ކުޅިވަރު

މިހާރު އެވޯޑްސް: ތަރިންނާ އެކު ތުލުސްދޫގައި ކުލަގަދަ ހަވީރެއް

"ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގައި ދަގަނޑޭ ކުޑަކުއްޖަކު އުރާލައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

28 އެޕްރީލް 2019 - 12:58

2 comments

މިހާރު އެވޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޅިވަރު ތަރިންނާއި އެވޯޑްސްގެ ޕާޓްނަރުންނާ އެކު އިއްޔެ ހަވީރު ކ. ތުލުސްދޫގައި "ސްޕޯޓްސް ސްޓާސް ފިއެސްޓާ" ނަމުގައި ކުލަގަދަ ހަވީރެއް ބާއްވައިފި އެވެ.

މި ފިއެސްޓާގެ ބޭނުމަކީ ރާއްޖޭގެ ކުޅިވަރުގެ ތަރިންނާ އެކު ކުޑަކުދިންނާއި ޒުވާނުންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ދިނުމެވެ. އަދި ސްކޫލްތަކާއި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ފިއެސްޓާގައި މިހާރު އެވޯޑް ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނާއި ކޯޗުންނާއި ފުޓްބޯޅައިގެ ހިންގުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ތަރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިމްރާން މުހައްމަދާއި އަކްރަމް އަބްދުލްގަނީ ހިމެނެ އެވެ.

"ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގެ މެހެމާނުންނަށް ތުލުސްދޫން މަރުހަބާ ކިޔަނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވޮލީބޯޅަ ކުޅުންތެރިންގެ ތެރެއިން އާދަމް ފައިރޫޒާއި ހުސެއިން ވިޝާމް އަދި މުހައްމަދު މިމްރާހް ބައިވެރިވި އެވެ. ބެޑްމިންޓަނުގެ ހުނަރުވެރިން ކަމަށްވާ އައިމިނަތު ނަބީހާ ފާތިމަތު ނަބާހާ އާއި ހުސެއިން ޒަޔާން އާއި ޓޭބަލް ޓެނިސް ޗެމްޕިއަން މޫސާ މުންސިފާއި ދުވުންތެރިން ކަމަށްވާ އައިމިނަތު ޖައިޝާ ޖުނީޒާއި ހުސެއިން ފަޒީލް ހާރޫން އަދި ފެތުންތެރިޔާ އަޒްކާ އާދިލް ވެސް މި އިވެންޓުގައި ބައިވެރިވި އެވެ.

މި ފިއެސްޓާ އަށް މެހެމާނުން ތުލުސްދޫ އަށް ދިއުމުން މަރުހަބާ ކީ އެ ދަރިވަރުންނެވެ. އެއަށް ފަހު ތުލުސްދޫ ދަނޑާ ހަމަޔަށް މެހެމާނުން ގެންދިޔައީ ސަގާފީ ހަރަކާތްތަކާ އެކު އެވެ. އެތަނުން މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ދަރިވަރުން ވަނީ ނެށުމުގެ އައިޓަމެއް ހުށަހަޅައިދީފަ އެވެ. އެއަށް ފަހު އޮތީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ ހުށަހެޅުންތަކެކެވެ.

ކުދިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ގޭމް ހަރަކާތްތަކާއި ފޭސް ޕެއިންޓިން އާއި އަދި އެނޫން ވެސް ސްޓޯލްތައް ދަނޑުގައި ހުރީ ގާއިމްކޮށްފަ އެވެ. އެ ހަރަކާތްތަކުގައި ކުދިންނާ އެކު ތަރިން ވެސް ބައިވެރިވި އެވެ.

"ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގައި ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ނަބީހާ، ނަބާހާ އަދި ޝަހުރުނާޒް ބައިވެރިވަނީ. ---ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ އިތުރުން ތުލުސްދޫގެ ކުދިން ވަނީ ދަގަނޑޭ އާއި އިމްރާން އަދި އަކްރަމްއާ އެކު ފުޓްބޯޅައިގެ ހަރަކާތްތަކެއްގައި ބައިވެރިވެފަ އެވެ. އެ ކުދިން ވަނީ ކުޅުންތެރިންނާ އެކު ފޮޓޯ ނަފައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްފަ އެވެ. ހާއްސަކޮށް ދަގަނޑޭއާ އެކު ފޮޓޯ ނަގަން އޮތީ ކިއޫ ދަމާލައިފަ އެވެ.

ފިއެސްޓާގެ އެންމެ މުހިއްމު ހަރަކާތަކަށް އޮތީ އެވޯޑްސްގެ ޕާޓްނަރުންނާއި މިހާރު ނޫހުގެ ފަރާތުން ކ. އަތޮޅު ތައުލީމީ މަރުކަޒާއި މި ރަށުގެ ޒުވާނުންގެ ރޫހަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ވަނީ ތުލުސްދޫ ކައުންސިލަށް ޑިޖިޓަލް ލިޓެރަސީ ޕްރޮގްރާމެއް ހިންގައިދޭން ނިންމައި އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. މިއީ ސްކޫލް ދަރިވަރުންނާއި އުމުރުންދުވަސްވީ މީހުންނަށް ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކުރުވުމާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ.

"ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގައި ދުވުންތެރިޔާ ފަޒީލް ތުލުސްދޫ ކުދިންނާ އެކު ދުވެލަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ވެލިގާ ހާޑްވެއާގެ ފަރާތުން ކ. އަތޮޅު ތައުލީމީ މަރުކަޒަށް 5000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހަދިޔާކުރިއިރު ޕްރިންޓް ލެބްގެ ފަރާތުން އެ މަރުކަޒަށް ލެޕްޓޮޕެއް ހަދިޔާކުރި އެވެ. މީގެ އިތުރުން ބީއެޗްއެމް ޓްރޭޑާސް އިން ވެސް އެތަނަށް ލެޕްޓޮކާއި ޕްރިންޓަރެއް ދިނެވެ.

ސޮނީ ސްޕޯޓްސްގެ ފަރާތުން ތުލުސްދޫ ޒުވާނުންގެ ރޫހަށް ދެ ޖާޒީ ބައި އަދި ތައުލީމީ މަރުކަޒަށް ވެސް ޖާޒީ ބަޔެއް ހަދިޔާކުރި އެވެ. މިހާރު ނޫހުގެ ފަރާތުން ތައުލީމީ މަރުކަޒާއި ޒުވާނުންގެ ރޫހަށް ކުޅިވަރު ސާމާނު ދިނެވެ.

މި ހަރަކާތް އިންތިޒާމުކުރުމަށް ކ. އަތޮޅު ތައުލީމީ މަރުކަޒާއި ތުލުސްދޫ ކައުންސިލާއި ތުލުސްދޫ ޒުވާނުންގެ ރޫހު ޖަމިއްޔާ އާއި މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫގެ އެހީތެރިކަން ވަރަށް ބޮޑެވެ.

"ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގައި ފުޓްބޯޅަ ތަރިން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މިހާރު އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ، ސްވިމިން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިހެވެ. މީގެ ތެރެއިން ފުޓްބޯޅައިން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ހޮވާނެ އެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް އެވޯޑްދެ އެވެ.

ސްވިމިން، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްލައިގެން ދޭ އިންޑިވިޖުއަލް އެވޯޑުގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވަ އެވެ، މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ކުޅިވަރުން ހާއްސަ ކާމިޔާބީ ހޯދާ ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީންގެ އަގުވަޒަންކުރާއިރު ލައިފްޓައިމް އެޗީވްމަންޓަށް ވެސް އެވޯޑްދެ އެވެ. މި އެވޯޑް ދެނީ ދިވެހި ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނުގައި "ޒާހިރު ނަސީރު އެވޯޑުގެ ގޮތުގަ އެވެ.

މިހާރު އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަންސް ކުންފުނި އުރީދޫގެ އާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރެންސް އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓެވެ. މީޑިއާ ޕާޓްރަނަކީ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓީވީ ޗެނަލް ވީޓީވީ އެވެ. އެވޯޑްސްގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ ރެއިންބޯ އެންޓަޕްރައިސަސް އާއި ބީއެޗްއެމް ޓްރޭޑާސް އާއި ވެލިގާ ހާޑްވެއާ އާއި ސޮނީ ސްޕޯޓްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕާއި ޕްރިންޓްލެބެވެ.

2 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަރިވިދާ

29 April 2019

ކުޅިވަރުތަކުގެ ތަރިން ގެންގޮސްގެން ކަމެއްކުރާނަމަ ކޮންމެ ކުޅިވަރަކުންވެސް ބޮޑަށް ފެންނަންވާނީ އެންމެ ޖޫނިއަރ ތަރިން ނޫންބާ؟ ނޫނީ މިއީ ވަކިބަޔަކު ޕްރޮމޯޓްކުރަން ޖައްސާ ގޭމެއްބާ؟

The name is already taken The name is available. Register?

އަލޫ

29 April 2019

ތިޔައީ މިހާރު ނޫހުން ބޭނުންވާ ބަޔަކު ގެންގޮސްގެން ކުރަންޖެހޭ ކަމެއްބާ؟ މިހެން ބުނެލަންޖެހުނީ އެސޯސިއޭޝަނާ މައްސަލަޖެހިގެން ކުޅުން ހުއްޓާލާފައިތިބި ބަޔަކުވެސް ތިތަނުން ފެންނާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454