ބީއެމްއެލްގެ ހެޑް އޮފީސް: އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނު.---ފޮޓޯ: ބީއެމްއެލް
11 އެޕްރީލް 2019 - 14:25
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިދިޔަ އަހަރަކީ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު އާންމުކޮށްފައި ވާއިރު އޭގައިވާ ގޮތުން 1.6 ބިލިއަން ރުފިޔާގެ ފައިދާ އަކީ ޓެކްސް އަށް ކެނޑުމުގެ ކުރީގެ އަދަދެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓުގެ ކުރިއެރުމެކެވެ.
ވޭތުވެދިޔަ ތިން އަހަރު ވެސް ބީއެމްއެލް އަށް ވަނީ ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ފައިދާ ވަނީ އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފަ އެވެ.
ބީއެމްއެލް އަށް ލިބުނު ފައިދާއަށް ބަލައި، އެ ކުންފުނީގެ ބޯޑުން ވަނީ ފައިދާގެ ތެރެއިން 129 މިލިއަން ރުފިޔާ ބަހަން އާންމު ޖަލްސާއަށް ހުށަހަޅައިފަ އެވެ. އެއީ ކޮންމެ ހިއްސާއަކަށް 24 ރުފިޔާގެ މަގުންނެވެ.
ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ލިބުމާއި ލޯނު ދޫކުރި ނިސްބަތް މިދިޔަ އަހަރު އިތުރުވުމެވެ. އެ ރިޕޯޓްގައިވާ ގޮތުން އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 4.1 ޕަސެންޓުން 3.5 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ޜޭޝިއޯ ވަނީ ގާނޫނު ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންގަނޑެއްގައި ހިިފެހެއްޓިފަ އެވެ.
ބީއެމްއެލް އަށް މާލީގޮތުން އެންމެ ކާމިޔާބު އަހަރަށް މިދިޔަ އަހަރު ވެފައިވާއިރު، އެ ކުންފުނިން މިދިޔަ އަހަރު ވަނީ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. "އަހަރެންގެ ބޭންކް" ނަމުގައި ހިންގި އެ ޕްރޮގްރާމްގެ ދަށުން ތައުލީމާއި ކުޅިވަރާއި ތިމާވެށީގެ ހަރަކާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ހަރަކާތްތައް ހިމެނޭ ގޮތަށް، 110 ހަރަކާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މީގެ އިތުރުން އެ ކުންފުނީގެ އާ ހަތަރު ބްރާންޗަކާއި ފަސް ސެލްފް ސާވިސް ބޭންކް ސެންޓަރެއް ވެސް އަތޮޅު ތެރޭގައި ގާއިމްކޮށް، ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ޚިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. އަދި ކޭޝް އޭޖެންޓުންގެ އަދަދު ވެސް 277 އަށް ވަނީ އިތުރުކޮށްފަ އެވެ.
މި ކާމިޔާބީއާ ގުޅިގެން، ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އެ ނަތީޖާތަކުން ދައްކުވައިދެނީ މާލީގޮތުން ހަރުދަނާ ކުރިއެރުންތަކެއް ބީއެމްއެލް އިން ހޯދުމުގެ އިތުރުން ބޭންކުން މުޖްތަމައަށް ކުރަމުންދާ އިންވެސްޓްމަންޓްތައް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ އެ ކާމިޔާބީތައް އެގޮތުގައި ދަމަހައްޓައި، ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި ޚިދުމަތްތައް ރަނގަޅު ކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ވަރަށް ބުރަ މަސައްކަތްކޮށް އަދި އެހާމެ ހީވާގިކަމާ އެކު މަސައްކަތަށް އަހަމިއްޔަތުުކަން ދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ހޯދި ނަތީޖާއަކީ ލޯނުތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ލޯނުތަކުގެ މިންވަރު އިތުރުވުމުން ކަމަށް އައިޝަތު ވިދާޅުވި އެވެ. އަދި ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ޓެކްނޮލޮޖީއަށް ވެސް ބޭންކުން އިންވެސްޓް ކުރަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން ބޭންކުގެ މަސައްކަތްތަކަށް ވެސް ހަލުވިކަން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ޓެކްނޮލޮޖީތަކަށް ބީއެމްއެލްއިން އިންވެސްޓް ކުރަމުންދާނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކާ ގުޅޭގޮތުން އައިޝަތު ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކް އިން ވެސް ވަނީ އަވަސް ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި އެގޮތުން ޖަމާކުރި ފައިސާ އަދަދު އިތުރުވެ، އާ ފައިނޭންސިން ޕްރޮޑަކްޓްތައް ވެސް ތައާރަފް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝަރީއާ ހުއްދަ ކުރާ ޕްރޮޑަކްޓްތައް ތައާރަފް ކުރުމުގެ މަސައްކަތް ބޭންކުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެއާހޯލްޑަރ
14 April 2019
1.6 ބިލިއަން ޕްރޮފިޓް ވާއިރު، އަދި ޕްރޮފިޓް އާފްޓަރ ޓެކްސް 1.1 ބިލިއަނަށް އަރާއިރު ޝެއާހޯލްޑަރުންނަށްް މި ލިބެނީ އެންމެ %11.8 (ޕްރޮފިޓް އާފްޓަރ ޓެކްސް ގެ) ޑިވިޑެންޑް ގޮތުގައި! ބީއެމްއެލް އިން ތަންކޮޅެއް ބޮޑު ޑިވިޑެންޑެއް ދޭންވީނުންތޯ؟
ފެންނާނު
12 April 2019
އެހެން ވިއްޔާ ނިކަން ލުއި ލޯނު ތަކުގެ އިންޓްރެސްޓު ކުދަކޮއްލަ ދީބޭޭޭޭ
ޗެއާމަން ޖޭ
12 April 2019
ވަކިބަޔަކަށް ބެޑެތިލޯނު ދޫކުރާ.މަހުޖަނުންގެ ބާރުބޯޑުގައި އެކުލެވިފައިވާ.ކުދިއަދި މެދުފަންތި ވިޔަފާރަތަކަށް ހަރުކަށި ގޮތެއްގެންގުޅޭ.12%އިންޓަރަސްޓު އަށް ވުރެ ކުޑަ ލޯނު ނުލިބޭ.ރީޓެއިލް ކޮންމެ ކާޑުމެޝިނަކުން ކުރާ މުއާމަލާތަކުން ބޯޑު ކޮމިޝަން ނަގާ. ޕޭމަންޓު ގޭޓްވޭއެއްވެސް އަގުހެޔޮގޮތަކަށް ވިޔަފާރިވެރިންނަށް ފޯރުނުކޮއްދެވޭ.އާންމުމީހުންގެ މުސާތަރަތަށް ބައްކޮއްގެން މިހިންގާ ބޮޑު ބޭންކުގެ ވިޔަފާރިކޮންއިރަކުންތޯ ރައްޔިތުންގެ ބޭންކަކަށް ހައްދަވައިދެއްވާނީ
ޙަބީބު
12 April 2019
5 ލައްކަ ރުފިޔާގެ ލޯނުދީފަ 20 އަހަރުން ފަސްލައްކަ ދިހަހާސް ބޭންކައް ދައްކާގޮތައް ބޭންކު އިސްލާހުކޮއް ރައްޔިތުން ފެލާލުން ހުއްޓާލަންޖެހޭ
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
12 April 2019
ފައިދާގެ ވާހަކަ ދެއްކުމުން ލަދުގަނޭ، ކުދި ކުދި ލޯނުތަކުން ވެސް ހާދަހާ ބޮޑެތި އިންޓަރެސްޓޭ ނަގަމުން ދަނީ... 100 ދުވަހުގެ ވަޢުދު ފުއްދަން ކަމަށް ބުނެ ރައްޔަތުންގެ ލޮލުގައި ތާރު ހޭކުމުގެ ބޭނުމުގައި ކޮމެނިކޭޝަން މިނިސްޓުރީން އިންޓަރނެޓުގެ އަގު ހެޔޮކުރާނެކަމަށްބާރައް އަޑުހަރުކުރި، އެއްމެފަހުން ކިހިނެއްތޯވެގެން އެދިޔައީ. ނެޓުގެ ޚިޒުމަތްދޭ 2 ކުންފުނި އެއޮތީ ގުޅީލާމެހިފައި މިއަދު އެއީ 1، ވެލްފެޔާ އަށް ޚަރަދުކުރަން ފައިދާ ބަޖެޓަށް،!!ބިލިއަނުންފައިދާނަގާ
ޙަޑި
11 April 2019
އަދިވެސް ސްޓާފުން މުސާރަ ބޮޑު ނުކުރާނަންތޯ ؟؟
ރަށު މީހާ
11 April 2019
މަރުހަބާ. އެކަމަކު ބުނެލަން އޮތީ ރައްޔިތުންނަށްގެ ފައިދާ އަށް ހުޅުވި ގައުމީ ބެންކުން ތިޔަވަރު ބޮޑު އާމްދަނީއެއް ރައްޔިތުން ފެލައި ހޯދުމުން. ލޯނު ދިނުމުގައިވެސް ތަފާތުކުރުން ނިހާޔަތައް. ފައިސާވެރި މުއްސަނދި މީހާއަށް އެންމެ ދަށް އިންޓަރެސްޓްގައި. ނިކަމެތި މީހާއަށް އަތްނުފޯރާ ފަށުގައި. ދެރަވި މިވަރު ބޮޑު އާމްދަނީއެއް ހޯދުމުން. މިވަރުގެ އާމްދަނީއެއް ހޯދޭނެ ހަމަ ބޮޑެތި ވިޔަފާރިތަކަށް ބޮޑުކޮށް ލޯނު ދޫކޮށްގެންވެސް :(
އިބަރާހީމް
11 April 2019
ބޮޑާވެފަ 1.6ބިލިޔަން ކިޔާއިރު، ތިޔައީ ރައްޔޮތުންގެ އަތުން ބޮޑު އިންޓަރެސްޓުން ނެރޭ ފައިފާ. ތިޔައީ ރައްޔިތުންގެ ބޭންކެއް، ތިޔަތަކުން ބޮޑު ޕޮރޮފިޓް ހޯދުމުގެ ބަދަލުގައި ބަލަންވީ ރައްޔިތުންނަށް ކުޑަ އިނަޓަރެސްތުގައި ހިދުމަތްދޭން.
ދޮންމަނިކު
11 April 2019
ސްޓޫޑެންޓް ލޯނު މާފުކޮށް ދީބަލަ އި ބޫ ޕުލީސް
ބީސްޓް
11 April 2019
ލުއި ލޯނޭ ކިޔާފަ ރައްޔިތުން ފެލައިގެން ނަގާ ހަރާން ފައިދާ،...