ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަނުގެ ހުވަފެން 23 އަހަރަށް ފަހު ހަގީގަތަކަށް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--

ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގެ ކޯޓުތައް ތަރައްގީކޮށް މި ސަރުކާރުން މިވަނީ ބެޑްމިންޓަން އާއިލާ އިން ވޭތުވެދިޔަ 23 އަހަރު ދުށް ހުވަފެން ހަގީގަތަކަށް ހަދާދީފައި ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އިއްޔެ މާލޭގައި ފުރަތަމަ ފަހަރަށް ވަނީ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތެއް ފަށައިފަ އެވެ. އިއްޔެ ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވިދާޅުވީ ބެޑްމިންޓަނުން ވަސީލަތް މަދުވެ ދަތި ހާލުގައި އެތައް އަހަރުތަކެއް ގުނާފައިވާ ކަމަށެވެ.

"މީގެ 23 އަހަރު ދުވަހުގެ ކުރިން ދިވެހިރާއްޖޭގެ ބެޑްމިންޓަން ކުޅޭ އާއިލާ އިން ބެޑްމިންޓަން ފަރިތަކުރަމުން ގޮސްފައިވަނީ އޭރު ޗާންދަނީ މަގުގައި ހުންނަ އިންޑޯ ސްޓޭޑިއަމްގެ ދެ ކޯޓުގެ ފެސިލިޓީއެއްގައި. އަޅުގަނޑުމެން ހަނދާންވޭ ދެ ކޯޓު އޮތުމުން އޭރު ބެޑްމިންޓަން ކުޅޭ ހުރިހާ އެންމެން އެ ކަމަށް ދަހިވެތިވެފައި ތިބޭ ވަރު. އެތަނަށް ކުޅެން ގޮސްފައި އެއް ބަޔަކު ކުޅޭ ގަޑީގައި އަނެއް ބަޔަކު އެތާ ބޭރުގައި ސަކަރާތް ޖެހުމުގައި ނޫނިއްޔާ ކޮންމެސް ގޮތަކަށް ވަގުތު ހޭދަކުރުމުގައި އުޅުނީ،" މޫސާ ވިދާޅުވި އެވެ.

މި ސަރުކާރުން ބެޑްމިންޓަން އެސޯސިއޭޝަނާ މަޝްވަރާތަކެއްކޮށް ދަތިވެފައި ހުރި ކަންތައްތައް ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މިހާރު ވަނީ ބެޑްމިންޓަން ކުޅެން ކުރިން އޮތް ހަތަރު ކޯޓުގެ ބަދަލުގައި އަށް ކޯޓު އެޅޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ. އަދި ތަނަށް ބޭނުންވާ އިތުރު މަރާމާތުތައް ވެސް ކުރެވިގެންދިޔައިރު، އެ ޕްރޮޖެކްޓަށް 2.6 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މޫސަ ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި މި ސަރުކާރުން ކުޅިވަރު ކުރިއަރުވަން ކުރެވޭ މަސައްކަތުގައި ބެޑްމިންޓަނަށް މި ފަހިކޮށްދިނީ ކުރިއަށްދާނެ ވަރަށް ބޮޑު މަގެއް ކަމަށެވެ.

"މިއީ 1996 ގައި ބަދަލުވިއިރު ވެސް ހަމަޖެހިފައި އޮތް ގޮތް. ކަންދިމާވިގޮތުން 23 އަހަރު ދިގު ރާސްތާ އެއް ކަޑަތު ކުރަން ޖެހުނު ކަމަށް ވިޔަސް މިހާރު މުބާރާތް (ފިއުޗާ ސީރީސް) މި ފަށަނީ ދިގު ރާސްތާގެ އުއްމީދު ފޮނި ނިމުމަކަށް އައިސްގެން،" ބެޑްމިންޓަން ކޯޓަށް އައި ތަރައްގީ އަށް އިޝާރާތްކޮށް މޫސަ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ. އެހެންވެ އަމިއްލަ ގައުމުގައި ބައިނަލްއަގުވާމީ މުބާރާތެއް ކުޅެލުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް އޮތީ ގެއްލިފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މުބާރާތް ބާއްވަން ތާވަލުކުރި ނަމަވެސް އެކުވެނި ތަރައްގީކުރަން ކުރާ މަސައްކަތް ހުއްޓޭތީ އެކަން އޮތީ ނުވެ އެވެ. އެކަމަކު މި ފަހަރު މި ސަރުކާރާ އެކު ކުރެވުނު މަސައްކަތުން ގެނައި ތަރައްގީއާ އެކު މި އަހަރު އިންޓަނޭޝަނަލް ދެ މުބާރާތެއް ކުޅޭނެ އެވެ. އެއީ މިހާރު ކުރިއަށްދާ ފިއުޗާ ސީރީސްގެ އިތުރުން މި މަހު 24 އިން 29 އަށް ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް އެވެ.

އެންމެ ކުރިން އޮތް އުނދަގޫ ހާލަތުގައި ވެސް ގިނަ ބަޔަކު ބެޑްމިންޓަން ކުޅެމުން ދިޔައީ އެކަމަށް އޮންނަ ޝައުގުވެރިކަން ބޮޑު ކަމުންނެވެ. އެކަމަކު އެހެން އެކަން ދަނިކޮށް 1996 ގައި އޭރުގެ ކުޅިވަރު މިނިސްޓްރީން ބެޑްމިންޓަނަށް ހާއްސަ ތަނެއް ހަދައިދޭން ބުނެ އެކުވެނި ތައްޔާރުކޮށްދިންއިރު، އެތަން ދިނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނާ ހިއްސާ ކުރާ ގޮތަށެވެ.

މޫސަ ވިދާޅުވީ ބެޑްމިންޓަނާ ނުވެސް ގުޅޭ ކުޅިވަރަކާ ހިއްސާ ކުރަން ޖެހުމުން އެތައް ތަކުލީފެއް އުފުލަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ވެސް ގިނަ މަސައްކަތެއް ބެޑްމިންޓަން އެސޯސިއޭޝަނުން އެކި ދައުރުގައި ތިބި މީހުން ކުރި ކަމަށެވެ. އެގޮތުން ދުރު މުސްތަގުބަލަށް ވިސްނައިގެން 2008 ވަނަ އަހަރު އެކުލަވާލި ޕްލޭނެއްގެ ފޮނި މީރުކަން މިހާރު ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމުގައި އެކި އެކި ދައުރުގައި ތިބި ބޭފުޅުންގެ ހިތްވަރު ކުޑައެއް ނޫން. އެ ބޭފުޅުންގެ ޗެލެންޖްހުރީ ދިމާވި ޗެލެންޖް މާލެ އަށް ދިމާވި ކަމަށް ވިޔަސް. ދުރު މުސްތަގުބަލަށް ވިސްނައިގެން ޕްލޭނެއް އެކުލަވާލަން އެ ގޮތުން 2008 ގައި 10 އަހަރުގެ ޕްލޭނެއް އެކުލަވާލައި މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާ ކުރުމުގެ ވިސްނުމުގައި ފެށި މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު ވަރަށް ކައިރިން އެބަފެނޭ. އޭގެ އެންމެ ބޮޑު ހެއްކަކީ ނިމިގެންދިޔަ އައިއޯއައިޖޯގައި ވެސް ރާއްޖެ ތަމްސީލްކުރަން ދިޔަ ޓީމުގައި އަތޮޅުތެރޭ ކުޅުންތެރިން ހިމެނިފައިވުން،" ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ބޭނުންވީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގެ ސަގާފަތެއް ހެން އެކުލެވިފައި އޮތް މާލޭގައި ތިބޭ ކުޅުންތެރިންނަށް އިސްކަން ދިނުމުގެ ގޮތް ނައްތާލުމަށް ކަމަށާއި މިދިޔަ 10 ވަރަކަށް އަހަރު ތެރޭ އެކަން ކުރެވިއްޖެކަމަށެވެ.

މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާކުރުމުގެ ވިސްނުމުގައި ބެޑްމިންޓަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަންނަ މަހު 5-10 އަށް އައްޑޫގައި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ބާއްވާނެ އެވެ.

2 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބުރުކަލޯ

18 September 2019

މޫސައަކީ މޭންއެއް.

The name is already taken The name is available. Register?

ޑާޑާ

19 September 2019

ތިހެން ނުބުންޏަސް އަންހެނަކަށް މޫސަ ނުކިޔާނެކަން އިނގެޔޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454