މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޕޯސްޓަރެއް: ނޮވެމްބަރު 8 ގައި ރިލީޒް ކުރާނެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި، އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު "ކޭސަރީ" ލީކްކޮށްލައިފި އެވެ.

މި ފިލްމު ލީކްކޮށްލާފައި ވަނީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ގިނަ ފިލްމުތައް އިންޓަނެޓްގައި ލީކްކޮށްލި ޓަމިލްރޮކާޒުންނެވެ.

"ކޭސަރީ" އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދައި، އަނޫރާގް ޑައިރެކްޓްކޮށްފައިވާ ތާރީހީ ހަނގުރާމަ ފިލްމެކެވެ.

މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ރަނގަޅު ފެށުމެއް ވެސް ލިބުނު މި ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ހޮނިހިރު ދުވަހާ ހަމައަށް ވަނީ 38.06 ކްރޯޑްގެ އާމްދަނީއެއް ލިބިފަ އެވެ. ބުރާސްފަތި ދުވަހު އެކަނި ވެސް ފިލްމަށް 21.50 ކްރޯޑް ރުޕީސް އިންޑިއާ އިން ލިބިފައިވެ އެވެ.

ބޮކްސް އޮފީހުގައި ވަރަށް ރަނގަޅަށް ހިނގާނެ ކަމަށް ކްރިޓިކުން ވެސް އަންދާޒާކޮށްފައިވާ "ކޭސަރީ" ހަދާފައި ވަނީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. ފިލްމު ކްރިޓިކް ކޯމަލް ނަހަޓާ ބުނި ގޮތުގައި މިއީ 100 ކްރޯޑްގެ އާމްދަނީއެއް ވަރަށް އަވަހަށް ހަމަކުރާނެ ފިލްމެކެވެ.

ނަމަވެސް ފިލްމު ލީީކްކޮށްލުމަކީ މީގެ ވިޔަފާރި އަށް އަސަރު ކުރާނެ ކަމަކަށް ވާނެ އެވެ.

"ކޭސަރީ" ގައި އަކްޝޭއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ ޕަރިނީތީ ޗޯޕްޅާ އެވެ. އެކަމަކު އޭނާ ފިލްމުން ފެނިގެން ދަނީ ވަރަށް ކުރުކުރު ރޯލަކުންނެވެ.

ކްރިޓިކުން ބުނާ ގޮތުގައި "ކޭސަރީ" އަކީ އަކްޝޭގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ މޮޅު އެކްޓިން ދެއްކި ފިލްމެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ވެސް ވަރަށް ފުރިހަމަ ކަމަށް ބުނެ ގިނަ ކްރިޓިކުން ފިލްމަށް ތައުރީފުކޮށްފައިވެ އެވެ.

ސޫރަޖްގެ އާމްދަނީ އާމީ ކޭމްޕްތަކަށް

ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީ މިހާރު ކުޅެމުން އަންނަ ފިލްމު "ސެޓެލައިޓް ޝަންކަރު" އިން އޭނާ އަށް ލިބުނު އާމްދަނީ އިންޑިއާގެ އަސްކަރީ ކޭމްޕްތަކަކަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ސޫރަޖް ނެރެފައިވާ ބަޔާނެއްގައި ބުނީ ފިލްމުން އޭނާ އަށް ލިބުނު އާމްދަނީ ހަދިޔާ ކުރާނީ ޕަންޖާބާއި ޗައިނާ ބޯޑަރު ކައިރީގައި ގާއިމުކޮށްފައިވާ ހިމާޗަލްގެ އަސްކަރީ ކޭމްޕްތަކަށް ކަމަށެވެ. ނަމަވެސް "ސެޓެލައިޓް ޝަންކަރު" އިން ސޫރަޖަށް ލިބުނީ ކިހާ ވަރެއްގެ ފީއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އޭނާ ބުނި ގޮތުގައި އަސްކަރީ ކޭމްޕްތަކަށް ފޯރުކޮށްދޭ މި އެހީން އެ ތަންތަނުގައި މަސައްކަތް ކުރާ އޮފިސަރުންގެ ދަރިންނަށް ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައި ދެވޭނެ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އިރުފާން ކަމާލް ޑައިރެކްޓް ކުރާ "ސެޓެލައިޓް ޝަންކަރު" ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 5 ގަ އެވެ. މި ފިލްމަކީ 2015 ގައި ސަލްމާން ހާން ޕްރޮޑިއުސްކޮށް، ސޫރަޖް ބޮލީވުޑަށް ނެރުނު "ހީރޯ" އަށް ފަހު އޭނާ ފެނިގެންދާ ދެވަނަ ފިލްމެވެ.

"ކޫލީ ނަމްބަރު 1" ރިމެކް ޖުލައިގައި ފަށަނީ

ޑޭވިޑް ދަވަން ޑައިރެކްޓްކޮށް، ގޯވިންދާ އާއި ކަރިޝްމާ ކަޕޫރް މީގެ 24 އަހަރު ކުރިން ކުޅުނު ފިލްމު "ކޫލީ ނަމްބަރު 1" ގެ ރިމެކްގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނެކަން ކަށަވަރުވެއްޖެ އެވެ.

އެ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވާ ފަރުހާދު ސަމްޖީ މުމްބާއީ މިރާ އަށް ބުނި ގޮތުގައި އޭނާ މިހާރު ވަނީ ފިލްމުގެ ޑައިލޮގްތަކުގެ ޑްރާފްޓެއް ވެސް ނިންމައި ޑޭވިޑްއާ ހަވާލުކޮށްފަ އެވެ. އަދި ފިލްމުގެ ލީޑް ތަރިންނަކީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަން އާއި ސާރާ އަލީ ހާންކަން ވެސް ފަރުހާދު ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އޭނާ ބުނި ގޮތުގައި "ކޫލީ ނަމްބަރު 1" ގެ ރިމެކްވެގެން ދާނީ ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ރީތި އަދި އެހާމެ މަޖާ ފިލްމަކަށެވެ. އަދި "ޖުޅުވާ 2" އާއި "މޭ ތޭރާ ހީރޯ" އަށް ފަހު، ވަރުންގެ ފިލްމެއްގައި ހިއްސާވެވޭތީ ލައްކަ އުފަލުން ހުރި ކަމަށް ބުންޏެވެ. ފަރުހާދަކީ މިދިޔަ އަހަރު ރިލީޒް ކުރި ސާރާގެ ދެވަނަ ފިލްމު "ސިމްބާ" ގެ ވެސް ޑައިލޮގްތައް ލިޔުނު ފަންނާނެވެ.

ބެލެވޭ ގޮތުން "ކޫލީ ނަމްބަރު 1" ގެ ރިމެކަކީ އަންނަ އަހަރު ރިލީޒް ކުރާނެ ފިލްމެކެވެ.

ނޯރާ، ޝްރަދާ އަށް "ދިލްބަރު" ސްޓެޕް ދަސްކޮށް ދެނީ

ނޯރާ ފަތެހީގެ ހިޓް ލަވަ "ދިލްބަރު" އަކީ އޭނާ މިހާރު ކޮންމެ ތާކު، ކޮންމެ ބަޔަކާއެކީ އުޅުނަސް، ކޮންމެހެންވެސް ޖައްސަން ޖެހޭ ސްޓެޕްތަކެކެވެ.

ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޝޫޓިން ލަންޑަނުގައި ކުރިއަށްދާ އިރު ސެޓުން އާންމުވެފައިވާ ބައެއް ވީޑިއޯތަކުގައ ނޯރާ އެ ލަވައިގެ ބެލީ ޑާންސް ސްޓެޕްތައް އެކި މީހުންނަށް ދަސްކޮށްދޭ މަންޒަރު ފެނިގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި އެކްޓަރު ވަރުން ވެސް ހިމެނެ އެވެ.

މި ފަހަރު މިއޮތީ އަނެއްކާ ވެސް "ސްޓްރީޓް ޑާންސާ" ގެ ބަތަލާ ޝްރަދާ އަށް، ނޯރާ ބެލީ ޑާންސް ސްޓެޕް ދަސްކޮށްދޭ ވީޑިއޯކޮޅެކެވެ. ބަލައިލާށެވެ.

ނޯރާ ވެސް ވަރުގަދަ ނެށުންތެރިއެއްގެ ގޮތުގައި ފެނިގެންދާ "ސްޓްރީޓް ޑާންސާ" އަކީ މި އަހަރު ނޮވެމްބަރު 8 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454