ތެޔޮ ސަޕްލައިކުރާ ކުންފުނިތަކުގެ އިސްވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމް (މ) ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2019 - 17:32
ތެޔޮ ސަޕްލައިކުރާ ބައެއް ކުންފުނިތަކުގެ ވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ހެނދުނު ނައިބު ރައީސް ބައްދަލުކުރެއްވީ ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯ، ފިއުލް ސަޕްލައި މޯލްޑިވްސް އަދި ޕޯޓްސް އޮތޯރިޓީގެ އިސް ވެރިންނާ އެވެ.
މާލެ ސަރަހައްދުގައި އޮޑި ދޯނި ފަހަރަށް ޕެޓްރޯލާއި ޑީސަލް ތެޔޮއެޅުމުގެ އިންތިޒާމް މިހާރު އޮންނަ ގޮތާއި އެ މަސައްކަތް މިހާރަށް ވުރެ ފުރިހަމަކޮށް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ކެމިކަލް ރައްކާކުރާ ގުދަނެއްގައި މިދިޔަ ހުކުރު ދުވަހު ރޯވެ ގެތަކެއް އަނދައި މީހަކު މަރުވި ހާދިސާ އަށް ފަހު، އެފަދަ ތަންތަން، މީހުން ނޫޅޭ ހިސާބުތަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނައިބު ރައީސް މިއަދުގެ ބައްދަލުވުމުގައި ވަނީ ތެޔޮ އެޅުމާއި ތެޔޮ އުފުލާ އުޅަނދުތައް، މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ގެންދަން ސަރުކާރުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފަ އެވެ.
ތެޔޮ ސަޕްލައިކުރުމުގައި މިހާރުން މިހާރަށް އިސްލާހު ކުރެވޭނެ ކަންކަމާއި މަސައްކަތް މިހާރަށް ވުރެ ރަނގަޅު ކުރަން ކުންފުނިތަކުން އަމިއްލައަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮ
24 September 2019
މަޝްވަރާ ކޮށްލާ ކޮށްލާ ހުރޭ 5 އަހަރު ނިމެންދެން.