ނަބީހާ ރަން މެޑަލް ހޯދުމަށް ފަހު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް
27 ޖުލައި 2019 - 10:11
ސީޝެލްސްގެ ކުޅުންތެރިޔާ ބަލިކުރެވުމާ އެކު، އައިމިނަތު ނަބީހާ އަބްދުއްރައްޒާގަށް އިހުތިޔާރަކާ ނުލާ ކޯޓުމަތީ އިށީނދެވުނެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފެށި އެވެ. ބެޑްމިންޓަނުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާ އަށް ވުމުގެ ޝަރަފާއި ހަތަރު އަހަރު ވަންދެން ކުރި ބުރަ މަސައްކަތް ކާމިޔާބުވުމުގެ އުފަލާއި އަދި އޭނާ އަށް އަމިއްލަ ގޮތުން ވެސް ކުރިމަތިވި ގޮންޖެހުންތައް ގިރާކުރެވުމުގެ ހިތްހަމަޖެހުމާ އެކު އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން އިއްޔެ ނަބީ އެ ހޯދި ރަން މެޑަލް ހާއްސަކުރީ އިއްޔެ ފާހަގަކުރި ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހަށެވެ.
"ބެޑްމިންޓަނުން ފުރަތަމަ ގޯލްޑް ހޯދި އެތުލީޓަށް ވުމުން ވަރަށް އުފާވޭ. މިއީ ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހު އަޅުގަނޑު ދޭ ހަދިޔާއެއް،" ނަބީ ބުންޏެވެ.
މިއީ އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ އާއި މުޅި ބެޑްމިންޓަނުން ވެސް 2015 ވަނަ އަހަރުގެ ގޭމްސް ނިމުނު ހިސާބުން ފެށިގެން ކުރަން ފެށި މަސައްކަތުގެ ނަތީޖާ އެވެ. އަދި ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލައި އަމިއްލަ ގޮތުން ވެސް އެތައް މަސައްކަތެއް ކުރި ކަމަށް ނަބީ ބުންޏެވެ
"މި އަހަރު އެކަނި ވެސް ވަރަށް ބައިވަރު ގޮންޖެހުން ކުރިމަތިވި. (މީގެ) ހަ މަސް ކުރިން ސަސްޕެންޑް ވެސް ކުރި (ޓީމުން). އެއަށް ފަހު ވެސް ފައިޓްކުރިން. ބައެއް މީހުން ބުނި ސިންގަލްސް އިން ނުވާނެޔޭ ވެސް. އެކަމަކު ވެސް މަސައްކަތްކުރިން. ފިޒިކަލް މަސައްކަތުގެ އިތުރުން މެންޓަލީ ވެސް ތައްޔާރުވިން،" ނަބީ ބުންޏެވެ.
ނަބީހާ ރަން މެޑަލް ހޯދުމަށް ފަހު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް
ސިންގަލްސް ރަން މެޑަލް ހޯދުމަށް ފަހު ނަބީ އާއި އޭނާގެ އެއްމާބަނޑު ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ދެން ނުކުތީ ވިމެންސް ޑަބަލްސް ފައިނަލަށެވެ. ވަރުގަދަ ފައިޓެއް ދިން ނަމަވެސް މޮރިޝަސް ޕެއާ އަތުން ބަލިވީ އެވެ. އެކަމަކު ރިހި މެޑެއްޔަކީ ވެސް ވަރަށް ބޮޑު ކާމިޔާބެކެވެ. އަދި ނަބީ އާއި ނަބާ ވަނީ އެ ދެ ކުޅުންތެރިން ހިމެނިގެން އަންހެން ޓީމު އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދީފަ އެވެ. އެ އިވެންޓުން ރަން މެޑަލް ނުވަތަ ރިހި މެޑަލް ނުލިބުނީ، ތިން ގައުމު ޕޮއިންޓުގެ ގޮތުން އެއްވަރުވެ ސެޓުގެ ތަފާތަށް ބެލިއިރު ކުރި ނުލިބުމުންނެވެ.
މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް" ގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަގާމާއި ތިން ވަނަ އަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހޯދި ނަބީ އާއި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހޯދީ ނަބާ ވަނީ އެކުގައި ގައުމީ އަންހެން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދީފަ އެވެ. އިއްޔެގެ ރިހި މެޑެއްޔަކީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ހޯދި ބައިނަލްއަގްވާމީ ހަތަރު ވަނަ ރިހި މެޑެއްޔެވެ. އެކުގައި ކުޅެ ރަން މެޑަލް ހޯދުމަކީ ދެން އޮތް ޓާގެޓެވެ.
"އަދި އެބައޮތް ކަންނޭގެ ފުދޭވަރަކަށް ކުރަން ޖެހޭ މަސައްކަތް. މިހާރު އޯކޭ، ދެން ކޮންސިސްޓަންޓްވެއްޖެ ސިލްވާ އާއި ބްރޮންޒް. އެކަމަކު ގޯލްޑަކާ ހިސާބަށް ދާން އަދިވެސް އިތުރަށް މަސައްކަތްކުރަން ޖެހޭ. ނަބީ އާއި ނަބާ އަބަދުވެސް ދާނީ މަސައްކަތްކުރަމުން ގިނައިން ދިވެހިރާއްޖެ އަށް ގޯލްޑް މެޑަލް ގެނެވޭތޯ،" ނަބާ ބުންޏެވެ.
ނަބީ ވެސް ބުނީ ރިހި މެޑަލާއި ލޯ މެޑަލަށް ވުރެ ރަން މެޑަލް އެތައް ތަނެއް މަތި ކަމަށާއި އެކަމަށްޓަކައި ފިޒިކަލީ އާއި މެންޓަލީ ތައްޔާރުވެ ރަނގަޅަށް ފޯކަސްކުރަން ޖެހޭ ކަމަށެވެ.
ނަބީ (ކ) އާއި ނަބާ މެޑަލް ދައްކާލަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް
އެ އުއްމީދުތައް ހާސިލްކުރަން ދެބެންނަށް އެންމެ ބޮޑު އެހީއެއް ލިބެނީ އާއިލާގެ ފަރާތުންނެވެ. އާއިލީ ނަން، ޖާޒީގެ ފަހަތުގައި ޖަހާ އުސޫލެއް އޮތުމާ އެކު، މި ދެ ކުޅުންތެރިންގެ މެޗު ޖާޒީގެ ފަހަތުން ފެންނަނީ ވެސް ބައްޕަގެ ނަން "އަބްދުއްރައްޒާގް އެވެ. ނަބީ އާއި ނަބާ ބުނި ގޮތުގައި އަމިއްލަ ނަމަށް ވުރެ ވެސް ބޭނުންވަނީ އާއިލީ ނަމުގައި ކުޅެން ކަމަށާއި ބައްޕަގެ ނަން ޖާޒީގައި ޖަހައިގެން ކުޅެވޭތީ ފަހުރުވެރިވާ ކަމަށެވެ. އަދި މަންމަ އާއި ބައްޕަގެ އެހީއާ އެކު، ބޮޑު ހަރަދެއްކޮށް ދައްތަ ނަފް މެޗުތައް ބަލަން މޮރިޝަސް އަށް އައުމަކީ ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ދެބެން ވެސް ބުންޏެވެ
"މަންމަ އާއި ބައްޕަ އަށް ވަރަށް ވަރަށް ޝުކުރު. ކްރައުޑުގެ ތެރެއިން ނަފްގެ މޫނުފެންނާތީވެ ވެސް ވަރަށް ވަރަށް އުފާވޭ. އެއީ މަންމަ އާއި ބައްޕަގެ ހިތްވަރު އަޅުގަނޑުމެންނަށް ލިބެނީ. ދެން މަންމަ އަކީ ފެށުނީއްސުރެ ކުޑައިރު، ހަމަ ވިއްސާރަވިޔަސް ކޮންމެ ގަޑިއެއްގައި ވިޔަސް، ޕްރެކްޓިސް އަށް ލައިދޭން އަންނާނެ ބަލާ އަންނާނެ. ވިލިގިއްޔަށް ދާން ޖެހެނީ، ކުޑަވަގުތުކޮޅެއް އިނދެއްޖެއްޔާ މަޑުކޮށްގެން ހުންނާނެ މާލޭގެ ކޮންމެ ހިސާބެއްގައި ވިޔަސް ނަބާ މެންނަށް މިކަންކޮށްދެވޭތޯ،" ނަބާ ބުންޏެވެ.
"މަންމަގެ ހުރިހާ ހިތްވަރާ އެކު، ބައްޕަގެ ނަން ނަން ފަހަތުގައި ޖަހާލައިގެން މި ކުޅެނީ. ވަރަށް ވަރަށް އުފާވޭ."
ނަބީ ވެސް ބުނީ ޖާޒީގެ ފަހަތުގައި ބައްޕަގެ ނަން އިންނާތީ ފަހުރުވެރިވާ ކަމަށާއި އަމިއްލަ ނަމަށް ވުރެ ވެސް އިސްކަންދެވެނީ "އަބްދުއްރައްޒާގް ސިސްޓާސް" ގެ ގޮތުގައި ޓްވިންސްގެ ގޮތުގައި ބެޑްމިންޓަނުގައި ކުރިއަރައިގެން ދިއުން ކަމަށެވެ.
ފެށުނީއްސުރެ ޑަބަލްސް ޕެއާއެއްގެ ގޮތުގައި ކުޅޭ ދެބެންގެ ހުރިހާ ވިސްނުމެއް މިހާރު ހުރީ ޑަބަލްސް އިން ރަން މެޑެއްޔެއް ހޯދުމެވެ. ހާއްސަކޮށް 2023 ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ ނަމަ އެ ގޭމްސްގައި އެކަން ހާސިލްކުރަން މިހާރުސުއްރެ ވަނީ އަޒުމްކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްވިންސްފޭން
27 July 2019
ތިޔަ ދެކުދިން މިއަދު އަޒުމް ކަނޑައަޅަންވީ ކިތަންމެ ގޮންޖެހުމެއް ކުރިމަތިވިޔަސް ކުޅުންހުއްޓާނުލާ ކުރިއަށް ގެންދާނެކަން. ބަޔަކު ބުނާހާގޮތަކަށް ވިސްނުން ބަދަލުނުކޮށް އަމިއްލަ ވިސްނުން އިސްކުރާނެކަން.
އައިންތު
27 July 2019
ތިޔަ ދެއްވި ހަދިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިތުރު ކާމިޔާބީއަށް އެދެން.
ލީން
27 July 2019
މަރްހަބާ ނަބީ...ނަބާ އަށް ނުވެގެން ޑަބަލްސް ނުލިބި ދިޔައީ
މޯހޯ
27 July 2019
މަރުހަބާ ނަބީ... އަދި ތިދެއްވި މިނިވަން ދުވަހުގެ ހަދިޔާ ވަރަށް ފުރިހަމަ... ކާމިޔާބީއަށް އެދެން
މާރަނގާ - އައްޑޫ ސިޓީ
27 July 2019
ދީމާ އަދި ރަފާ އާއި 12 އަހަރުންދަށުގެ 5 ވަރަކަށް ކުޅުންތެރިންނާއިއެކު ޓީޓީ ވޯރލްޑް ރޭންކިންގގަ މަތީހަރުފަތުގައިތިބި ޖެޕާން. ކޮރެއާ ނުވަތަ ތައިޕޭ ފަދަ ޤައުމަކަށްކުދިންފޮނުވައި ރަނގަޅު އެކެޑަމީއެއްގައި މޮޅުކޯޗެއްގެ އެހީތެރިކަން ލިބި ތަމްރީނުވުމުގެ ފުރުސަތު މިކުދިނަށް ހޯދާދޭންޖެހޭ. * * ޗައިނާވެސް އެންމެރަނގަޅު. އެހެންނަމަވެސް ޗައިނާއަށްވުރެން މިދެންނެވި ޤައުމުތަކުގެ މާހައުލާއި ކެއުން ކުދިންނަށް ރަނގަޅުވާނެ. ޗައިނާނަމަ ހޮންގކޮންގް އެންމެރަނގަޅު.
ރަދީފް
27 July 2019
މަރުހަބާ ނަބީހާ.ރާއްޖެއަށް އަދި ލިބުނީ ޖުމްލަ 8 މެޑަލް ދޯ.ކޮބާ މަރޭ ޓޮއިލެޓް ޕޭޕަރުގަ ޖެހި ކަލްކިއުލޭޝަންސް؟؟!! 15 މެޑަލްކަމަށް މަރޭ ވަކާލާތުކުރި.ޓްރައި އޮން ނެކްސްތް އެޓެމްޕްޓް މަރޭ.2023 ގަ ހުރިހާ މެޑަލްއެއް ރާއްޖެއަށް ހޯދިދާނެ ގުރުއަތުލައިގެން ޗެމްޕިއަން ކަނޑައަޅާނަމަ.މަރޭއަށް ވެދުން.
މީނަ
27 July 2019
އަހަންނަށް މަޢުލޫމާތު ލިބުނު ގޮތުގައި ރާއްޖެޔަށް މިހާރުވަނީ 13 މެޑަލް ހޯދައިފައި. ރާއްޖެ 8 މެޑަލް ހޯދިކަމުގެ މަޢުލޫމާތު ރަދީފަށް ލިބުނީ ކިހިނަކުން. މަރޭ ޓިޝޫގައި ޖެހި ހިސާބާ ވަރަށް ކައިރިޔަށް މިހާރު އެޖެހިލީ. ހީވަނީ ޓީޓީ ސިންގަލްސް އިވެންޓް ނިމުމުން 15 މެޑަލަށް އަރާނެހެން. މިހާރު ނޫހުގައި އޮތްތަން ދުށިން ނަބީހާ ސިންގަލްސް ރަން މެޑަލް އަދި ނަބާހާޔާ ނަބީހާ ޑަބަލްސް ރިހި މެޑަލް ހޯދުމުން ރާއްޖޭގެ ޖުމުލަ މެޑަލް ތޭރަޔަށް އެރި ވާހަކަ.
ދޮންބުޅާ
27 July 2019
ބޯގޯސް ރަދީފް!
.ނިއުމާ
27 July 2019
ބްރޯންޒް މެޑަލް ނުލާ ކަންނޭނގެ ރަދީފް އެ ބުނީ!
ރަދީފް ބަފާ
27 July 2019
ދަރިފުޅާ 13 މެޑަލޭ!
ސަންޕަ އަހަންމަދު
27 July 2019
ޝުކުރިއްޔާ ނަބީހާ.