ޔުނައިޓެޑް މެޗެއްގެ ތެރެއިން ޕޮގްބާ (ކ) އާއި ސޯލްޝެއާ.
10 ޖުލައި 2019 - 08:31
މެންޗެސްޓާ (ޖުލައި 10) - ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިއްކާލަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ ޔުނައިޓެޑުގައި ޕޮގްބާ މި ވަގުތު ހުރީ އެ ކްލަބުން އޭނާގެ އެދުމާ އެއްގޮތަށް ވީ އެންމެ އަވަހަށް ދޫކޮށްލާނެ ކަމުގެ އިންތިޒާރުގައި ކަމަށެވެ. އަދި ޕޮގްބާގެ ވިސްނުން ހުރީ އާ ޗެލެންޖެއް ނެގުމަށް ކަމަށް ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ވަނީ މީގެ ކުރިން ޕޮގްބާ ވިއްކާލަން އެއްބަސްވެފަ އެވެ. އެކަމަކު އޭރު ސޯލްޝެއާ ކަނޑައެޅި ޝަރުތަކީ ޕޮގްބާ ވިއްކާލުމަށް ފަހު ލިބޭ ފައިސާ އެއްކޮށް ޔުނައިޓެޑްގެ ޓްރާންސްފާ އަށް ހޭދަކުރުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް އެ ގޮތަށް އެއްބަސްނުވީ ކްލަބުން ބޭނުންވާ ވަރުގެ ބިޑެއް ނުލިބޭތީ އެވެ.
ޕޮގްބާ ހޯދަން މަސައްކަތްކުރަމުން އަންނަ ޔުވެންޓްސް އާއި ރެއާލް މެޑްރިޑުން ބޭނުންވަނީ ވަކި އަދަދަކަށް ފައިސާ ދިނުމަށް ފަހު ބަދަލުގައި ކުޅުންތެރިން ދޭ ގޮތަށް ޑީލް ކުރިއަށްގެންދާށެވެ. ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން ވަނީ ޕޮގްބާ އަށް އިސްކޯ އާއި މަޓެއޯ ކޮވަސިޗް ނުވަތަ ގަރެތު ބޭލް ހުށަހަޅައިފަ އެވެ. އަދި ޔުވެންޓަސް އިން ވަނީ އަލެކްސް ސަންޑްރޯ އާއި ޕައޮލޯ ޑިބާލާ ހުށަހަޅައިފަ އެވެ.
ޔުނައިޓެޑުން ޕޮގްބާ މަޑުކުރުވަން ގިނަ މަސައްކަތްތަކެއް ވެސް ވަނީ ކޮށްފަ އެވެ. އެ ގޮތުން އޭނާގެ މުސާރަ ބޮޑުކޮށް ކޮންޓްރެކްޓް އާކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ޕޮގްބާ އެ ގޮތް ބޭނުމެއްނުވި އެވެ. ނަމަވެސް ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ހުރީ އެ މަސައްކަތުގައި އެހާ ފަސޭހައިން ފަހަތަށް ޖެހޭގޮތަކަށެއް ނޫނެވެ. ސޯލްޝެއާގެ ވިސްނުން ހުރީ ޔުނައިޓެޑްގެ ހުރިހާ ޕްރީ ސީޒަން ޓުއާއެއްގައި ޕޮގްބާ ބައިވެރިކޮށް ކްލަބްގައި މަޑުކުރުވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ނިންމައިފަ އެވެ.
ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އެކަށީގެންވާ ވަރަށް ފުރުސަތެއް ނުދޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށްވި އެވެ. ޔުނައިޓެޑުން އޭނާ އަލުން ގެނައީ ހޯސޭ މޮރީނިއޯގެ ކޯޗަކަށް ހުރިއިރު 2016 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 89.3 މިލިއަން ޕައުންޑް (115 މިލިއަން ޑޮލަރު) އަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ ސްވަންސީ ސިޓީގެ ވޭލްސް ވިންގް ޑެނިއަލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސް އަށް ކުޅުނު އިންގްލެންޑްގެ ޒުވާން ޓީމުގެ ފުލްބެކް އާރޮން ވަން ބިސާކާ ގެނެސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy