ކުޅިވަރު / ވިމްބްލްޑަން ޓެނިސް މުބާރާތް

ތާރީހީ ފައިނަލުން ފެޑެރާ އަށް ދަސްވީ އާ ކަމެއް

ވިމްބަލްޑަން ފައިނަލް މެޗަށް ފަހު ފެޑެރާ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 19) - ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުން ތާރީހީ މެޗަކަށް ފަހު ވިމްބަލްޑަން ފައިނަލުން ބަލިވި ނަމަވެސް އެ މެޗުން ޓެނިސް ކެރިއަރުގައި ފުރަތަމަ ފަހަރަށް އާ ކަމެއް ދަސްވި ކަމަށް ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ބުނެފި އެވެ

ވިމްބަލްޑަން ތާރީހުގައި ކުޅުނު އެންމެ ދިގުދެމިގެންދިޔަ ފައިނަލް މެޗު، ފޯރިގަދަ ކުޅުމަކަށް ފަހު ހަތަރު ގަޑިއިރާއި 57 މިނިޓަށް ފަހު ނިމުނުއިރު މިއީ މި މުބާރާތުގައި ފެޑެރާ ކުޅުނު ފައިނަލެއް މިހާ ގިނައިރު ކުޅުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރަފައެލް ނަޑާލް އަތުން ފެޑެރާ ބަލިވި ފައިނަލް ނިމުނީ ހަތަރު ގަޑިއިރާއި 48 މިނިޓުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ކުޅުނު ފައިނަލާ ބެހޭގޮތުން އޭއެފްޕީ އަށް އުމުރުން 37 އަހަރުގެ ފެޑެރާ ބުނީ 2008 ގެ ފައިނަލާ މި އަހަރުގެ ފައިނަލާ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް މި ފަހަރު ތަފާތުވާ ސަބަބަކީ މެޗުން މޮޅުވާން އޭނާ އަށް ލިބުނު ފުރުސަތުތަށް ކަމަށެވެ.

"މި ދެ މެޗުގެ ހަނދާންތައް އަބަދުވެސް ހުންނާނެ. އެކަމަކު މި މެޗު ހާއްސަވާ ސަބަބަކީ އަހަރެން އަތުން މޮޅުވާން ލިބުނު ފުރުސަތުތައް ގެއްލުނު ގޮތް. މިއީ ކުރިން ވެފައި އޮތް ކަމެއް ނޫން. އަހަންނަށް ދަސްވީ އާ ކަމެއް. އެއީ ބޭނުންވާ ކަންތައް ހާސިލްކުރާނަމަ ފޯކަސް ކުރަންވީ ކުރިމަތީގައި އޮތް މަސައްކަތަށް. އަހަންނަށް ގޯސް ހެދުނީ މާ ކުރިން މެޗު ނިމޭނެ ކަމަށް ހީކުރެވުނީ،" ފެޑެރާ ބުންޏެވެ.

"ޓެނިސް މެޗެއްގައި އަހަންނަކީ ކުރެވޭ ކޮންމެ ތަޖުރިބާއެއްގެ ވެސް ތަފްސީލާ މެދު ވިސްނާ މީހެއް. މި ފަހަރު މި ދަސްވި އާ ކަންތައްތަކަށް ދެން ތައްޔާރުވާނަން،"

ވިމްބަލްޑަން ފައިނަލް މެޗުގެ ތެރެއިން ފެޑެރާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އެންމެ ފަހުން ޖޮކޮވިޗާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ފެޑެރާ ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ގްރޭންޑް ސްލޭމެއްގައި ޖޮކޮވިޗްގެ މައްޗަށް ފެޑެރާ ކުރިހޯދީ 2012 ވަނަ އަހަރުގެ ވިމްބަލްޑަންގަ އެވެ.

ގްރޭންޑްސްލޭމްގެ ކާމިޔާބީތަކުގެ އެއް ވަނައިގައި ފެޑެރާ އޮތީ 20 ތަށި ހަމަކޮށްގެންނެވެ. އަދި ނިމިދިޔަ ވިމްބަލްޑަންގައި ފެޑެރާ ވަނީ އެ މުބާރާތުގައި 100 މެޗުން މޮޅުވުމުގެ ރެކޯޑާއި ގްރޭންޑް ސްލޭމް މުބާރާތްތަކުގައި 350 މޮޅު ހަމަކޮށް ރެކޯޑެއް ގާއިމްކޮށްފަ އެވެ. ފެޑެރާ ބުނީ ޓެނިސް ކެރިއަރު އޭނާ ފެށީ ކާމިޔާބީ ހޯދައި އެންމެ ކުޅެން ބޭނުންވާ ކުޅިވަރު ވީ އެންމެ ގިނަ ދުވަހެއްގައި ކުޅުމަށް ކަމަށެވެ.

"މިއީ ވެސް ކަމެއް ދަސްވި މަރުހަލާއެއް. މީގެ އިން އެނގުނު ކަންތައްތަކުގެ ބޭނުން ކުރިއަށް އޮތްތަނުގައި ހިފާނަން. ކިތަންމެ ގިނަ ދުވަހު ކުޅުނަސް ނުކުރެވި ހުރި ތަޖުރިބާތަކެއް ހުރެދާނެ. މި ފައިނަލުން އަހަންނަށް އެކަން އެނގުނު،" ފެޑެރާ ބުންޏެވެ.

ފެޑެރާ ވަނީ އަންނަ މަހު ފަސް ވަނަ ދުވަހު މޮންޓްރެއަލްގައި އޮތް ރޮޖާސް ކަޕްގައި ނުކުޅެން ނިންމައިފަ އެވެ. އޭނާ ދެން ފެންނާނީ އަންނަ މަހު 11 ގައި އޮތް ސިންސިނާޓީ މުބާރާތުގަ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454