ރިޕޯޓް / އާޓްސް

ޑރ. ނާއިލާ، މިފަހަރު ކުރެހުންތެރިއެއްގެ ގޮތުގައި!

ޑރ. ނާއިލާގެ ކުރެހުމެއްގެ ތަފްސީލު ބަޔަކަށް ދެއްވަނީ: ހިތްގައިމު ކުރެހުންތަކަކުން ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިން -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ކުރައްސަވާފައި ވަނީ ބިއްލޫރިގަނޑެއްގަ އެވެ. "ރިވާސް ޕެއިންޓިން" ނުވަތަ ލޯގަނޑެއްގައި އިދިކޮޅަށް ކުރެހުންތެރިޔާ ކުރަހާފައި އެވާ ތަސްވީރު އޭގެ އަސްލު ފޮޓޯއެކޭ އެއްފަދަ އެވެ. ކަނޑު އަޑީގެ ދިރުންތައް ފެންނަހެން ހީވަނީ އޭގެ ގުދުރަތީ ކުލަތަކުގަ އެވެ. މުރަކަތަކާއި މަސްތަކުގެ ސިފަ ވަރަށް ވެސް އަސްލެވެ. އެއީ ކާކުގެ ކުރެހުންތަކެއް ކަން އެނގިއްޖެ ނަމަ ގިނަ ބަޔަކު ހައިރާންވެދާނެ އެވެ: ޑރ. ނާއިލާ އިބްރާހިމް ދީދީ އެވެ.

ޑރ. ނާއިލާއަކީ ކުރިން ރާއްޖޭގެ އެންމެ މަޝްހޫރު އަންހެނުންގެ އެއް ޑޮކްޓަރެވެ. ހާއްސަ ޑޮކްޓަރުން މަދު ޒަމާނެއްގައި، އަންހެނުންގެ ބަލިތަކަށް ހާއްސަވެވަޑައިގެން ގިނަ ޚިދުމަތްތަކެއް އޭރުގެ ސެންޓްރަލް ހޮސްޕިޓަލާއި ފަހުން އައިޖީއެމްއެޗުގައި ކޮށްދެއްވި އެވެ. މަޝްހޫރު އަމިއްލަ ޖަމިއްޔާ ޝީގެ އެއް ބާނީ އެވެ.

އެކަމަކު ޑރ. ނާއިލާގެ ހޮބީ ކަމަށް ވާ ކުރެހުމަކީ ކޮން ފެންވަރެއްގައި އޭނާ ކުރައްވާ ކަމެއްކަން އާންމުންނަކަށް ނޭނގޭނެ އެވެ. ކުރިން ނަމަ އެގޮތަށް، އެ ހުނަރު އެއްވެސް ވަރަކަށް އާންމުންގެ ތެރެއަށް ގެންނަވާކަށް ވެސް އޭނާ ބޭނުންފުޅެއް ނުވެ އެވެ. ބޭއްވެވި ދެ މައުރަޒު ވެސް އޮތީ، ގިނަ މީހުންނަށް ދިއުމުގެ ފުރުސަތު ނެތް، ކުރުނބާ މޯލްޑިވްސްގަ އެވެ. އެކަމަކު މިހާރު އެވަނީ އާޓް ގެލަރީއަށް އޭނާގެ ހާއްސަ ހުނަރު ގެންނަވައިފަ އެވެ. މިދިޔަ ބުދަ ދުވަހު އެ މައުރަޒު ހުޅުއްވާދެއްވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ.

ބިއްލޫރީގައި ކުރައްސަވާފައިވާ "ރިވާސް ޕެއިންޓިން" ފުރިހަމަ އެވެ. އެ ކުރެހުންތަކުން ދައްކުވައިދެނީ ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކެވެ. މުރަކަތަކާއި މަސްމެހާ މެއްސެވެ. ކުރެހުންތަކުގެ އިތުރުން އެކި ގޮތްގޮތަށް ކުރައްސަވާފައިވާ ފްރޭމްތަކާއި ފޮށިތައް ވެސް މައުރަޒުގައި ހިމެނެ އެވެ. ބިއްލޫރި ފުޅިފުޅި އާއި ލަކުޑި ފޮށިތަކުގެ ކުރެހުންތައް ވެސް ނަލަ އެވެ. ތުނޑުކުނަލުގެ ޑިޒައިނާއި އަމިއްލަފުޅު ޑިޒައިންތަކެވެ. އޭގެ ތެރެއިން ގިނަ އުފެއްދުންތައް މިހާރު ވެސް ވަނީ ބޮޑު އަގުގައި ވިކިފަ އެވެ.

ކުރަހަން ފެށީ ސިއްހީ ދާއިރާގެ ބިޒީކަމުން ދުރުވެލަން

ކުރެހުމަކީ ސްކޫލް ދައުރުގައި ޑރ. ނާއިލާ ކުރެއްވި ކަމެއް ނޫނެވެ. އެކަމަކު ބަލިމީހުން ބެލުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމާ އެކު ސިކުނޑިއަށް ލިބެމުން ދިޔަ ބުރަކަމުން ދުރުވެލަން، 1995 ގައި، ކުލަފިހީގައި ހިއްޕެވި އެވެ. ކުރެހުމާ ގުޅޭ ފޮތްތައް ކިއުންވައިގެން، ބައްލަވައިގެން، ހުސް ވަގުތުތަކުގައި، ކުރެހުމުގެ ތެރެއަށް ވެންނެވި އެވެ.

ތިމާގެ ހުރި ހުނަރެއް އެނގޭނީ އެކަމުގައި ދުވަސްތަކެއް ހޭދަކޮށްލައިގެންނެވެ. ޑރ. ނާއިލާގެ ފަރާތްޕުޅުން ފެނުނީ އެ ހަގީގަތެވެ. އޭނާއަށް ހުސް ވަގުތު ލިބިވަޑައިގެންނެވި ވަރަކުން، ގޭގައި، އެކަނިމާއެކަނި އިންނަވައި، ފިކުރުތައް ކުރެހުމުގެ ތެރެއަށް އޮއްސާލެއްވި އެވެ. ފުރަތަމަ، ރައްޓެހިންނަށް ކޮންމެވެސް ކަމަކާ ގުޅިގެން ދޭ ހަދިޔާއެއްގެ ގޮތުގަ އެވެ.

"އޭރު ވަރަށް ކުޑަކޮށް ކުރަހަނީ. ކުދިން [ދަރިން]ގެ ފްރެންޑްސްއަށް ދޭން އެއްޗެއް ހަދާލަން އެކަހަލަ ގޮތަކަށް،" ޑރ. ނާއިލާ ވިދާޅުވި އެވެ.

ނާއިލާގެ ކުރެހުމެއް މީހަކު ފޮޓޯ ނަގަނީ: ކުރެހުންތަކުން ކަނޑު އަޑީގެ ރީތިކަން ދައްކުވައިދޭ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭރު އައިޖީއެމްއެޗުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ގޭގައި ހިންގަވަމުން ގެންދެވި އަމިއްލަ ކްލިނިކްގައި ބިޒީކޮށް އުޅުއްވުމުން މާ ގިނަ ވަގުތެއް ލިބިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ސިއްހީ ދާއިރާ އިން މީގެ 10 އަހަރު ކުރިން ރިޓަޔަކުރެއްވުމަށް ފަހު، ގިނަ ވަގުތުތަކެއް ކުރެހުމުގައި ހޭދަކުރެއްވި އެވެ.

"[ބަލިމީހުން ބެލުން] އެއީ ވަރަށް ޑިމާންޑިން، ވަރަށް ބުރަކޮށް އުޅެން ޖެހޭ ކަމެއް. އެކަމުން އަޅުގަނޑު ރިޓަޔާ ކުރި ފަހުން ވަގުތުކޮޅެއް ލިބުނީ. އެ ވަގުތުކޮޅުގައި އަޅުގަނޑު ހޮބީއެއްހެން މިކަން ފެށީ،" ޑރ. ނާއިލާ ވިދާޅުވި އެވެ.

ޑރ. ނާއިލާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ކުރައްސަވަން ފެއްޓެވީ މަސައްކަތުގެ ބުރައިން ދުރުވުމަށް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިހާރު ވަރަށް ހުސް ވަގުތު އޮވޭ. މާމަ ކުދިންނަށް ކަންތައް ނުކޮށްދޭ ވަގުތެއް ވިއްޔާ މިކަމުގައި އުޅެނީ."

ކަނޑު އަޑީގެ މަންޒަރުތަކަށް ޚާއްސަ ލޯތްބެއް

ރާއްޖޭގެ އެންމެ ރީތި އަދި އެންމެ ހިތްގައިމު މަންޒަރުތައް އޮތީ ކަނޑު އަޑީގަ އެވެ. އެކަމަކު އެއީ ގިނަ ދިވެހިންނަށް ހަމަ ލޮލުން ފެންނަ މަންޒަރުތަކެއް ނޫނެވެ. މުޅި ދުނިޔެއަށް މަޝްހޫރު އެ ހިތްގައިމުކަމަށް ޑރ. ނާއިލާގެ ހިތް ވެސް ލެނބުނެވެ. އޭނާގެ ވަރަށް ޚާއްސަ ޝައުގުވެރިކަމަކާއި ލޯތްބެއް އޮތީ، ގުދުރަތީ އެ އަޖައިބުގެ ތެރެއަށް ދެވިފަ އެވެ.

ޑރ. ނާއިލާ މިހާތަނަށް ޑައިވްކޮށްގެން ކަނޑު އަޑީގެ ދިރުންތައް ބައްލަވާފައެއް ނުވެ އެވެ. އެކަމަކު ފޮޓޯތަކުންނާއި ވީޑިއޯ އިން ފެނުނު މަންޒަރުތައް އޭނާގެ ސިކުނޑިއަށް ވަނީ ނެގިފަ އެވެ.

ޑރ. ނާއިލާގެ ކުރެހުންތަކުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑަށް ރީތި ރާއްޖޭގެ އެ ކުލަތައް. މި ކުލަތަކެއް ނުފެންނާނެ ކަނޑު އަޑިން ނޫނީ. އެ ރީތިވީ އަޅުގަނޑަށް،" މައުރަޒުގައި ހުރި ކުރެހުންތަކަށް އިޝާރަތްކުރައްވައި، ޑރ. ނާއިލާ ވިދާޅުވި އެވެ.

ނާއިލާ ވަނީ 1996 އާއި 1998 ގައި ކުރުނބާ މޯލްޑިވްސްގައި އޭނާގެ ކުރެހުންތަކެއްގެ މައުރަޒު ބާއްވަވައިފަ އެވެ. އެކަމަކު އާންމުންނަށް އެ މައުރަޒުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތެއް ނުލިބުނެވެ.

މިހާރު މި ވަނީ ޑރ. ނާއިލާގެ، ގިނަ މީހުންނަށް ނޭނގޭ، ހުނަރު ހަމަ ލޮލުން ބަލައިލަން ހުޅުވާލައިފަ އެވެ. އާޓް ގެލަރީގައި އޭނާގެ މައުރަޒު މިރޭ 10 އާ ހަމައަށް އޮންނާނެ އެވެ.

"އަޅުގަނޑުގެ މާމަ ކުދިން ވެސް އަޅުގަނޑާ އެކު ކުރަހާ އެއްޗެހި ހަދާ އުޅޭ. މިއީ އަޅުގަނޑުގެ ހޮބީ،" ޑރ. ނާއިލާ ވިދާޅުވި އެވެ.

އެކަމަކު މިއަދު އޭނާގެ އެ ހޮބީން ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނެސްދީފި އެވެ. އަދި މިއީ ސިއްހީ ޚިދުމަތުގައި ބިޒީ ދުސްތަކެއް ހޭދަކުރެއްވި ބޭފުޅެއްގެ ފަރާތުން ފެންނަ މުޅިން ތަފާތު މަސައްކަތެކެވެ.

4 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 98%
icon sad icon sad 0%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ. ރާމީ މ.ވައިނުޖެހޭގެއާގެ

24 August 2019

ޑރ. ނާއިލާ އަކީ ވަރަށް ހިތްހެޔޮ ބޭފުޅެއް. ވަރަށް ގިނަ އަހަރުތަކެއް ވާންދެއް ހޮސްޕިޓަލުން ވަރަށް ގާތުން ދެކުނީން. ޑރ. ނާއިލާ އަކީ ސީރިޔަސް ވާން ޖެހޭ ދަނޑިވަޅު ތަކުގައި ސީރިއަސް ވެވަޑައިގަތަސް ދުވަހަކު ވެސް، ނަރުސްކުއްޖަކާ ދިމާލަށްވެސް ބާރަށް އެއްޗެއް ވިދާޅުވި ތަނެއް ނުދެކެން. ގިނައީން ވިދާޅުވާނީ، "އެއްޗެކޭ ހީނުކޮށް" މިކަން "ދެންފަހަރަކުން މިގޮތަށް ކޮށްލާނެ ކަމަށް ހީކުރަން ! ".

The name is already taken The name is available. Register?

އަހުމަދު މ

24 August 2019

ޑރ.ނާއިލާއަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވި ދުވަހު ތެލެސީމިއާ ކުދިންނަށް ޝީ ތައާރަފް ކޮށްދެއްވާ އަދި އައިޖީއެމްއެޗްގައި ހިލޭ މާބަނޑު މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ ކްލިނިކެއް ކަމަށްވާ ރިޕްރޮޑަކްޓިވެ ހެލްތު ސެންޓަރ އުފައްދަވާ އެކަން ވެސް ފެށި ޑޮކްޓަރެވެ. އެގޮތުން އަޅުގަނޑުވެސް ކުޑަދުވަސްކޮޅެއްގައި ޑރ. ނާއިލާގެ އިރުޝާދުގެ ދަށުން މަސައްކަތް ތަކެއް ކޮށްލީމެވެ. ވަރަށް ހިތްހެޔޮ ރަނގަޅު ބޭފުޅެކެވެ. އޭރުވެސް ކުރެހުމަށް ޝައުގު ހުންނަކަން ފާހަގަވިއެވެ.

The name is already taken The name is available. Register?

ފުންއަސަރު

24 August 2019

ހީރޯއިން އަބަދުވެސް ތިބޭނީ ހީރޯއިންގެ ގޮތުގަ. ހަގީގީ ހީރޯއިންނަކީ މީ. ރާއްޖެއަށް އެންމެ ބޭނުންވި ދުވަހު ސިއްޚީ ދާއިރާއިން ރާއްޖޭގެ ނަންބަރު ވަން ގެ ގޮތުގާ އުޅުމަށްފަހު މިހާރުވެސް ހަމަ އެހާމެ ފުރިހަމަ މީހެއްގެ ގޮތުގާ! އިރާދަކުރެއްވިއްޔާ ކަމަނާގެ ތިޔަ މަސައްކަތުގާ ބަރަކާތްލައްވާ އަދި ތިޔަށްވުރެވެސް ކާމިޔާބު މީހަކަށް ވެވޭނެ. އިންޝާﷲ!

The name is already taken The name is available. Register?

ކީމޯ

24 August 2019

ޑރ ނަކީ އަބަދުވެސް ހަލޮލައް ތަސްވީރުފެން ތަސްވީރުތައް ބަލިމީހުމައް ސިފަކޮއްދޭ ވަރައް އުއްމީދީބައެކެވެ. އަހަރެމެން އާމުންނައް ނޭންގޭ އެތައް އެތައް ކަމެއް އެމީހުންއިންގި ވޭންތަހަމަލް ކުރާބައެކެވެ އެހެންވީމަ އެމީހުން ކުރަހާތަސްވީތު ތަކުގައި ރިހުމާ ކެކުޅުން އުފަލާ ހިތްހަމަޖެހުން ހުންނާނެއެވެ އެކަން އުންގޭނީ އެބަލާބައެއްގެ އިހުސާސްތައް އެވަގު ހުންނަގޮތަކަށެވެ ޑރ ނަކީ އާދަޔާހިލާފު ހުނަރުވެރި ބައެކެވެ. ސުކުރިއްޔާ ޑރ ނާއިލާ ދީދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454