ރޭގެ މެޗުގެ ތެރެއިން ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ
03 ޖުލައި 2019 - 12:28
ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 3) - ބްރެޒިލް އަތުން ރޭގެ ސެމީ ފައިނަލުގައި 2-0 އިން ބަލިވެ، މި ފަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތި ވިޔަސް ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
މީގެ ކުރިން މެސީ ވަނީ އެއް ފަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު އެވެ. އެކަމަކު ފަހުން ނިންމުން ބަދަލުކޮށް އުމުރުން 32 އަހަރުގެ މެސީ އަލުން ޓީމަށް އެނބުރި އައީ އާޖެންޓީނާ މި ދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު ހީވެފައި އޮއްވަ އެވެ. މެސީ ވަނީ ކޮލިފައިން ފަހު މެޗުގައި އެކުއެޑޯ ކޮޅަށް ރަށުންބޭރުގައި ހެޓްރިކެއް ހަދައިފަ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ފްރާންސް އަތުން ބަލިވެ، މުބާރާތުން ކެޓުމުން މެސީ ގައުމީ ޓީމުން ބްރޭކެއް ނެގި އެވެ. އޭނާ ދެ ވަނަ ފަހަރަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް މެސީ ވަނީ މި ފަހަރުގެ ކޮޕަ އެމެރިކާގެ ކުރިން އަލުން ގައުމީ ޓީމަށް އެނބުރި އައިސްފަ އެވެ.
ރޭގެ މެޗަށް ފަހު މެސީ ބުނީ މިހާރު އޮތް އާޖެންޓީނާގެ ޒުވާން ސްކޮޑަށް އޭނާގެ އެހީތެރިކަން ފުރިހަމަ އަށް ލިބޭނެކަމަށާއި އެހެންވެ ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އަހަންނަށް އަދިވެސް މި ޓީމަށް އެހީތެރިވެދެވޭނެ. މިހާރު އާޖެންޓީނާގައި މި އޮތް ޒުވާން ގްރޫޕާ މެދު އުއްމީދު ބޮޑު. މިހާރު އޮތީ ވަރަށް ރަނގަޅު ޖީލެއް. މި ޓީމަށް ކާމިޔާބު ހޯދޭނެ. ގައުމީ ޓީމަށް ކުޅުމަށް ހުރި ޝައުގުވެރިކަން މި ކުޅުންތެރިންގެ މޫނުމަތިން ފެނޭ،" ރޭގެ މެޗަށް ފަހު މެސީ ބުންޏެވެ.
މި ފަހަރުގެ ކޮޕަ އެމެރިކާގެ މެޗުތައް ކުޅުނު ބްރެޒިލްގެ ދަނޑުތަކުގެ ފެންވަރު ދަށް ކަމަށް ބުނެ މެސީ ވަނީ މީގެ ކުރިން ފާޑުކިޔައިފަ އެވެ. ރޭގެ މެޗުގައި ރެފްރީގެ ފަރާތުން ގިނަ މައްސަލަތަކެއް ފެނުނު ކަމަށް މެސީ ބުންޏެވެ.
"އަހަރެމެން ވަރަށް ބޮޑަށް މަސައްކަތްކޮށް ރަނގަޅަށް ކުޅުނިން. އަހަރެމެންނަށް ޕެނަލްޓީއެއް ލިބޭނެ ވަގުތެއް ވެސް ދިޔަ. މި މެޗުގައި ރެފްރީ ވަރަށް ގިނަ ގޯސް ފައުލުތަކެއް ދިން. ހައިރާންވާންޖެހޭ ސަބަބަކީ މި މެޗުގައި ވީއޭއާރްގެ އެހީވެސްނުހޯދާ." ހިތްހަމަނުޖެހިފައިހުރެ މެސީ ބުންޏެވެ.
އާޖެންޓީނާ އިން 1993 ވަނަ އަހަރު ކޮޕަ އެމެރިކާ ކާމިޔާބު ކުރި ފަހުން އެ ޓީމަށް ބޮޑު މުބާރާތެއްގައި ކާމިޔާބު ލިބިފައިނުވެ އެވެ. ގައުމީ ޓީމުގައި މެސީ އަށް ކާމިޔާބެއް ނުހޯދޭތީ އަމާޒުވާ ފާޑުކިޔުންތައް އިތުރުވަމުން އަންނައިރު، އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވާ ކޮޕަ އެމެރިކާގައި ކާމިޔާބު ހޯދުމަކީ މެސީގެ އަމާޒެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
usmaan
03 July 2019
ވަރަށް އުފާވެއްޖެ. މެސީވަރެއްނެތް.
އަސޭލާ
03 July 2019
މެސީ ޖެހޭނީ އަޑިގަނޑަކަށް އުސްގަނޑަކަށް ފުންމާލަން އޭރުން އެސޮރަށް އެކަންވާނީ
ނާއިމް
03 July 2019
އިންޝާ ﷲ އަދި މެސީ ވޯލްޑް ކަޕެއްގެ ތަށިވެސް ނަގާނެ
ހަގީގަތް
03 July 2019
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން މެސީޔަށްވެސް އިނގޭ. ދެރައީ މިތާ ކޮމެންޓްކުރާ ރޯނު އެދުރުންނަށް އެކަން ނޭނގޭތީ. މިމީހުންނަށް ނޭނގެ ފުޓްބޯޅައިގައި މޮޅާއި ބަލިވުން އޮންނަކަން. ނިކަން މޮޅިއްޔާ އެކުޅުންތެރިން ގޮތަށް ދަނޑަށް އަރައި ކުޅެލަބަލަ. ރަނގަަަޅަށް ވިއްޔަ 2 ބޯޅަވެސް ފައިގައި ނުޖެހޭނެ.
ޝާމް
03 July 2019
ސާބަހޭ މެސީ. މިފަހަރު އަނެއްހެން ކުށްވެރިކުރާނެ ކުޅުންތެރިޔަކުވެސް ނެތް. ރަނގަޅު ވިސްނުމެއް.
އާރޖެންޓީނާގެ ސަޕޯޓަރެއް
03 July 2019
އިންޝާ ﷲ އަދި ހަމަ މެސީއަށް ގައުމީޓީމާއެކު ގިނަ ތަށިތަކެއް އުފުލާލުމުގެ ފުރުޞަތު ބޮޑުކަން މި މުބާރާތުގައި ކުޅުނު މެޗުތަކުން އެބަދޭހަވޭ، އަދި ތިޔަ ޓީމް ކުރިޔަށް އޮތްތަނުގައި ވވވވ މޮޅުވާނެކަމަށްވެސް ބެލެވޭ އަދި ޓީމަށް މެސީއާއެކު މާޓިނޭޒް، އިކާޑީ، ޑި ޕައުލް، ލޮސެލްސޯ، ޕެރެޑައިސް، އަ ކޯސްޓާ، މި ކުޅުންތެރިންގެ އެޓޭކާއެކު ކުރިޔަށް އޮތް ސީޒަންތަކުގައި އާރޖެންޓީނާ ވ ފުރިޙަމަ ޓީމެއްގެ ގޮތުގައި ފެނިގެންދާނެ!
ރަދީފް
03 July 2019
ސާބަހޭ މެސީ.އަދި ހިތްވަރުކޮށްލާތި.
ރޮނާލްޑޯ
03 July 2019
ސާބަހޭ މެސީ