަށް ހެނދުނުގެ މަޑު ހޫނުކަން ގަދަވަމުން ދިޔަ ވަގުތު ނަމަވެސް އެ ހަބަރާ އެކު މާޔޫސްކަމުގެ ހީކެރެވުމަކުން މުޅި ގައުމު ކުރުގެޅި މޮޅިން މޮޅިސާލު ލި އެވެ. ހީވީ ރަށު ތެރޭގައި މޮޅިހަރުބީ ފުމެފައި އޮތްހެންނެވެ. އެ ދުވަހު ފަށަން ތާވަލުކޮށްފައި އޮތް ނޮވެމްބަރު ތިނެއްގެ ޝަރީއަތް ވެސް ފަސްކޮށް، އެއީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައެޅި އެވެ.

އޭގެ ކުރިން ހަމަ ކޮންމެ ދުވަހެއްގެ އެ ގަޑިއަކީ، އެމަނިކުފާނުގެ ބަފައެއްގެ ކުލުނުހުރި، ނިއަނެތި އަޑުފުޅުން ރެކޯޑްކުރެވި، ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ކީރިތި ގުރުއާނުގެ ތަރުޖަމާ އިން މުޅި ދުވަހަށް ރޫހީ ތާޒާކަމެއް ދިވެހިން ލިބިގަންނަ ގަޑި އެވެ. އެންމެ ހިމަނާރާ ވެސް ކުޅެލާ، އެންމެ ހިމަ ލޯލި ވެސް ކޮޅަށް ޖެހިގެންދާ، އެ ރީތީ، ރީތި މަހުރަޖުން ވިދާޅުވެދެއްވި ތަރުޖަމާ އަކީ، 1960ގެ އަހަރުތަކުން ފެށިގެން 2007 އާ ހަމައަށް ދިވެހިންގެ ދުވަހުގެ ފެށުމެވެ.

މާލޭ ދަރުމަވަންތަ މިސްކިތުގައި އަލަށް ހުކުރު ކުރަން ފެށި ދުވަސް ކަމަށްވާ 1958 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހު، އެ މިސްކިތުގައި އިމާމްވެވަޑައިގެން ހުކުރު ނަމާދުކުރެއްވުމަށް ފަހު ޖަމީލް ދީދީ (ވ) މިސްކިތުން ފައިބައިވަޑައިގަންނަވަނީ.

މީގެ 30 އަހަރު ކުރިން، މާޗު 15، 1989 ގައި އެ އިލްމުވެރިޔާ، އެ ލިޔުންތެރިޔާ، އެ ޅެންވެރިޔާ އަދި ދައުލަތަށް 45 އަހަރު ހިދުމަތްކުރެއްވި ހިންގުންތެރިޔާ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވީ "ގައުމު ރޮއްވާލައިފަ" އެވެ. އެހެނަސް އެމަނިކުފާނުގެ ހިދުމަތުގެ ދަންމަރު ނުނިވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނަކީ ޖީލެއް ބިނާކުރެއްވި އުސްތާޒަކަށް ވުމެވެ. އެވަރުގެ އިލްމުވެރިއެއް މި ރާއްޖެ ދެކެފައިވަނީ މަދު ފަހަރަކު އެވެ.

ތެދެކެވެ. ޖަމީލް ދީދީގެ އަތްޕުޅުގައި އޮތީ މިސްރުގެ އަޒްހަރުގެ އިބްތިދާއީ ފާހެކެވެ. އެމަނިކުފާނަށް ވުރެ މަތީ ފާސް ނަންގަވައިގެން ތިއްބެވި އެތައް އިލްމުވެރިންނެއް އުޅުއްވި އެވެ. އެކަމަކު ޖަމީލް ދީދީ އެކޮށްދެއްވި ހިދުމަތް ކުރެއްވި ދެ ވަނަ ބޭފުޅަކު ނެތެވެ. ކުޑަކުދިން ދިވެހި ބަހަށް އަހުލުވެރިވީ އެމަނިކުފާނުގެ "ކުޑަކުދިންގެ ބަގީޗާ" ފޮތުންނެވެ. ހިނައިތާހިރުވަން ދަސްކުރީ އެމަނިކުފާނުގެ "ތައުލީމުއްދިޔާނާ" ފޮތުންނެވެ. އަހުލާގީ ފިލާވަޅުތައް ނެގީ "ދުރޫސުލް އަހުލާގު" ފޮތުންނެވެ.

އާއްމުން ދީނުގެ މައުލޫމަތު ހޯދީ އެމަނިކުފާނު ލިޔުއްވައި ވިދާޅުވެދެއްވި ގުރުއާން ތަރުޖަމާ އާއި ވައުޒުތަކުންނެވެ. އެތައް އިލްމުވެރިންނެއް އެންމެ ފުރަތަމަ "ވޮށުފިލާ" އެޅުއްވީ އެމަނިކުފާނު ހިންގެވި ކުއްޅަވައްގޭ ކިލާހުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ދީނީ ދިރާސާތައް ކުރެވި ޝާއިއުކުރީ އެމަނިކުފާނު ނެރުއްވި މަޖައްލާތަކުގަ އެވެ. ހުކުރު ދުވަހު ދިވެހިންގެ ބައިވެރިޔަކަށްވި "ދީނުގެ މަގު" މަޖައްލާ އަކީ އެމަނިކުފާނުގެ ހިޔާލުފުޅެކެވެ. ފިގުހު، ދީނިއްޔާތު، އަރަބި ބަސް، ހަދީސް އިލްމު، ގިރާއަތު އިލްމު އަދި އުސޫލުލްފިގުހު އެމަނިކުފާނުގެ އިލްމީ ކޯރުގައި ދެމެމުން ދިޔަ އެވެ. ފެންބޯނެ ވަރަކަށް ބޯންވީ އެވެ.

މުހައްމަދު ޖަމީލް ދީދީ (މ) މިސްރުގައި ކިޔަވާވިދާޅުވާން ތިއްބެވި ދިވެހި ދަރިވަރުންނާ އެކު. (ކ-ވ) މައުމޫން އަބްދުލްގައްޔޫމް، އަހުމަދު ޝާތިރު، މޫސާ ފަތުހީ އަދި ހާމިދު ފަހުމީ.

ޖަމީލް ދީދީ އަވަހާރަވުމުގެ ތައުޒިޔާ ދަންނަވަން ނުޖެހޭ އެއްވެސް ދިވެއްސެއް ނުހުންނާނެ ކަމަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކެވަޑައިގަތީ އެހެންވެ އެވެ. މައުމޫނާއި ދީނީ އިލްމުވެރިން ކަމަށް ވާ މޫސާ ފަތުހީ ފަދަ ބޭބޭފުޅުން މިސްރުގައި ކިޔަވާވިދާޅުވާން ތިއްބެވި އިރު، ބެލެނިވެރިއަކަށް ސަރުކާރުން މިސްރަށް ފޮނުވި ޖަމީލް ދީދީ އަށް މައުމޫން ދެއްވި ދަރަޖައަކީ މިސްރުގައި 20 ވަނަ ގަރުނުގައި އުފެދުނު ވަރުގަދަ އިލްމުވެރިޔާ ލުތުފިއްސައްޔިދަށް އެ ގައުމުން ދިން ލަގަބެވެ: "އުސްތާޒުލްޖީލް" އެވެ.

"ޝައްކެއް ނެތް. އެމަނިކުފާނު ފަދަ އިލްމީ، ފިކުރީ، އަދަބީ ހިދުމަތްތަކެއް ކުރި ދިވެހި އެހެން އެކަކު ވެސް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް،" ޖަމީލް ދީދީގެ ތައުބީނުގެ ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.

ދަސްކުރެއްވުމުގައި ފޫހިފުޅުވުމެއް ނެތި!

އެމަނިކުފާނު އަވަހާރަވި ދުވަހު "ހަވީރު" ނޫހުގެ އެޑިޓޯރިއަލްގައި ބުނެފައިވާ ފަދައިން ޖަމީލް ދީދީގެ "އިލްމީ ހިދުމަތުގެ ތަރިކަ އެއީ ދިވެހި ފަސްގަނޑުން ފޮހެވިގެންދާނެ ތަރިކައެއް ނޫންކަން ކަށަވަރެ"ވެ. އެ މުދަލަކީ ބޮޑުބޭބޭފުޅު އައްޝައިހް ހުސެއިން ސަލާހުއްދީންގެ އަރިހުންނާއި މިސްރުގެ މުހައްމަދު އަލިލް ހައިރިއްޔާ މަދަރަސުންނާއި ޖާމިއިލް އަޒުހަރުން އެމަނިކުފާނު މިލްކުކުރެވި އިލްމެވެ. އަގަކީ ޝައުގުވެރިކަމެވެ. އަރަބި މަޖައްލާތައް ނުކުމޭތޯ އިންތިޒާރުގައި ހުންނަވައި ޗާޕުވުމުން އޭގެ ހޫނުކަން ނުކެނޑެނީސް ހިއްޕަވައިގެން ގެޔަށް ވަޑައިގެން އެނދުދާންކޮޅުގައި ބަންޑުން އޮންނަވައި ޝައުގުވެރިކަމާ އެކު ވިދާޅުވަމުން ގެންދެވި އެވެ. ކުޅިވަރަށް ދާ ގަޑި ޖެހުމުން ވެސް ތެދުވެވަޑައިނުގަތުމުން އެކުވެރިން ކުދި އުނދަގޫތައް ކުރެއްވި ނަމަވެސް ހިރި ވެސް ނުލައްވައި އޮންނެވީ އޭގެ ތެރެއަށް ގެއްލިވަޑައިގެންނެވެ.

މުހައްމަދު ޖަމީލް ދީދީ (މ)، އެމަނިކުފާނުގެ ބައްޕާފުޅު ދަރަވަންދޫގޭ އަބުދުﷲ ކަމާލުއްދީން (ކ) އަދި ބޮޑުބޭބޭފުޅު ހުސެއިން ސަލާހުއްދީން.

އެނބުރި ގައުމަށް ވަޑައިގެން ވަޒީރުއްދާހިލިއްޔާގެ ނާއިބުކަމުން ފެއްޓެވި ގައުމީ ހިދުމަތުގައި މަދަރަސަތުލްސަނިއްޔާގެ ނާޒިރުގެ ނާއިބުކަމާއި މަހުކަމަތުލްޝަރުއިއްޔާގެ ނާއިބުކަމާއި ބަންޑާރަ ނައިބުކަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި މާފަންނުގެ ކަތީބުކަން ކުރެއްވި އެވެ. ބައްޕާފުޅު ދަރަވަންދޫގޭ އައްޝައިހް ޢަބްދުﷲ ކަމާލުއްދީނާއި ބޮޑުބޭބޭފުޅު ސަލާހުއްދީން ފަދައިން ޝަރުއިއްޔާ އަށް ގިނަގުނަ ހިދުމަތްކުރެއްވި އެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަގާމަށް 1958 ގައި ރަދުން މުހައްމަދު ފަރީދު ދީދީ، އެމަނިކުފާނު އިސްކުރެއްވީ ފަނޑިޔާރުކަމަށް ކޮލިލި އެންމެ ފަހު ބޭފުޅާގެ ގޮތުގަ އެވެ. އެމަނިކުފާނުގެ ދައުރުގައި ފަނޑިޔާރުގެ ގެޔަށް އިސްލާހީ ބަދަލުތަކެއް ގެންނެވި އެވެ. ގާނޫނީ ވަކީލުން ގެންގުޅުމުގެ ހުއްދަ އާއި ބަދަލުގައި އެހެން މީހަކު ޝަރީއަތަށް ފޮނުވުމުގެ ހުއްދަ 1961 ގައި ދައުލަތުން ދިނެވެ. ޝަރުއިއްޔާގައި ހިނގާ އެކިއެކި ޝަރީއަތާ މެދު ގަވާއިދުން ފަނޑިޔާރު މަނިކުފާނާ ބައްދަލުކުރަން އެދޭ ކޮންމެ ފަރާތަކަށް ވެސް ބައްދަލުކުރެވޭނެ އިންތިޒާމް 1962 ގައި ހަމަޖެއްސެވި އެވެ. ހަމައެއާ އެކު ރާއްޖޭގައި އެ މައްޗަށް ޝަރީއަތް ހިންގާނެ ގާނޫނުލް އުގޫބާތެއް 1961 ގައި އެކުލަވާލައި، ހިންގި ފުރަތަމަ ޝަރީއަތް ކަމަށްވާ އައްޑޫ ބަގާވާތުގެ މައްސަލަ ބެއްލެވީ ވެސް ޖަމީލް ދީދީ އެވެ. އިންސާފުވެރިކަމުން މިސާލު ދައްކަވަމުންނެވެ.

ބަންޑާރަ ނައިބް އަލްއުސްތާޒް އިބްރާހިމް ޝިހާބް ދައުވާ އިއްވަވައި ނިންމެވުމުން، ކުށްވެރިންގެ ދައުވާގެ ސިޓީ އާއި ބަންޑާރަ ނައިބުގެ އޮފީހުގައި ވެފައިވާ އިއުތިރާފުގެ ރިޕޯޓްތައް އިއްވެވި އެވެ. އަދި އެ ރިޕޯޓަކީ މަހްކަމަތުލް އާއްމުގަ އާއި ބަންޑާރަ ނައިބުގެ އޮފީހުގައި އެ މީހުން ވެފައިވާ އިއުތިރާފް ކަމަށް ގަބޫލުކުރޭތޯ އެއްސެވި އެވެ.

"ތިޔަބައި މީހުން ދައްކަންވީ ހުރިހައި ވާހަކައެއް ދެއްކުމުގެ ފުރިހަމަ މިނިވަންކަން އެބަ އޮތެވެ. މިގޮތުން ދިފާއަށްޓަކައި ދައްކަން ބޭނުން ހުރިހާ ވާހަކައެއް ވަންހަނާ ކަމެއް ނެތި ސާފުކޮށް ދައްކަންވީ އެވެ،" އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އެ މަޖިލީހުގައި ޖަމީލް ދީދީ އެހެން އެއްސެވުމަށް ފަހު، އެކި މީހުންނާ ވަކިވަކިން ވެސް ސުވާލުކުރެއްވި އެވެ.

ހުކުރު ހުތުބާ، ބޮޑުވަޒީރުގެ އެންގެވުން އަދި އިސްތިއުފާ!

އުއްތަމަ ފަނޑިޔާރުކަމުގައި ޖަމީލް ދީދީ ދެމިހުންނަވަނިކޮށް، ދައުލަތުގެ ފަރާތުން އެމަނިކުފާނު ހިތްޕުޅާނުވާ ކަންކަން ފެނިވަޑައިގަންނަވަން ފެށި އެވެ. މަޖީދިއްޔާ ސްކޫލުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމުން އަރަބި ތައުލީމު "އޮޔާ ދާން" ފެށުމެވެ. އަދި 1965 ގައި ރާއްޖެ އަށް އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުމާ އެކު އިސްރާއީލުގެ އެމްބަސީއެއް މާލޭގައި ހުޅުވުމެވެ.

ޔަހޫދީންނާ އެއްވެސް ކަހަލަ މުއާހަދާއެއް ހެދުން އިސްލާމުންނަށް ހުއްދަ ނޫން ކަމަށް ޝަރުއިއްޔާ އިން ނެރޭ "އަލް ޖިހާދު" މަޖައްލާގައި ލިޔުއްވައި، އިސްރާއީލް އެމްބަސީ ހުޅުވުމާ މެދު އޮތް ހިތްޕުޅުހަމަނުޖެހުން ހާމަކުރެއްވި އެވެ. އަދި 1967 ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން އަރަބިންގެ ބިންތައް ފޭރިގަތުމާ ގުޅިގެން، ހުކުރު ހުތުބާގައި އެކަންކަމަށް އަލިއަޅުއްވާލެއްވި އެވެ. އެމެރިކާގެ ރައީސް މިއަދު ފަރިއްކުޅުއްވީ ކޯޗެއްކަން ވެސް ދިވެހިންނަށް އެނގޭ ކަމަށާއި އެކަމަކު ޔަހޫދީންގެ ފަރާތުން އިސްލާމުންނަށް ލިބެމުންދާ ގެއްލުންތައް ނޭނގޭ ކަމަށް ވިދާޅުވެ އަސަރުގަދަ ހުތުބާއެއް ދެއްވި އެވެ.

މުހައްމަދު ޖަމީލް ދީދީގެ ކައިވެނިފުޅަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ހަފުލާ އަށް އަބްދުއްސައްތާރު މޫސާ ދީދީ (ވ) އާއި އިބްރާހިމް ޝިހާބަށް (މ) މަރުހަބާ ދަންނަވަނީ.

އެފަދަ ކަންކަން ވެގެންދިޔައީ ސަރުކާރުން ހިތްހަމަނުޖެހުނު ކަމަކަށެވެ. ސަބަބަކީ ރާއްޖެ އަކީ ވަކި ފަރާތަށް ނުޖެހޭ ސިޔާސަތުގެ ގައުމަކަށް ވުމާއި ސީދާ ސަރުކާރުގެ ސިޔާސުތަކަށް އުއްތަމަ ފަނޑިޔާރު މަނިކުފާނު ފާޑުވިދާޅުވުމެވެ. އެހިސާބުން ޖަމީލް ދީދީގެ އަރިހަށް ބޮޑުވަޒީރު އިބްރާހިމް ނާސިރު ދެ މަންދޫބުން ފޮނުއްވައި ކަންތައްތަކެއް ހުށަހެޅުއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެޔަކީ ގާނޫނު އަސާސީގެ ދަށުން މިނިވަން، މުސްތަގިއްލު ތަނަކަށް ވާތީ ފަނޑިޔާރު މަނިކުފާނަށް ގޮތްކިޔުމަކީ ބޮޑުވަޒީރަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

އެއާ އެކު ނާސިރު ކުރެއްވި ކަމަކީ، ފަނޑިޔާރުގޭގެ ހުރިހާ ކަމެއް ވެސް އެތަނުން އަމިއްލަ އަށް ހަމަޖައްސަން ޖެހޭ ގޮތަށް ބަދަލުކުރެއްވުމެވެ. މާލީ ކަންކަން ވެސް މެ އެވެ. އެއީ ހަގީގަތުގައި ސަރުކާރުން ކުރި ޖެއްސުމެކެވެ. އެހިސާބުން ޖަމީލް ދީދީ އިސްތިއުފާ ދެއްވީ އެވެ. އެމަނިކުފާނުގެ މޮޓޯއަކީ އެ ބަޔަކު ސީދާވުމުން މުޅި ގައުމު ސީދާވާނެ ބަޔަކީ ގައުމުގެ ވެރީން ކަމެވެ. މަންމާފުޅު ފެންފޯއް ގަނޑުވަރު އާމިނަތު ދީދީގެ ފުށުން، ދޮންބަންޑާރައިންނަށް ކާފަވިދާޅުވާ ޖަމީލް ދީދީ އެ މަގާމަށް ވުރެ އިސްކަންދެއްވީ ގާނޫނު އަސާސީ ނެގެހެއްޓެވުމަށެވެ.

