އިންޑިއާގެ އާމީ ޗީފް ރަވާތު (ވ)، ފޮރިން މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
01 އޮކްޓޯބަރ 2019 - 13:51
އިންޑިއާ ސިފައިންގެ އެންމެ މަތީ ވެރިޔާ، އާމީ ޗީފް ޖެނެރަލް ބިޕިން ރަވާތު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން ރާއްޖެއަށް ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް މިނިސްޓަރު ޝާހިދ ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ނުރައްކާތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރު ކާނަލް އަހުމަދު ތޯހިރު ބައިވެރިވެ ވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރު މަރިޔަމް މިދުފާ ނައީމް ވެސް ބައިވެރިވެ ވަޑައިގަތެވެ.
އިންޑިއާގެ އާމީ ޗީފް ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ އާދިއްތަ ދުވަހު އެވެ. މި ދަތުރުގައި އޭނާ ވަނީ ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރަން ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރައްވައިފަ އެވެ. އަދި އޭނާ ފުރާވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮރެންޖްބެރީ
02 October 2019
ދިވެހި ދިދައަށް ވުރެ އިންޑިއާގެ ދިދަ ބޮޑުކޮމަށް ފާހަގަވޭ
ރީތި މޫސަ
02 October 2019
އިންޑިޔާ މީހުންގެ ގާތު ބުނެބަލަ އަހަރުމެންގެ އަޚުން ކަސްމީރުގެ މުސްލިމުންނަށް ކުރާއަނިޔާ ހުއްޓާލުމަށް