އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ރެޑްލައިނުގެ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު: އެ ޓީމު ވަނީ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ މެޗު ރޭ ކާމިޔާބުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ސެޕްޓެމްބަރ 2016 - 11:00
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ މެޗު ރެޑް ލައިން ކްލަބް ރޭ ކާމިޔާބުކޮށްފި އެވެ.
އެ ޓީމު މޮޅުވީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ވާދަވެރި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަތުން 79-74 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީރެކްސްގެ ރިކިން ޕެތާނީ އެވެ.
މި މެޗުގައި ރެޑް ލައިން ކްލަބަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 20 ޕޮއިންޓާ އެކު، އެލަން ޓްރެޕަލޮވަޗެވެ. ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޕެތާނީ އެވެ. އޭނާ ވަނީ 30 ޕޮއިންޓް ހޯދައިދީފަ އެވެ.
ގައުމީ ލީގުގައި ވާދަކުރަނީ މި ދެ ޓީމުގެ އިތުރުން އެލްޓީ ސްޕޯޓްސް ކްލަބާއި ދަ ބައުސް ސްޕޯޓްސް ކްލަބް އަދި ކުޑަހެންވޭރު ޔުނައިޓެޑެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ފުރަތަމަ ބުރުގެ ކުޅުން ނިމޭނީ މި މަހުގެ 27 ގަ އެވެ. ދެ ވަނަ ބުރު އޮންނާނީ 29 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ފަށާ ގައުމީ ބާސްކެޓްބޯޅަ މުބާރާތަށް ހޮވޭނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. ތިން ސެމީ ފައިނަލުގެ އުސޫލުން ކުޅުމަށް ފަހު ކުޅޭ ގައުމީ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy