ކުޅިވަރު

މިހާރު އެވޯޑްސް: ޗެމްޕިއަނެއްގެ ވާހަކައިން ދަރިވަރުންނަށް ހިތްވަރު

ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މާއްޓޭއާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކ. ތުލުސްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސެމިނާ ރޫމުގައި ރޭ އޮތް ކުޅިވަރު އެ އިވެންޓަށް ހާޒިރުވެ ތިބި ފަންސާކަށް ކުދިންނަކީ، ދިވެހިންގެ ލެޔާ ގުޅިފައިވި ފުޓްބޯޅައިގެ ފޯރި ރާއްޖޭގައި އޮތްވަރު ފެނި ތަޖުރިބާކުރެވިފައިވާ ކުދިންތަކެއް ނޫނެވެ. އެކަމަކު ދިވެހި ފުޓްބޯޅަ ލެޖެންޑް މައުރޫފް އަހުމަދު (މާއްޓޭ) ގެ ގަޑިއިރެއްހާ އިރުގެ އެ ވާހަކަތައް އަޑުއަހައި ނިންމާލީ އެ ދުވަސްތަކުގެ މަންޒަރު ކޮންމެވެސް ވަރަކަށް ސިކުނޑީގައި ކުރަހާލެވި އަދި މާއްޓޭގެ ކާމިޔާބު ކެރިއަރުން ފިލާވަޅުތަކެއް ހޯދައިގެންނެވެ.

"މިހާރު" ނޫހުން ދޭ މިހާރު އެވޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ރޭ ފެށި "ޗެމްޕިއަންސް ޓޯކް" ގެ ބޭނުމަކީ އެއީ އެވެ. ތުލުސްދޫގައި އިފްތިތާހުކުރި މި ޕްރޮގްރާމް ރާއްޖޭގެ އެކި ސްކޫލްތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް ކުރިއަށްގެންދާނެ އެވެ.

"އަޅުގަނޑުމެން މިހާރު އެވޯޑްސްގައި އިން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ކުޅިވަރުގެ އެންމެ މޮޅު ކުޅުންތެރިން ހޮވާއިރު، އެބަ ބޭނުންވޭ އެފަދަ ކުޅުންތެރިންތަކެއް މުސްތަގުބަލަށް އުފައްދަން ވެސް،" މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވި އެވެ.

އެހެންވެ، މިހާރު އެވޯޑްސް އިން ދެކޭ ގޮތުގައި އެ އެވޯޑްސް އަށް މިކަމުގައި ކޮށްދޭނެ އެއް ކަމަކީ އެ ޗެމްޕިއަނުންގެ ވާހަކަތައް ކުޑަކުދިންނާއި ޒުވާނުންނަށް ފޯރުކޮށްދިނުމެވެ. އެ ވާހަކަތަކުން ހިތްވަރު ހޯދައި ކުޅިވަރުގެ އިތުރުން ދިރިއުޅުމުގައި ކާމިޔާބީ ހޯދަން މަގުފަހިކޮށްދިނުމެވެ.

މާއްޓޭ އޭނާގެ ވާހަކަތައް ކިޔައިދެނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާއްޓޭގެ ވާހަކަތައް ފެށީ ކުޅިވަރު ކުޅޭނީ ނުކިޔަވާ ކުދިން ކަމަށް ގަބޫލުކުރެވިފައި އޮތް ދުވަސްވަރެއްގައި، އަދި އެނޫން ވެސް ހުރަސްތަކާ އެކު ވެސް، އެންމެ ލޯބިވާ ކުޅިވަރުން ކުރިއަށް ދިއުމަށްޓަކައި ކުރި މަސައްކަތުގެ ވާހަކައިންނެވެ. ފުއްޕާހަމުގައި ފޮތި އޮޅައިގެން، ހަމައެކަނި ހަފުތާ ބަންދުގައި ކުޅެލަން ލިބުނި ހަނި ފުރުސަތުގެ ބޭނުން ހިފައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރަށްވީ ގޮތުގެ ވާހަކަތައް ތުލުސްދޫގެ ދަރިވަރުން އަޑުއެހީ ޝައުގުވެރިކަމާ އެކު އެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބުން 1981 ވަނަ އަހަރު ކެރިއަރު ފެށި މާއްޓޭ އެ ކުދިންނަށް ކިޔައިދިން ގޮތުގައި، އޭރު ރާއްޖޭގެ ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ތިބި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް ވިކްޓްރީ އަށް އޭރު ކުރި ހޯދުނު އެއް ސަބަބަކީ ޑިސިޕްލިން ކަމަށެވެ.

"ވިކްޓްރީގެ އޭރުގެ ކޯޗު އަބުޖީ (އަބްދުލްޖަލީލް) ބުނާނެ ޑިސިޕްލިންއޭ އެންމެ މުހިއްމު ކަމަކީ. އޭނާ ކުޅުންތެރިންގެ ގައިގައި އަށަގެންނުވި އަމިއްލަ ނަފްސާ ވާދަކުރަން ވެސް،" މާއްޓޭ ކިޔައިދިނެވެ.

"ނިއު ރޭޑިއަންޓުން ހަޔެއް ޖަހާއިރު ޕްރެކްޓިހަށް ދަންޏާ ވިކްޓްރީން 5:30 ގައި ދާނެ. އެހެންވެ ނިއު އިން 5:30 ގައި ދާން ފެށީ. އެހިސާބުން ވިކްޓްރީން އެއަށް ވުރެ އަވަސްކުރީ. ބައެއް ދުވަސްތަކުގައި ހުންނާނެ ހެންވޭރު ދަނޑުގައި ފަތިސްނަމާދުކޮށްފައި،" މާއްޓޭ ބުންޏެވެ.

މިހާރު އެވޯޑްސްގެ "ޗެމްޕިއަންސް ޓޯކް" އިވެންޓުގައި ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބައިވެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފަހުން ވިކްޓްރީގެ ކުޅުންތެރިންގެ މެދުގައި ވެސް ވާދަވެރިކަން އުފެދި އެންމެ ކުރިން ޕްރެކްޓިހަށް އަންނަ މީހާ އަށް ވާން ބޭނުންވުމުގެ ރޫހެއް އުފެދުނު ކަމަށް މާއްޓޭ ބުންޏެވެ. އޭގެ ނަތީޖާއަކަށްވީ، މޫސާމަނިކު (ކުޑަމޫސަ) މެން ފަދަ ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ތިބި ނިއުގެ މައްޗަށް ކުރި ހޯދައި ވިކްޓްރީން ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި 1985 ވަނަ އަހަރު މިލްކުރުމެވެ.

އެ ފަހަރުގެ ފައިނަލް މެޗު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެ އެންމެ ފަހުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޝޫޓްއައުޓުގައި ވިކްޓްރީގެ ކެޕްޓަން މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ގެ ޕެނަލްޓީ ޖަހަން މާއްޓޭ ދިޔުމުން ކޯޗު އަބުޖީ ވެސް ހުރީ ހައިރާންވެފަ އެވެ. ޖޫލޭ ފަދަ މުހިއްމު ކުޅުންތެރިޔަކު ޖަހަން އޮތް ޕެނަލްޓީއެއް ކީޕަރު މާއްޓޭ ޖަހަން ދިއުމަކީ އޭނާ އަމިއްލަ ނަފްސަށް ނެގި ޗެލެންޖެކެވެ. އޭނާގެ ޕެނަލްޓީ ބޭކާރުވެ ތަށި މިލްކުކުރުމުގެ ފުރުސަތު ގެއްލި ސަޕޯޓަރުންގެ ފަރާތުން އަތުވެދާނެ ހިތްހަމަނުޖެހުންތައް އެނގިހުރެ އޭނާ ދިޔައީ އިތުބާރާ އެކު އެވެ.

މާއްޓޭ އެ ޕެނަލްޓީ ކާމިޔާބުކުރި އެވެ. އަދި އެނބުރި ގޯލަށް ގޮސް، ނިއުގެ ކުޑަމޫސަ ޖެހި ޕެނަލްޓީ މަތަކޮށް ވިކްޓްރީ އަށް އެ ތާރީހީ ކާމިޔާބު ހޯދައިދިނެވެ. އޭރު ނިއުގެ ގޯލުގައި ހުރީ މާއްޓޭ އަށް ވިކްޓްރީގައި ގޯލްކީޕިންގެ ހުނަރުތައް އެންމެ ބޮޑަށް ދަސްކޮށްދިން ތަޖުރިބާކާރު ކީޕަރު ސައްޔިދު އަލީ އެވެ. އެހެންވެ މާއްޓޭ އެ ކާމިޔާބީ ސިފަކުރީ އުސްތާޒަކާ ދެކޮޅަށް ނުކުމެ ހޯދި ކާމިޔާބެއްގެ ގޮތުގަ އެވެ.

އޭރު ވިކްޓްރީގެ އެއް ވަނަ ކީޕަރު ވިޔަސް މާއްޓޭ އަށް، 1984 ވަނަ އަހަރުގެ ސާފް ގޭމްސް އަށް ނެގި ގައުމީ ޓީމުގެ ސްކޮޑުން ޖާގައެއް ނުލިބެ އެވެ. ރަޝިއާ ކޯޗު، ހަތަރު ކީޕަރުންނަށް ފުރުސަތު ދީފައި މާއްޓޭ އަށް ޕްރެކްޓިހުން ފުރުސަތެއް ނުދެ އެވެ. އެކަމަކު މާއްޓޭ ގެޔަށް ނުގޮސް ދަނޑުގެ އެއްކައިރީގައި އަމިއްލަ އަށް ޕްރެކްޓިސް ކޮށްލަކޮށްލާ ހުރީ އެވެ. ކޮންމެ ދުވަހަކު ވެސް ކަންތައް ކުރީ އެހެންނެވެ. އެންމެ ފަހުން، ދެ ކީޕަރަކަށް އަނިޔާވެގެން ނާދެވުނު ދުވަހެއްގައި ޕްރެކްޓިސް މެޗެއް ކުޅެން އޭނާ އަށް ކޯޗު ފުރުސަތު ދިނެވެ.

"އަޅުގަނޑުގެ ބައްޕަ އަބަދުވެސް ވިދާޅުވާނެ ފުރުސަތު ލިބޭނީ އެއް ފަހަރޭ. ދަށްވިޔަސް މޮޅުވިޔަސް އެ ފުރުސަތު ބޭނުން ހިފާށޭ،" މާއްޓޭ ބުންޏެވެ.

މާއްޓޭ އޭނާގެ ވާހަކަތައް ކިޔައިދެނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ފުރުސަތުގެ ބޭނުން ހިފައި މާއްޓޭ ހުނަރު ދައްކާލުމުން ސްކޮޑުން ފުރުސަތު ދިނެވެ. ދެން އޭނާ ނިންމީ 1985 ވަނަ އަހަރުގެ ސާފް ގޭމްސްގެ ސްކޮޑުގެ އެއް ވަނަ ކީޕަރުކަން ހޯދާށެވެ. އެކަން ވެސް ކާމިޔާބުކޮށް ކުޅުން ހުއްޓާލުމާ ހަަމަޔަށް އެ މަގާމް ދެމެހެއްޓި އެވެ. ރާއްޖޭން ފުޓްބޯޅައިގައި ހޯދި ފުރަތަމަ ބޮޑު ކާމިޔާބީ ކަމަށްވާ 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދިއިރު މާއްޓޭ އަކީ އެއް ވަނަ ކީޕަރެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކަށް ފަހު ކޯޗިން އަށް ވަދެ 1996 ވަނަ އަހަރު ކްލަބް ވެލެންސިއާ އަށް ކަޕްވިނާސްކަޕް ކާމިޔާބުކޮށްދިނެވެ. އެކަމަކު 1997 ވަނަ އަހަރު ވިކްޓްރީއާ ގުޅި ފުރަތަމަ ތިން އަހަރު ދިޔައީ ނާކާމިޔާބުކޮށެވެ.

"ވިކްޓްރީން އޭރު ތަށިން ކާމިޔާބު މިނާނީ. ފުރަތަމަ ތިން އަހަރު ވަރަށް ހާލުގައި އުޅުނިން. ސަޕޯޓަރުން ބެނާތަކެއް ވެސް ދެމި (ދެކޮޅަށް). ލޮލުން ކަރުނަ ވެސް އާދޭ. އެކަމަކު ހިތަށް އެރީ ދުލެއް ނުކުރާނަމޭ. އެހެން ގޮސް 2000 ވަނަ އަހަރުން ފެށިގެން ތަށިތައް ލިބެން ފެށި،" މާއްޓޭ ބުންޏެވެ.

އިސްމާއިލް އަނިލްގެ ގޯލުން 2000 ވަނަ އަހަރުގެ ގައުމީ ފައިނަލުގައި 1-0 އިން ނިއު ބަލިކޮށް ހޯދި ގައުމީ ތަށިން ފެށި ސިލްސިލާގައި ވިކްޓްރީ 2002 ވަނަ އަހަރު ތަށި މިލްކުރީ މާއްޓޭގެ ކޯޗުކަމުގަ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ކާމިޔާބީ ކޯޗެއްގެ ގޮތުގައި ހޯދައިދެވުމަކީ މާއްޓޭ ބުނި ގޮތުގައި ހަޔާތުގެ އެންމެ ބޮޑު އެއް އުފަލެވެ.

މިއަދު އޭނާ އަކީ ކުޅުންތެރިޔެއް، ކޯޗެއް ނޫނެެވެ. އެ ދެ ހައިސިއްޔަތުން މުޖުތަމައު އަށް ކޮށްދެވޭނެ ކަމެއް ނެތެވެ. އެކަމަކު އެ ވާހަކަތައް ކިޔައިދީގެން، މުޖުތަމައު އަށް ފައިދާތަކެއްކޮށްދެވިދާނެ ކަމަށް އޭނާ ދެކެ އެވެ. އޭނާގެ ވާހަކަތަކުން ހިތްވަރު ލިބިގެން އާ ޖީލެއް ނެރުމަށް އެހީތެރިވެވިދާނެ އެވެ.

މިހާރު އެވޯޑްސްގެ "ޗެމްޕިއަންސް ޓޯކް" ގެ ފުރަތަމަ ޕްރޮގްރާމް: ސިލްސިލާކޮށް ކުރިއަށްގެންދާނެ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިހާރު އެވޯޑްސް އިން ރޭ އެ ފެށީ އެ މަސައްކަތެވެ. އެކި ކުޅިވަރުގެ ޗެމްޕިއަނުންގެ އެފަދަ ވާހަކަތައް ދަރިވަރުންނާއި ޒުވާނުންނާ އަދި ޖުމްލަކޮށް މުޖުތަމައުއާ ހިއްސާކުރުމުގެ މަސައްކަތެވެ. މި ޕްރޮގްރާމް މި ފަހަރު ހިމެނެނީ އެވޯޑްސް އިޖުތިމާއީ ޒިންމާގެ ދަށުން ބާއްވާ "ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގެ ތެރޭގަ އެވެ. އެ ފިއެސްޓާ އޮންނާނީ މިއަދު ހަވީރު ތުލުސްދޫ ބޯޅަ ދަނޑުގަ އެވެ. މި އިވެންޓަށް ދިވެހި ކުޅިވަރުގެ ތަރިންނާއި އެވޯޑްސްގެ ޕާޓްނަރުން މިއަދު މި ރަށަށް ޒިޔާރަތްކުރާނެ އެވެ.

މި ހަރަކާތްތައް އިންތިޒާމުކުރުމަށް ކ. އަތޮޅު ތައުލީމީ މަރުކަޒާއި ތުލުސްދޫ ކައުންސިލާއި ތުލުސްދޫ ޒުވާނުންގެ ރޫހު ޖަމިއްޔާ އާއި މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫގެ އެހީތެރިކަން ވަރަށް ބޮޑެވެ.

މިހާރު އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ، ސްވިމިން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިހެވެ. މީގެ ތެރެއިން ފުޓްބޯޅައިން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ހޮވާނެ އެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް އެވޯޑްދެ އެވެ.

ސްވިމިން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްލައިގެން ދޭ އިންޑިވިޖުއަލް އެވޯޑުގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވަ އެވެ، މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ކުޅިވަރުން ހާއްސަ ކާމިޔާބީ ހޯދާ ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީންގެ އަގުވަޒަންކުރާއިރު ލައިފްޓައިމް އެޗީވްމަންޓަށް ވެސް އެވޯޑްދެ އެވެ. މި އެވޯޑް ދެނީ ދިވެހި ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނުގައި "ޒާހިރު ނަސީރު އެވޯޑުގެ ގޮތުގަ އެވެ.

މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަންސް ކުންފުނި އުރީދޫގެ އާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރެންސް އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓެވެ. މީޑިއާ ޕާޓްރަނަކީ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓީވީ ޗެނަލް ވީޓީވީ އެވެ. އެވޯޑްސްގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ ރެއިންބޯ އެންޓަޕްރައިސަސް އާއި ބީއެޗްއެމް ޓްރޭޑާސް އާއި ވެލިގާ ހާޑްވެއާ އާއި ސޮނީ ސްޕޯޓްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕާއި ޕްރިންޓްލެބެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454