ކުޅިވަރު

ޗެމްޕިއަން ޓީސީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

04 ޖުލައި 2019 - 18:46

3 comments

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް މާޒިޔާ ލީގުގެ ދެ ވަަނަ އަށް މިއަދު ޖެހިލައިފި އެވެ.

އެއް ވަނައިގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓީސީ އަށް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

އަނިޔާގެ މައްސަލަ ދިމާވެފައިވާ މާޒިޔާ އިން މި މެޗަށް ނުކުތްއިރު އެ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) މި މެޗުގައި ނުކުޅެ އެވެ. އަދި ޓީސީ އަށް މި ފަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސްމާއިލް އީސަ (މެސީ) އާއި މިސްރުގެ ވިންގް މުސްތަފާ ކަހުރަބާ ފުރަތަމަ އެގާރައިގައި ނުހިމެނެ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. ޓީސީން މެދުތެރެއަށް ސާދު ނިޒާރާއި އާންމު ގޮތެއްގައި ފަހަތަށް ކުޅޭ މުހައްމަދު އަޖުފާން ލައިގެން ކުޅެމުންދިޔައިރު، މާޒިޔާގެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ޓީސީގެ ފުރަތަމަ ހަމަލާ މެޗުގެ 22 ވަނަ މިނިޓްގައި ނޭޕާލްގެ ތަރި ބިމާލް ގާތީ މަގަރް ކައުންޓަ އެޓޭކުގައި ފޮނުވާލިއިރު، އެ ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ. މެޗުގެ 29 ވަނަ މިނިޓްގައި އޭރިއާ ބޭރުން މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ޓީސީ ކުޅުންތެރިއަކު ފައިގައި ޖެހިފައި ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 40 ވަނަ މިނިޓްގައި ނާއިޒު ހަސަން (ދާދު) އަށެވެ. އޭނާ އޭރިއާތެރެއިން ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ކައިރިން ނައްޓާލުމަށް ފަހު ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓްގައި މާޒިޔާގެ އިބްރާހިމް ވަހީދު (އިއްބެ) ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ޓީސީގެ އައިސަމް (ކ) ކައިރިން މާޒިޔާގެ އަސަދުﷲ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ޓީސީން ރަނގަޅު ދެ ހަމަލާ ފޮނުވާލި އެވެ. އިބްރާހިމް އަތީގް (އިއްބެ) އާއި އިބްރާހިމް އައިސަމް ޖެހި ބޯޅަތައް މާޒިޔާގެ ގޯލްކީޕަރު އަފްގާނިސްތާނުގެ އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ. މާޒިޔާ އަށް މި ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުންހިފައި މެޗުގެ 60 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފޭދޫ އިއްބެ އެވެ. ދާދު ނަަގައިދިން ހުރަހަކުން އޭރިއާތެރޭގައި ހުސްކޮށްހުރެފައި ފޭދޫ އިއްބެ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ލަނޑު ޖެހުމަށް ފަހު ފޭދޫ އިއްބެ އުފާފާޅުނުކުރީ ޓީސީ އަކީ އޭނާގެ ކުރީގެ ކްލަބް ކަމަށްވުމުންނެވެ.

މާޒިޔާ އިން ވެސް އެ ޓީމާ ދާދި ފަހުން ގުޅުނު ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އަރުވައިގެން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އަނެއްކޮޅުން ޓީސީން ވަނީ އީސަ ވެސް ކުޅެން އަރުވައި އެޓޭކްތަކެއް ކުރަން މަސައްކަތްކޮށްފަ އެވެ.

