އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ދަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
24 މާޗް 2019 - 14:47
ފަލަސްތީނާއި ސީރިޔާ އަދި މިޔަންމާގެ މުސްލިމުން ހިމާޔަތްކުރަން ގޮވާލައި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅި ގަރާރުތައް ރާއްޖޭން ކޯ ސްޕޮންސާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްވިޒަލެންޑްގެ ޖެނީވާގައި ފެބްރުއަރީ 28 ގައި ފެށި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 40 ވަނަ ރެގިއުލާ ސެޝަން މިއަދު ނިމުނުއިރު ރާއްޖޭން އިސްކަންދޭ ދާއިރާތަކާ ގުޅޭ ގަރާރުތައް ކޯސްޕޮންސާ ކުރި ކަމަށެވެ. ފަލަސްތީނާއި ސީރިޔާ އަދި މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ ގަރާތުތަކަކީ އެގޮތުން ރާއްޖޭން އިސްކަން ދިން ގަރާރުތަކެވެ. އޭގެ އިތުރުން ތިމާވެށި ހިމާޔަތްކުރަން ކުރާ މަސައްކަތްތަކާ ގުޅޭ ގަރާރުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ގަރާރުތައް ވެސް ރާއްޖޭން ކޯ ސްޕޮޮންސާ ކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުންތަކުގައި ރާއްޖޭން ޖުމްލަ 21 ސްޓޭޓްމެންޓް ދިނެވެ. އެގޮތުން ދިން ސްޓޭޓްމެންޓްތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ކުދި ގައުމުތަކަށް މެމްބަރުކަން ކުރުމުގެ ފުރުސަތު ފަހިކުރުމަށް ގޮވާލި ސްޓޭޓްމަންޓެއް ހިމެނެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ރެގިއުލާ ސެޝަންތައް ފެށުމުގެ ކުރިން ހައިލެވެލް ސެގްމެންޓެއް ކުރިއަށް ގެންދިޔަ އެވެ. ފެބްރުއަރީ 25-27 އަށް ކުރިއަށް ދިޔަ އެ ސެގްމެންޓްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ ވެރިޔަކަށް ހުންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އޭގެ ފަހުން ކުރިއަށް ދިޔަ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖޭން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދާއި ޖެނީވާ މިޝަންގެ ޑެޕިއުޓީ ޕާރަމަނަންޓް ރެޕްރެސެންޓޭޓިވް ހައުލާ އަހުމަދު ދީދީ އާއި ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ޝާހިޔާ އަލި މަނިކް އަދި، ޖެނީވާ މިޝަންގެ ފަސްޓް ސެކްރެޓަރީ އާއިޝަތު ޝަހުލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހި ވަންތަ
25 March 2019
އުފާ ކޮށްފިން.