ބޭންކް އޮފް ސިލޯން: މުއާމަލާތެއް ނުހިންގާ ގިނަ ދުވަސް ވީ އެކައުންޓްތައް އަލުން އެކްޓިވޭޓްކުރަން ވަނީ އަންގާފައި
29 އޯގަސްޓް 2016 - 20:29
ބޭންކް އޮފް ސިލޯން (ބީއޯސީ) ގައި ހުރި މުއާމަލާތެއް ނުހިންގާތާ ފަސް އަހަރު ވެފައިވާ އެކައުންޓްތައް އަލުން އެކްޓިވޭޓް ކުރަން ބޭނުން ނަމަ އެކަން އެ ބޭންކަށް އަންގަން އިއުލާންކޮށްފި އެވެ.
މުއާމަލާތް ނުކުރާތާ ފަސް އަހަރު ވެފައިވާ ގިނަ އަދަދެއްގެ އެކައުންޓްތަކުގެ މައުލޫމާތު ބީއޯސީން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ އެކައުންޓްތައް އަލުން ހިންގަން ބޭނުންވާ ނަމަ އެކަން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އެ ބޭންކަށް އަންގަން އިއުލާނުގައި އެދިފައިވެ އެވެ.
އެކައުންޓްތައް އަލުން ހިންގަން ދޭ ފުރުސަތުގައި އެކަން ނުކޮށްފި ނަމަ އެކައުންޓްތައް ބަންދުކޮށް، އޭގައި ހުރި ހުރިހާ ފައިސާއެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ފޮނުވަން ބޭންކިިންއާ ބެހޭ ގާނޫނު ލާޒިމްކުރެ އެވެ.
މީގެ ކުރިން ގައުމީ ބޭންކް ބީއެމްއެލް އާއި މޮރިޝަސް ކޮމާޝަލް ބޭންކުން ވެސް ވަނީ އެފަދަ ގިނަ އަދަދެއްގެ އެކައުންޓްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.
އެފަދަ އެކައުންޓްތަކުގައި ހުންނަ ފައިސާ ބޭންކްތަކުން އެމްއެމްއޭ އަށް ފޮނުވާ ފަހުން އެކައުންޓެއްގެ ވެރިފަރާތުން އެ ފައިސާ ބޭނުންވެގެން ހުށަހަޅައިފި ނަމަ އެމްއެމްއޭ އިން ދޫކުރާނެ އެވެ.
އެމްއެމްއޭގައި އެ ފައިސާ ފަސް އަހަރު ވަންދެން ބެހެއްޓުމަށް ފަހު ދެން ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ.
އެ މިނިސްޓްރީ އަށް އެ ފައިސާ ފޮނުވާ ފަހުން ވެސް އެކައުންޓުގެ ވެރި ފަރާތުން ފައިސާ ބޭނުންވެއްޖެ ނަމަ ފިނޭންސް މިނިސްޓްރީން އެ ފައިސާ ދޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
29 August 2016
އާމު ކޮށްފަ ކޮންތާކު އެ އެއްޗިހިތަށް ހުރީ