ދިރާގު މާލެ އޯޕަންގައި ބޭނުންކުރާ ސްވިމް ކެޕްތަކާއި ބޮއެ އަދި މެޑަލްތައް ދައްކާލަނީ-- ފޮޓޯ: މިހާރު
08 އޮކްޓޯބަރ 2019 - 12:50
ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ބާއްވާ "ދިރާގު މާލެ އޯޕަން" ފެތުމުގެ މުބާރާތުގައި 198 ފެތުންތެރިއަކު ބައިވެރިވެފައިވާ ކަމަށް ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މި މުބާރާތް ވާނީ އާންމުންނަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ ފެތުމުގެ އެންމެ ބޮޑު މުބާރާތަށް ކަމަށެވެ. މި މުބާރާތް އާންމުންނަށް ހުޅުވާލީ ރާއްޖެ އަކީ ފެތުންތެރިން އުޅޭ ގައުމަކަށް ހަދައި ފެތުންތެރިން އިތުރު ކުރުމަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ރަސްފަންނު ސަރަހައްދާ ދިމާލުން ކަނޑުގައި ބާއްވާ މި މުބާރާތުގައި އެއް ކިލޯ މީޓަރާއި 500 މީޓަރުގެ ފެތުން ވެސް އޮންނާނެ އެވެ. އަދި 10 އަހަރުން ދަށުގެ އުމުރުފުރާއިން ފެށިގެން 50 އަހަރުން މަތީގެ އުމުރުފުރާތަކުން ފެތުންތެރިން ބައިވެރިވެ އެވެ. މީގެ ތެރޭގައި، ހާއްސަ އެހީހަށް ބޭނުންވާ ތިން ފެތުންތެރިއަކު ވެސް ހިމެނެ އެވެ.
ޝަމީމް ވިދާޅުވީ ކަނޑުގައި ފެތުމުގެ މުބާރާތް ބޭއްވި ނަމަވެސް ފެތުންތެރިންގެ ސަލާމަތީ ކަންތައް ވަރުގަދަވާނެ ކަމަށެވެ. އެގޮތުން ކޮންމެ ފެތުންތެރިއަކަށް ވެސް ބޮއެއް ލިބޭނެ ކަމަށާއި، ވަރުބަލިވުމުން އެ ބޮއެ ބޭނުންކޮށްގެން މަޑުކޮށްލައިގެން ތިބެވޭނެ ކަމަށް ވިދާޅުވި އެވެ. މި މުބާރާތުގައި ބޭނުންކުރާ ބޮއެ ހަދާފައިވަނީ ގައިގައި އައްސައިގެން ފަތަން ފަސޭހަ ވާނެހެންނެވެ.
މާލެ އޯޕަންގެ ނަމުގައި މި މުބާރާތް މާލޭގައި ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މި މުބާރާތް ބާއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މުބާރާތް މާލޭގައި ފެށި ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މިފަދަ މުބާރާތްތައް ކުރިއަށް ގެންދާނަން. އަދި ހަމަ މި މުބާރާތަށް ކޮލިފައިވާ ގޮތަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތްތައް ކުރިއަށް ގެންދިއުމަށް ވިސްނަމުން މިދަނީ،" ޝަމީމް ވިދާޅުވި އެވެ.
މާލެ އޯޕަންގައި ކޮންމެ އުމުރުފުރާއަކުން އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ހޮވާނެ އެވެ. އަދި ހުރިހާ އުމުރުފުރާތައް އެއްކޮށްގެން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ވަނަތައް ހޮވާނީ އަންހެން ފިރިހެން ވަކިންނެވެ.
މީގެ އިތުރުން މި މުބާރާތް ނިންމާ ކޮންމެ ފެތުންތެރިއަކަށް ނިންމިކަމުގެ މެޑަލް ވެސް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަބެ
08 October 2019
އެނބުރިއެނބުރި އިންނަނީ ލޯޑެއްނުވޭ. ރޯޑުރޭސް ބޭއްވިޔަސް މައްސަލަ ހައްލެއްނުވޭ. ޚިދުމަތް ނުލިބޭ ދުވަސްތަކަށްވެސް ފައިސާ ނަގާ. މިކަންކަން ހައްލުކުރޭ!