އެންމެ ފަހުން ޓީސީ ކުޅުނު ދެ މެޗުން ވަނީ ފަހު ވަގުތު ކުރި ހިތްވަރާ އެކު ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެކަމަކު މިއަދު މާޒިޔާއާ އެއްވަރުކުރަން އެ ޓީމުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މެޗުން މޮޅުނުވުމުުގެ ފުރިހަމަ ޒިންމާ ނަގާކަމަށާއި އެކަމަކު މެޗުތަކުގެ ޝެޑިއުލް އޮތްގޮތުން ޓީސީ އަށް އުނދަގޫތަކެއް މެޗުގެ ކުރިން ވެސް ހުރި ކަމަށެވެ. އެ ގޮތުން ޗެރިޓީ ޝީލްޑް މެޗާ އެކު ޓީސީން ހަތް ވަނަ މެޗު މިއަދު ކުޅުނުއިރު މާޒިޔާ އިން ނުކުތީ ހަތަރު ވަނަ މެޗަށް ކަމަށާއި އެ ތަފާތު ފެނުނު ކަމަށެވެ. އަދި ލީގު މެޗުތައް ދާ ގޮތުން ބައެއް ޓީމުތަކަށް ބްރޭކެއް ލިބޭއިރު އެ ވެސް ޓީސީ އަށް ނުލިބޭކަން އާތީ ފާހަގަކުރި އެވެ.

"ވަރަށް ރަނގަޅު މެޗެއް ފެނިގެން ދިޔައީ. މި ހިސާބުން ލީގު ގެއްލުނީއެއް ނޫން. ލީގެއް ވިއްޔާ މޮޅުވުމާއި ބަލިވުމާ އެއްވަރު އޮންނާނީ،" ޓީސީގެ ކޯޗެއްގެ ގޮތުގައި ހުރެ ބަލިވި ފުރަތަމަ މެޗަށް ފަހު އާތީ ބުންޏެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ޑިފެންސިވް ނޫން ވިސްނުމެއްގައި މާޒިޔާއާ ދެކޮޅަށް ކުޅުނީ ގްރީން ސްޓްރީޓްސް ކަމަށާއި ކޮންމެ ޓީމެއް ވެސް ކުޅެން ބޭނުންވާ ސްޓައިލެއް އޮންނާނެ ކަމަށާއި އެކަމަށް އިހުތިރާމްކުރާ ކަމަށެވެ. އަދި މި މެޗުން މާޒިޔާ މޮޅުވިއިރު، ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށް ބުންޏެވެ.

"ކުޅުންތެރިން އަމިއްލަ އަށް ކޮންފިޑެންސާ އެކު ކުޅޭނެ. މިއީ އަދި ފެށުމެއް. ގާތްގާތުގައި ވަރުގަދަ މެޗުތައް ކުޅޭއިރު މި ވަގުުތު ޕޮއިންޓްތައް މުހިއްމު،" ސެކުލޮސްކީ ބުންޏެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގު މި މަހު މެދުކަނޑާލުމުގެ ކުރިން ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު މާޒިޔާ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.

3 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 27%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގަތް

05 July 2019

ކޮބާ އެފްއޭއެމް މިހާރު ޓިކެޓް ވިއްކައިގެން 10 މިލިޔަން ލިބިއްޖެދޯ.

The name is already taken The name is available. Register?

ނެޑް

04 July 2019

ޕްރިމިއަރ ލީގޯ! ބަލަން ޓިކެޓެއް ގަންނާނެ މީހަކު ނުވޭ. ކުޅުންތެރިންގެ އާއިލާ އާއި ރައްޓެހިންވެސް ބަލަން ނުދޭ.

The name is already taken The name is available. Register?

މޯޑް

04 July 2019

މާޒިޔާއަަށް ލިބުނީ ހައްގު މޮޅެއް ނޫން. ރަގަޅު ރެފްރީއެއް ނަމަ ލިލީއަށް ރަތްކަޑު ދަށްކާނެ. މާޒިޔާ ކީފަރ ދެން މެޗް މާބޮނޑަށް ލަސްކުރަނި. މަަޒިޔާގަ ތިބި ކުޅުންތެރިންނާއި އަޅާބަލާއިރު ޓީސީ ގެ ގޭމް މާ މޮޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454