މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ: އޭނާ ވަނީ ކޯޓުގައި ހޭފުޅުނެތިގެން ވެއްޓިވަޑައިގެން ފަހުން އަވަހާރަވެފައި
17 ޖޫން 2019 - 21:25
ސިފައިންގެ ބަގާވާތަކުން ވެރިކަމުގެ ދުރުކުރި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ، ކޯޓު ތެރޭގައި މިއަދު އަވަހާރަވެއްޖެ އެވެ.
ޖާސޫސްކުރުމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި މުރުސީ، 67، އަވަހާރަވީ ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ހޭފުޅުނެތިގެން ވެއްޓިވަޑައިގެން ފަހުން ކަމަށް، މިސްރުގެ ގައުމީ ޓީވީން ރިޕޯޓްކުރި އެވެ.
މިސްރުގެ ހުދުމުހުތާރު ވެރިޔާ ހުސްނީ މުބާރަކުގެ ދިގު ވެރިކަން އާންމުން މަގުތަކަށް ނުކުމެ، ނިމުމަކަށް ގެނައި ފަހުން ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރައްވައި 2012 ގައި ވެރިކަމަށް ވަޑައިގަތެވެ. އޭނާއަކީ މިސްރުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރި ފުރަތަމަ ރައީސް އެވެ.
އެކަމަކު އޭނާގެ ވެރިކަމަށް އަހަރެއް ވީތަނާ އާންމުން މަގުތަކަށް ނުކުތުމާ އެކު ސިފައިން އަޑީގައި ތިބެގެން ވެރިކަމުން ދުރުކުރުވި އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޖަލުގަ އެވެ.
"ހަށިކޮޅު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި. އަދި ކުރަން ޖެހޭ ކަންކަން ދަނީ ކުރިއަށް،" ނީލް ނިއުސް އިން ބުންޏެވެ.
މުރުސީގެ މައްޗަށް 20 އަހަރުގެ ޖަލުގެ ހުކުމް އޮތީ އިއްވައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ވެރިކަމާ ދެކޮޅަށް ނުކުތް ބައެއް މީހުންގެ މަރުގެ ޒިންމާ އެޅުވުމާއި ބޭރުގެ ބައެއް ގައުމުތަކަށް މިސްރުގެ ސިއްރު މައުލޫމާތު ފޯރުކޮށްދެއްވުން ހިމެނެ އެވެ. މިއަދު ކޯޓަށް ގެންދިޔައީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ބައެއް މީހުންނާ އެކު އޮތް ސިއްރު ގުޅުންތަކާ ގުޅުވައިގެން އުފުލި ދައުވާތަކަށެވެ.
ޝަރީއަތެއްގެ އަޑުއެހުމުގައި މުރުސީ: ވެރިކަމުން އޭނާ ދުރުކުރީ ސިފައިން
މުރުސީއާ މެދު މިސްރުގެ ސަރުކާރުން ކަންކުރާ އިހާނެތި ގޮތްތަކާ ބެހޭ ގޮތުން އޭނާގެ ހަގު ދަރިކަލުން އަބްދުﷲ ގެންދަވަނީ ކުރިންސުރެ ވެސް ވާހަކަ ދައްކަވަމުންނެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި މުރުސީގެ ލޭ މައްޗަށް ދިއުމާއި ހަކުރު ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުދެ އެވެ. ޖަލުގައި ހުންނަވަނީ އެކަހެރިކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިއަ އަހަރު ވޮޝިންޓަން ޕޯސްޓްގައި އަބްދުﷲ ލިއުއްވި މަޒުމޫނެއްގައި ވިދާޅުވީ މިސްރު ސަރުކާރުން އެގޮތަށް ކަންތައް ކުރަނީ ހަމަ ގަސްދުގައި ކަމަށެވެ. ބޭނުމަކީ ގުދުރަތީ ގޮތުން ވީހާވެސް އަވަހަކަށް މަރުސީ އަވަހާރަކޮށްލުން ކަމަށް ވެސް އޭނާ ލިއުއްވި އެވެ.
މުރުސީ އުފަންވެވަޑައިގަތީ އަލް-އަދުވާ ވިލެޖަށެވެ. ކެއިރޯ ޔުނިވަސިޓީގައި، 1970ގެ އަހަރުތަކުގައި އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ޕީއެޗު.ޑީ ފުރިހަމަކުރައްވަން އެމެރިކާއަށް ވަޑައިގަތެވެ.
ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމާ އެކު 2012 ގައި އޮތް އިންތިހާބުގައި މުސްލިމް ބްރަދަހުޑްގެ ކެންޑިޑޭޓްކަން ލިބިވަޑައިގަތެވެ.
މުރުސީގެ ވެރިކަމާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުންނަން ފެށީ އިސްލާމީ ހަރުކަށި ވިސްނުމުގެ މީހުން މިސްރުގެ ސިޔާސީ ދާއިރާއަށް އަތްގަދަކުރުމުގެ ފުރުސަތު ދެއްވުމާއި އިގުތިސާދު ހަމަޔަކަށް އެޅުއްވޭވަރު ނުވުމުން ކަމަށް، ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މިސްރުގެ އެކި ސަރަހައްދުތަކަށް އެތައް މިލިއަން ބަޔަކު ނުކުމެ، މުރުސީގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަން ފެށީ އެ ވެރިކަމަށް އަހަރެއް ފުރުނު ދުވަސް ކަމަށްވާ ޖޫން 30، 2013 ގަ އެވެ.
މިސްރުގެ ގާނޫނުއަސާސީ އުވާލައި، މުރުސީ ވެރިކަމުން ދުރުކުރުވީ ޖުލައި 3 ގައި ސިފައިން ނުކުމެ އެވެ. އަދި އާ އިންތިހާބެއް ބޭއްވުމުގެ ކުރިން އިންތިގާލީ ސަރުކާރެއް ގާއިމްކުރި އެވެ. އޭގެ ފަހުން މުރުސީ ހުންނެވީ ޖަލުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން އެމް
18 June 2019
انا لله وانااليه راجعون ..ޔާ ﷲ! އިބަ އިލާހުގެ ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގޭގައި ލައްވާށި! އާމީން...
އައިމިނާ
18 June 2019
މީސްތަކުންނޭ! މިއީ ކުޑަކަމެއްނޫން.
ހޮޓްކިންގ
18 June 2019
މުރުސީއަކީ ކުރީގެ ރައީސެއްނޫން. އަވަހާރަ ވުމާއި ޖެހެންދެންވެސް މިސްރުގެ ޤާނޫނީ ޑިމޮކްރަޓިކް ރައީސަކީ އެއީ. ސީސީއަކީ އެމެރިކާއާއި ޒަޔަނިސްޓުންގެ އަނިޔާވެރި އޭޖެންޓެއް.
އައްޑޫ ބެއްޔާ
18 June 2019
އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން. ވަކިވެ އެދިޔައީ އުއްމަތުގެ އަގުހުރިދަރިއެކެވެ. ޖައްބާރު އަނިޔާވެރިއެއްގެ ކުރިމަތީ މުސްލިމަކު ކުޑަކަކޫނުޖަހާނެކަމުގެ ވަރުގަދަ މެސެޖްދެއްވި ބަޠަލެކެވެ. ރައްޔިތުންގެ ޙައްޤުގައި އެންމެ ތަންފުކެއްވެސް ދޫ ނުދެއްވި މުވާޠިނެކެވެ. ދީނަށްޓަކާ ފަސްނުޖެހުނު މުޖާހިދެކެވެ. މުރުސީ އަކީ މިއަދު ތާރީޚެވެ. އެހެނަސް އަންނަންއޮތް ޒަމާންތަކަށް ރިވެތި މިސާލު ދެއްކެވި މާތް އިންސާނެކެވެ. މާތް ﷲ އެފުރާނަޔަށް ޜަޙުމަތް ލައްވާށި.
ކަނބިލި
18 June 2019
މިއީ ޑިމޮކްރަސީއޭ ކިޔައިގެން ހުޅަގާއި އެމެރިކާއިން ދައްކާ ވާހަކަތަކުގެ ބުރަދަނެއް ނެތް ކަމުގެ ހެއްކެއް. ރައްޔިތުންގެ ޑިމޮކްރަޓިކް އިންތިޚާބަކުން މިސްރުގައި ހޮވުނު ފުރަތަމަ ރައީސް ވެރިކަމުން ވައްޓާލާ ޖަލަށްލާ ޖަލުގައި އަވަހާރަވީ. ހުޅަގުގެ ގައުމުތައް ހިމޭނުން.ހުޅަގުގެ މީޑިއާވެސް ހިމޭނުން. މިސްރުގެ ރައީސްކަމުގައި އަސްކަރީ ބާރުން ހުރި ސީސީ ހަމަ ރަނގަޅު. އޭނާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ގުޅިގެން ފިޔަވަޅެއްވެސް ނޭޅޭ.
ހިތާމަ
18 June 2019
މާތް ﷲ އެފުރާނަ ޔަށް ޖަންނަތުލް ފިރުދައުސް މިންް ވަރު ުރައްވާށި އާމީން
ކަކުނިބޯ
18 June 2019
ކޮމެންޓްތަކުން އެގުނީ ދިވެހިން ވަރަށްލޯބިވާކަން މުރުސީދެކެ. އަޅުގަޑުވެސް ވަރަށްް ލޯބިވޭ. انا لله وانااليه راجعون ..ޔާ ﷲ! އިބަ އިލާހުގެ ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގޭގައި ލައްވާދޭވެ! އާމީން...
ހަސަން
18 June 2019
ސަހީދް މުރުށީ ޑިމޮކްރަސީގެ ދަށުން ވެރިކަށްމަ އައިސް އިސްލާމީ ސަރީއަތް ގެނެވުމައްޓަކާ މަސައްކަތް ފެއްޓެވި ހިސާބުން އެމެރިކާ ސަރުކާރަށާ އިނގިރޭސި ސަރުކާރައް ކެތް ނުކުރެވިގެން އެދެގައުމް އަޑީގަ އޮވެގެން އެމީހުންގެ ދަރި އިޒްރެއިލް ރުއްސަން ވެގެން ސަހީދް މުރުށީގެ ވެރިކަން ވައްޓާލާ މުރުށީ ސަހީދު ކޮލެއްވީ
ފަލާހު ގުރައިދޫ
18 June 2019
3 އަހަރު ރައިސްކަން ކުރި ސޮރުވެސް ނިމިދާނީ މިހެން.
ދޮން ބުޅާ
18 June 2019
އޮޅުނީ ދޯ..ޔާމީން ވެރިކަން ކުރި 5 އަހަރު.
ޑުަމަ
18 June 2019
الله سبحانه وتعالى މުސްލިމުންގެ ހިއްވަރުގަދަ ލީޑަރު ( މުޙައްމަދު މުރުސީ) އަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވާނދޭވެ. آمين يارب العالمين ?? “??”