ކުޅިވަރު / މިހާރު ސްޕޯޓްސް ސްޓާސް ފިއެސްޓާ

މިހާރު އެވޯޑްސް: ކުޅިވަރު ތަރިންގެ ފިއެސްޓާ މާދަމާ ހަވީރު ތުލުސްދޫގައި

ކ. މާފުށީގައި 2017 ވަނަ އަހަރު ބޭއްވި މިހާރު އެވޯޑްސް ސްޕޯޓްސް ސްޓާސް ފިއެސްޓާގައި ދުވުންތެރިޔާ ހަސަން ސާއިދު އެ ރަށުގެ ކުދިންނާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

26 އެޕްރީލް 2019 - 09:13

މިހާރު އެވޯޑްސްއަކީ ހަމައެކަނި ކުޅިވަރު ތަރިންގެ އީދެއް ނޫނެވެ. މިއީ އެ ތަރިންގެ ވިދުވަރުން ލިބުނު އާޝޯހުކަމާ އެކު މިފަދަ އެވޯޑެއް އުފުލާލުމުގެ ހުވަފެން ދެކެން ފަށާފައިވާ ކުދިންގެ ވެސް އީދެކެވެ. އެވޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަރިންނާއި ޕާޓްނަރުންނާ އެކު މާދަމާ ހަވީރު ކ. ތުލުސްދޫގައި ބާއްވާ "ސްޕޯޓްސް ސްޓާސް ފިއެސްޓާ" އަކީ އެ އެންމެންގެ އެކުވެލުމެކެވެ. ހިތްވަރު ދިނުމާއި ހިތްވަރު ހޯދުމާއި އެންމެން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ވަގުތެކެވެ.

މީގެ ދެ އަހަރު ކުރިން "މިހާރު" ނޫހުން ތައާރަފްކުރި މި އެވޯޑްސްގެ އެންމެ މުހިއްމު އެއް ހަރަކާތަކަށް، މިދިޔަ އަހަރު އެވޯޑް ކާމިޔާބުކުރި ކުޅުންތެރިންނާއި ދިވެހި ކުޅިވަރުގެ ލެޖެންޑުންނާއި ކޯޗުން މި ރަށަށް ޒިޔާރަތްކުރާނެ އެވެ. އަދި މި އެވޯޑްސް ބޭއްވުމަށްޓަކައި އެ ބަޔެއްގެ ދީލަތި އެހީތަކާއި ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުން އަންނަ ޕާޓްނަރުން ވެސް މި ހަރަކާތުގައި ފުރިހަމައަށް ބައިވެރިވާނެ އެވެ.

މާދަމާ ހަވީރު 4 ޖަހާއިރު ތުލުސްދޫ ބޯޅަދަނޑުގައި ފަށާ މި ފިއެސްޓާގައި މި ރަށުގެ ކުދިންނަށް، ކުޅިވަރު ތަރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައި މާޒީއަށް ރައްކާކޮށްލާނެ ފޮޓޯއެއް ނަގާލުމުގެ ފުރުސަތު އޮންނާނީ ހުޅުވިފަ އެވެ.

މިހާރު އެވޯޑްސް ސްޕޯޓްސް ސްޓާސް ފިއެސްޓާގެ 2017 އަށް ކ. މާފުށިން ބެޑްމިންޓަން ކުޅުންތެރިޔާ ޝަހުރުނާޒް އަށް މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުނަރުވެރި މިއުޒިކީ ފަންނާނު ޝަލަބީ އިބްރާހީމްގެ ހިތްގައިމު އަޑުން އިއްވައިދޭ ލަވަތަކުން ފިއެސްޓާ އަށް ދިރުން ގެނެސްދޭނެ އިރު، މި ރަށު ސްކޫލް ދަރިވަރުންގެ ފަރާތުން ވެސް މުނިފޫހިފިލުމުގެ އައިޓަމެއް ހުށަހަޅައިދޭނެ އެވެ.

ފިއެސްޓާ ހިނގަމުންދާއިރު ކުދިންނަށް ހާއްސަ މަޖާ ގޭމްތައް ވެސް ކުރިއަށްދާނެ އެވެ. ކުޅިވަރު ސްޓޯލްތަކާއި ބައިވެރިވެ އިނާމް ހޯދުމުގެ ފުރުސަތު ކުދިންނަށް ލިބޭނެ ކުޅިވަރު ހަރަކާތްތަކެއް ވެސް އޮންނާނެ އެވެ. އެންމެ ފަހުން ކ. މާފުށީގައި ބޭއްވި ފިއެސްޓާ އަށް ވުރެ މި ފަހަރު ހުރިހާ ގޮތަކުން ވެސް ކުލަގަދަވާނެ އެވެ.

ފިއެސްޓާ ނިންމާލުމުގެ ގޮތުން އޮންނާނީ އެވޯޑްސްގެ ޕާޓްނަރުންގެ ފަރާތުން މި ރަށުގައި ހުންނަ ކ. އަތޮޅު ތައުލީމީ މަރުކަޒާއި މި ރަށުގެ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދުމެވެ. އެގޮތުން ސްކޫލަށް ބޭނުންވާނެ ބައެއް ސާމާނާއި ޒުވާނުންނަށް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެ އެވެ.