އެމަނިކުފާނުގެ އިސްތިއުފާގެ ސޮޔަކީ، ޒަމާނުއްސުރެ، ކޮންމެ މާނައެއްގައި ނަމަވެސް ސަރުކާރާ މުޅިން ވަކިން އޮތް ރާއްޖޭގެ ޝަރުއިއްޔާގެ މަސައްކަތް ސަރުކާރާ އެކުވުމުގެ ސިއްކަ ޖެހުނު ސޮޔެވެ. ސަބަބަކީ ޖަމީލް ދީދީގެ އިސްތިއުފާއާ އެކު، ޝަރުއިއްޔާއަކީ، ބޮޑުވަޒީރުގެ އޮފީހުގެ ބަޔެއް ކަމަށް ރަދުން ނިންމެވުމެވެ. އަދި ބޮޑުވަޒީރުގެ ނައިބު ކަމަށް އަލްއުސްތާޒް މޫސާ ފަތުހީ އައްޔަންކުރައްވައި، ޝަރުއިއްޔާގެ ވެރިޔަކަށް ހަމަޖެއްސެވި އެވެ.

މުހައްމަދު ޖަމީލް ދީދީ އާއި އަނބިކަނބަލުން ޝަރީފާ ހަސަން (ކުއްޅަވައްގޭ ސިއްތި): މިއީ 1950 ގެ އަހަރެއްގައި ނަންގަވާފައިވާ ފޮޓޯފުޅެއް.

ފަހަރުގައި އެ އިސްތިއުފާ އަކީ، ކުރީގެ ބައެއް ފަނޑިޔާރުން "ނުކިޔަމަންތެރިވެވަޑައިގަތުމުން" ކުރައްވަން ޖެހިވަޑައިގެންނެވި "ތޮއްޑޫ ދަތުރުން" އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި ސަބަބުކަމަށް ވެދާނެ އެވެ. ކޮންމެއަކަސް މާލޭގައި މަޑުނުކުރައްވައި ނ. ކުޑަފަރީ އަށް ވަޑައިގެން ގާތް އެކުވެރިޔާ ކުޑަފަރީ ޔޫސުފް ކަލޭފާނުގެ އަރިހުގައި "އަމިއްލަފުޅަށް އަރުވާލެވިގެން" ހުންނަވައި ދީނިއްޔާތު ފޮތް ލިޔުއްވީ އެވެ.

އެއީ އެމަނިކުފާނުގެ ހަގީގީ ލޯތްބެވެ. އިލްމު ފެތުރުއްވުމާއި އަދަބީ މަސައްކަތްޕުޅެވެ. އަބަދުވެސް ލިޔުއްވަނީ އަމިއްލަފުޅަށެވެ. ކާތިބަކު ނުގެންގުޅުއްވަ އެވެ. އެ ފެންވަރުގެ އެހާ ސާދާ ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅަކު މަދުވާނެ އެވެ. ވަޒީރުކަން ކުރައްވާފައިވާ ފަތުހުﷲ ޖަމީލާއި އަބްދުﷲ ޖަމީލާއި އައިމިނަތު ޖަމީލްގެ އިތުރުން ފާތިމަތު ޖަމީލާއި ޖާދުﷲ ޖަމީލް ފަދަ ހިދުމަތްތެރި ބޭފުޅުންތަކެއް ތަރުބިއްޔަތުކުރައްވަމުން ވެސް އަދި ރަސްމީ ވަޒީފާގެ ބުރަކަމާ އެކު ވެސް އެ މަސައްކަތްފުޅު ކުރެއްވި އެވެ. ކޮންމެ ދުވަހަކު ވެސް ރަސްމީ ގަޑި ނިމުމުން، ގެޔަށް ވަޑައިގެން އުނދޯލި ދާންކޮޅު ކައިރީގައި މޭޒެއް ބަހައްޓަވައިގެން، އަދަބީ ދަނޑުގައި ގޮވާންކުރައްވައި، ދިވެހިންނަށް އޮށްޓަރު ހުރި އުފެއްދުންތައް ފޯރުކޮށްދެއްވި އެވެ. އެއީ މަރްހޫމް އަބްދުﷲ ހަމީދު، ސިފަކުރެއްވި ގޮތުގައި "ދިވެހި ލިޔުންތެރިންގެ ރޫހީ ބައްޕަ" އެވެ.

