ދެ ފުލުހަކު މަގުމަތީގައި: ރިލްވާން މައްސަލައިގައި ތުހުމަތުކުރި ދެ ފުލުހުން ވަނީ ވަޒީފާ އިން ވަކިކޮށްފައި.
02 އޮކްޓޯބަރ 2019 - 21:01
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ފައިސާތަކެއް ލިބުނު މައްސަލައެއްގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އިންޓެލްގައި މަސައްކަތް ކުރި މުހައްމަދު ޖިނާހާއި އިބްރާހީމް ރިފްއަތަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ކުރަނީ ރިލްވާންގެ ފޯނު އަޑު އަހައި ރާއްޖެ އިން ބޭރަށް ދިޔަކަން ދައްކަން އުޅުމަށް އެހީތެރިވި ކަމުގެ ތުހުމަތެވެ. ރިލްވާން ވަގަށް ނަގައި މަރާލީ ކަން އާއްމުކުރި ރިޕޯޓްގައިވާ ތުހުމަތުތަކާ ގުޅިގެން މި ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެންގެވި އެވެ.
އެކަމަކު ހައްޔަރު ނުކުރީ، ރިޔާސީ ކޮމިޝަނާ މަޝްވަރާކުރުމަށް ފަހު، މައްސަލައިގައި އެކަށީގެންވާ ހެކި ނެތުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުުހުންގެ ޑިސިޕްލިނަރީ ބޯޑުން މި ދެ މީހުންގެ މައްސަލަތައް ބަލައި ވަޒީފާ އިން ވަކިކުރަން ކޮމިޝަނަރަށް ވަނީ ލަފާ ދީފަ އެވެ.
ހަމީދު ވިދާޅުވީ އެ ދެ ފުލުހުން ވަކިކުރީ ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ނޫން ކަމަށެވެ.
ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ދެ ފުލުހުން ވަޒީފާ އިން ވަކިކުރެވުނީ މަރު ކޮމިޝަންގެ ތަހުގީގު ރިޕޯޓުގެ މައްޗަކަށެއް ނޫން. ވަކި ކުރެވުނީ 2017 ގައި އެ ފުލުހުންގެ މައްޗަށް ތަހުގީގު ކުރެވެމުން އައި މައްސަލައެއްގައި. އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ފައިސާތަކެއް ލިބިފައިވާ މައްސަލައިގައި،" ކޮމިޝަނަރު ވިދާޅުވި އެވެ.
ރިލްވާން ވަގަށް ނެގުމާ ގުޅިގެން ކުރި ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އެތަނުން ބުނެފައި ވަނީ، ރިލްވާން ވަގަށް ނެގުމާ ގުޅިގެން ފުލުހުން ކުރި މަސައްކަތަށް ބަލާއިރު މިހާތަނަށް ފުލުހުންގެ އެއްވެސް އިހުމާލެއް ވެފައިވާ ކަމުގެ ހެއްކެއް އަދި ގަރީނާއެއް ވެސް އެ ކޮމިޝަނަށް ލިބިފައި ނެތް ކަމަށެވެ.
ކުރީގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި އަދީބު ހުންނެވި އިރު، ރިލްވާނަށް އިންސާފު ނުލިބި ލަސްވާތީ އޭރު ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރަން އަދީބު ކަންތައްތަކެއް ކުރެއްވި އެވެ.
ރިލްވާނާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން ކުރާ މެސެޖްތަކާއި އާއިލާ އިން ބޭއްވި އެއްވުންތަކާއި އެ ނޫން ވެސް ހުރިހާ ކަމެއްގެ މައުލޫމާތު އަދީބު ގެންދެވީ ބަރާބަރަށް ބައްލަވަމުންނެވެ. މިކަމުގައި، އެމަނިކުފާނަށް ބައެއް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭއަފީފް
03 October 2019
ފުލުހެއްގެ ވަޒީފާގައިހުރެ އެފަދަ އެކަމެއް ކުރުމުން ވަޒީފާއިން ވަކިކުރުމަކުން އަދި ނުނިމޭނެ. ޢެފަދަ ވަޒީފާއެއްގައި ހުރެ ކުރމުން އަދަބުވެސް ބޮޑުވާންޖެހޭނެ. ކޮންއިރަކުންބާ ފުލުހުންގެ މުޢައްސަސާ މިއަށްވުރެ ހަރުދަނާ ވާނީ.
