ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ސެގާޓް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 އޮކްޓޯބަރ 2019 - 08:37
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސީރިއާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މި ގްރޫޕްގެ ފޭވަރިޓުންނަކީ ޗައިނާ އާއި ސީރިއާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް ހާލަތު ބަދަލުކުރަން ދަނޑުމަތީގައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.
ކޮލިފައިން ގްރޫޕް އޭގައި ވާދަކުރާ ފަސް ޓީމުގެ ތެރެއިން ޕޮއިންޓެއް ނުލިބި އޮތީ ގުއާމް އެވެ. ދެން އޮތް ހަތަރު ޓީމު ކަމަށްވާ ޗައިނާ، ސީރިއާ، ފިލިޕީންސް އަދި ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފައިދާ ގޯލުގެ ތަފާތުން މި ހަތަރު ޓީމު ރޭންކް ކުރެވިފައިވާއިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. ދެ ވަނައިގައި ސީރިއާ އޮތްއިރު، ތިން ވަނަ ލިބެނީ ފިލިޕީންސް އަށެވެ. ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ.
ރާއްޖޭން މި ފަހަރުގެ ކޮލިފައިންގައި ކަނޑައަޅާފައިވާ އަމާޒަކީ ތިން ވަނަ ހޯދައި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް މަސައްކަތްކުރުމެވެ. ހަތަރު ވަނަ އަށް ދިޔަ ކަމުގައި ވިޔަސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުނދަގޫ މަގެއް ރާއްޖެ އަށް އޮންނާނެ އެވެ.
ކޮލިފައިންގައި މިރޭ ޔޫއޭއީގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ މި ގްރޫޕްގައި އޮތް ޗައިނާ އާއި ސީރިއާ އަދި ފިލިޕީންސް އަކީ އޭޝިއަން ކަޕްގައި ކުޅެފައިވާ ޓީމުތައް ކަމަށާއި ރާއްޖޭން އެ އަމާޒަށް ވާސިލްވާން މަސައްކަތްކުރާއިރު ކުރިމަތީގައި އޮތީ އުނދަގޫ މަސައްކަތެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
"ޗައިނާ، ސީރިއާ އަދި ފިިލިޕީންސް ޔަގީނުން ވެސް މި ތިން ޓީމުގެ އަމާޒަކީ ވޯލްޑް ކަޕް. ޗައިނާ އާއި ސީރިއާ އޮތީމަ ވަރަށް އުނދަގޫ. ޗައިނާ އާއި ސީރިއާ އަތުން ލިބޭ ކޮންމެ ޕޮއިންޓަކީ ބޯނަހެއް. ޗައިނާ އާއި ސީރިއާ އަކީ ކަރުދާހުގައި ލިޔެވިފައި އޮންނަ ގޮތަށް ބަލާއިރު ފޭވަރިޓް. އެކަން ގަބޫލުކުރަން. އެކަމަކު ދަނޑުމަތީގައި އެކަން ބަަދަލުކުރަން އަހަރެމެން މަސައްކަތްކުރާނަން،" ސެގާޓް ބުންޏެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 އިން ގުއާމް އަތުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން އަމިއްލަ ގައުމުގައި ޗައިނާ އަތުން ވަނީ 5-0 އިން ބަލިވެފަ އެވެ. ސެގާޓް ބުނީ ފުރަތަމަ ކަމަކަށް ގުއާމް އަތުން ލިބުނު ތިން ޕޮއިންޓް އޮތުމަކީ މި ވަގުތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ސީރިއާ އިން ރަށުންބޭރުގައި ފިލިޕީންސް އަތުން 5-2 އިން މޮޅުވުމުން އެ ޓީމުގެ ފެންވަރު އެނގޭ ކަމަށާއި އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ފަސް އެނބުރި ނުބަލާނެ ކަމަށް ސެގާޓް ބުންޏެވެ.
"އަމާޒަކީ ތިން ވަނަ ހޯދުން. އެކަމަކު މި ވަގުތު ކުރިމަތީގައި މި އޮތީ ސީރިއާ މެޗު. އެއީ ވަރަށް ވަރުގަދަ ޓީމެއް. ޗައިނާ ފަދަ ކޮލިޓީ ޓީމެއް. އަހަރެމެންނަށް ނަތީޖާ ނުނެރެވުނަސް މި ވަގުތު ތާވަލަށް ނުބަލާނަން. ބޭނުންވަނީ ކޮލިފައިން ނިމޭއިރު އޮންނަ މަގާމެއް ބެލުން،" ރާއްޖެ އަށް މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބު ކޮށްދިން ސެގާޓް ބުންޏެވެ.
ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ފޭދޫ އިއްބެ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސީރިއާ މެޗަށް ނުކުންނައިރު ރާއްޖެ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސަސްޕެންޝަނާއި އަނިޔާގެ މައްސަަލަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މި މެޗުގައި ނުކުޅޭނެ އެވެ. އަދި އަނިޔާގެ ސަބަބުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ހުރީ ޓީމާ ދުރުގަ އެވެ.
"މިއީ އަކޫ ނުލައި ރަސްމީ ބޮޑު މެޗެއް ކުޅޭ ފުރަތަމަ ފަހަރު. އެތަން ދައްކާނެ. އަނެއްކޮޅުން އަހަރެމެންގެ ވަރަށް މުހިއްމު ފޯވާޑެއް ފޭދޫ އިއްބެ. އޭނާ ނެތް. އޭނަ އާއި އިއްބެގެ ކޮމްބިނޭޝަން ނެތުން ވެސް އެ މައްސަަލައެއް. މި ކަންތައްތައް މިހެން ހުއްޓަސް އަހަރެން ރޮއިފައި ޝަކުވާކުރަން ނެތިން. އަހަރެންގެ ނަޒަރުގައި އަބަދުވެސް އެންމެ މޮޅު ގޮތަކީ އޮތް ޓީމު ވީ އެންމެ ރަނގަޅަށް ގެންގުޅުން. އެ އަޒުމުގައި ކުޅުންތެރިން ތިބީ،" ސެގާޓް ބުންޏެވެ.
މި ފަހަރުގެ މެޗަށް ރާއްޖޭން ނެގި ޓީމުގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހިމަނައިފަ އެވެ. އެންމެ ފަހުން ގުއާމް މެޗަށް ނުދިއުމުން ޖޫރިމަނާކުރި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަށް ޓީމުން ފުރުސަތު ނުދެ އެވެ. އެކަމަކު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިއަކަށް ވަނީ ފުރުސަތު ދީފަ އެވެ.
ސެގާޓް ބުނީ އުމުރާގެ އަޅުކަން ފުރިހަމަކޮށް ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށާއި އެ މަންޒަރު ޕްރެކްޓިހުގައި ކުޅުންތެރިންގެ ފަރާތުން ފެންނަ ކަމަށެވެ. އަދި އުއްމީދަކީ ސީރިއާއާ ދެކޮޅަށް ރާއްޖެ ބޭނުންވާ ގޮތަށް ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ އަކަށް މަސައްކަތްކުރުން ކަމަށް ބުންޏެވެ.
"މެޗުގެ ކުރިން އެ މެޗެއްގެ ވަކި ޓާގެޓްތަކެއްގެ ވާހަކަ އަހަރެން ނުދައްކާނަން. އެއް ޕޮއިންޓް ލިބުނަސް ޕޮއިންޓެއް ނުލިބުނަސް އަހަރެމެންގެ ކުޅުން ދައްކަންޖެހޭ އެއީ ދެން އޮތް މެޗަކަށް ވެސް ފައިދާނެގޭނެ ކަމެއް. ކުޅުންތެރިން އެންމެ މޮޅަށް ކުޅެގެން އަހަރެމެންނަށް އެކަށީގެންވާވަރުގެ ނަތީޖާއެއް ނެރެންވީ،" ސެގާޓް ބުންޏެވެ.
