އެކްސްރޭ އާ އެކު ޖެނާގެ އެންގޭޖްމަންޓް އަނގޮޓީ ދައްކައިލަނީ.
17 ސެޕްޓެމްބަރ 2019 - 08:16
ކޮންމެ ފަދަ ގޮތަކަށް ވެސް ހުވަފަނެއް ހަގީގަތަކަށް ވެދާނެ އެވެ. އެމެރިކާގެ ކެލިފޯނިއާގެ މި އަންހެން މިހާގެ ހުފަވަނެއް ވެސް "ހަގީގަތަކަށްވީ" މުޅިން ތަފާތު ގޮތަކަށެވެ.
ލޯބިވެރިޔާ ބޮބް ހަވެލް އަޅުވައި ދިން އެންގޭޖްމަންޓް އަނގޮޓި ބީވެދާނެކަމުގެ ހިތްދަތި ހުވަފެނަކުން ޖެނާ އިވަންސަށް ބުދަ ދުވަހު ހެނދުނު ހޭވުނު އިރު އިނގިލީގައި އަނގިޓޮއެއް ނެތެވެ. ހުވަފެނުގައި އޭނާ އަށް ފެނުނީ ބޮބާ އެކު ރޭލެއްގައި ދަތުރު ކުރަނިކޮށް ނުލަފާ ބަޔަކު އެ މީހުންނާ ދިމާކޮށްލުމުން އަނގޮޓި ސަލާމަތްކުރަން އޭތި ދިރުވައިލަން ބޮބް ބުނެގެން އެކަން ކޮށްގެން އުޅެނިކޮށެވެ.
އެ ހުވަނުފެ ހާސްކަމުގައި ޖެނާ އަށް ހޭލެވުނު އިރު އިނގިލީގައި އަނގޮޓި ނެތުމުން ވަރަށް ހާސްވި އެވެ. އެކަމަކު ބަނޑަށް އަރާފައި ހުރި ތަދެއްގެ ސަބަބުން ފަހުން އެނގުނީ ނިދީގެ ތެރޭގައި އޭނާ އަށް އަނގޮޓި ދިރުވައިލެވުނު ކަމެވެ. އެހެންވެ ޖެހުނީ ކަމާކަންފަށާފައި އެންޑޯސްކޯޕީއެއް ހަދައިގެން 2.4 ކެރަޓް ޖަވާހިރުގެ އަނގޮޓި އޭނާގެ ބަނޑުން ނަގާށެވެ.
އޮޕަރޭޝަން ކުރި ހޮސްޕިޓަލްގައި އޮވެ ނެގި ފޮޓޯއަކާ އެކު ޖެނާ، 29، ފޭސްބުކްގެ ދިގު ޕޯސްޓެއްގައި މި ވާހަކަ ހިއްސާކޮށްފައިވެ އެވެ. އަދި މިކަމަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ހުއްޓުނެވެ.
ޖެނާ ބުނިގޮތުގައި އޭނާގެ ބަނޑުގައި އަނގޮޓި އޮތްކަން އެކްސްރޭ އިން އެނގުމުން އެކަމާ ވަރަށް ކަންބޮޑުވި އެވެ.
"އޭރު ބަނޑަށް ވަރަށް އުނދަގޫވެގެން އުޅެން ޖެހުނީ. އެކަމަކު ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދިޔައީ. އަނގޮޓި ނަގާފައި ޑޮކްޓަރުން ބޮބީއާ ހަވާލުކުރުމުން ފަހުން އަނެއްކާ އަހަރަންގެ އިނގިލީގައި އޭނަ އަނގޮޓި އަޅުވައިިދިން،" ނިދީގައި ހިނގުމުގެ މައްސަލަ ވެސް ހުންނަ ޖެނާ ބުންޏެވެ. "ދެން އަހަރެން ވައުދު ވެސް ވި އެކަހަލަ ކަމެއް ދެން ނުވާނެ ކަމަށް."
މީޑިއާތަކުން ބުނިގޮތުގައި ޖެނާ އާއި ބޮބް ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy