ބީއެމްއެލުން ވަނީ އދ. ދަނގެތީގެ ގެތަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅުތައް ހަދިޔާކޮށްފައި-- ފޮޓޯ: ބީއެމްއެލް
07 އޯގަސްޓް 2019 - 07:05
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. ދަނގެތީގެ ގެތަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅުތައް ހަދިޔާކޮށްފި އެވެ.
މިއީ ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މިއީ އެ ފަންޑުގެ ތިން ވަނަ ޕްރޮޖެކްޓެވެ.
ދަނގެއްޗަށް މި ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހު ކުރުމަށް ވަނީ އެ ރަށުގެ ކޮންމެ ގެ އަކަށާއި މުއައްސަސާތަކަށާއި ގެސްޓް ހައުސްތަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރަން ފަށައިފަ އެވެ. އަދި އެއް ފަހަރު ބޭނުންކޮށް، އުކައިލެވޭ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން ދަނގެތީގެ ސްކޫލް ކުދިންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް "ޒީރޯވޭސްޓްއެމްވީ" ގެ ފަރާތުން ބޭއްވި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް އެ ބޭންކުން އިސްކަން ދޭނެ ކަމަށެވެ. އެގޮތުން، ދަނގެއްޗަކީ ތިމާވެށި ހިމާޔަތް ކުރުމުގައި ނަމޫނާ ރަށަކަށް ވުމަކީ ބީއެމްއެލްގެ އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިމާވެށި ހިމާޔަތް ކުރުމާއި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކީ ކުރިއަށް ގޮސް މި ރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ބޭނުމަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް އެހީވުމެވެ. އެގޮތުން، ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޖެކްޓް ހޮވައި، އެ ޕްރޮޖެކްޓުތަކަށް ކޮމިއުނިޓީ ފަންޑުން އެހީވުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟެންސޯ
07 August 2019
ޢެމްއެެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިވި ވެރިންގެ ތަހުގީގު ނޫން ހުރިހާ ކަމެއް ކުރާތި!!!???
ޕްލާސްޓިކް
07 August 2019
"ސައީދު ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް އެ ބޭންކުން އިސްކަން ދޭނެ ކަމަށެވެ" އެހެންވެދޯ ތިބޭންކުގެ ހުރިހާ ފާރެއްގައިހެން މުޅި ޕްލާސްޓިކް ޖަހަމުން ތި ގެންދަނީ؟
ޓައިސޭ
07 August 2019
އަދި ހެޑް އޮފީހުގެ ފާރުގެ ބޭރުގަ ވެސ މާބަލްޖަހާފަހުއްޓާ މުޅި ިމާރަތުގަ އެއްކޮށް ޕުލާސްޓިކުން ސްޓިކާރ އިން ރެޕް އެބަކުރޭ، ކޮރަޕްޝަނާއި ހިމެނޭ ތިމާވެއްޓާ އިދިކޮޅުކަމެއް،