ރާއްޖޭން ވަނީ 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހްރޫ ކަޕްގައި ސީރިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. ދަގަނޑޭގެ ގޯލުން ރާއްޖެ ލީޑުނަގާފައިވަނިކޮށް ސީރިއާ އަށް އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓްގައި އަލާ ޝިބްލީ އެވެ. ރާއްޖެ މޮޅުވީ އިތުރު ވަގުތުގައި އަހުމަދު ރަޝީދު (އައްމަޑޭ) ވައްދާލި ގޯލުންނެވެ.
އެންމެ ފަހުން ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ސީރިއާ ކޮލިފައިނުވީ ޕްލޭއޮފް ބުރުގައި އޮސްޓްރޭލިއާ އަތުން ބަލިވުމުންނެވެ. ސީރިއާގެ ކުރީގެ ކުޅުންތެރިޔާ ފަޖުރު އިބްރާހިމްގެ ކޯޗުކަމުގައި ކުޅޭ އެ ޓީމުން މި ފަހަރު އަމާޒުހިފާފައިވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށެވެ.
ދުބާއީގެ ރާޝިދު ސްޓޭޑިއަމްގައި ސީރިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 7 ޖަހާއިރު އެވެ. ސީރިއާގައި ހަނގުރާމަ ކުރިއަށްދާތީ އެ ގައުމުގެ ހޯމް މެޗުތައް އާއްމުކޮށް ކުޅެނީ ދުބާއީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީސް
10 October 2019
ގައުމަށް ގޮވާލީމަ ދާން ޖެހޭ. އެކަމަކު ގަވައިދުން ކުޅުންތެރިންނަށް މުސާރަ އެއް ނުދެވޭ! ކިހާ ސަޅި ތޯ؟
ވިސްނާލާފާ
10 October 2019
ނުފޫޒުގަދަ މީހެއްގެ ބާރުގާ ކަންކަމާ ގަވާއިދުތައް ބަދަލުކޮށް ސިޔާސީ ނުފޫޒު ނުފޯރުވާ މިމުއައްސަސާ ކުރިޔަށް ގެންދެވޭނީ އޭރުންނޭ ބުނެ ކަންކަން ގޯހުން ގޯހަށްދުއްވާލާ ރައީސަކު ނަގާފާ އެހެރީ. އެމީހަކަށްވެސް ހީވަނީ މަމީ ރާއްޖޭގެ ރައީސޭ. އެވެސް އިރެއްގެ. ބުނެލަން ބޭނުންވަނީ މިބަގަ މިތަންތަނުން ދުރުކޮށްގެންނޫނީ ދެން ފުޓުބޯޅަ ކުރިއަރާކަށްނެތޭ. އިންސާނަކަށް ލިބެން ނުވާވަރަށް ބާރެއްލިބުނީމާ، އިންސާނާއަށް ހަދާފަ ނަހަދާނެއެއްޗެއް ނޭނގޭނޭ!
ފުންއަސަރު
10 October 2019
އުމުރާގެ އަޅުކަން ފުރިހަމަކޮށް ކުޅުންތެރިން ތިބީ އެކަމަށްއެދި ރަނގަޅު ރޫހެއްގައި ކަމަށްވާނަމަ، ހަމަ ޔަގީނުންވެސް މިއަދުގެ މެޗް ރާއްޖެއަށް ކާމިޔާބު ކުރެވޭނެ. އިންޝާﷲ!
ގަލޮޅުދަނޑުން
10 October 2019
ވޯލްޑް ކަޕަށްވުރެ އަހަރުމެންނަށް މުހިއްމު މިމެޗު. ކޮބާ މިނިސްތަރާ ޚާލިދާ ބައްސާމު. މިމެޗް ލައިވް ކުރެވެންވާނެ ޔޫރޯ ނުކުރިޔަސް
ދިވެހިން ގެ ފަރާތުން
10 October 2019
މެޗް ލައިވް ކުރޭ ތަ ؟ ރާއްޖޭގެ ކޮންޗެނަލަކުން މެޗްދައްކާނީ؟