ނަސަންދުރަ އިމާރާތް. އެތަނުގައި އަޅަމުން ދަނީ 25 ބުރީގެ އިމާރާތެއް. --ފޮޓޯ/މިހާރު
07 ޖުލައި 2019 - 13:35
ނަސަންދުރާ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ނަސަންދުރާގެ ބިމާ އިން ވެގެން އޮތް، އައިލެންޑް އޭވިއޭޝަން ސާވިސަސް ކުރިން ހިންގި ހ. އޯކިޑް ލޮޖްގެ ބިމާ އެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމަން މިހާރުގެ ސަރުކާރުގެ ޓޫރިޒަމް މިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ.
އެކަމަކު، ރިފްއަތު "މިހާރު" އަށް ވިދާޅުވީ ނަސަންދުރާ ކުއްޔަށް ދިން މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީގެ ހުށަހެޅުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން އަދި ގޮތެއް ނިންމާފައި ނެތް ކަމަށެވެ. އަދި އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވެސް ވިދާޅުވީ ނަސަންދުރާފެ މައްސަލައިގައި ރިޕޯޓެއް ރައީސް އޮފީހަށް ލިބިފައި ނުވާ ކަމަށާއި އެކަން ބައްލަވާނެ ކަމަށެވެ.
ނަސަންދުރާ 2010 އިން ފެށިގެން ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން، އެކަމަކު ފަހުން އަވަހާރަވެފައިވާ އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިންނެވެ. އެ ބިން 2015 ގައި އެމްއެމްޕީއާރުސީގެ ދަށަށް ބަދަލޮށް، ކުރީގެ އެއްބަސްވުން އުވާލައި، ހަމަ އެ ދުވަހު މަނިކުގެ އެހެން ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓާ އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއް ހެދި އެވެ.
ނަސަންދުރަ ހަދާ ނިމުމުން ބޭރުން ފެންނަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.
މި މުއާމަލާތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގުކޮށް، ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން "ދައުވާ ކުރެވެން ނެތް ކަމަށް" ބުނެ އަނބުރާ ފޮނުވާލީ އެވެ. އޭސީސީގެ ނިންމުމުގައިވާ ގޮތުން ނަސަންދުރާގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އަނބުރާ ފޮނުވާލެއްވީ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވުމުންނެވެ.
ނަސަންދުރާގެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ދެ ބޭޅުންނަށެވެ. އެއީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
ޕީޖީން ވެސް ބުނިގޮތުގައި އަދީބުގެ މައްޗަށް ދައުވާނުކުރީ ނަސަންދުރާ އެންޕީއެޗަށް ދިނީ ޓޫރިޒަމް ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުންނެވެ. ޒިޔަތުގެ މައްޗަށް ދައުވާކުރަން ފޮނުވި އިކުއިޒިޝަން ކޮސްޓުގެ މައްސަލައިގައި ދައުވާ ނުކުރީ، އިކުއިޒިޝަން ކޮސްޓު ނަގަން ޖެހޭ ކަމަށް އޭރު އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ސަބަބާ އެކު، ދައުވާނުކުރި ނަމަވެސް އެ މުއާމަލާތުން ޚިޔާނާތްވި ގޮތް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ އާއްމުކޮށްފަ އެވެ.
މި ސަރުކާރުން ނަސަންދުރަ އެއްބަސްވުން ދިރާސާ ކުރަމުން އަންނަ އިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިން ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ގޮތެއް ނިންމާނީ ޕޮލިސީ ލެވަލެއްގަ އެވެ.
ނަސަންދުރާގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް ދަނީ ކުރިއަށެވެ. އެއީ މާލޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު އިމާރާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
08 July 2019
މާއަވަހަށް ކަމެއް ނިންމަން އުޅޭނެ ކަމެއް ނެތް. މިސަރުކާރަށް ތިޔަ ޕްރޮޖެކްޓުން ކްރިިޑިޓް ލިބިދާނެ. އެނެއްކޮޅުން ނިމޭއިރު ބައިކޮޅަށް މޮޅުވާގޮތަށް ނިމެންވާނީ
މާރަނގާ - އައްޑޫ ސިޓީ
07 July 2019
ތިކަން ހިގިގޮތް ރައީސް ސޯލިޙަށާއި، މިހާރުގެ މަޖިލިސް މެންބަރުންނަށް އަދި ދައުލަތުގެ ބަންޑާރަނައިބަށް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ. * * އެހެންކަމުން ދައުލަތުގެ ބިން އަދި ހޯދިގޮތެއްނޭގޭ ތަނަވަސްކަމުގެ ހަޤީގަތް ބެލުމެއްނެތި ދޫކޮށްގެން ނުވާނެ. * * ތި އިމާރާތް ނެގުމަށްފަހު ޖްޑްޝަރީ ކޮމްޕްލެކްސް (ސްޕްރީމް ކޯޓް، ހައިކޯޓް، ބާ އެސޯސިއޭޝަން) ނުވަތަ ޑިފެންސް ފޯހުގެ Coast Guard ބިލްޑިންގ ތިތަނަށް ބަދަލު ކޮށްލާންޖެހޭ.
ގޯސް
07 July 2019
ތިޔަތަން އަތުލާ. ފެށުންގޯސްކޮށް އޮތްކަން ތިޔަތަން ހަދާކުންފުންޏަށްވެސްއެނގޭނެ. އަދި ފުލެޓް ގަތްމީހުންނަށްވެސް އެނގޭނެ. ވީމާ ގެއްލުމުގެ ބަދަލު ދޭކަށް ނުޖެހޭނެ. ދޭންޖެހިއްޖެނަމަ ދޭނީ އަދީބު. އެގޮތަށް ހަދައިގެންނޫނީ ވައްކަމެއް ނުހުއްޓުވޭނެ. ވަގައްނެގިއެއްޗެއް އެ ނެގިމީހާއާއެކު ސުލްހަވެގެން އެ ވެރިފަރާތަށް ލިބޭނީކޯޗެްެއް.
ޣަރަ
08 July 2019
ހާދަ މޮޅޭ. ފޭރޭ!
ދެކުނުމީހާ
07 July 2019
ކަރަޕްޝަނާއި ފަސާދައިގެ ތެރެއިން ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރު ޕްރޮޖެކްޓްސްތައް ހަވާލުކޮށްފައިވާ މީހުން އެދަނީ ހަމަ ކުރިއެކޭ އެއްގޮތަށް އެޕްރޮޖެކްޓްސް ތަކުގެ ފައިދާ ނަގަމުން. ރައީސް އިބޫ ކަރަޕްޝަނަށް ޒީރޯ އޭ ވިދާޅުވުމަކުން ނުފުދޭ. މިފަދަ ޕްރޮޖެކްޓްސްތައް ހުއްޓުވާ އިންސާފު ގާއިމުކޮށްދޭންޖެހޭ. ޒީރޯ ޓޮލަރެންސްގެތެރެއިން ފަސާދަ ކުރިއަރުވަން ޖާގަ ދިނުމަކީ ކަރަޕްޝަނަށް ދެވޭ ހިތްވަރެއް.
އަށްޑޫ ކަތީބު
07 July 2019
މިކހަލަ ދެކޮޅު ނުޖެހޭ ކަންތަށް ކުރާތީވެ އަބަދުވެސް އިންވެސްޓަރުން ފިލަން ޖެހެނީ. ތިޔަ ނަސަންދުރާ ހެދީމަ ފައިދާ ވާނީވެސް ދިވެހިންނަށް މިހާރު ވެގެން މިއުޅޭ ގޮތަކީ ވަކި މީހަކަށް ފައިދާ ވާގޮތަށް ކަޓެއް ނުލިބުނިމަ މައްސަލަޔަކަށް ވެގެން އުޅެނީ.
މާރަނގާ - އައްޑޫ ސިޓީ
07 July 2019
ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން މިފަދަ ކަންކަމުގައި ސަރުކާރުން އަމިއްލަ އަމިއްލައަށް ގޮތްނިންމުމަކީ މަޤާމްގެ ނުފޫޒު ބޭނުންކޮށް މާލީމަންފާ ލިބިދާނެފަދަ އަމަލެއްކަމުގައިވާތީ “މިކަން މިގޮތަށް ކުރުމަކީވެސް ޙިޔާނާތުގެ ފަސާދައިގެ އަމަލެއް” ކަމުގައި ހިމެނޭނެ. * * ވެރިކަމަށް ވަޑައިގަތުމަށް ކީހާޅެން ފަރިއްސައަށް ބަދަލުކޮށް ޔާމިން ކުރިކަހަލަ ވެރިކަމެއް އަލުން ޤާއިމްކުރުމަކީ ވެސް ބޮޑު ޙިޔާނާތުގެ އަމަލެއް. ތިހެން ތިކަން ކޮށްގެން ނުވާނެ.
ނަޖީބު ރައްޒާޤު
07 July 2019
ސަހަލު ކަމެއް ޔާމީނު ކޮށްފައެެއް ނެތެވެ. ފަޅާ އަރާއިރު ހުސް ކޮރަޕްޝަން އެވެ.ބޮޑެތި ފަލަ އަދަދު ތަކެވެ.ގާތް ތިމާގެ މީހުނާއި އެކުވެރިން ނަށެވެ.
ދާދޭ
07 July 2019
ޕޮލިސީގައި ނިންމާ އެކަމަކީ ކުރިން ނިންމާފައި އޮތް ކަމަކަށްވުމާއި އެތަން ދައުލަތަށް ނެގުމަށްވުރެ އެކަން ކުރިމީހަކު ޖަލަށްލާން ޝަރީއަތަށް މައްސަލަ ހުށަހަޅަން ފެންނަކަމަށް. ދެން އޭނާ 20 އަހަރަށް ޖަލަލާން ހުކުމް ކުރުމަށްފަހު 4 އަހަރު ނުވަނީސް ރައީސަށް ލިބިދޭ ބާރުގެ ދަށުން ދޫކޮށްލީމާ ރައްޔިތުންނަށް ހުންނާނީ އިންސާފު ލިބިފައި.
ބަލާއިރު
07 July 2019
މި ސަރުކާރުގެ ސްޕީޑަށް ބަލާއިރު އަދި އަވަހީ ގޮތެއް ނިންމަން. ވެރިކަން ހޯދަން އުޅުނު އިރު ބަޔަކަށް ހީވީ ވެރިކަމަށް އަރާތަނުން ކުރީ ސަރުކާރުގެ އެންމެންހެން ޖަލަށްލެވޭނެ ކަމަށް. އެކަމު އެކަންވެސް ކުރެވޭނީ މަޝްރޫއުތައް ހިންގާ ގޮތަށް މި ސަރުކާރުން ބުނާހެން ތަރުތީބުން ވަރަށް ރޭވުމާއެކު. އެހެންވީމަ ރައްޔިތުން ހަމަ ކެއްތެރިވާންވީ. މިއީ ކެއްތެރިކަން ދަސްކޮށްދޭ ސަރުކާރު.
ޒަކަރިއްޔާ
07 July 2019
މައްސަލަ ބެލޭނެ ގޮތެއް ނެތް. މި ސަރުކާރުގެ ޑިޒިޝަން މޭކާރސް އަށް އޮތީ ހިލޭ އެޕާރޓްމެންޓް ދީފައި. ކޮރަޕްޝަން މެކުހަށް.