އުމުރުން ދުވަސްވީ މީހެއް: މުސްކުޅިވުމުން ރިޓަޔަމަންޓް ޕެންޝަން ފަނޑޫން އެހީވެދޭ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
03 ޖުލައި 2019 - 11:16
އާދައިގެ މަތިން ރައްޓެހިންނާ ބައްދަލުކޮށްލަން ދިޔަ ދުވަހެކެވެ. ރައްޓެހިން ތިބި ކެފޭއަށް ދެވުނުއިރު އެމީހުން ތިބީ މުސްކުޅިވުމުން ދިރިއުޅުން އޮންނާނެ ގޮތަކާ މެދުގައި މަޝްވަރާ ކުރާށެވެ. އެއްބަޔަކު ބުނަމުންދިޔައީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވިއްޖެ ނަމަ، މައިންބަފައިން މުސްކުޅިވެ ގައިބާރުނެތޭ ދުވަހު ދަރިން މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކޮށްދޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ މުސްކުޅިވާ ދުވަހު ދަރިންނަށް ބުރައަކަށް ވާން ބޭނުން ނުވާ ކަމަށެވެ.
އެންމެ ފަހުން މިކަމަށް އޮތް ހައްލަކީ ދުރާލާ ފައިސާ ރައްކާކޮށް އެހެން މީހަކަށް ބަރޯސާނުވެ އުޅެވޭނެ މަގު ޒުވާން އުމުރުގައި ފަހިކުރުން ކަމަށް އެންމެން ވެސް އެއްބަސްވި އެވެ. ނަމަވެސް ސުވާލަކީ އެ ފުރުސަތު ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށްތޯ އެވެ؟
މުސްކުޅިވެ ރިޓަޔާ ކުރާއިރު ފައިސާ ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކަށް ބަލާއިރު ގިނަ ބަޔަކު ޕެންޝަނަށް ފައިސާ ރައްކާކުރަމުންދަނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށެވެ. މި ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ހިންގާ "ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން" ސްކީމެކެވެ. މި ސްކީމަކީ ވަޒީފާ އަދާކުރާ މުއްދަތުގައި ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކޮންމެ މަހަކު ސްކީމަށް ފައިސާ ދައްކައި އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަމަންޓަށް ފައިސާ އެއްކުރެވޭ ނިޒާމެކެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ މުވައްޒަފެއްގެ ނަމުގައި އެ މުވައްޒަފެއްގެ މުސާރައިގެ 14 ޕަސެންޓް ވަޒީފާ ދޭ ފަރާތުގެ ބައިވެރިވުމާ އެކު ކޮންމެ މަހަކު މި ސްކީމަށް ޖަމާކުރުން ޕެންޝަނާ ބެހޭ ޤާނޫނުން މަޖުބޫރު ކުރެވިފައިވާއިރު އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި މަސްވެރިންނާއި ދަނޑުވެރިންނަށް އަމިއްލަ އިހުތިޔާރުގައި ސްކީމުގައި ބައިވެރިވެ އެމީހަކު ކަނޑައަޅާ އަދަދަކަށް ފައިސާ ދައްކަމުން ދިއުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް މި ސްކީމް މެދުވެރިކޮށް ރިޓަޔަމަންޓަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު އެބަ އޮތެވެ.
ދެން އޮތީ މި ސްކީމަކީ ރިޓަޔަމަންޓަށް ފައިސާ ރައްކާކުރުމަށް އެންމެ ރަނގަޅު ސްކީމުތޯ ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށް، ހަރުދަނާ ޕެންޝަން ސްކީމެއްގައި ހުރުން ކޮންމެހެން ބޭނުންވާ ސިފަތަކުގެ ތެރެއިން ރިޓަޔާ ކުރުމަށް ފަހު ޕެންޝަން ސްކީމު މެދުވެރިކޮށް އެކަށީގެންވާ އާމްދަނީއެއް ލިބިދެވޭނެ ކަމުގެ ޔަޤީންކަން އޮތީ ކިހާ މިންވަރަކަށްތޯ މި ސްކީމުން ބަލައިލެވިދާނެ އެވެ.
ރިޓަޔަމަންޓަށް ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ މިފަދަ އެހެން ސްކީމުތަކެކޭ އެއްފަދައިން ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ވެސް އެންމެ މުހިންމު އެއް އަމާޒަކީ ސްކީމުގެ ބައިވެރިންނަށް ރިޓަޔަ ކުރުމަށް ފަހު ވެސް ވަޒީފާ އަދާކުރި އިރާ ދާދި އެއްހަމައެއްގައި ދިރިއުޅުމުގެ ފެންވަރު ހިފެއްޓޭނެ ވަރުގެ އާމްދަނީއެއް ޕެންޝަނުގެ ގޮތުގައި ފޯރުކޮށްދިނުމެވެ.
ޕެންޝަން އޮފީހުން ފެބްރުއަރީ 2015 ގައި ޝާއިއުކޮށްފައިވާ އީބުލެންޓިންގައި ވާ ގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމަށް 25 އަހަރު ކޮންޓްރިބިއުޝަން ދައްކާ މީހަކު އުމުރުން 65 އަހަރު ވެގެން ރިޓަޔާ ކުރާއިރު ޕެންޝަންގެ ގޮތުގައި އެ މީހަކު ރިޓަޔާ ކުރިއިރު ލިބުނު މުސާރައިގެ 61 ޕަސެންޓް އެންމެ ދަށްވެގެން ހޯދައިދެވޭނެ އެވެ. މިއީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ސޯޝަލް ސެކިއުރިޓީ ކޮންވެންޝަންގެ 67 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެންމެ ދަށްވެގެން މިފަދަ ސްކީމަކުން ހޯދައިދޭން ޖެހޭ 40 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.
މިކަން ހާސިލްކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުމެވެ. މިގޮތުން، މިހާތަނަށް ޕެންޝަން ފައިސާ އިންވެސްޓްކޮށްގެން ސްކީމުގެ ބައިވެރިންނަށް ފާއިތުވި ނުވަ އަހަރު އެވްރެޖްކޮށް ކޮންމެ އަހަރަކު 4-8 ޕަސެންޓާ ދެމެދުގެ ފައިދާއެއް ވަނީ ހޯދައިދެވިފަ އެވެ. މިއީ މިފަދަ އެހެން ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ސްކީމްތަކުން ވެސް ހޯދަމުންދާ ފައިދާއާ ދާދި އެއްހަމައެއްގެ ފައިދާއެކެވެ.
މީގެ އިތުރުން ސްކީމު ހިންގަން ހަދާފައިވާ ޤަވާއިދުތަކާއި ނިޒާމުތައް އަދި މެންބަރުންނަށް ދޭ ޚިދުމަތުގެ ފެންވަރަށް ބެލިކަމުގައި ވިޔަސް މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޕެންޝަން ފަންޑުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް ނަތީޖާ ދައްކަމުންދާ ސްކީމެއް ކަމަށް ބެލެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާގިރު
03 July 2019
ގިނަމީހުން ތިއެއްޗަކާ ދެކޮޅު.
ޢައިސްތު
03 July 2019
މުސްކުޅިވީމަ މީހަކު ތިމާބަލާނެ ކަމަށް ތިބޭ ނަމަ ދެކޮޅުވާނެ
މަނަދޫ ގާދިރު
03 July 2019
ކޮންމެވެސް ކުއްޖަކު ބޭބެއައް އޮޅުން ފިލުވައި ދީބަލަ މިބުނާ 2 މީހުންގެ ތަފާތު.. ވަޒީފާ އަދާކުރަމުންގޮސް 65 އަހަރު ވާ މީހާޔާ ވަޒީފާ އަދާނުކޮއް 65 އަހަރުވާ މީހާޔާ ރިޓައަރ މަންޓް ގެ ގޮތުގަ މަހުން މަހައްލިބޭ ފައިސާގެ ފަރަގު..
ދޮންނިޔަދުރު
03 July 2019
ބޭބެ، ވަޒީފާ އަދާނުކޮށް ހުރި އީސަ، 65 އަހަރުވީމަ ލިބެނީ ޖުމްލަ 5000 ރުފިޔާ.. އެކަމަކު އާދަނު ވަޒީފާގައި އުޅެމުން ޕެންޝަން އޮފީސް މެދުވެރިކޮށް ފަހަށް ރައްކާ ކުރީމަ އާދަނަށް ޕެންޝަންގެ ގޮތުގައި ޖުމްލަ 9000 ރުފިޔާ ލިބެއެވެ. ގާދިރުބޭ އެކޮޅަށް ޖައްސާލަބަލަ ނޫނީ ގުޅާލަބަލަ 1441 އަށް އިތުރަށް މައުލޫމާތު ހޯދަން...
ނާގަބާޑި
03 July 2019
ގާދިރުކާފާ ވަޒީފާ އަދާނުކޮށް ހުރި ލުތުފީއައް، 65 އަހަރުވީމަ ލިބެނީ ޖުމްލަ 5000 ރުފިޔާ.. އެކަމަކު ޔާމީނުއައް ވަޒީފާގައި އުޅެމުން ޕެންޝަން އޮފީސް މެދުވެރިކޮށް ފަހަށް ރައްކާ ކުރީމަ ޔާމީނުއައް ޕެންޝަންގެ ގޮތުގައި ޖުމްލަ 9000 ރުފިޔާ ލިބެއެވެ. ގާދިރުކާފާ އެކޮޅަށް ޖައްސާލަބަލަ ނޫނީ ގުޅާލަބަލަ 1441 އަށް އިތުރަށް މައުލޫމާތު ހޯދަން..
ވަރުވާ
03 July 2019
މިއީ ސްކީމްގެ ބައިވެރިންނަށް އޮތް ހިތްދަތި، ފައިދާއެއްނެތް ވަސީލަތެއް.
ހަޔާތް
03 July 2019
މިހާރަކަށް އައިސް ވަރަށް އިވޭ ވާހަކައެއް ''އަހަރެން މުސްކުޅިވާ ދުވަހު ދަރިންނަށް އުނދަގޫ ކުރާކަށް ބޭނުމެއް ނުވޭ ''. މިހެންބުނާ މީހުންނަށް މި ބުނެވެނީ ކީކޭކަން އެނގޭބާއޭ ހިތަށް އަރަނީ. ތިމާގެ މައިންބަފައިން މުސްކުޅިވާ ދުވަހު އޯގާތެރިކޮށް ކަންތައްކޮށްދިނުމަކީ ސުވަރުގެ އަށް ހުޅުވާލެވޭ ފުޅާވެގެންވާ ދޮރެއް. ޤުރުއާނުގެ އެތައް އާޔަތެއްގައި އެކަމަށް ބާރުއަޅުއަވާފައިވާއިރު މިފަދަ ކަމަކުން ދަރިން މަޙްރޫމު ކުރުމަކީ ދަރިންދެކެ ލޯބިވުމެއްނޫން.
ބައްޕީ ލެހެރީ
03 July 2019
ޕެންޝަން ފަންޑުގަ އެމީހެއްގެ ފައިސާހުރެމެ މިހާރު ވަޒީފާއެއްގައި ނުއުޅޭ އެކަމަކު ވަޒީފާއެއް ހޯދުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކޮންމެވެސްކަހަލަ ލުއި އިނާޔަތެއް ލިބޭގޮތްވެއްޖެއްޔާ ތިމާގެ މީހުންއަތުން އާދޭސްކުރަމުން ސަލާންޖާހަމުން ދުވާކަށް ޖޭހޭނެ ކަންނޭގޭ. މިގައުމުގަ ހުރިހާ އުފަލެއް މުއްސަދިންނަށް.
ނާގަބާޑި
03 July 2019
ފަހުން އޭގެ ފައިދާ ފެންނާނެ
ރޔޒ ރށދ
03 July 2019
އެކަމު މިހާރު ތިޔަ ފަންޑުން ލާރި ނުނެގޭ ކަމެއް ނެތް. ދަރިންނަށް ކިޔަވައިދޭން. ހައްޖަށް ދާން. ބޭސްފަރުވާކުރަން. އެކަމު މިއީ މުޅިން އެހެން މަގުސަދެއްގައި ގާއިމްކުރި ފަންޑެއް
ތުއްތީނި
03 July 2019
މިފަންޑްގެ އެއްވެސް ބައިވެރިއަކު ފަންޑްގެ އުސޫލުތާއިމެދު ހިތްހަމަ ނުޖެހޭ..މިހާރުވެސް އަމިއްލަ ޗޮއިސްއަށް ދޫކޮށްލައިފިނަމަ އެއްމެން ވަކިވާނެ..ފަންޑަށް ފައިސާ އަޅާ މީހުނަށް ހިތްހަމަޖެހޭ އުސޫލުތަކެއް އޮންނަންވާނެ...އެކި ވިޔަފާރިތަކަށް އިންވެސްޓްކުރާވާހަކަ ބުނޭ އެކަމު ވާނުވާ ނޭންގޭ..
އާލިޔާ
06 July 2019
އެމްޕީއޭއޯގެ އެޕް އިން ވަރަށް ތަފްސީލުކޮށް ފެންނަންހުރެ
ކސލލ
03 July 2019
ކަލްކިއުލޭޝަނެއް ހަދާލިނަމަ