ފައިނަލް މެޗަށް ފަހު ޖޮކޮވިޗް ވިމްބަލްޑަން ތަށި އުފުލާލައިގެން.-- ފޮޓޯ: އޭއެފްޕީ
15 ޖުލައި 2019 - 08:59
ލަންޑަން (ޖުލައި 15) - ވިމްބަލްޑަން ތާރީހުގައި ކުޅުނު އެންމެ ދިގުދެމިގެންދިޔަ ފައިނަލް މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ބަލިކޮށް ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
ހަތަރު ގަޑިއިރާއި 57 މިނިޓަށް ދިގުލައިގެންދިޔަ ފައިނަލް މެޗުގައި ޖޮކޮވިޗް ކުރިހޯދިއިރު، ސެޓުތައް ދިޔައީ 7-6 (7-5) 1-6 7-6 (7-4) 4-6 13-12 (7-3) އިންނެވެ. ރޭގެ މެޗުގެ ކުރިން އެންމެ ދިގުލައިގެންދިޔަ ވިމްބަލްޑަން ފައިނަލަކީ 2008 ވަނަ އަހަރު ރަފައެލް ނަޑާލް އަތުން ފެޑެރާ ބަލިވި މެޗެވެ. އެ މެޗު ނިމުނީ ހަތަރު ގަޑިއިރާއި 48 މިނިޓުންނެވެ.
މިއީ ޖޮކޮވިޗް އެންމެ ފަހުން ކުޅުނު ފަސް ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން ކާމިޔާބުކުރި ހަތަރު ވަނަ މުބާރާތެވެ. މިއާ އެކު ޖޮކޮވިޗަށް ވަނީ 16 ގްރޭންޑް ސްލޭމް ހަމަކުރެވިފަ އެވެ. ފެޑެރާ އެންމެ ކުރީގައި އޮތީ 20 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްގެންނެވެ.
އުމުރުން 37 އަހަރުގެ ފެޑެރާ އިއްޔެގެ މެޗަށް ނުކުތީ ނުވަ ވަނަ ވިމްބަލްޑަން މުބާރާތް ހަމަކުރުމަށެވެ. އެކަމަކު އިދިކޮޅަށް ނުކުތް ޖޮކޮވިޗް އޮތީ ތަފާތު ރޫހެއްގަ އެވެ. މެޗަށް ފަހު ފެޑެރާ ބުނީ މިއީ އޭނާގެ ޓެނިސް ކެރިއަރުގައި އަބަދުވެސް ހަނދާން ހުންނާނެ މެޗެއް ކަމަށެވެ.
މެޗުގެ ތެރެއިން ޖޮކޮވިޗް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
"މިއީ އާދަޔާހިލާފު މެޗެއް. އަހަރެންގެ ޓެނިސް ކެރިއަރުގައި އެންމެ ހަނދާނުން ނުފިލާނެ އެއް މެޗު މިއީ. އެއީ ދެ ކުޅުންތެރިން ވެސް މިހާ ތަފާތު ރޫހެއްގައި ކުޅެވުނު ފައިނަލެއް މަދުވާނެ،" ފެޑެރާ ބުންޏެވެ.
ޖޮކޮވިޗް ބުނީ މިއީ އޭނާގެ ހަޔާތުގައި އެންމެ ގަބޫލުކުރަންދަތި ކަންތައްތައްތަކެއް މެޗެއްގެ ތެރެއިން ފެނިގެންދިޔަ ފަހަރު ކަމަށެވެ.
"މިއީ ތަފާތު މެޗެއް. އަހަރެން ހީވެސް ނުކުރާ ފަދަ ގަބޫލުކުރަން ވެސް އުނދަގޫ ކަންތައްތަކެއް މި މެޗުގައި ފެނުނީ. މެޗު ދިގުލައިގެންދިޔަ ވަރަކަށް ދެކޮޅުން ވެސް ފެނިގެންދިޔައީ ވަރުބަލިކަމެއް ނެތި މޮޅުވާން ކުރި ހިތްވަރު. މިއީ ޓެނިހުގެ ތާރީހީ މެޗެއް،" ޖޮކޮވިޗް ބުންޏެވެ.
އުމުރުން 32 އަހަރުގެ ޖޮކޮވިޗް ބުނީ ގްރޭންޑް ސްލޭމްގެ ކާމިޔާބީތަކުގައި ފެޑެރާ އަށް ވުރެ ހަތަރު ތަށި ފަހަތުގައި މި ވަގުތު އޮތް ނަމަވެސް އޭނާގެ އަމާޒަކީ އެ ރެކޯޑެއް ނޫން ކަމަށާއި ބޭނުންވަނީ ރަނގަޅު ފޯމެއްްގައި އަނިޔާނުވެ ކުރިއަށް ދިއުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންސޭޓް
15 July 2019
ފެޑެރާއަށް މެޗް ނިންމާލަން ލިބުނު ގިނަ ވަގުތުތަކުގައި ހެދުނު އަންފޯސްޑް އެރަރގެ ސަބަބުން މެޗް ގެއްލުނީ.. މުޅި މެޗުގައި މޮޅަށް ކުޅުނީ ފެޑެރާ. އެކަން އެނގޭނެ ސެޓްތަކަށް ބަލާލީމަވެސް.. ހިތްދަތި މެޗެއް ފެޑެރާއަށާއި އޭނަގެ ސަޕޯޓަރުންނަށް. އޭގެތެރޭގައި އަހަރެންވެސް ހިމެނޭ ގޮތަށް.
ހަގީގަތް
15 July 2019
ފެޑެރާ ބަލިވިޔަސް އެއީ ގޯޓް. ދެން ނަދާލް އެއަށްފަހު ޖޮކޮވިޗް. ނަދާލަށް އިންޖަރީސް ލައްވާނުލިނަމަ އޭނަ އަތެއް ނުވާނެ.