އައިިމިނަތުގެ އެންމެ ހަގު ދެ ކުދިން ގޮދަނޑިއެއްގެ މަތީގައި ނިދަނީ
31 މެއި 2019 - 21:43
ލ. ހިތަދޫ އާރާސްތުގެ އޭޑީކޭ ޓީމުގެ ލޮލުގައި އަޅައިގަތީ އެ ފަދަ ނިކަމެތި އާއިލާއެއް ހޯދުމަށް އެ މީހުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަނިކޮށެވެ. ބައްޕަގެ އެހީތެރިކަމާ ނުލައި މަންމަ ފަސް ކުދިން ގެންގުޅެމުން އަންްނައިރު އެ މީހުންގެ އެންމެ އަސާސީ ބޭނުންތައް ވެސް ނުފުދެ އެވެ. ކުދިން ސްކޫލަކަށް ނުދެ އެވެ. ގޭގައި ފާހާނާއެއް ނުހުރެ އެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ.
އެކަމަކު އޭޑީކޭގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެ އާއިލާ އަށް ވަނީ އުފާވެރިކަން ގެނުވައިފަ އެވެ. އެންމެ 13 ދުވަސްތެރޭގައި ގެ މަރާމާރުކޮށްދީ، ފާހާނާ އާއި ބަދިގެ އާއި ސިޓިންރޫމު ޒަމާނީ ފެންވަރަށް ވަނީ ބަދަލުކޮށްލައިފަ އެވެ.
އައިމިނަތާއި އޭނާގެ ދެކުދިން ކަނީ
ނިކަމެތި އާއިލާތަކަށް އެހީވުމަށް މި ފަހުން ކޮންމެ އަހަރަކު ވެސް އޭޑީކޭއިން ޕްރޮގްރާމްތައް ހިންގަ އެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން އުޅޭ އދ. އޮމަދޫގެ އާއިލާއަކަށް ގިނަ އެހީތައް ދީ ގެ މަރާމާތުކޮށްދީފަ އެވެ. މި އަހަރު ހިތަދޫގެ މި އާއިލާ ހިޔާރުކުރީ ބައެއް ރަށްރަށަށް ދަތުރުކޮށް، އެންމެ ދަތިހާލުގައި އުޅޭ ބައެއް ބެލުމަށް ފަހު އެވެ.
އާރާސްތުގޭގެ އާއިލާ އުޅެމުންދާ ހާލު، އޭޑީކޭގެ ޓީމަށް ވެސް ވަރަށް އަސަރު ކުރުވި އެވެ. މަންމައާ އެކު 18 އަހަރު ނުފުރޭ ފަސް ކުދިން އުޅެމުންދާއިރު، އާމްދަނީ ހޯދުމަށް ދޮށީ ދެ ފިރިހެން ކުދިން ދަނީ މަހަށެވެ. އެކަނިވެރި މައިންނަށް ދައުލަތުން ދޭ އިނާޔަތް، މަންމަ އައިމިނަތު މުހައްމަދަށް ލިބުނު ނަމަވެސް އެއިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅެއް ނުޖެހެ އެވެ. އާއިލާގެެ ނިކަމެތިކަމުން މީހުން މަލާމާތް ކުރާތީ ދެން ހުރި 13 އަހަރުގެ ފިރިހެން ކުއްޖާ ސްކޫލަކަށް ނުދެ އެވެ.
އައިމިނަތު އާއި އޭނާގެ އެންމެ ހަގު ދެކުދިން
އެންމެ ހަގަށް ތިބި، ދެ ކުދިން ނިދަނީ ކޮޓަރި ތެރޭގައި ތުނި ގޮދަޑިގަނޑެއް އަޅައިގެންނެވެ. މަދިރި އާއި ހިނި ފަދަ ދިރޭއެއްޗެހީގެ އުނދަގޫ އެ ކުދިންނަށް ބޮޑެވެ.
އައިމިނަތުގެ ހަތް ކުދިން ތިބޭއިރު އެންމެ ދޮށީ ދެ ދަރިން ވަނީ މީހުންނާ އިނދެގެން ގޮސްފަ އެވެ. އޭނާގެ ބައެއް ކުދިންގެ ބައްޕަ މަރުވެފައިވާއިރު އެހެން ކުދިންގެ ބައްޕަ ކަށަވަރެއް ނުވެ އެވެ، އައިމިނަތު ބުނިގޮތުގައި އޭނާގެ އެކަނިވެރިކަމާއި ނިކަމެތި ކަމުގެ ފައިދާ މިހާރު ވެސް މީހުން ނަގަ އެވެ. އޭނާ އަށް ފުރައްސާރަކޮށް، ޖިންސީ ގޯނާ ކުރެ އެވެ.
"އަހަންނަށް ގޯސްތައް ހެދިފައި އެބަހުރި. ބައެއް ގޯސްތައް ހެދެނީ މަޖުބޫރުވެގެން. އެކަމާ ހިތާމަ ވެސް ކުރަން،" އޭޑީކޭގެ މި އެހީތެރިކަން ގެނެސްދީފައިވާ ވީޑިއޯގައި އައިމިނަތު ބުނެ އެވެ.
އާރާސްތުގެ ކުރިން ހުރި ގޮތް
ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުންނަ އާރާސްތު ގޭގައި ކުރިން ހުންނަނީ ދެ ކޮޓަރި އާއި ގިފިއްޔެކެވެ. ފާހާނާއެއް ނުހުންނާތީ ހުރިހާ ކުދިންނާއި އައިމިނަތު ވެސް ފާހާނާ ކުރަން ދަނީ އަތިރިމައްޗަށެވެ.
ވީޑިއޯގައި ވާހަކަ ދައްކަމުން އައިމިނަތުގެ 17 އަހަރުގެ ދަރިފުޅު އަހުމަދު ނަބީހު ބުނިގޮތުގައި އެ މީހުން ދިރިއުޅެނީ އެކަކަށް ލިބޭ އެއްޗެހި އަނެކަކަށް ދީގެންނެވެ. އެ ދިރިއުޅުން އިތުރަށް ސިފަނުކޮށްދެވި އެ ހިސާބުން އޭނާއަށް ރޮވެ އެވެ.
ނަބީހު ބުނިގޮތުގައި އޭނާއަށް މިހިސާބަށް އާދެވިފައި ވަނީ މަންމަ ވީ ގުރުބާނީތަކުގެ ސަބަބުންނެވެ.
އޭޑީކޭއިން އާރަސްތުގެ މަރާމާތުކޮށްދެނީ
އޭޑީކޭ ކޮމްޕެނީގެ ސީނިއާ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވި ގޮތުގައި އައިމިނަތު އާއިލާއާ ބައްދަލުވެ، އެ މީހުންގެ ދިރިއުޅުން ހުރިގޮތް ފެނުމުން ވަރަށް އަސަރު ކުރި އެވެ. އެހެންވެ، އެ މީހުންނަށް އެހީވުމަކީ މަޖުބޫރުކަމެއް ކަމަށް ދެކިގެން މަސައްކަތް ފެށީ ވީއެންމެ އަވަހަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ގެ މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ދިހަ ދުވަސްތެރޭގައި މާލޭން ގެންގޮސް، މަސައްކަތް ފެށި އެވެ. ރޯދަ މަސް ފެށި، ވިއްސާރަ ވި ނަމަވެސް އެ މީހުންގެ މަސައްކަތަކަށް އެއްވެސް ބުރުލެއް ނާރުވަ އެވެ. އޭޑީކޭގެ މާކެޓިން ޑިޕާޓްމެންޓާއި ފާމަސިސްޓުންނާއި އެހެން މުވައްޒަފުން ވެގެން އެންމެ 13 ދުވަހުގެ ތެރޭގައި އެ ގެ މަރާމާތުކޮށް ނިންމާލި އެވެ. ފާހާނާއަކާއި ސިޓިންރޫމެއް ގެއަށް އިތުރު ކުރި މުޅި ގޭގައި ސިމެންތި ޖަހައި ކުލަ ލައި އަދި ތަށިމުށި ޖެހި އެވެ. ކޮޓަރިތަކުގައި އެންމެ މިޒަމާނުގެ ފަރުނީޗަރު ބެހެއްޓި އިރު، ބަދިގޭގައި ވެސް ކަބަޑު ސެޓު ބަހައްޓައި މުޅިން އާ ކުރި އެވެ.
އޭޑީކޭން އާރަސްތުގެ މަރާމާތުކޮށްދީފައި
"އަޅުގަނޑުމެން އެ މަސައްކަތް ކުރީ އެ އާއިލާ އެ މީހުންގެ މާމަ ގެއަށާއި އެހެން ގެތަކަށް ފޮނުވާލައިގެން. އެމީހުން ހިޔެއް ނުކުރޭ އެހާ އަވަހަށް އަޅުގަނޑުމެން އެކަންކޮށް ނިންމާލާނެ ކަމަކަށް،" "މިހާރު"އާ ވާހަކަ ދައްކަމުން ޖިނާން ވިދާޅުވި އެވެ.
އާއިލާ އެނބުރި ގެއަށް އައުމުން އެ މީހުންނަށް ލިބުނު ސަޕްރައިޒް ބޮޑެވެ. ޖިނާން ވިދާޅުވި ގޮތުގައި އެ އާއިލާއިން ތިބީ އެކަން ބަލައިގަންނަން ވެސް ނޭނގިފަ އެވެ. އެއީ ވަރަށް އަސަރު ގަދަ ވަގުތުކޮޅެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭޑީކޭއިން މަރާމާތުކޮށްްދިން ގޭގައި އައިމިނަތު އާއި އޭނާގެ ދެކުދިން ކުޅެނީ
އޭޑީކޭއިން ވަނީ 13 އަހަރުގެ ކުއްޖާ ސްކޫލަށް ވައްދައި، ސްކޫލަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހޯދައިދީފަ އެވެ. އަދި އެއް އަހަރު ވާންދެން އެ އާއިލާއަށް އެހީވުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ނިކަމެތި އާއިލާ އަށް އުފާވެރިކަން ގެނުވި މި ވީޑިއޯ އާއްމުން ވެސް ބަލައިގަތީ ޝުކުރާ އެކީގަ އެވެ. ގިނަ ބަޔަކު އެ ވީޑިއޯ ޝެއާކުރީ މިއީ އެ މީހުންނަށް ވެސް އަސަރުކުރުވި އަދި އުފާވެރިކަން ގެނެސްދިން މަސައްކަތެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ނަސީރު
02 June 2019
މީގެންއެގޭ އެއްޗަކީ ސަރުކާރުން މިބަހާފުލެޓުތައް ލިބެނީ ހަމުއްސަދިންނައް ނިކަމިން ތިބީ ހަމަނިކަމެތިންގެގޮތުގަ
ސާބަސް ހަމަ ސާބަސް
02 June 2019
ހަމަމިގޮތަށް ލޯނެއްނެގޭނެ ގޮތެއް ނެތި ގެދޮރު އަމާރާތް ނުކުރެވިފައި ވެސް ވަރަށް ގިނަ އައިލާތަށް އެބަތިބި އޭޑީކޭ އަދި އިތުރު ދެތިން ކުންފުނިވެގެން މިފަދަ އާއިލާތަކަށް ވެސް މިކަންކުރެވޭނެ މަގެއް ހޯދާވެއްވުމަށް ވިސްނެވުން ވެސް އެންމެ ރަނގަޅު ކަމަށް ދެކެން، ތިޔަ ކޮއްދެއްވި ކަންތަކައްވެސް ޝުކުރިއްޔާ
މުޙައްމަދު ހާން
02 June 2019
ޖަޒީރާ ރާއްޖެ އައިސް މިއޮތީ ކުރިމަތިވެފައި، ޖަޒީރާ ރާއްޖޭގައި ރަށު ރަށްޔަތުން ، އުޅެމުންދާގޮތް ދައުލަތުގެ ވެރީންނަށް ފެނޭބައި، މި ކަން އާންމު ރަށްޔަތުންނަށް ފެނިގެން ކަންބޮޑުވެ އެހީތެރިކަން ފޯރުކޮށްދޭއިރު، ކޮބައިތޯ ޖެންޑާ މިނިސްޓްރީ، ކަމަނާ އަދިވެސް ބޭރަށް ދަތުރެއްކޮށްޮލެވޭތޯ ބައްލަވާ، މިފަދަ ޢާއިލާއެއްގެ ނިކަމެތިކަން ނުފެނި މި މީހުން މިދަނި އުފަލުގައި ކުރެވުނު ކަމެއް ކުރަމުން
ޖެނެރަލް އަންދަރޭ
02 June 2019
މިޤައުމުގެ ވެރިކަން ހިސާން އާއި ހަވާލުކުރަނިކޮށް މިޤައުމުގެ ރަނގަޅުވެދާނެ.
ރަންދެލި
02 June 2019
އޭޑީކޭ އަށް ޝުކުރާއި ތައުރީފުގެ ބަސްތައް އޮހެމުން ދިޔަ އިރު އެ އާއިލާ ގެ 17 އަހަރު ގެ ޒުވާނާ ކުރާ ހިތްވަނީ ކޮން މަސައްކަތެއްތޯ ބަލާލާނެ މީހަކު ނެތުމަކީ ހިތާމައެކެވެ. އޭނާ އަށް ބޭނުންވާ ކުރު ތަމްރީނެއް ދީ އަވަސް ގޮތަކަށް ވަޒީފާ އަކާއި ހަމައަށް ދެވިއްޖެ ނަމަ އެ ތުއްތު ކުދިން ކޮޅު ގެ ކުރިމަގު އުޖާލާ ވާނެ ކަމަށް ގަބޫލު ކުރެވެއެވެ. ޔުނިވަރސަލް ގަރޫޕް އިން ބ އަތޮޅުގަ ހިންގާ ޓިވެޓް އިން އެ ޒުވާނާ އަށް ޖާގަ އެއް ދިނުމަށް ގޮވާލަމެވެ.
ޝަނޫނު
01 June 2019
މިކަހަކަންކަން ކޮށްދެވޭފެންވަރުގެ ވަރަށްގިނަ ކުންފުނިތައް ރާއްޖޭގައެބަހުރި އުއްމީދުކުރަނީ މިނިކަމެތިއާއިލާތަކުގެ ކާރިޔަށްގޮސް ވީހާވެސްގިނަބަޔަކުނިކުމެ އެހީތެރިކަން ފޯރުކޮށް ދެއްވުމެވެ.އޭޑީކޭއިން މިދެއްކީ އިންސާނިއްޔަތު ކަމުގެ ވަރަށްބޮޑު މިސާލެކެވެ.
ކުންނާރު
01 June 2019
???????ވަރަށް އުފާވެރި ޚަބަރެއް. އޭޑީކޭ އަށް ޝުކުރު ހައްޤު. ??????
ޓީރެކްސް
01 June 2019
މީރާއިން ނަގާފައިސާއިން އެންމެ ފުރަތަމަ ހަރަދުކުރަންވީ މިކަހަލަ ކަންކަމަށް އޭރުންދޯ އަހަރުމެންގެ ޤައުމަށް ބަރަކާތް ކިޔާ އެއްޗެއްވެސް ލައްވާނީ.
ހާމިދު ޝާހިދު
01 June 2019
ރައީސް ޔާމީނުގެ ސަރުކާރުން ޒަކާތު ފަންޑުން މިސްކިތްތަކަށް ހިދުމަތް ކުރުމަށާއި، ބައެއް ކުދިންގެ ބޯންމެރޯ ހެއްދުންފަދަ ބޭސްފަރުވާގެ ކަންކަމާއި، ބައެއް މީހުންގެ ދަރަނި އަދާކުރުމަށް ބޭނުންކުރެވުނު. އެކަމަކު މިހާރު ގެ ސަރުކާރުން ބުނަނީ، ޒަކާތު ފަންޑު އެގޮތުގައި ބޭނުން ނުކުރެވޭނެކަމަށް. ރާއްޖޭގައި ތިބި މިފަދަ އެތައް އާއިލާއަކަށް އެފަންޑުން މިފަދަ އެހީތަކެއް ވެދެއްވިއްޖެއާ ކިހާ ރަނގަޅު.
ފަރުނީޗަރު
01 June 2019
އަޅުގަޑަށް އެނގިފައި އޮތްގޮތުން ތިގެޔަށް ބޭނުންވާ ހުރިހާ ފަރުނީޗަރު ދިނީ ދަމާސް އިން. އެވާހަކަ ނާންނާތީ ހަމަބުނެލީ.