ރިޕޯޓް / ހައްޖު 2016

ނޫރީބެ، ޕޮޕްކޯން ގާޑިޔާ ދޮށުން ގެފުޅާ ހަމައަށް

ނޫރީބެ، މައްކާގެ ރިފާއު ހޮޓަލުގައި "މިހާރު" އަށް އިންޓަވިއު ދެނީ. --މިހާރު ފޮޓޯ އަލީ އަހްސަން

ގިނަ މީހުން ހައްޖުގެ އަޅުކަމަށް އަންނަނީ ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށް ފައިސާ ޖަމާކޮށްގެންނެވެ. އޭގެ ތެރޭގައި ވަރަށް ބުރަ މަސައްކަތްތަކާއި ލުއިފަސޭހަ އިދާރީ މަސައްކަތް ކޮށް އެތައް އަހަރަކުން ފައިސާ ޖަމާކޮށްގެން ހައްޖަށް އައި މީހުން މިއަހަރު ވެސް މަދެއް ނޫނެވެ.

އޭގެ ތެރެއިން ވެސް، މުހައްމަދު ނޫރީ (ނޫރީބެ) އަކީ ފާހަގަ ކޮށްލެވޭ އެކަކެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި 1،000 މީހުން ތިބޭ ހޮޓަލުގައި ވެސް މިހާރު ނޫރީބެގެ ރައްޓެހިން ގިނަ އެވެ. އަދި ހައްޖަށް އައިސް އުޅޭ އެހެން ގައުމުތަކުގެ ބައެއް މީހުންނާ އެކު ވެސް މިހާރު ނޫރީބެގެ ރައްޓެހިކަން އޮވެ އެވެ. އެއީ އޭނާގެ އެކުވެރިކަމާއި ހިތްހެޔޮ މިޒާޖުގެ ސަބަބުންނެވެ. އުފަން ރަށް ފުވައްމުލަކުގައި ވެސް އެއީ ކުދިބޮޑު އެންމެންގެ ނޫރީބެ އެވެ.

އޭނާގެ ފާހަގަކޮށްލެވުނު އެންމެ މުހިންމު ކަމަކީ، ހައްޖަށް އައުމަށް އޭނާ އާމްދަނީ ހޯދި ގޮތެވެ. މެދުނުކެނޑި 24 އަހަރު ވަންދެން ޕޮޕްކޯން ވިއްކައިގެންނެވެ. އޭނާ ޕޮޕްކޯން ވިއްކުމުގެ މަސައްކަތް ފެށީ، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮފި ހުޅުވި އަހަރު އެ ބޭންކުގެ ވަޒީފާއާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

"ބޭންކްގެ މެނޭޖަރު ޝަރީފް ބޭނުންވީ އަހަރެން ލައްވާ ޕާޓްޓައިމް މަސައްކަތެއް ކުރުވަން. އެއް ރޭ ޝަރީފްގެ ގޭގައި ޑިޝް އެއްޓަނާއެއްގެ މަސައްކަތް ކުރަން ގޮސް އުޅެނިކޮށް ޝަރީފް ވިދާޅުވެއްޖެ އޭ ނޫރީއޭ، އެބަ އޮތޭ ޕާޓްޓައިމްކޮށް ކުރަން ރަނގަޅު މަސައްކަތެއް. އެއީ ކޮން ކަމެއްހޭ ބުނީމާ ވިދާޅުވެއްޖެ ޕޮޕްކޯން ވިއްކުމޭ. ތިމަންނަ ނޫރީ ލައްވަ މިކަން ކުރުވަން ބޭނުމޭ. ޝަރީފް އެ ވާހަކަ ދެއްކީމާ މަވެސް ވަރަށް ޝައުގުވެރި ވެއްޖެ،" އާދައިގެ ވަޒީފާއެއްގައި ބޭންކަށް ވަދެ މިހާރ މެސެންޖަރެއްގެ މަގާމުގައި ހުރި ނޫރީބެ ބުންޏެވެ.

ނޫރީބެ، މައްކާގެ ހަރަމްފުޅު ތެރޭގައި ސެލްފީއެއް ނަގަނީ.

މެނޭޖަރުގެ އެ ހުށަހެޅުން އަންހެނުންނާ ހިއްސާ ކުރީމާ އަންހެނުން ފުރަތަމަ ހެދީ ދެކޮޅެވެ. ނަމަވެސް ނޫރީބެ އާއި ބޭންކުގެ މެނޭޖަރު އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން އަންހެނުން ހައްލައިލި އެވެ.

