01 އެޕްރީލް 2019 - 12:29
ލަންޑަން (އޭޕްރީލް 1) - ސަޕޯޓަރުން އޭނާގެ އިސްތިއުފާ އަށް މެޗުގެ ތެރެއިން ގޮވި ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ ރަށުންބޭރުގައި ފަހަތުން އަރައި 2-1 އިން ކާޑިފް ސިޓީ ބަލިކޮށްފަ އެވެ. ޗެލްސީން މި މެޗަށް ނުކުތީ އެޑެން ހަޒާޑާއި އެންގޯލޯ ކާންޓޭ ބެންޗުގައި ބައިންދައިގެންނެވެ. މިއީ މި ދެ ކުޅުންތެރިން ފިޓްކޮށް ތިއްބައި ފުރަތަމަ އެގާރައިން ފުރުސަތު ނުދިން ފުރަތަމަ މެޗެވެ.
ޗެލްސީން ރޭ މެޗުގެ ނަތީޖާ އަނބުރާލި ފަހު ހަ މިނިޓް ތެރޭގަ އެވެ. ޗެލްސީ މޮޅުކޮށްދިނުމުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ހަޒާޑާއި ދެ ވަނަ ލަނޑު ޖެހި ރުބެން ލޮފްޓަސް ޗީކްގެ ދައުރު ބޮޑެވެ. ޗެލްސީން ލަނޑުތައް ޖެހުމުގެ ކުރިން ކާޑިފް ލީޑުގައި އޮއްވައި ޗެލްސީ ސަޕޯޓަރުން ވަނީ ސާރީގެ އިސްތިއުފާ އަށް ގޮވާ އަޑުއުފުލައިފަ އެވެ.
މެޗަށް ފަހު ސަޕޯޓަރުންނާ ބެހޭގޮތުން ސުވާލުކުރުމުން ސާރީ ބުނީ ސަޕޯޓަރުންނަށް ވެސް ބޭނުން އެއްޗެއް ބުނުމުގެ ހައްގު އޮންނާނެ ކަމަށާއި އެކަމަކު އޭނާގެ ނަޒަރުގައި މެޗުގެ ތެރެއިން ފާޑުކިއުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އަހަރެން ތިކަމަށް ސީދާ ޖަވާބެއް ދޭން ނެތިން. އަހަންނަށް ސަޕޯޓަރުންގެ އިހުސާސްތައް ވެސް އެނގޭ. އެކަމަކު މެޗެއް ކުޅެމުންދާއިރު ޓީމަށް ހިތްވަރުނުދީ އެހެން ކަންތަކަށް އިސްކަންދިނުން ރަނގަޅެއް ނޫން. އެންމެ ރަނގަޅުވާނީ މެޗު ނިމުނީމަ އެހެން ކަަންތައްތަކަށް ވިސްނީމަ. އަހަރެންގެ ފޯކަސް މެޗުގެ ވަގުތުގައި އޮންނާނީ ޓީމަށް. ސަޕޯޓަރުންނަކަށެއް ނޫން،" ސާރީ ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
ޗެލްސީ މި ވަގުތު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ލީގުގެ ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމާނުލެވި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޗެލްސީ އަށް ޖާގަ ނުލިބިއްޖެނަމަ ސާރީގެ ވަޒީފާ ގެއްލޭނެ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ސާރީ ބުނީ އެ ފަދަ ވާހަކަތަކަށް ވެސް ސަމާލުކަންދޭން ބޭނުންނުވާ ކަމަށެވެ.
"އަހަރެން މި ޓީމާ ހަވާލުވިއިރު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އޮތް ފަރަގަކީ 30 ޕޮއިންޓް. މި ސީޒަނުގައި އެކަން ބަދަލުކުރުމަށް ކުރިއެރުންތަކެއް ފެނިއްޖެ. މި ވަގުތު ލިވަޕޫލާއި ސިޓީއާ އަހަރެމެންނާ ދެމެދު ފަރަގު އެބައޮތް. އަހަރެން މި މަސައްކަތްކުރަނީ އެ ފަރަގު ކުޑަކުރަަން. އެހެން ކަމަކަށް ވިސްނާނެ ވަގުތެއް ނެތް،" ސާރީ ބުންޏެވެ.
ޗެލްސީގެ ކުޅުންތެރިންގެ މެދުގައި ސާރީއާ މެދު ހިތްހަމަނުޖެހުންތަކެއް އޮތް ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy