ކުޅިވަރު / ށ. ފޯކައިދޫ

ހާލަތުން އަރައިގަންނަން މި އަންނަނީ މަސައްކަތްކުރަމުން: ޓީސީ

ޗެރިޓީ ޝީލްޑް މެޗުގައި ޓީސީ އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން:-- ފޮޓޯ:ނިޝާން އަލީ/މިހާރު

މާލީ ގޮތުން ޓީމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ބުނެފި އެވެ.

ދާދި ފަހުން ޓީސީގެ ހާލަތު ދަށްވެ، ކޯޗުކަމުގައި ހުރި މުހައްމަދު އާތިފް (އާތީ) ވަނީ ޓީމުން ވަކިވެފަ އެވެ. ޓީސީގެ ކުޅުންތެރިންނަށް މުސާރަ ނުދެވި ޕްރެކްޓިސްތަކަށް ވެސް އެކަމުގެ އަސަރުކޮށްފައިވާއިރު، އެ ޓީމުން އަންނަނީ ހާލަތު ބަދަލުކުރަން މަސައްކަތްކުރަމުންނެވެ. ޓީސީ އަށް ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދު ދޭނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދެވެ.

ލީގުގައި މިރޭ ށ. ފޯކައިދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ މެނޭޖަރު މުހައްމަދު އަބީރް ބުނީ އެ ޓީމަށް ދިމާވެފައިވާ ހާލަތުން އަރައިގަންނަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ޕެންޑިންތަކެއް އެބައުޅޭ މުސާރައިގެ. ދެން މިވާ ގޮތަކީ އެފްއޭއެމުން މި ލިބުނު އެއްޗެއް މި ލިބުނީ. ދެން ސަރުކާރުން މިދިޔަ އަހަރު އެ ދިން އެސްއޯއީގެ ފައިސާ ނުލިބުމުން އައި ދަތިކަމެއް މި އުޅެނީ. އޭތި އުއްމީދެއް ނުކުރަން ލިބޭނެކަމަށް. ވަރަށް މަސައްކަތް އެބަކުރަން މި އަޑިގަނޑުން އަރައިގަންނަން،" އަބީރު ބުންޏެވެ.

ޓީސީގެ ކޯޗުކަމުން އާތީ ވަކިވިއިރު، އެ ޓީމުގެ މެނޭޖްމަންޓުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ޓީމު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް ބުނެ ޓީމުގެ ހާލަތު އޮޅުންފިލުވައިދީފަ އެވެ. އަބީރު ބުނީ ދެ ކުޅުންތެރިން ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޓީމު މެޗަށް ރެޑީވެގެން އޮތީ. ޓީމުގެ ރޫހު ވަރަށް ރަނގަޅަށް އޮތީ މެޗުން މޮޅުވެގެން ލީގަށް ފައިޓްކުރަން ވެގެން ހަމަ ރެޑީގައި،" އަބީރު ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ އެކޭ އެއްގޮތަށް ށ. ފޯކައިދޫ އަށް ވެސް ވަނީ މާލީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ އެ ޓީމުގެ މާލީ ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި އެކަމަކު މެޗެއްގެ ކުރިން އެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އެންމެ ފަހުން ކުޅުނު މެޗުން ފ.ނިލަންދޫ އަތުން ބަލިވެފައިވާތީ ބޭނުންވަނީ އަލުން ޓީމުގެ ނަތީޖާ ރަނގަޅު ކުރަން ކަމަށް ބުންޏެވެ.

"(މާލީ މައްސަލަަތަކުގެ) ސިޓުއޭޝަނަކަށް ބަދަލެއް ނާދޭ. އެހެން ނަމަވެސް މެޗުގެ ކުރިން އެ ވާހަކަ އެހާ ބޮޑަށް ދެއްކުމުގެ މާނައެއް ނެތް. އަޅުގަނޑުމެންނަށް މި ގެއްލުނީ ވަރަށް މުހިއްމު މެޗެއް. ދެން އަވަހަށް އޭގެއިން ރިކަވާ ކޮށްގެން އަނެއްކާ ވެސް ކުރިއަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" ނިސްތާރު ބުންޏެވެ.

މި އަހަރުގެ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރީ ފޯކައިދޫ އާއި ޓީސީ އެވެ. ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގު އެއްވަރުވިއިރު، ޓީސީ މޮޅުވީ މާލޭގައި ކުޅުނު ދެ ވަނަ ލެގުންނެވެ. ނިސްތާރު ބުނީ މިހާރު އޮތީ އެ މެޗުގައި ކުޅުނު ޓީސީ ނޫން ކަމަށާއި ކޯޗު ވެސް ބަދަލުވެފައިވާއިރު، ދެ ޓީމުގެ ހާލަތު ވެސް ކުރިއާ ތަފާތު ކަމަށެވެ. އަދި ޓީސީ އަތުން ޕޮއިންޓެއް ނޫނީ ތިން ޕޮއިންޓް ލިބިއްޖެ ނަމަ އެ ވެގެންދާނީ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށް ބުންޏެވެ.

"ޓީސީ އަކީ ޑިފެންޑިން ޗެމްޕިއަންސް ދެން ގާތްގަނޑަކަށް ހުރިހާ ޓީމެއް ވެސް މި އުޅެނީ އުނދަގޫތަކެއްގެ ތެރޭގައި. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް އެންމެ ފަހުގެ ޗެމްޕިއަނާ ކުޅޭއިރު ވަރަށް ތައްޔާރުވެގެން ކުރީގެ ވެސް ބޮޑު ދެ ޓީމަކާ ދެކޮޅަށް ރަނގަޅު ރިޒަލްޓެއް ނެރެވިފައި އިނީ. އެހެންވީމަ އުއްމީދަކީ އަނެއްކާ ވެސް އެ ކަހަލަ ގޮތެއް. ފަސޭހައެއް ނުވާނެ މި ލީގުގައި އެއްވެސް ކަމެއް ކުރަން. ވަރަށް ޕޮޒިޓިވްކޮށް ނިކުމެގެން ނޫނީ ކަމެއް ނުވާނެ." ނިސްތާރު ބުންޏެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޓީސީ އާއި ހަ ވަނައިގައި އޮތް ފޯކައިދޫ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

23 September 2019

ނިއުސަސްފެންޑް ކުރަށް ވޯޓްދީ ނިއު ވުޖޫދުން ފޮހެލި ޓީމްތަކަށް ލައްކަ މޮޅުތަކެއް ވެއްޖެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454