"ދެން ޝަރީފް އަހަރެމެން ލައްވައި ލޯނެއް ނަންގުވައިގެން، އެހެން މީހަކު ރަށަށް ގެންގޮސްފައި ހުރި ޕޮޕްކޯން މެޝިނެއް ފުރަތަމަ ގަތީ. އެ މެޝިން ގެންގޮސް ގޭގައި ބެހެއްޓީ. އަންހެނުން ގަބޫލެއް ނޫން އެ ހިފައިގެން ތަނަކަށް ދާކަށް. އެހެން ހުރެ ދެ އަހަރު ވީ ފަހުން އެއް ދުވަހަކު މަ ހެދި ގޮތަކީ އެ ހިފައިގެން ގޮސް މާދަނޑު އަވަށުގެ ބޯޅަދަނޑުގެ އެއްކޮޅުގައި ހުންނަ ގެއެއް ދޮށުގައި ބަހައްޓައިފިން. އެ ތަނުގައި ހުރި ގެއަކުން ކަރަންޓު ނަގައިގެން މެޝިން ޖައްސައިގެން ފެށީ. އެ ތަނުގައި ބެހެއްޓީމާ ވަރަށް ރަނގަޅަށް ޕޮޕްކޯން ވިކެން ފަށައިފި."

ނޫރީބެ ބުނި ގޮތުގައި އެ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 1500 ރުފިޔާ އަދި ޖެހިގެން އައި ދުވަހު ދެ ހާހެއްހާ ރުފިޔާ ލިބުނެވެ. ޕޮޕްކޯން ވިއްކަން ދަނޑު ކައިރި އަށް ނުކުންނަނީ ހަވީރު ވަގުތުގަ އެވެ. ފިރިމީހާ ދެކެ ވާ ލޯތްބެއްގެ ސަބަބުން، ޕޮޕްކޯން ވިއްކަން ފިރިމީހާ ނުކުންނަށް ދެކޮޅު ހެދި ކަމުގައި ވިޔަސް، އެ ވިޔަފާރީގެ ތެރޭގައި އަންހެނުން ވެސް ފަހުން ބައިވެރިވި އެވެ. ނޫރީބެގެ ގާޑިޔަލުން ލިބެން ހުންނަ ހިލި ބޭސް ފަދަ ތަކެއްޗަކީ އަންހެނުން ހަދާފައި ހުންނަ އެއްޗިއްސެވެ.

ހައްޖަށް އައިސް އުޅޭ ބޭރު ގައުމެއްގެ މީހަކާ ނޫރީބެ، މައްކާގައި ވާހަކަ ދައްކަނީ. --މިހާރު ފޮޓޯ އަލީ އަހްސަން

"ފަށައިގެން އިރު ހެދި ގޮތަކީ ދަމާ ގާޑިޔަލެއް ތައްޔާރުކުރީ. އޭގައި މެޝިން ބަހައްޓައިގެން ޕޮޕްކޯން ވިއްކަމުން އައީ. ދެން ދުވަސްކޮޅަކުން އެ ގާޑިޔާ ދޫކޮށްލާފައި ބައިސްކަލެއް ހޯދައިގެން އެއަށް ބަދަލުތަކެއް ގެނެސްގެން ޕޮޕްކޯން ކޮތަޅުތައް ހިފައިގެން ވިޔަފާރި ކުރެވޭ ގޮތަށް އެއްޗެއް އީޖާދު ކުރީ. އެއްޗެހި އެރުވޭ ގޮތަށް ފަހަތުކޮޅުގައި ގެގަނޑެއް ލާފައި، ލައުޑްސްޕީކަރެއް ހަރުކޮށްފައި ހެދީ. އޭގެ ފަހުން 15 ވަރަކަށް އަހަރު ވަންދެން އުޅުނީ އެ ބައިސްކަލުގައި. މިދިޔަ ޝައުބާން މަހުގެ 29 ވަނަ ދުވަހު އެ ބައިސްކަލް ދޫކޮށްލީ. އޭގެ ފަހުން ގަތީ ބެޓެރިން ދުއްވާ ގާޑިޔަލެއް. މިހާރު އޭގައި މަސައްކަތް މި ކުރަނީ."

ނޫރީބެ ޕޮޕްކޯންގެ ވިޔަފާރި ފެށި އިރު ޒުވާރި ބަސްތާއެއް މާލެ އިން 150 ރުފިޔާ އަށް ލިބެ އެވެ. ނަމަވެސް މިހާރު 20 ކިލޯގެ ޒުވާރި ބަސްތާއެއްގެ އަގަކީ 580ރ. އެވެ. އަގު ބޮޑުވިޔަސް ޕޮޕްކޯން ހެދުން ދޫކޮށް ނުލައި އޭނާ ޕޮޕްކޯން ގާޑިޔާ ފުވައްމުލަކުގެ މަގުތަކުގައި ދުއްވަމުން ދިޔައީ އެހެން ހިދުމަތަކާ ވެސް އެކުގަ އެވެ.

"ޕޮޕްކޯން ވިއްކަމުން ރަށު ތެރޭގައި ބައިސްކަލުގައި ދާނީ އޭގައި ހުންނަ ލޯޑުން އިޝްތިހާރު ވެސް ގޮވަމުން. މިސާލަކަށް ޖީނާ ފިހާރައިގެ އިސްތިހާރެއް ގޮވާ ނަމަ، "ޖީނާ ޔަހާނ، މަރްނާ ޔަހާނ" މި ލަވަ ކިޔާލާފައި، އެ ފިހާރައިގައި ހުންނަ އިލެކްޓްރޯނިކް ސާމާނާ އެ ތަނުން ވިއްކާ އައިޓަމްތަކުގެ ވާހަކަތައް ކިޔާލަނީ. ކޮންމެ އިޝްތިހާރެއް ވެސް ހުންނާނީ ލަވަޔަކާ ގުޅުވާފައި. އެއީ ހަމަ ވަގުތުން ވަގުތަށް މައިކުން ކިޔާ އިޝްތިހާރުތަކެއް. އެއްޗެއްގައި ލިޔެ ބަލައިގެން ކިޔަނީކީ ނޫން، ނޫނީ ރެކޯޑްކޮށް ޖަހަނީކީ ވެސް ނޫން." ހަލާލު ކޮންމެ ކަމަކީ ރީތި މަސައްކަތެއްގެ ގޮތުގައި ދެކޭ ނޫރީބެ ބުންޏެވެ.

"އިޝްތިހާރަކަށް މަހަކަށް ވިއްޔާ މި އޮންނަ އަގަކީ 3،000 ރުފިޔާ. ވަތަނިއްޔާ މީހުން ވެސް އަހަރެން ލައްވާ އިޝްތިހާރު ކިޔުއްވި މި ގާޑިޔަލުގައި އުޅޭ އިރު. އޭރު އެ މީހުން ދިން މަހަކު 4،000 ރުފިޔާ. ފަހުން އެ އަގު ބޮޑުވެގެން އެމީހުން ހުއްޓައިލީ. މިހާރު އޮންނާނެ ގޮތަކީ އެންމެ ދުވަހަކަށް ވިޔަސް 3،000 ރުފިޔާ އަށް ނޫނީ އިޝްތިހާރެއް ގޮވައިނުދޭ ގޮތަށް. މަސްދުވަހަށް ވިޔަސް ހަމަ އެ އަގަށް. އެ ކަމުން ވެސް ވަރަށް ފައިސާ ލިބޭ." ނޫރީބެ ބުންޏެވެ.

ނޫރީބެ ބޭންކުގެ މަސައްކަތް ނިންމާފައި ގެއަށް ދާއިރު އަންހެނުން ހުންނާނީ ޕޮޕްކޯންގެ ވިޔަފާރި އަށް ނޫރީބެ އަށް އަތް ގާތްކޮށްދީފަ އެވެ. އެހެންކަމުން އޮފީހުން ގެއަށް ދާ ގޮތަށް ނޫރީބެ އަރާނީ ޕޮޕްކޯން ގާޑިޔަލަށެވެ.

ނޫރީބެގެ ދެމަފިރިން ހައްޖަށް ފުރި ދުވަހު، ހުޅުލޭގައި ދަރިފުޅަކާ އެކު ފޮޓޯއެއް ނަގަނީ.

"ކޮންމެ ދުވަހަކު އޮފީސް ނިންމާލާފައި ގެއަށް ގޮސް ހެދުން ބަދަލުކޮށްލައިގެން އެވީ ނުކުންނަން. މަ ގެއަށް ދާއިރު އަންހެނުން ހުންނާނީ ގިނަ ދުވަސް ދުވަހު ކޮތަޅުތަކަށް އެއްޗެހިތައް އަޅާފައި. ދެން މެޓަޔާ އެހެން އެއްޗެހި ގާޑިޔަލަށް އަރުވައިގެން އެވީ ނުކުންނަން. ގެއިން ނުކުންނަ ގޮތަށް މުޅި ރަށުގައި ދުއްވާނީ. ގާޑިޔަލުގައި ހުންނާނީ ލަވަ ޖަހާފައި.

