ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން އޭޖީ އޮފީހުގެ ވާހަކަތައް ދީބާޖާ އިން ދޮގުކުރޭ. --ފޮޓޯ/ނިޝާން އަލީ
15 މެއި 2019 - 17:55
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމުގެ ތަންފީޒީ މަރުހަލާއާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ހަދަނީ ދޮގު ކަމަށް ބުނެ، ދީބާޖާ އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.
އޭޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އެއީ، ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ، ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާ ނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ނަމަވެސް ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.
މި ވާހަކަތަކަށް ރައްދު ދީ، ދީބާޖާ އިން ނެރުނު ބަޔާނުގައި ބުނީ ސިވިލް ކޯޓުން ހުކުމް ކުރީ، އޮކްޓޯބަރު، 23، 2014 އިން ފެށިގެން، މަދުވެގެން އެ މަހަކަށް ޖެހޭވަރު ކޮންމެ މަހަކު ކޯޓަށް ދައްކައި ހަ މަސް ތެރޭގައި 348 މިލިއަން ރުފިޔާ ޚަލާސްކުރަން ކަމަށެވެ. ހުކުމް ކުރި ތާރީޚުން ފެށިގެން، އެޕްރީލް، 23، 2015 އަށް ހަ މަސްވެފައިވާ ކަމަށް ދީބާޖާ އިން ބުންޏެވެ.
ހުކުމް ތަންފީޒުކުރުމަށް ބަލާފައި ވަނީ ސިވިލް ކޯޓުން އަމިއްލަ އަށް އިސް ނަގައިގެން ކަން ވެސް ދީބާޖާ އިން ފާހަގަކޮށްފައިވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ގެންދަނީ، ސިވިލް ކޯޓުން އިސް ނަގައިގެން ހުކުމް ތަންފީޒުކުރުމުގެ އުސޫލާ ޚިލާފަށް ކަމަށް ދޭހަވާ ގޮތަށް އޭޖީ އޮފީހުގެ ނޫސް ބަޔާނުގައި ބުނެފައި އޮތީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. ސިވިލް ކޯޓުން ކުރި ހުކުމުގެ މުއްދަތު ގުނުމުގައި އަމަލުކުރަން ޖެހޭނީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތު ލިބިދޭ ގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ދީބާޖާ އިން ބުންޏެވެ.
މީގެ އިތުރުން، އޭޖީ އޮފީހުން ކްރިމިނިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ދީބާޖާ އަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅި މައްސަލައެއް ކަމަށް ދޭހަވާ ގޮތަށް ބަޔާން ނެރުނީ ވެސް ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން ކަމަށް ބަޔާނުގައިވެ އެވެ.
ދީބާޖާ އިން ބުނިގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީސް ފަދަ ދިވެހި ދައުލަތުގެ އެންމެ އިސް ވަކީލަކަށް ނިސްބަތްވެވަޑައިގަންނަވާ އޮފީހަކުން އެފަދަ ނުރަނގަޅު މައުލޫމާތުތަކެއް ހިމަނައިގެން ނޫސް ބަޔާން ނެރުމަކީ އެ ކުންފުންޏަށް އޭގެ ގެއްލުންވާނެ ކަމެކެވެ. އަދި އެއީ ޝަރީއަތުގައި ހިނގަހިނގާ އޮތް މައްސަލައަކާއި ކޯޓުތަކާ މެދު އާއްމުންގެ ހިތުގައި ނުރަނގަޅު ތަސައްވަރެއް އުފެދެން މަގުފަހިވާނެ ކަމަށް ކަމަށް ވެސް ދީބާޖާ އިން ބުންޏެވެ.
އެފަދަ ކަންކަން ނުކުރުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ނޫސްބަޔާނުގައި ދީބާޖާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެފަދަ ކަމެއް ތަކުރާރުކޮށް، ދީބާޖާ އަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކޮށްފައިވާ ހުކުމް، ސުޕްރީމް ކޯޓުން ދަމަހައްޓައި ކުރި ހުކުމް މުރާޖައާކޮށްދޭން އެދި އެ ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ވަނީ ނިންމައިފަ އެވެ. ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، މި އަދަދު އައި ގޮތެއް ހުކުމްގައި ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
16 May 2019
މިމައްސަލާގައި ހާދަ އެބަ ހީވޭ ކޮރަޕްޝަން ކަންތައް ގަނޑެއް ހިންގަން ބޮޑުގެ ބަޔަކު ރާވާ އެކަން އަތައް ގޮވައިގެން އުޅޭހެން
ކިސަޑު
16 May 2019
އޭ ހިނގާބަލަ ކަރުދާސް ކުންފުންޏެއް ހަދަން. އެއް ކަމެއް ނުކޮށް އެގްރިމެންޓަކުން ބިޔަނުން ސަރުކާރުތެރޭން ކައްވާލެވޭނެ. ސަޅިވާނެ.
ކާޖާ
15 May 2019
އެންމެ ލާރިއެއްވެސް ދޭކަށް ނުޖެހެއެވެ. ގެއްލުމުގެ ބަދަލުގެ ދެބައިކުޅަ އެއްބައި ލޯފާމަށް ދޭ ނަމަ ގެއްލުމެއް ނެތީއެވެ. ދެން ގެއްލުމުގެ ދެ ބައިކުޅަ އެއްބައި ލޯފާމަށް އެއިގެ ދެ ބައިކުޅަ އެއްބައި ގެއްލުމުގެ ބަދަލު ހޯދައިދިން މީހުންނަށް. މި ވަރު ބޮޑު.
ދީވާނާ
15 May 2019
ނުކުރާ މަސައްކަތަކުން ، ނުކުރާ ވިޔަފާރިއަކުން، ނުކުރާ އިންވެސްޓަކުން ގެއްލުންވާކަމަށް ބުނެ މުސްތަޤުލުގައި ވާނެ ފައިދާއޭ ބުނެ ރައްޔަތުންގެ ހަޒާނާއިން ރައްޔިތުންގެ ފައިސާ ނަގާފަ އެއްވެސް ބަޔަކަށް ދޭންޖެހޭނެ ކަމަކަށް ޤަބޫލުނުކުރެވެއެވެ. ރައްޔިތުންނަށް ދެވޭ ގެއްލުމެކެވެ. ރައްޔިތުންގެ ހައްޤު ފޭރިނުގަންނާށެވެ. ރައްޔިތުންނަށް އަނިޔާވެރި ނުވާށެވެ. ޓެކުސްގެ ގޮތުގައި ރައްޔިތުން ޖަމާކުރާ ފައިސާއަކީ އެތެއް ރައްޔިތުންގެ ހައްޤަކެވެ
ފާސްނުވާ ލޯޔަރު
15 May 2019
އަލުހާން ހާދަ ފޯރިއެއް އެބަހުއްޓޭދޯ!؟
ޟަކުނު
15 May 2019
ގެއްލުމުގެ ބަދަލަށް 1 ޓްރިލިއަން ރުފިޔާ ހޯދަން އަވަހަށް ދައުވާކުރޭ. ޙަޔާތްކުޑަކަން ބަލާބަލަ.
ރަދީފް
15 May 2019
ދީބާޖާއެއް ކާޖާއެއް ނޯންނާނެ.ގެއްލުމުގެ ބަދަލޭ ކިޔާއިރު ލަދު ކޮބާ???ވ.ވެދުން
ޑެލްބޯއި
15 May 2019
ރައްޔިތުންގެ ފައިސާ ފޭރުނަ ދީގެން ނުވާނެ.
ބަނީ
15 May 2019
ޢެށްވެސް މަސަތްކަތެށް ނުކޮށް ހަށްގު ނޫން ލާރިގަނޑެށް ދަމައިގަންނަން ވަރެށް އެބަހުޓެންނު ދޯ. ސާބަހޭ ދީބާޖާގެ ކުދިން ކޮޅަށް!
ޓޫރޯންގްސް
15 May 2019
އޭޖީ އޮފީހުގެ ބަޔާނުގައި ހުރީ ދޮގު ކަން ދީބާޖާ އިން ބުނާނަމަ އެކަން ޖެހޭނެއޭ ބަލަން އޭޖީން ދޮގު ހަދައިގެން ނުވާނެ ދިވެހި ވިޔަފާރި ވެރިއަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ އެއް ދޭން ސްޕްރީމް ކޯޓުން ހުކުމް ކުރުމުން އެކަން ޖެހޭނީ އެގޮތަށް ކުރަން އެއިރުން ދެން އަންނަ ސަރުކާރު ތަކަށް ވެސް ސަރުކާރުން ކުރާ އެއްބަސްވުން ތަކަށް އިހްތިރާމް ކުރާނީ އޭޖީ ރިއެކްޓް ކޮށްގެން ނުވާނެ ދީބާޖާ އަކީ ދުޝްމަނެއް ގޮތަށް ޓޫ ރޯންގްސް ޑޯންޓް މޭކް އަ ރައިޓް...