05 އޯގަސްޓް 2019 - 12:14
މެކްސިކޯ ސިޓީ (އޮގަސްޓް 5) – ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ ލިއޮނަލް މެސީ ދެއްކި ވާހަކަތަކަށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ތައުރީފުކޮށްފި އެވެ.
ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވި ކަމަށް ބުނެ، މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ތިން މަހަށް ވަނީ ގައުމީ ޓީމުގެ މެޗުތަކުން ސަސްޕެންޑް ކޮށްފަ އެވެ. އަދި މެސީ ޖޫރިމަނާކޮށްފައިވަނީ 50،000 ޑޮލަރުންނެވެ.
މިއީ ކޮޕަ އެމެރިކާގައި ހިނގާދިޔަ ކަމެއްގެ ސަބަބުން މެސީ އަށް ލިބުނު ދެ ވަނަ އަދަބެވެ. ކޮޕަ އެމެރިކާގެ އިންތިޒާމްތަކަށް ފާޑުކިޔައި ތިން ވަނަ ހޮވާ މެޗުގައި މެސީ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ވަނީ 1500 ޑޮލަރުން ޖޫރިމަނާކޮށް އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މަރަޑޯނާ ބުނީ މެސީގެ ފަރާތުން ފެނުނީ ލީޑަރެއްގެ ސާބިތުކަން ކަމަށެވެ.
"އަހަރެން ހީކުރީ އެއީ މެސީ މަރަޑޯނާ ކަމަށް. އެއީ އަހަރެމެން މެސީގެ ފަރާތުން ބޭނުންވާ ޖޯޝަކީ. ހަގީގަތް ހާމަކުރަން ފަސްޖެހުމެއްނެތި ސާބިތުވެ ހުރުން. ކެޕްޓަނެއްގެ ޒިންމާ އަދާކުރުން. މެސީ އަކީ ހަދިޔާއެއްގެ ގޮތަށް މީހެއް އޭނާ އަށް ކަމެއް ކޮށްދީގެން ނަތީޖާ ނެރޭ ކުޅުންތެރިއެއް ނޫން. އެ އަށް ވުރެ އޭނާ މޮޅު،" މަރަޑޯނާ ބުންޏެވެ.
މަރަޑޯނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރަށް ވެސް ހިޔަނި އެޅުނު އެއް ސަބަބަކީ އޭނާ އަށް ނަފްސު ކޮންޓްރޯލްނުކުރެވުމެވެ. އަށްޑިހައިގެ އަހަރުތަކުން ފެށިގެން ދެހާހުގެ އަހަރުތަކާ ހަމައަށް އޭނާ އަށް ކޮކެއިނަށް ދެވިހިފުމުގެ މައްސަލަ ކުރިމަތިވި އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ތެރެއިން ފީފާ އިން އޭނާ ގެޔަށް ފޮނުވާލީ ވެސް ޑްރަގް ޓެސްޓަކުން ފެއިލްވުމުންނެވެ. އޭނާ އަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ 2007 ވަނަ އަހަރު މަރާ ވެސް ހަނގުރާމަކުރި އެވެ. އެކަމަކު އެނބުރި އައިސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް ކޯޗުކޮށްދިނެވެ.
މަރަޑޯނާ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެހެން ކުޅުންތެރިންގެ ހައްގުގައި ވާހަކަ ދައްކާފައިވާނެ ކަމަށާއި ވަކި ހިސާބަކުން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް އޭނާ އަށް ފިއްތުންތައް ކުރިމަތިވި އެވެ. އެކަމަކު މެސީ އެ ފަދަ ކަންކަމާ ވެސް ކުރިމަތިލާން ޖެހޭއިރު، ގައުމީ ޓީމުގައި ދެމިހުރުމަކީ އޭނާގެ ޕްރޮފެޝަނަލްކަން ކަމަށް މަރަޑޯނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިހު
05 August 2019
ފުޓްބޯޅައިގެ ތާރިހުގެ އެންމެ ގަދަ ދެ ކުޅުން ތެރިން..
ހަކީމް
06 August 2019
ޕެލޭ އަކީވެސް ވަރަށް ހުނަރުވެރި ކުޅުން ތެރިޔެއް.
ރަދީފްް
06 August 2019
އެންމެ އަނގަ ގަދަ*
ނިލް
08 August 2019
ޕެލޭއޭ؟؟ އާނ އެޒަމާނުގަ މޮޅު އެކަމު އެއީ ޑިފެންޑަރުނަށް ރަނގަޅަށް ޓެކުލެއްވެސް ހެހުން މަނާ ފޯވާޑެއްގެ ގައިގަ ޖެހުން ވެސް މަނާ ޒަމާން ފޯވާޑުންނަށް ގޭވަރ ވާގޮތަށް ގިނަ ކަންކަން ބައްޓަންކޮށްފަ އޮތުމުން މޮޅެތި ޑިފެންޑަރުންގެ ވިދުން ފަނޑުވެ ފޯވާޑުންގެ ވިދުން ގަދަ ޒަމާނެއް