މިސްރުގެ ކުރީގެ ރައީސް މުރްސީގެ ފޮޓޯއެއްގެ ކައިރީ ހުރެގެން މީހަކު ސެލްފީއެއް ނަގަނީ. --ފޮޓޯ:ރޮއިޓާސް
22 ޖޫން 2019 - 22:51
ގާހިރާ (ޖޫން 22) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަވަހާރަކޮށްލީ ކަމަށާއި އެކަމުގެ ފަހަތުގައި ހުންނެވި އެންމެ އިސް ފަރާތަކީ ރައީސް އަބްދުލް ފައްތާހު ސީސީ ކަމަށް މުރްސީގެ ދަރިކަލުން އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް އަވަހާރަވެގެން ކޯޓު ތެރެއަށް ވެއްޓުނީ މިދިޔަ ހޯމަ ދުވަހު އެވެ. މުރްސީގެ ސަރުކާރަށް އަހަރެއްހާ ދުވަސް ވީތަނާ، ޖުލައި 3، 2013 ގައި ސިފައިންގެ ބަޣާވާތަކުން އެ ސަރުކާރު ވައްޓާލުމުގައި އިސްކޮށް ހުންނެވީ ވެސް ސީސީ އެވެ.
ޓްވިޓާ މެސެޖެއްގައި އަބްދުﷲ ވަނީ ސީސީގެ އިތުރުން ބައްޕާފުޅު "ޝަހީދުކޮށްލި" މީހުން ކަމަށް ބުނެ ލިސްޓެއް ހާމަކޮށްފަ އެވެ. އަދި އެ މީހުންނަކީ ސީސީގެ ބައިވެރިން ކަމަށް އަބްދުﷲ ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ދާޚިލީ ވަޒީރުން ކަމަށްވާ މަހްމޫދު ތައުފީގާއި މަޣްދީ އަބްދުލް ޣައްފާރުގެ ނަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. މީގެ އިތުރުން ފަނޑިޔާރުން ކަމަށްވާ ޝީރިން ފަހުމީ، ޝަބާން އަލް ޝާމީ، އަހުމަދު ސަބްރީ އަދި އެޓާނީ ޖެނެރަލް ނަބީލް ސާދިގާއި އިންޓަލިޖެންސްގެ ވެރިޔާ އައްބާސް ކާމިލްގެ ނަން ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.
މުރްސީގެ ދަރިކަލުންގެ ތުހުމަތާ ގުޅިގެން މިސްރު ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.
މިސްރުގައި މިހާރު މަނާކޮށްފައިވާ މުސްލިމް ބުރަދަހުޑުގެ އިސް މެންބަރެއް ކަމަށްވާ މުރްސީ މަގާމުން ދުރުކުރުމަށް ފަހު އެމަނިކުފާނުގެ މައްޗަށް ވަނީ އެތައް ތުހުމަތެއް ޖަލުގައި ބަންދު ކޮށްފަ އެވެ.
މުރްސީ ބަންދުގައި ބެހެއްޓި އިރު އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy