ރާއްޖޭގެ ހުޒާމް ފޮނުވާލާ ބޯޅަ ބްލޮކްކުރަން ލަންކާ ދެ ކުޅުންތެރިން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 އޯގަސްޓް 2019 - 00:48
އަންނަ ހަފްތާގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިރޭ ކުޅުނު ރަސްމީ އެކުވެރިކަމުގެ މެޗުގައި ވަރުގަދަ ސްރީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓިީމު އަތުން ފޯރިގަދަ ކުޅުމަކަށް ފަހު 3-1 އިން ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު ބަލިވެއްޖެ އެވެ.
ލަންކާއާ އެކު ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. މިރޭ ކުޅުނު ރަސްމީ މެޗުގައި ރާއްޖެ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 25-20، 15-25، 16-25 އަދި 22-25 އިންނެވެ. ލަންކާ މޮޅުވީ ފަހަތުން އަރަ އެވެ.
މާދަމާރޭ ކުޅޭ މެޗަކީ ދެ ޓީމު މި ފަހަރު ކުޅޭނެ ފަހު މެޗެވެ. ރާއްޖެ އަށް މިހާތަނަށް ލަންކާ އަތުން މޮޅެއް ލިބިފައިނުވާއިރު، މިއީ ރާއްޖޭގައި ވޮލީގެ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅޭ ފުރަތަމަ ފަހަރެވެ. މިއީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ލަންކާ ޓީމު މާލެ އައިސް ކުޅޭ މެޗުތަކެކެވެ.
ރާއްޖެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ލަންކާ އަކީ މި ސަރަހައްދަށް ބެލިޔަސް ތަފާތު މޮޅު ޓީމެއް ކަމަށާއި މި މެޗުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުން ފެނިފައި ހިތްހަމަޖެހޭ ކަމަށެވެ.
"އިސްކޮޅަށް ބެލިޔަސް ގޭމަށް ބެލިޔަސް ދެ ޓީމުގެ ގޭމް ވަރަށް ތަފާތު. އެ ހުރިހާ ކަމަކަށް ބަލާއިރު ލަންކާއާ ކުޅޭއިރު ބައެއް މީހުންނަށް ހީވެދާނެ މޮޅުވާން ޖެހޭނެއޭ. އެކަމަކު މިރޭ މި ކުޅުނު މެޗުގައި ކުޅުންތެރިން ވަރަށް ރަނގަޅު ފައިޓެއްދީފި. އަދިވެސް މި ދިމާވަނީ 20 އިން މައްޗަށް ދިިޔައީމަ ސެޓު ނިންމާލުމުގެ މައްސަލަ،" ކާއްޓޭ ބުންޏެވެ.
"ސެންޓްރަލް ޒޯނުގައި ކުޅޭ ޓީމުތައް ލަންކާހާ މޮޅެއް ނުވާނެ. މި މެޗުގައި މި ކުޅުނު ވަރަށް އަޅުގަނޑުމެން ކުޅެފިއްޔާ ސެންޓްރަލް ޒޯނުގައި އިރާދަކުރެއްވިއްޔާ ރަނގަޅު ކާމިޔާބެއް ހޯދޭނެ."
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒުވާނުންގެ މަރުކަޒުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ޔޫތު އެންވޯއީ ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ އެވެ. ދިވެހި ސަޕޯޓަރުންގެ ތެރޭގައި ހުންނަވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގައުމީ ޓީމަށް ހިތްވަރުދެމުން ގެންދެވި އެވެ. ހޯލުގެ ތެރޭގައި ލަންކާގެ ގިނަ ސަޕޯޓަރުންތަކެއް ދިދަ ހިފައިގެން ތިބިއިރު އެ މީހުންގެ އަޑު ވެސް ގަދަ އެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޓީމުގައި އެންމެ ތަފާތު ދެއްކީ ގައުމީ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އެވެ. މުޅި ސެޓަށް ބަލާއިރު ވެސް ރާއްޖެ އޮތީ ލީޑެއްގަ އެވެ. ރާއްޖެ އަތުން ލީޑުގެއްލެންދިޔަ ދެ ފަހަރަކު ޓީމުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) ވަނީ ރަނގަޅު ޑިފެންސްތަކެއްކޮށް ޓީމުގެ ލީޑު ހިފަހައްޓައިދީފަ އެވެ. ފުރަތަަމަ ސެޓުގައި ދެ ފަހަރެއްގެ މަތިން ލަންކާ އިން ރާއްޖެއާ އެއްވަރުކުރި ނަމަވެސް ރާއްޖޭން ވަނީ 25-20 ސެޓު ކާމިޔާބުކޮށްފަ އެވެ. ސެޓު ކާމިޔާބު ކުރެވުމުގައި ރާއްޖޭގެ ބްލޮކްތައް ރަނގަޅުވުން މުހިއްމު ރޯލެއް ކުޅުނެވެ.
ދެ ވަނަ ސެޓުން ފަށައިގެން ރާއްޖެ އަށް ގިނަ ގޯސްތަކެއް ހެދުނުއިރު ލަންކާ އިން ދިޔައީ ކޮންމެ ފުރުސަތެއްގައި ބޭނުން ހިފަމުންނެވެ. ލަންކާ ޓީމުގައި ހިމެނޭ ދީޕްތީ ރޮމޭޝް އާއި ދިލިނާ ސުދަރަކާގެ މޮޅު ކުޅުމާ އެކު ލަންކާ ވަނީ ދެ ސެޓު 15-25 އާއި 16-25 އިން ގެންގޮސްފަ އެވެ. ތިން ވަނަ ސެޓުގެ ތެރެއިން ރާއްޖޭގެ މުހައްމަދު އަހުސަން ފަޔަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނެވެ.
ލަންކާ އިން ދެ ސެޓު ގެންގޮސް މޮޅުވުމާ ގާތަށް ޖެހިލުމުން ރާއްޖޭން ހަތަރު ވަނަ ސެޓަށް ނުކުތީ ވަރަށް ތައްޔާރުވެގެންނެވެ. ސެޓު ފަށައިގެން ލަންކާ އިން ހަަތަރު ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް ފަހަތުން އަރައި ރާއްޖޭން މޮޅު ކުޅުމެއް ދެއްކި އެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ހުޒަންޓެގެ އިތުރުން އަނިޔާއެއްގައި ހުރެ މި މެޗުގައި ކުޅުނު ހަސަން ނިލާމް (ޕާޓޭ) ދިޔައީ ރަނގަޅު އެޓޭކްތަކެއް ކުރަމުންނެވެ.
ދެ ފަހަރެއްގެ މަތިން ސްކޯ އެއްވަރުވި މި ސެޓުގައި ރެފްރީގެ ނިންމުންތަކާ މެދު ލަންކާގެ ބެންޗުންނާއި ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ ވަގުތު ލަންކާގެ ބެންޗުން ދެ ކުޅުންތެރިން ރެފްރީއާ ދިމާލަށް އިނގިލިން ބޭއަދަބީ އިޝާރާތްތަކެއް ކުރުމުން މެޗުގެ ރެފްރީ ހަސަން ޝިމާދު ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ރާއްޖެ އަށް ލީޑު ނަގަން ލިބުނު ފުރުސަތުތައް ގެއްލުނުއިރު، މި ސެޓު 22-25 އިން ގެެންގޮސް ލަންކާ އިން މެޗުން މޮޅުވީ އެވެ.
ލަންކާގެ ދީޕްތީ (ކ) ޖަހާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ނިލާމް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލަންކާގެ ކޯޗު ކިއުބާގެ ގޮންޒާލޯ މެނުއަލް ޓޮރޭސް ބުނީ ލަންކާ އިން ތައްޔާރުވަނީ ހަތަރު ހަފްތާ ފަހުން އޮންނަ އޭޝިއާ ކަޕަށް ކަމަށާއި އެއަށް މި މެޗުތަކުގެ ސަބަބުން ރަނގަޅު ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ރޭގެ މެޗަށް ވުރެ ރާއްޖޭގެ ޓީމުން މިރޭގެ މެޗުގައި ތަފާތު މޮޅަށް ކުޅުނު ކަމަށް ބުންޏެވެ.
"އަހަރެމެން ތިބީ ހައިރާންވެފައި. އެއީ ރާއްޖެ މި މެޗުގައި ދެ ގުނަ މޮޅަށް ކުޅެފި. ހަގީގަތުގައި މި މެޗުގެ ފައިދާ ރާއްޖޭ ޓީމުން ކުރާތަން ފެނިއްޖެ. އެއީ މެޗަކަށް ފަހު މެޗެއް އެ ކުޅުންތެރިން ރަނގަޅުކޮށްފި،" ޓޮރޭސް ބުންޏެވެ.
ވޮލީގެ ގެއްލިފައިވާ ފޯރި އަލުން ގެނައުމުގެ އަމާޒު ވެސް މިރޭގެ މެޗުގެ މަގުސަދުގެ ގޮތުގައި ހިމެނެ އެވެ. މިރޭގެ މެޗު ހާއްސަވާ އަނެއް ސަބަބަކީ ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ރިޓަޔަމަންޓް އިއުލާނުކުރުމެވެ. މިއާ އެކު ލަންކާއާ އެކު މި ކުޅޭ މެޗުތައް ވެގެންދާނީ ގައުމީ ޖޯޒީގައި ރާއްޖޭގައި ލޯންގޭ ކުޅޭ ފަހު މެޗުތަށެވެ. ލޯންގޭގެ އަގުވަޒަންކުރުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.
މިރޭގެ މެޗަށް ކ. އަތޮޅާއި ވ. އަތޮޅު ރަށްތަކުން ސަޕޯޓަރުން ގެންނަން މިނިސްޓްރީން ކުރި މަސައްކަތް އެންމެ ބޭނުންވި ގޮތަށް ނުދިޔައީ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުނުކުރެވުމުންނެވެ. އެކަމަކު މާދަމާރޭ ކުޅޭ ފަހު މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން އައުމަކީ ވޮލީ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
14 August 2019
ތިޔަނޫން ވަރެއްވިތޯ. މާކުރިންވެސް އެނގޭބަލިވާނެކަން.
ރޫހީ
14 August 2019
ފައްލޯއާ ސަޑިއްކެއާ ނިޒާރާ ރޮބަޓް ލައިގެން ކުޅުނު ނަމަވެސް ރޭގަ އެދިން ވަރުގެ ފައިޓެއް ދިނީސް
ނަގިލި
14 August 2019
ޓެކްސް ފައިސާ ތިގޮތަށް ބޭކާރުގޮތުގަ ތަޅާ ބުރުވާނުލާށޭ، ރިސޯޓުތަކަށް ނުދެވިތިބި މާލޭމީހުން އީދުތެރޭ ފޫހިފިލުވާލަން ވޮލީކުޅޭތަން ބަލާލަން ރަށެއްގެ ނަރުދަމާ އެޅޭހާ ފައިސާ ތިދުއްވާލަނީ.
އަލީ ރާޖާ
14 August 2019
އަހަރުމެންނަށް މިބެލުނީ އެހެން މެޗެއްތާ އެހެންވީމަ
ބަބޫ
14 August 2019
ކޮބާ! ޢަބަދުވެސް މިކިޔަނީ ރާއްޖޭގެ ކޯޗަަކަށް ވޮލީ ޓީމަށް ކާމިޔާބު ހޯދައެއް ނުދެވޭނެއޭ. ޢެފެންވަރު ހުރިކޯޗެއް ނެތް. ބްރެޒިލް، އިޓަލީ ހިސާބުގެ ރަނގަޅު މީހެއް ގެނެއްސިއްޔާ މުޅި ވޮލީ ސިސްޓަމް ރަނގަޅުކޮށް 2 އަހަރުތެރޭ ނަތީޖާ ނެރޭނެކަން ޔަގީން. ސީ.އެސް.އާރުގެ ދަށުން ދެތިން ރިސޯޓުން އޭނާގެ މުސާރަދެވޭހާ ފައިސާ މިގައުމުން ލިބޭނެ.
ގަޓް ބްރޯ
14 August 2019
އިސްކޮޅުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. ރާއްޖޭގަވެސް އިސްކޮޅުން ދިގު އެތައް ކުދިންނެއް އުޅޭ. އެފަދަ ކުދިން ވޮލީ އާ ބާސްކެޓްގެ ކޯޓަށް ގެނެސް ރަނގަޅު ތަމްރީން ތަކެއް ދެޗިއްޖެއްޔާ އިސްކޮޅުގެ މައްސަލަ ހައްލުވީ. އޭގެ އިތުރުން އިތުބާރާ ހިއްވަރާ ބުންވަރު ރަނގަަޅުކޮށްގެންނޫނީ އެއްވެސް ކުޅިވަރެއްގަ މޮޅެއްނުވެވޭނެ. ރާއްޖޭގެ ޓީމު ގެ ބުންވަރު ވަރަށްދަށްކަން މިމެޗްގަވެސް ފާހަގަވި
އުދުރުތައްޙާނުގެއަލިމަނިކުފާނު
14 August 2019
އަބަދުވެސް ވަރަށް ރަނގަޅު ފައިޓެއް ދީފާ ބަލިވާނީ.
ޙުހޫ
14 August 2019
ޙާދަ ފޯރިއޭ! ޙޫން ގަދަ 16:25 15:25 މިހަަވަރު ފޯރި ގަދަވާނީ ޓީމް މަސައްކަތް ހަބޭސް އެކަމް ފޯރި ނުކިޔަަނެ މިޔަކަށް
ހައްފުޑު
14 August 2019
ވޮލީ ނޭގި އަނގަ ނުބާނަބަލަ
ނޯނީޑު
14 August 2019
"މިރޭގެ މެޗަށް ސަޕޯޓަރުން ގެންނަން މިނިސްޓްރީން ކުރި މަސައްކަތް އެންމެ ބޭނުންވި ގޮތަށް ނުދިޔައީ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުނުކުރެވުމުންނެވެ. އެކަމަކު މާދަމާރޭ ކުޅޭ ފަހު މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން އައުމަކީ ..." ކެނޑިނޭޅި މެޓް އޮފީހުން އެބުނަނީ މިރެއާ މަދަމާރޭވެސް ވިއްސާރަވެ ކަނޑުގަދަވާނެ ކަމަށް. ކޮންމެހެން ކުރަންޖެހޭ ދަތުރުނޫނީ ނުކުރާށޭ ކީއްވެގެންތަ މިނސްޓްރީން ތިއުޅެނީ ފްރެންޑްލީ މެޗަކަށް ކަނޑުމައްޗަށް މީހުންނެރެން.