"އެކަމު ނޫރީބެ މިހާރު ބޭނުންވަނީ، ހައްޖަށް ފަހު އެކަން ވެސް ބަދަލު ކޮށްލާށެވެ. އެއީ އޭނާ ގަބޫލުކުރާ ގޮތުގައި ހައްޖުގެ އަޅުކަމާ އެކު މީހާގެ މުޅި ދިރިއުޅުން އައު ފެށުމަކުން ފެށެނީ ކަމަށް ނޫރީބެ ގަބޫލުކުރާތީ އެވެ.

"މިހާރު މި ޚިޔާލު ކުރަނީ މައްކާ އިން ދާއިރުގައި އަރަބި މަދަހަކޮޅެއް ހޯދަން. ދެން ގާޑިޔަލުގައި ލަވައިގެ ބަދަލުގައި މަދަހަ ޖަހާނީ."

ނޫރީބެ ބުނި ގޮތުގައި ޕޮޕްކޯން ވިއްކައިގެން ލިބުނު އާމްދަނީން ޚަރަދު ނުކޮށް ބެހެއްޓި ނަމަ މިއަށް ވުރެ މާ ކުރިން ހައްޖަށް އާދެވުނީހެވެ. އެހެންކަމާ އެކު ވެސް، ދެމަފިރިން ހައްޖަށް އައުމަށް ކުރި ހޭދައިގައި އެންމެ ބޮޑަށް ހިއްސާވާނީ ޕޮޕްކޯން ވިއްކައިގެން ލިބުނު އާމްދަނީ ކަމަށް ނޫރީބެ ބުނެ އެވެ.

ނޫރީބެ ޕޮޕްކޯންގެ ވިޔަފާރީގައި ބޭނުންކުރާ ގާޑިޔަލުގައި އޭނާގެ ދަރިއަކު.

ކައިވެންޏަށް 40 އަހަރުވެ އުފަން ހަތް ދަރިންނާއި ކާފަ ކިޔާ އަށް ކުދިން ތިބި ނޫރީބެ ބުނާ ގޮތުގައި އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވުމެވެ.

"ކުދިން ލިބުނީމާ މަ ޚިޔާލު ކުރީ އަހަރެންގެ ކުދިންނަކީ ފުވައްމުލަކުގައި ބޮޑުވާ ނަންބަރު އެއްވަނަ ކުދިންނަށް ހަދަން. އެ މަގްސަދު ހާސިލުވެފައި އޮތީ. ވައްކަން ކޮށް ފަތް ބޮއެ ސިނގިރޭޓް ބޯ އެންމެ ދަރިއެއް ވެސް ނުހުންނާނެ، ހަތް ފިރިހެން ކުދިން ލިބި ބޮޑު ކޮށްފަ ތިބި އިރު ވެސް. އެއީ ވަރަށް އުފާކުރާ ކަމެއް. ހުރިހާ ދަރިން ބޮޑުކޮށްފައި އެ ތިބީ އަމިއްލަ މަސައްކަތުން ހޯދި ފައިސާ އިން."

ނޫރީބެ ބުނާ ގޮތުގައި މި އަހަރުގެ ހައްޖު ނިންމާފައި، އަންނަ އަހަރުގެ ރޯދަމަހުގެ އުމްރާ އަށް ވެސް ދެމަފިރިން އައުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެއީ ވެސް ޕޮޕްކޯން ވިއްކައިގެން ލިބޭ އާމްދަނީންނެވެ.

"އަހަރެން ގަސްދުކޮށްގެން މި ހުރީ ދެމަފިރިން މި ހައްޖު ނިންމާފައި ގޮސް، އަންނަ ރަމަޟާން މަހު ވެސް އުމްރާ އަށް އައުމަށް. ޕްރޮވިޑެންޓް ފަންޑުގައި ވެސް ފައިސާ ހުންނާނެ ތިން ލައްކައެއްހާ ރުފިޔާ ރައްކާކޮށްފައި. އެކަމަކު ހަމަ އެ ފައިސާ ނުނަގައި ރަށަށް ގޮސް އަނެއްކާ ވެސް ޕޮޕްކޯން ވިއްކައިގެން އިރާދަ ކުރެއްވިއްޔާ ފައިސާ ހޯދައިގެން ރޯދަ މަހު އުމްރާ އަށް އަންނާނަން. އެ ވަރަށް ފައިދާ ލިބޭނެ މި މަސައްކަތުން،" އިތުބާރާ އެކު ނޫރީބެ ބުންޏެވެ.

ނޫރީބެ، މައްކާގެ ރިފާއު ހޮޓަލުގައި "މިހާރު" އަށް އިންޓަވިއު ދެނީ. --މިހާރު ފޮޓޯ އަލީ އަހްސަން

ނޫރީބެ ބުނި ގޮތުގައި އޭނާގެ ދަރިންނަކީ ވެސް އޭނާ ފަދައިން އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާ ކުރަމުން އަންނަ ދަރިންނެވެ. ހުރިހާ ކުދިން ވެސް ރަނގަޅު ވަޒީފާތަކުގައި އުޅޭ އިރު، ފުވައްމުލަކުގައި އެންމެ ގިނަ ކާރު އޮންނާނީ ވެސް ނޫރީބެގެ ގޭގައި ކަމަށް އޭނާ ބުންޏެވެ. އެއީ އޭނާގެ ދަރިފުޅު ސައީދު ޓެކްސީގެ ގޮތުގައި ގެންގުޅޭ ތިން ކާރާއި ވޭނެކެވެ. އަދި ބައެއް ކުދިން އުޅެނީ ރިސޯޓްތަކުގެ މަތީ މަގާމުތަކުގަ އެވެ.

ހައްޖުގެ އަޅުކަމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ މައްކާ އިން މިނާ އަށް ދަތުރު ކުރާ އިރު، ނޫރީބެ މިހާރު ވަނީ އެނބުރި މާލެ ދާންވާ އިރަށް ހަދިޔާ ގަނެ ތައްޔާރުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ފޮށި ފުރެންދެން ހުންނާނީ ކާފަ ދަރިންނަށް ގެންދާ ހަދިޔާ އެވެ. އެއީ އުފަން ދަރިންނެކޭ އެއްފަދައިން ކާފަ ދަރިން ވެސް ނޫރީބެގެ ދެމަފިރިން ދެކެ އެހާ ލޯބިވާތީ އެވެ.

24 ކޮމެންޓް, 265 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ްްްޢަހުމަދު

10 September 2016

7 ފިރިހެން ދަރިން؟ ކޮބާ އަންހެން ދަރީގެ ވާހަކަ!!؟

The name is already taken The name is available. Register?

އަލީ ނަސީރު

09 September 2016

ދެރަކަމެއް. މުޅި އުމުރު ދުވަހު ހޯދި ލާރިކޮޅު، ގޮސް ޖަމަލުން ކޮޅަކައް ހަދިޔާ ކުރުމުން.

The name is already taken The name is available. Register?

ޔަނާލް

11 September 2016

ބަލަ ނޫރުބެ އެދިޔައީ ހައްޖު ވާޝޭ. އެއީ އިސްލާމް ދީންގެ ފަސްވަނަ ރުކުން. ނޫރީބެޔަށް ހައްޖަށް ހަރަދު ކުރި ވަރަށް ވުރެ އިތުރަށް ދެއްވަން އޭނާގެ ވެރިރަސްކަލާންގެ ކުޅަދުންވަންތަ. އެކަލާނގެއީ އެކަލާނގެ އަޅުންނަށް އެންމެ އޯގާވަންތަ ރަސްކަލާނގެ. ތިބާޔަށް އެކަލާނގެ ތެދު މަގުދައްކަވާށި. ނޫރުބެ އަށް ހެޔޮ ރަހުމަތްލައްވާށި.

The name is already taken The name is available. Register?

އާމިނަތު

09 September 2016

ނޫރީބެ އަށް ހަލާލު ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެއް ކަމުގައި ވިސް ނައިދެއްވާ މިފަދަ މަސައްކަތެއް ފެށުމަށް ހިތްވަރު ދެއްވާ ނަފްސަށް އިތުބާރު ހޯއްދަވައިދެއްވި ބެންކް މެނޭޖަރަށްވެސް ﷲ ރަހްމަތް ލައްވާ ނޫރީބެގެ ދެމަފިރިންނަށް މަބްރޫރު ހައްޖެއް މިންވަރު ކުރައްވާށި. އާމީން

The name is already taken The name is available. Register?

ލަބީދު

09 September 2016

ގައުމެގެ ވެރިޔާ ވެސް އިބުރަތް ހާސިލް ކުރަންވީ މިކަހަލަ މީހުންގެ ކިބައިން

The name is already taken The name is available. Register?