މާއްޓޭ އޭނާގެ އެކަޑަމީ ކުދިންނާ އެކު: މިރޭ ކ. ތުލުސްދޫ ޒުވާނުންނާއި ދަރިވަރުންނަށް ހާއްސަ ސެޝަނެއް ނަގައިދޭނެ.

ފިއެސްޓާގެ ތެރެއަށް މުޅިން އަލަށް އިތުރުކުރި ބަޔެއް ކަމަށްވާ "ޗެމްޕިއަންސް ޓޯކް" އޮންނާނީ މިރެ އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބީ ހޯދާފައިވާ ޗެމްޕިއަނުންގެ ވާހަކަތައް ކުޑަކުދިންނާއި ޒުވާނުންނާ ހަމަޔަށް ގެނެސްދޭނެ އިވެންޓެކެވެ. މި ފަހަރުގެ ބައިވެރިޔަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އަދި ކާމިޔާބު މައުރޫފް އަހުމަދު (މާއްޓޭ) އެވެ. ތުލުސްދޫގެ ދަރިވަރުންނާއި ޒުވާނުންނާ މާއްޓޭ ހިއްސާކުރާނީ ކާމިޔާބު ކެރިއަރެއް ބިނާކުރި ގޮތުގެ ވާހަކަތަކެވެ. އަމާޒަކާއި އަޒުމެއް އޮވެގެން ކާމިޔާބީގެ މަގުގައި ކުރި ދަތުރުގެ ވާހަކަތަކެވެ.

މިހާރު އެވޯޑްސްގެ އޮފިޝަލަކު ބުނީ ރާއްޖޭގެ މަތީ ފަންތީގެ ކުޅުންތެރިންގެ ކާމިޔާބީތައް އަގުވަޒަންކުރާ ފަދައިން މާދަމާ އެ އެވޯޑްތައް އުފުލާލަން ތިބި މިއަދުގެ ކުޑަކުދިން ހިތްވަރު ދިނުމަކީ މި އެވޯޑްސްގައި ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

"މި ފިއެސްޓާގެ ބޭނުމަކީ އެއީ. ހަމައެކަނި މިއަދުގެ ތަރިން އެކަންޏެއް ނޫން އަޅުގަނޑުމެންނަށް މުހިއްމީ. އެފަދަ ތަރިންތަކެއް އުފެއްދޭނީ، މިއަދުގެ ކުދިންނަށް އެ އުއްމީދު ކުރާނެ ފުރުސަތު ދީގެން. އެވޯޑްސްގެ ތަރިންނާ އެކު މި ރަށުގެ ކުދިން ހޭދަކުރާ ވަގުތަކީ އެފަދަ އަގުހުރި ވަގުތަކަށް ވާނެ،" އޭނާ ބުންޏެވެ.

"މި ހަރަކާތްތަކުގައި ބައިވެރިވުމަށް ތުލުސްދޫގެ ކުދިބޮޑު އެންމެނަށް އަޅުގަނޑުމެން ދައުވަތު ދެން."

މި ހަރަކާތް އިންތިޒާމުކުރުމަށް ކ. އަތޮޅު ތައުލީމީ މަރުކަޒާއި ތުލުސްދޫ ކައުންސިލާއި ތުލުސްދޫ ޒުވާނުންގެ ރޫހު ޖަމިއްޔާ އާއި މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫގެ އެހީތެރިކަން ވަރަށް ބޮޑެވެ.

ކ. މާފުށީގައި 2017 ވަނަ އަހަރު ބޭއްވި މިހާރު އެވޯޑްސް ސްޕޯޓްސް ސްޓާސް ފިއެސްޓާގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ، ސްވިމިން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިހެވެ. މީގެ ތެރެއިން ފުޓްބޯޅައިން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ހޮވާނެ އެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް އެވޯޑްދެ އެވެ.

ސްވިމިން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްލައިގެން ދޭ އިންޑިވިޖުއަލް އެވޯޑުގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވަ އެވެ، މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

2017 ވަނަ އަހަރުގެ މިހާރު އެވޯޑްސް ހަފުލާގައި ދަގަނޑޭ (ވ) ސާއިދު (މ) އަދި ލޯންގޭ އެވޯޑާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން ކުޅިވަރުން ހާއްސަ ކާމިޔާބީ ހޯދާ ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީންގެ އަގުވަޒަންކުރާއިރު ލައިފްޓައިމް އެޗީވްމަންޓަށް ވެސް އެވޯޑްދެ އެވެ. މި އެވޯޑް ދެނީ ދިވެހި ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނުގައި "ޒާހިރު ނަސީރު އެވޯޑުގެ ގޮތުގަ އެވެ.

މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަންސް ކުންފުނި އުރީދޫގެ އާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރެންސް އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓެވެ. މީޑިއާ ޕާޓްރަނަކީ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓީވީ ޗެނަލް ވީޓީވީ އެވެ. އެވޯޑްސްގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ ރެއިންބޯ އެންޓަޕްރައިސަސް އާއި ބީއެޗްއެމް ޓްރޭޑާސް އާއި ވެލިގާ ހާޑްވެއާ އާއި ސޮނީ ސްޕޯޓްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕާއި ޕްރިންޓްލެބެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454