29 ޖުލައި 2019 - 08:30
މެޑްރިޑް (ޖުލައި 29) - މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ރެއާލް މެޑްރިޑްގެ ގަރެތު ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް އޭނާގެ ކްލަބުން އެ ޑީލް ހުއްޓުވައިފި އެވެ.
ރެެއާލުގެ ކޯޗު ޒިނެދިން ޒިދާންއާ މައްސަލަ ގޯސްވެފައިވާ ބޭލް އެ ޓީމު ދޫކޮށްލަން މި ފަހަރު ނިންމި އެވެ. ދާދި ފަހުން ޒިދާން ވަނީ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލް ނޭރުވީ އޭނާ ކްލަބް ދޫކޮށްލަން ނިންމާފައިވާތީ ކަމަށް ބުނެފަ އެވެ. އަދި އެއީ ރެއާލުގެ އެންމެންނަށް އެންމެ ރަނގަޅު ގޮތް ކަމަށް އޭރު ބުންޏެވެ.
އެކަމަކު އުމުރުން 30 އަހަރުގެ ބޭލް، ޖިއާންސޫ އަށް ސޮއިކުރުމާ ގާތުގައި ވަނިކޮށް ރެއާލުން އެ ޓްރާންސްފާ ހުއްޓުވީ ޒިދާން އެންގުމުންނެވެ. ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓްއާ ޒިދާނާ ވެސް ވަނީ ގުޅުން ގޯސްވެފަ އެވެ. ދާދި ފަހުން ބާނެޓް ވެސް ވަނީ ރެއާލުން ބޭލްއާ މެދު ކަންތައް ކުރާގޮތާ މެދު ހިތްހަމަނުޖެހި ޒިދާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ޗައިނާގެ ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވާނީ އަންނަ ބުދަ ދުވަހު އެވެ. އަގުބޮޑު ޑީލަށް ބޭލްގެ ރުހުން ދީފައިވަނިކޮށް އެ ޓްރާންސްފާ ހުއްޓުވި ސަބަބެއް މީޑިއާގައި ރެއާލުގެ އޮފިޝަލުން އަދި ނުދައްކަ އެވެ. އެކަމަކު ސްޕެއިނުގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި ކުރިއަށް އޮތް ސީޒަނުގައި އަނިޔާގެ ސަބަބުން، ރެއާލުގެ ޒުވާން ތަރި މާކޯ އަސެންސިއޯ އަށް ނުކުޅެވޭނެކަމަށް ބެލެވޭތީ ޒިދާން ވަނީ ބޭލް ވިއްކާލަން ނިންމި ނިންމުމެއް އަނބުރާ ގެންގޮސްފަ އެވެ.
ޖިއާންސޫ އަށް ބޭލް ސޮއިކުރަން މަޝްވަރާކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ކޮންޓްރެކްޓްގައިވާގޮތުން ބޭލް އަށް އަހަރަކު ލިބޭ އާމްދަނީ ބާސެލޯނާ އިން ލިއޮނަލް މެސީ އަށް ބޯނަސްތަކާ އެކު ދޭ މުސާރައާ އެއްވަރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބޭލް ހޯދަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމުން ވެސް މަސައްކަތްކުރި އެވެ.
ބޭލް ގަންނަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ރެއާލުން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން އެ ޓްރާންސްފާގެ މަޝްވަރާތައް ހުއްޓާލި އެވެ. ޓޮޓެންހަމުން އަލުން ބޭލް ގެންނަން ވާހަކަ ދެއްކި ނަމަވެސް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންނުވުމުން އެ ޓްރާންސްފާގެ ވާހަކަތައް ކުރިއަށް ނުގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
30 July 2019
ޒިދާން ހާދަ ޒާތީއޭ.... ބޭނުން ނުވީމަ ދޫކޮށްލާނީ... އަދި އެގޮތަށް ނިންމާފަ މާބޮޑު މުސާރައެއް ލިބުނަސް ހަސަދަވެރިވާކަށް ނުޖެހޭ
ނިއުމާާ
29 July 2019
ރެއާލް މަތިން މުޅިން ފޫހިވެއްޖެ.
އަސްލު ހަގީގަތް
29 July 2019
ނިއުމާ މިހާރު ސަޕޯރޓްކުރަނީ ކޮން ކްލަބަކަށްތަ؟
ހަސަނު ގެ އަލީ
29 July 2019
ދެން ބާސެލޯނާއަށް ސަޕޯޓް ކުރޭ
ނިއުމާާ
29 July 2019
ކްލަބްގެ އެންމެ ވަރުގަދަ ލެޖެންޑް އަދި މިފަހުން ހުރިހާ ކާމިޔާބީއެއްގައި އެންމެ ބޮޑު އެއް ހިއްސާއެއްވި މެސީއަށް ފުރައްސާރަކުރާ ބާރސެލޯނާއަށް މަ ސަޕޯރޓްކުރަންވީ ސަބަބެއް ބުނެދީފާނަން؟ ރެއާލުންވެސް ގޯސްކޮށް ކަންތައްކުރަންޏާ ބުނަން ކެރޭނެ އަހަރުންނަށް. ރަދީފްހެންނެއް ނުވާނެ.
.ނިއުމާ
30 July 2019
އަޅުގަނޑު ސަޕޯޓު ކުރަނީ އާސެންލްއަށް!
ރޮނާލްޑޯ
29 July 2019
މިކަމުން މިފެނުނީ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފެނި، އަދި މޮޅު ކޯޗެއްގެ ގޮތުގައި ފެނުނު ޒިދާންގެ ކަޑަކަން. ޖޭ ވިޔަސް ބޮޑުވަރެއް
ހުތް އާދަނު
29 July 2019
ބޭލްގެ ކުޅުން ދަށް ވާހަކަ މިދިޔަ ސީޒަނުގައި މުޅިން ދެއްކީ ،، މިހާރު އޭނަ ވަރެއް ނެތް.