އަދުދާ
03 October 2019
ސޯ، އުމަރު ކީ ރަގަޅު ވާހަކަތާ
ސިޔާނާ
03 October 2019
އޯކޭ ލާރި ނެގީމާ އިދާރީ ނުވަތަ ސުލޫކީ ކަމެއްގެ ގޮތުގައި ފުލުުހުންގެ ވަޒީފާއިން ވަކިކުރީ. އެކަމަކު، އޭގެ ޖިނާއީ ތަހުގީގު އެމީހުންގެ މައްޗަށް ހިންގަން ޖެހޭނެއެއް ނޫންތަ؟ ހަމައެކަނި ވަޒީފާއިން ވަކިކޮށްލީމަ ނިމުނީތަ ފުލުހެއް ވެއްޖެއްޔާ! މިސާލަކަށް ފުލުހަކު މީހަކު މަރާލިއްޔޯ، ދެން ވަޒީފާއިން ކަނޑާލީމަ އެ ހިސާބުން ނިމުނީތޯ؟ ވަޓް އަ ޗޯކު!
ހުސޭނީ
03 October 2019
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިފެންވަރުގެ ވާހަކަފުޅެއް ދައްކަވާފާނެ ކަމަކަށް ހިއެއް ނުކުރަން! މިއިން ފެންނަނީ ފުލުހުންގެ މުއައްސަސާ އޮތް ހިސާބު. މިއީ ވޭތުވެދިޔަ ސަރުކާރުތަކުން ހޭވި ހަޑީގެ ނަތީޖާ.. ގޫޑްލަކް ހަމީދު.
ތަސީ
03 October 2019
އަދީބު އަތުން ފައިސާ ނެގި ބޮޑެތި ޖަމަލުތައް އަދި ވެސް ފުލުސް އޮފީހުގައި އެބަތިބި.. ތި ވަކި ކުރީ ފުލުސް އޮފީހުން އާދައިގެ ދެކަންބަޅި.. ޒީރޯ ޓޮލޮރެންސް..
ދޮންވެލި
03 October 2019
ސިޔާސީ އެކި ޕާޓީ ތަކުގެ ވެރީން ގުޅިގެން ހާވާ ހަޑިއެކެވެ.
އަލީ ޙަމީދު
02 October 2019
އަދީބު އަތުން ފައިސާނެގި ފުލުހުންގެ ލިސްޓެއް ފުލުހުން އަތުގައި އެބައޮތް. ކީއްވެތޯ އެމައްސަލަތައް ނުބައްލަވަނީ؟ ސީނިއަރ ބޭކަލުން ހިމެނޭތީތޯ؟
މޮހޮދޭ ދެކޭ ގޮތް
03 October 2019
ވެރިން ނުކައި އަޅުން ކާނީ ކިހިނެއް؟ ހާއްސަކޮށް ނައިބު ރައީސެއް ދެއްވާ އެއްޗެއް!!!
ބަބުރަންޖީ ހާޖީ
02 October 2019
ދެން އަންނަ ސަރުކާރަކުން ކޮނޑަށް ފާޑުފާޑިގެ ނިޝާނުތަކާއެކު ވަޒީފާ ރުޖޫއަކުރާނެ. ދެން އޭރުތ ތިބޭ ގާޒީންނަށްވެސް އެމީހުންގެ އެއްވެސްކުށެއްވެސް ނުފެންނާނެ.