އެއީ ލިޔުއްވުމުގެ އިސްޓައިލް އަބަދުވެސް ޒުވާންކުރައްވަމުން ގެންދެވި ނޫސްވެރިލިޔުންތެރިކެވެ. ދިވެހިން އަދަބީ ދުނިޔެއަކަށް ހޭލައްވައިދިން "ފަތްތޫރަ" މަޖައްލާގެ އެޑިޓަރު ނުލިޔުއްވާ ދާއިރާއެއް ނެތެވެ. "ތުނބުޅި އާއި މަތިމަސް" ފަދަ ސަމާސާއަދަބާއި "މާލެ ދާން ކެލަޔަށް" ފަދަ ދަތުރުނާމާތަކެވެ. "ހައްތަހާ ވެސް ދަރީން ފަދަ" އިބުރަތްތެރި ވާހަކަތަކެވެ. 'ގިތެޔޮގުޅި" ފަދަ ރޭޑިއޯ ޑްރާމާތަކެވެ. "ހުސްނީ ނުވަތަ ކެހިވެރި ލޯބި" ފަދަ ނާވިލްތަކެވެ. މިއަދު ދިވެހި ޒުވާނުން ދިވެހި ބަހާ ދުރުވެފައިވާ އެއް ސަބަބަކީ އެފަދަ މީރު ވޭތާކެއް ލިބެން ނެތުން ކަމަށް ބެލެވިދާނެ އެވެ.

މުހައްމަދު ޖަމީލް ދީދީ (މ) އަނބިކަނބަލުންނާއި ބޭބޭފުޅުންނާ އެކު.

ޅެންވެރިކަމަށް ބަލާއިރު ވެސް ހިޔާލުފުޅު ޒުވާން، ބަސްކޮށާރު މުއްސަނދި ޝާއިރެކެވެ. "ތާރީހީ ހަނދާނެއް" އަދި "ޝަހީދުންގެ އީދު" ފަދަ ޝާއިރީ މުތްތަކެވެ. "ގައުމަށް އައި މިނިވަން ނޫރާނީ" ފަދަ ހީބިހި ނަގުވާލާ، ގައުމީ ޖޯޝް ހުރި ލަވަތަކެވެ. އަދި އެ ލަވަތަކުގެ ރަސްގެފާނުކަމުގައިވާ ދިވެހި ގައުމީ ސަލާމެވެ. ނާދީގައި ގައުމީ ދުވަސް ފާހަގަކުރަން ލަވައެއް ހައްދަވައިދެއްވަން ރައީސް މުހައްމަދު އަމީން އެދިވަޑައިގަތުމުން އެ ލަވަ ހެއްދެވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ލަވައަށް ރާގެއް ހޯއްދަވަން ވިސްނާލެވެއްވިއިރު އިވިވަޑައިގަތީ ގެކޮޅުގެ ބޮޑުގަޑިން، ދަންވަރު 12 ޖެހުމުން އިއްވާ "އޯލްޑް ލޭންގް ސީން" ޓިއުނެވެ. ފަހުން، އެ ޓިއުން ހިމަނައިގެން ހާއްސަ ރާގެއް ތައްޔާރުކުރެވުނީ 1972 ގައި އިނގިރޭސި ރާނީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށެވެ. ސަބަބަކީ، އެއީ މަނަވަރުތައް ވެސް ގާދޫކޮލުން ނުކުމެގެންދާއިރު އިއްވާ އަލްވަދާއުގެ ރާގު ކަމަށް ވާތީ ރާނީ އަށް އެއީ އަލްވަދާއުގެ ލަވައެއް ކަމަށް ހީފުޅުވެދާނެތީވެ އެވެ. އެ ދުވަސްވަރު ކުޑަކުދިން ހީކުރަނީ، މަނަވަރުތައް ފުރައިގެން ދަމުން ގައުމީ ސަލާމް ކުޅެނީ ކަމަށެވެ.

ޖަމީލް ދީދީ އަކީ އަބަދުވެސް ޒަމާނީ ބަދަލުތަކަށް އެދިވަޑައިގެންނެވި ބޭފުޅެކެވެ. ޅެންވެރިކަމުގެ އަސާސްތައް ހިފެހެއްޓެވި އެކަމަކު ބަނޑުވަށް އަކުރު މަޖުބޫރުނުކުރަން ހިތްވަރުދެއްވި އެވެ. ބަހުގެ ގަވާއިދުތަކަށް ފޮތް ލިޔުއްވި، އެކަމަކު ބޭރުގެ ކޮންމެ ބަހަކަށް ދިވެހި ލަފުޒެއް އޮންނަން ނުޖެހޭނެ ކަމަށް ވަކާލާތުކުރެއްވި އެވެ. ދިވެހި ސަގާފަތްތައް ދެމެހެއްޓެވި، އެކަމަކު ވިޔާނުދާ ކަންކަން ހުއްޓުވުމަށްޓަކައި އާއްމު ތަންތަނުގައި ބޮޑުބެރާ ޖަހާއިރު ބޮޑުމާލިއަށް ނެށުމަކީ މަނާ ކަމެއް ކަމަށް ކަނޑައެޅުއްވި އެވެ. އެމަނިކުފާނުގެ އުސޫލުތަކުގެ ޒުވާންކަމުގެ ހެއްކަކީ މީގެ އެތައް އަހަރެއް ކުރިން ލިޔުއްވި "ދުރޫސުލްއަހުލާގު" ފޮތް އިނގިރޭސި ބަހަށް ތަރުޖަމާކުރެވި މިއަދު ވެސް ބޭނުންކުރެވެމުން އައުމެވެ.

ޖަމީލް ދީދީ އަޅުގަނޑުމެންނާ ވަކިވެވަޑައިގަތީ، އޭގެ އެއްކޮޅުގައި ހިފައި ދިރުވޭނެ އެފަދަ އެތައް ހިދުމަތެއް ދޫކުރައްވައިފަ އެވެ. އެކަމަކު އެކަން ކުރެވެން އޮތީ މިއަދުގެ ޒުވާނުން އެ ޒިކުރާތައް އާކޮށްގެންނެވެ. އެމަނިކުފާގެ ކޮއްކޯފުޅެއް ކަމަށްވާ ބަގީޗާގޭ މުހައްމަދު ރަޝީދު (ދޮންތުއްތު ދީދީ) އަވަހާރަވުމުގެ ހިތާމައިގައި ހެއްދެވި "ދާދި އަވަހަށް ނެތި ފަނާވިޔަކަސް" ޅެމުގައި ވިދާޅުވެފައިވާ ފަދައިންނެވެ. ދުނިޔެ ދޫކޮށްފައި ދާއިރު އެންމެންނަށް ފެންނަ ފަށުގައި ފުނިޖަހާފައި ހުންނަ ފަސްކޮޅަކާއި ދެ ގާ ނޫނީ ނެތަސް އަދި އަގެއް ނެތް ޖިސްމުތައް ދާދި އަވަހަށް ނެތި ފަނާވެގެން ދިޔަޔަސް، ތާއަބަދަށް ދެމި ހުންނަ ހެޔޮ ޒިކްރާއަކަށް ނިމުމެއް ނާންނާނެ އެވެ.

68 ކޮމެންޓް, 153 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 90%
icon angry icon angry 5%
icon wow icon wow 1%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިދުޙަތު ޔޫސުފް

17 March 2019

މުޙައްމަދު ޖަމީލަކީ ދުވަހަކުވެސް އަޅުގަނޑު ހަމަލޮލުން ދެކުން ބޭފުޅެއް ނޫން، އެކަމަކު މި ލިޔުން ކިޔަން ފެށައި އެންމެ ފުރަތަމަ ޕެރެޤްރާފް ނުނިމެނީސް ގައިން ހީބިހި ނަގާ އަޅުގަނޑަށް ރޮވިއްޖެ. ޢުސްތާޛު ކޮށްދެއްވާފަ ހުންނެވި ޚިދުމަތްތަކުގެ މަތީން ހަނދާންވުން އެއީ ހަމަ ހަޤީޤަތުގައިވެސް ޢުސްތާޛުގެ ޚިދުމަތުގެ އަގު ވަޒަން ކުރެވޭ ވަރަށްވުރެވެސް މަތީގައި އުޅޭ ކަމުގެ ފުރިހަމަ ނިޝާނެކޭ ހިތައްއެރި. ޢުސްތާޛު ނުވެސް ދަންނަ މީހެއްގެ ދުލުން ހެޔޮ ދުޢާ ކުރެވުނު.

The name is already taken The name is available. Register?

adam

17 March 2019

އުސްތާޛް ޖަމީލަކީ ފަސްމީރު ކުރިރުކެއް. މަލްޓިޓެލެންޑެޑް ޖީނިއަސްއެއް. ދިވެހި ގައުމަށް ލިބުނު ޖަވާހިރެއް. ޖީލްތަކެއްގެ އެދުރެއް. އެމާތް މަރުހޫމަށް ސުވަރުގެ މިންވަރުކުރައްވާށި. މިފަދަ އިތުރު ޖަމީލެއް މިފަސްގަނޑުން އުފަންވާނެ ނަމަ ކޮންފަދަ. ސިޔާސީ މުސީބާތުން މިގައުމު މިންޖުވާނެ ނަމަ ކޮންފަދަ.

The name is already taken The name is available. Register?

އެހީއަށް އެދި

16 March 2019

ލިޔުންތެރިޔާ ހަމްދޫންގެ މައުލޫމާތު ހޯދުން ވަރަށް ފުރިހަމަ، އަޅުގަނޑަށް މިދަނީ ސަލާހުއްދީންގެ މަސައްކަތްތަކުގެ މައްޗަށް ލިޔުމެއް ލިޔަންވެގެން ނަމަވެސް މައުލޫމާތު ފޮތްތަކުން ނުލިބޭ، އެހީއެއް ލިބިދާނެތޯ؟

The name is already taken The name is available. Register?

ހަސަދު

15 March 2019

މުހައްމަދު ޖަމީލު ފަދަ ބޭފުޅުން މިހާރު ނުއުފެދީ ކިއްވެބާ. ތައުލީމީ ދާއިރާގައ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މިކަމަށް ވިސްނަވަން އެބަޖެހޭ. ކޮލެޖެއްގެ ގުރޭޖުއޭޝަން އެއްގައި ޗީފްގެސްޓަކަށް ވެސް ގެންނާނެ ، ދަރިވަރުން އެމީހެއްގެ މިސާލު ނަގާލާނެ ކަހަލަ މީހުން ހަމަ ނުފެނޭ. ރާއްޖޭގެ އަދުގެ ޙާލަތަށް ހިތާމަ ކުރަން ޖެހޭ.

The name is already taken The name is available. Register?

ދިވެހިމީހާގެ ދަރި

15 March 2019

މިހާރު އެކަހަލަ މީހުން އުފެދޭނެތަ. އެންމެންގެއަތުގައި ޕީއެޗްޑީ. އެކަކަށްވެސް މާދަރީބަހުން ލިޔާކަށް ނޭނގޭ. ލިޔުނަސް ލިޔެވެނީ ކޯއްޗެއްކަމެއް ނޭނގޭ. ލިޔަން އެނގުމަކީވެސް އެމީހުން ދެކޭގޮތުގައި ދަށުދަރަޖައިގެ ކަމެއްް. ކިޔަވަނީ ބޮޑު މަގާމެއް ހޯދަން. މަގާމު ލިބުނީމާ ދެން ދިމާކުރަނީ ހޯދުނުގޮތަކަށް ހޯދައިގެން ފައިސާ ފުންޏެއްޖަހަން. ގެދޮރު ހޯދަން. މިކަހަލަ ވިސްނުމެއްގައި އުޅޭ ބަޔަކަށް ދާއިމަށް ދެމިހުންނަނިވި ހެޔޮކަމެއް ކުރެވޭނެތަ؟

The name is already taken The name is available. Register?

ވަގު ކަދުރު

15 March 2019

އަޅުގަނޑުގެ ނަޒަރުގައި މި ޤަޢުމުގެ ރައުސްމާލަކީ ރައީސް މަޢުމޫނެވެ.

The name is already taken The name is available. Register?

ލުކާ

16 March 2019

އަހަރުމެން މިއަދު މިކަނީ މައުމޫނު އިންދި ގަހުގެ މޭވާ!!! ހިތިތޯ ފޮނިތޯ ނިންމާނީ ރައްޔިތުން. ގައުމުގެ ހާލަތު ލޮލަށް ފެންނަމުން މިހިރިދަނީ!!!!!

The name is already taken The name is available. Register?

ސައީދާ

15 March 2019

ލިޔުންތެރިޔާ ހަމްދޫނަށް ޝުކުރުވެރިވަން. މިކަހަލަ އޮށްޓަރު ހުންނަލިޔުން ލިޔާތީ މިހާރު ނޫސް ރަނގަޅީ.

The name is already taken The name is available. Register?

ޢަބްދުﷲއަލް

15 March 2019

ނެތްތަ ދުރޫސުލް އަޚްލާގް ގެ ޕީޑިއެފް...

The name is already taken The name is available. Register?

މާރީ މުޢާވިޔަތު

04 August 2021

ދުރޫސުލްއަޚުލާޤު ފޮތުގެ އަޞްލު، ނޮވެލްޓީގައި ވިއްކާން އެބަހުރި، -/20 ރުފިޔާއަށް

The name is already taken The name is available. Register?

ދީނުގެމަގު

15 March 2019

ކޮންމެ ހަފުތާއަކު ނެރުއްވަމުން ގެންދެވި އިލްމާއި ނަސޭހަތުން ފުރިފައިވާ ދީނުގެމަގު އުވާލި ދުވަހަކީ ހާދަ ހިތާމަވެރި ދުވަހެކެވެ. ހާދަ ހިތްދަތި ދުވަހެކެވެ. މެދުކެނޑުމެއްނެތި 20 އަހަރުވަންދެން ލިބެމުންދިޔަ ނަސޭހަތާއި ވައުޒު ހުއްޓުނީއެވެ. ނޫސްވެރިކަމަށް މިއަށްވުރެ ނުރައްކާތެރި ހަމަލާއެއް ދެވޭނެބާ! 10 އަހަރު ވޭތުވެގެންދިޔައިރުވެސް ކުށްމަދު ކިޔާލަން ފަސޭހަ ރީތި ދިވެހިބަހުން އެފަދަ އެއްވެސް އެއްޗެއް ނެރެވިފައި ނެތުމަކީ ކިހައި ބޮޑު ހިތާމައެއްތޯ؟

The name is already taken The name is available. Register?

ހުސްދޮގު

15 March 2019

ކަލޭ އެގަޑީގަ އޮންނާނީ ވެސް ނިދާފަ

The name is already taken The name is available. Register?

މަ

15 March 2019

ޝުކުރިއްޔާ ހަމްދޫން މިކަހަލަ ފައްކާ ލިޔުންތައް ގިނަކޮށްދެއްވާ,!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454