23 ސެޕްޓެމްބަރ 2019 - 19:34
އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ފަސް ގޯލާ އެކު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މައްޗަށް 8-2 އިން ގްރީން ސްޓްރީޓްސް އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
މި މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ލީގުގެ ދެ ވަނަ ޖެހިލައިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ބުރުގެ އަށް މެޗުން ލިބުނީ 15 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް މެޗުން ލިބުނީ 18 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ބުރުން ދެ ވަނަ ލިބޭނީ ލީގުގައި މާދަމާރޭ ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
މިއަދުގެ މެޗުގައި ގްރީން ސްޓްރީޓްސް އިން ޖެހި އަށް ގޯލުގައި ވެސް ދަގަނޑޭ ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ. ފަސް ގޯލު ޖެހިއިރު، އަނެއް ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ދަގަނޑޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ.
މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ދިން ބޯޅަ އަކުން ދަގަނޑޭ ވަނީ ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ މުހައްމަދު ރިސްވާން (ފުކޭ) އެވެ. ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ ފުކޭ ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ. ފުކޭ ލަނޑު ޖެހީ އޮފްސައިޑްގައި ހުރެ ކަމަށް ބުނެ، ޔުނައިޓެޑް ވިކްޓްރީން ވަރަަށް ބޮޑަށް އެޕީލްކުރި އެވެ.
ގްރީން ސްޓްރީޓްސްގެ ގިނަ ހަމަލާތަކެއް ޔުނައިޓެޑް ވިކްޓްރީގެ ހަސަން ތޮލާލް (ތޮލާ) މަތަކުރިއިރު، މެޗުގެ 39 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ލަނޑު ޖެހީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އޭރިއާ ބޭރު އަރިމަތިން ނައްޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފް އަތްމަތިން ގޮހެވެ.
ލަނޑު ޖެހުމަށް ފަހު ދަގަނޑޭ (ކ) އާއި ފުކޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޔުނައިޓެޑް ވިކްޓްރީން ލަނޑު ޖަހައި މެޗުގެ ތެރެއަށް އެނބުރި އައިތާ ދެ މިނިޓް ފަހުން ދަގަނޑޭ ވަނީ އަލުން ގްރީން ސްޓްރީޓްސް އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. ފުކޭ ނަގައިދިން ހުރަހަކުން ދަގަނޑޭ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުުގައި ދަގަނޑޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަަމަކޮށް ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ގާސިމް ސައްމާމު (ސައްމެ) ހުސްކޮށްލާފައި އޭރިއާތެރެއިން ދަގަނޑޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ޝާފިއު އަހުމަދު (ޝާފީ) ގައިގައި ޖެހިފަ އެވެެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ފަސް ވަނަ ލަނޑު ޖެހީ ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ ބޮބީ ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ފުކޭ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
ގްރީން ސްޓްރީޓްސްގެ ހަ ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ދަގަނޑޭ މި ލަނޑު ޖެހީ ފުކޭ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 67 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ދެ ވަަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި މިރާހު މުހައްމަދު (މިރަޓީ) އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ މިރަޓީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓްރީން މެޗުގެ ފަހު ވިހި މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ އިސްމާއިލް ޝަފީއު (އިއްސެ) އަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޗުގައި ގްރީން ސްޓްރީޓްސްގެ ހަތް ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ދަގަނޑޭ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ކުރިން އަބްދުﷲ މިސްބާހު ޖެހި ބޯޅަ ކީޕަރު ތޮލާ ވަނީ މަތަކޮށްފަ އެވެ. ގްރީން ސްޓްރީޓްސްގެ އަށް ވަަނަ ލަނޑު ޖެހީ ދަގަނޑޭ ދިން ބޯޅަ އަކުން ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީން (ޔާން) އެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ޔުނައިޓެޑް ވިކްޓްރީ އޮތް ފޯމަށް ބަލާއިރު މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އެކަން ހާސިލްކުރެވުނުއިރު، ގިނަ ގޯލުތަކެއް ޖެހުމަކީ މި ނަތީޖާއާ މެދު އިތުރަށް ހިތްހަމަޖެހޭ ސަބަބެއް ކަަމަށެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުގެ ރެފްރީންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަމަށާއި ފެނުނީ ހަމައެކަނި ވަކި ކަންތައްތަކެއް ފެނުނު މަންޒަރު ކަމަށެވެ. އެކަމަކު މެޗުން ބަލިވީ ހަމައެކަނި ރެފްރީގެ ގޯސް ނިންމުންތަކެއްގެ ސަބަބުން އެކަނި ނޫން ކަމަށާއި ފަސޭހަ ގޯލުތަކެއް ވެސް ވަނުމުން ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީރާ
24 September 2019
ނަޒީހަށް ދަންނަވާލަން އޮތީ. ނަޒީހަކީ އަހަރެމެންގެ ވަރަށް އުއްމީދީ ކޯޗެކޭ. އެހެނަސް ޤައުމީޓީމުގެ ކޯޗަކަށް ގެނެސް މިހިރަ ބައްސާމުގެ ރޯނު އެދުރު ކަހަލަ ރޯނު އެދުރަކަށް ވާން ބޭނުންނަމަ ނަޒީހުވެސް އަސްފާޤާއި ދިމާކުރަންވީއެވެ. އަސްފާޤަށް މަލާމަތް ކޮށްލެވޭވަރު ގެ ހަމައެކަކަުވެސް ފުޓްބޯޅައިގެ ދާއިރާގައި އަދި ރާއްޖެއަކު ނެތް.
މިނަރޭ
24 September 2019
ތިއީ ކޯއްޗެ ކުޅެވޭ މީހެއްތަ.
ޕޮޓޭސިއަމް
24 September 2019
ތިއެއް ނޭގޭ އެކަމަކު ކަލެއަށްވުރެ އޭނަ އެތައްނުގަ މަޝްހޫރުދޯ. ކޮބާ ކަލޭ، ތަންގަޑު ހިސާބު މީހުންނަށް ކާލޭތީ ކާކުކަންވެސް އެގޭނެ ހެނެއް ހީނުވޭ
ސދފދސފ
24 September 2019
ކޮންތަނެއްގައި ކުޅުނު ކޮން މުބާރާތެއް ؟
ބަޓިސް
24 September 2019
ކޮމެންޓްކުރުންނޫން އެހެންކަމެއް ނޭގެންޏާ ތިކަހަލަ ގޮތަކަށް އުޅޭނީ. ވާނުވާ ނެގި.
ޔޫވޭ
23 September 2019
ނަޒީހު ހިސާބު ޖެހި ގޮތައްބާ މެޗު ނިމިގެން ދިއައީ؟
ސޭކްގާރތު
23 September 2019
ސޭކުގާތަށް ވަރަށް ސަލާމް. 34 އަހަރުގަ އަޝްފާޤު ދައްކަމުން އެއަންނަ ކުޅުމަކީ ދިވެހި ފުޓުބޯޅައިގެ އަބަދުގެ އަބަދައް ރިކޯޑެއް އިނގޭތޯ؟ އަދި މިހާރު ހުރި ޤައުމީ ކޯޗަަށް ބުނެލަން ބޭނުމީ ތީ މިހާތަނަށް ޤައުމީ ޓީމްއަށް ގެނައި އެންމެ ދަށް ކޯޗުއޭ. ދެން ހުރޭ ސޮނި ވެއްޓިފަ، އަޝްފާޤު ފައިބޯޅަ ކުޅޭތަން ބަލަން ދެންވެސް ނަމަނަމަ އެއްބަސްނުވާތި އަޝްފާޤު ކުޅޭ މޮޅުކުޅުން
މުޖައްރިބު
23 September 2019
ބަކާ ހޯލްޑިން މިޑިފިލްޑަރުގެ މަގާމުގަ ކުޅުނީ ވަރަށް ރަގަޅު ކުޅުމެއް ހަމައެފަދައިން އުމެއިރުވެސް، ބުނެވޭނީ ސުޒެއިނު ޓީމުއޮތީ މިހާރު ހަމަ އެންމެ ރަގަޅު ފޯމުގައޭ، އެންމެ ބަލިކަށިކޮށް ފެންނަނީ ގޯލްކީޕިން.
ސަންޕަ އަހަންމަދު
23 September 2019
ދަގޭ ފޯމު ގެއްލެނިއްޔޯ.... ކޮބާ ގެއްލިފާ؟
ޙަހަހާ
23 September 2019
ނަޒީހު ކަޑަވާނެ. ދަގޭއާ ޖައްސާލައިގެން ފަރުވާކުޑަކޮށް، މެޗުގެ ކުރިން ފޮނި އަނގަތެޅީމަ ދަގޭ އެކަނިމާ އެކަނި ތިއޮތީ ތި ޓީމު ފުނޑާލާފަ
ކުދުރޭޑިއޯ
23 September 2019
ގްރީންސްޓްގެ ކީފަރު ލަބާންގެ މިސްޓޭކު ހާދަ ގިނައޭ، ސީޒަންގެ ފުރަތަމަ ކުޅުނު ތިންމެޗުގައި ބޮޑެތި މިސްޓޭކްސްގެ ސަބަބުން ގޯލުތަކެއްވަން. އަނެއްކާ މިއަދުވެސް ބޮޑު މިސްޓޭކެެއް. ޕެނެލްޓީ އޭރިއާ ބޭރުން ދުރުންޖެހި ބޯޅައެއް ބޯމަތިން ގޯލަށް ވަނުމުގެ ކުރިން އެޖެސްޓްވެ އެބޯޅަ ގޯލުމަތިން ފޮނުވާކަށް ނޭގުނު. މާޒިއާ ކަހަލަ ޓީމުތަކާ ކުޅޭއިރު މިކަހަލަ މިސްޓޭކްސް ހެދެންޏާ ލީޑެއް ލިބުނަސް ހިފެހެއްޓުމަކީ ފަސޭހަކަމަކަށް ނުވާނެ.
ނަގިއްޔާ
23 September 2019
ދަނގަޑޭގެ ކޮންޕްލީޓް ޕާފޯމެންސެއް! ފުރަތަމަ ލަނޑު ވާތުފައިން، ދެވަނަ ލަނޑު ހެޑިން، ތިންވަނަ ކަނާތުފައިން. ތިން އެސިސްޓްސް، މުޅިއެކު ފަސްގޯލު. 33 އަހަރުގަ ދިސް އިޒް ވެރީގުޑް.
ޒައިން
24 September 2019
34 އިންގޭތޯ