އަހުމަދު

08 September 2016

ޕޮޕްކޯން މީ ޕޮޕްކޯން މީ ނޫރީ ވިއްކާ ޕޮޕްކޯން މީ. އެއްމެ ރަހަމީރު ޕޮޕްކޯންމީ. މިލަވަ އަދިވެސް ހަނދާން އެބަހުރި. ނޫރީބެ ވިއްކާ ފޮނިޕޮޕްކޯން ހާދަމީރޭ. ސްކޫލް ދުވަސްކޮޅުމަތިން ހަނދާންވަނީ. ނޫރީބެއަށް ދެނުނިޔޭގައި ﷲ ރަހްމަތް ލައްވާދޭ. އާމީން

The name is already taken The name is available. Register?

ޝިނާޒު

08 September 2016

ކޮބާތޯ މަބްރޫރު ހައްޖަކީ...ކޮންމެވެސް ބޭފުޅަކު ތަފޮސީލެއް ދެއްވުން އެދެން.

The name is already taken The name is available. Register?

ހަސަނު

08 September 2016

ނޫރީ އަކީ މުޙައްމަދު ނޫރީގެ ބައްޕައެވެ. ބައްޕަ ނޫރީބެ އަކީވެސް ވަރަށް މުރާލި މީހުންނާއި ގުޅޭ މީހެކެވެ. ދަރި ނޫރީބެ އަކީ ބައްޕައަށް ތަންފުކެއްވެސް ދޫނުދޭ ކެރޭ ސަކަމިޒާޖެއް ގެންގުޅޭ މީހެކެވެ. އޭނާއަކީ އެންމެ ކުރީގައިވެސް އިނގިރޭސީން ވާހަކަ ދައްކާ ރަށަށް ޒިޔާރަތްކުރާ ބިދޭސީންގެ އެޖެންޓެއްވެސް މެއެވެ. ދެމަފިރިންނަށް މަބްރޫރު ހައްޖެއް މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

ޝާ

08 September 2016

ބައްޕަ އަށާއި މަންމަ އަށް މަބްރޫރު ހައްޖެއް ދެއްވާށި.. އާމީން

The name is already taken The name is available. Register?

ދޮންއާމިރު

08 September 2016

ޝާގެ ބައްޕައަށް މަގޭފަރާތުން ސާބަހާއި ތަހުނިޔާ....އަދި މަބްރޫރު ހައްޖަކަށް އެދެން.

The name is already taken The name is available. Register?

ސައިދު

08 September 2016

ހައްޖަށް ފުރުމުގެ ކުރިން އަޅުގަޑާ ނޫރީބެއާ ދިމާވި. އެދުވަހުވެސް އައިސް ސަލާމް ކޮށްލާ ހިތްހެޔޮ ކޮށްލުމަށް އަދި ހައްޖަށް ދާ ކަމަށް ބުނި. ނޫރީބެ އަށް މަބްރޫރު ހައްޖަކަށް އެދެން.

The name is already taken The name is available. Register?

މިމީހާ

08 September 2016

ما شاء الله ކޮންފަދަ ނަސީބުވެރިއެއްތޯއެވެ؟ ބުރަ މަސައްކަތުން ހޯދި ޙަލާލު ރޯދިން ދަރިން ބަލާ ބޮޑުކުރުމަށްފަހު، މުސްކުޅިވީ ދުވަހު ޠޯހިރު ތުއްތު ކުއްޖެއް ފަދައިން ފާފަތައް ފުހެވިގެންވާ ޙާލު އަނެއްކާވެސް ދުވަސްތައް ހެޔޮގޮތުގައި ގުނަމުން ދިއުމުގެ ނަޞީބު ލިބުމީ ކޮންފަދަ ބޮޑު ނިޢުމަތެއް ތޯއެވެ! ވައްކަންކޮށް، ޖަރީމާތައް ހިންގަމުން ހިނގާ މީހުންނަށް ވިސްނޭނެނަމަ ކޮންފަދަތޯއެވެ! ޙަޤީޤީ އުފަލާއި، ޙަޤީޤީ ހިންހަމަޖެހުމާއި ނަޞީބަކީ މިއީކަން އަދީބުމެންފަދަ ބޭފުޅުންނަށް މިއަދު ވިސްނޭނެނަމަ ކޮންފަދަތޯއެވެ! حج مبرور وذنب مغفور وسعي مشكور

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454