08 އެޕްރީލް 2019 - 07:33
ޕްލާސްޓިކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވިއެޓްނާމްގެ ބާޒާރުތަކުގައި، ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ދިނުމުގެ ބަދަލުގައި ކެޔޮފަތް ބޭނުންކުރަން ފަށައިފި އެވެ.
ސްޓްރެއިޓް ޓައިމްސް އިން ބުނި ގޮތުގައި ވިއެޓްނާމްގައި ތަރުކާރީ އާއި މޭވާ އާއި މަހުގެ ބާވަތްތައް ވިއްކާ ބޮޑެތި މާރުކޭޓްތަކުން މިހާރު ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި، ކަސްޓަމަރުން ގަންނަ އެއްޗެހި އޮޅާލަނީ ކެޔޮފަތުގަ އެވެ.
މިކަމުގައި، އެ ގައުމުގެ އެންމެ ބޮޑެތި ސުޕަމާކެޓް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ލޮޓޭ މާޓް އާއި ސައިގޯން ކޯ-އޮޕްގެ އިތުރުން ބިގް ސީން އަންނަނީ ނަމޫނާ ދައްކަމުންނެވެ.
ލޮޓޭ މާޓް އިން ބުނި ގޮތުގައި އެ ތަނުގެ އަމާޒަކީ ވިއެޓްނާމުގެ އެކި ކަންކޮޅުތަކުގައި ހުރި އައުޓްލެޓްތަކުން ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް މި އަހަރު ހުއްޓައިލުމެވެ.
ބާޒާރުން ގަންނަ އެއްޗެހި ކަސްޓަމަރުންނަށް ކެޔޮފަތުގައި ދިނުމުގެ މަސައްކަތާ އެކު ވިއެޓްނާމްގެ ބޮޑެތި ކުންފުނިތަކުން މިހާރު އަންނަނީ ޕްލާސްޓިކުން އުފައްދާ ވަރަށް ގިނަ ތަކެތި ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ވެސް އުފައްދަމުންނެވެ. އޭގެ ތެރޭގައި ޖޫސް ބޯން ބޭނުން ކުރާ ހޮޅި އާއި ކާއެއްޗެހި ބަންދުކުރާ ކުދި ތަށިތަކާއި ބިސް އަތުރަން ބޭނުން ކުރާ ޓްރޭ ފަދަ އެއްޗެހި ހިމެނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވިއެޓްނާމަކީ ދުވާލެއްގެ މައްޗަށް 2،500 ޓަނުގެ ޕްލާސްޓިކް އުކައިލާ ގައުމެކެވެ. އަދި ޔޫއެންގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް (ޔުނެޕް) އިން ދަރަޖަކޮށްފައިވާ ގޮތުގައި ވިއެޓްނާމަކީ މޫދާއި ކަނޑަށް ޕްލާސްޓިކް ކުނިބުނި އެންމެ ގިނައިން އުކާ ހަތަރު ވަނަ ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy