ރިޕޯޓް

މަދަނީ އިޖްރާއާތުގެ ބިލް: ޒަމާނީ ބޮޑު ބަދަލެއް ފެށުން

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: މަދަނީ އިޖްރާއާތުގެ ބިލްގެ ޑްރާފްޓް ސަރުކާރުން ވަނީ އެކުލަވާލައި، އާންމު ކޮށްފައި -- ފޮޓޯ/މިހާރު

ރާއްޖޭގައި އަހަރެއްގެ މައްޗަށް 20،000 އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހަޅަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މަދަނީ މައްސަލަތަކެވެ. މާލޭގައި މަދަނީ މައްސަލަތައް ބަލާ ސިވިލް ކޯޓަށް އެކަނި ވެސް އަހަރަކު 5،000 އާ ގާތްކުރާ އަދަދެއްގެ މައްސަލަ ހުށަހަޅަ އެވެ. އެހެންވެ، މައްސަލައިގެ ބާވަތަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއް ދައުލަތުން ކުރަން ޖެހިފައި މިއޮތީ މަދަނީ މައްސަލަތަކަށެވެ.

މަދަނީ މައްސަލަތައް ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އިތުރުވަމުން ދިއުމާ ގުޅިގެން އަވަހަށް މައްސަލަތައް ހިންގަނ ވަސީލަތްތައް އިތުރު ކުރަމުން ދިޔަސް، މަދަނީ އިޖްރާއާތުގެ ގާނޫނެއް މިއަދާ ހަމައަށް ވެސް ނެތެވެ. ބޭރުގެ ވިޔަފާރިތަކާ އެކު ރާއްޖޭގެ އިގްތިސާދު ފުޅާވާ އިރު ވިޔަފާރީގެ ބޮޑެތި ހައްސާސް މައްސަލަތައް ޝަރުއީ ނިޒާމުގެ ތެރެއިން އަދިވެސް ބަލަން ޖެހިފައި އޮތީ މުސްކުޅި ގަވާއިދުތަކެއްގެ ތެރެއިންނެވެ.

ޖަސްޓިސް މިނިސްޓްރީގެ ޒަމާނުގައި އަމަލު ކުރަން ފެށި ގިނަ ގަވާއިދުތައް މި ޒަމާނާ އެއްވެސް ވަރަކަށް ނުގުޅެ އެވެ. އެކަމަށް ހައްލެއް ގެންނަން ސަރުކާރުން މިހާރު ތައްޔާރު ކުރަމުން އަންނަ މަދަނީ އިޖްރާއާތުގެ ބިލު އޮތީ އެ ނިޒާމަށް ޒަމާނީ އަދި އިންގިލާބީ ބަދަލުތަކެއް ގެންނާނެ ފަދަ ގޮތަކަށެވެ.

ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި ސަރުކާރުން ޑްރާފްޓް އެކުލަވާލާފައިވާ މަދަނީ އިޖްރާއާތުގެ ބިލުގެ މައިގަނޑު މަގްސަދަކީ ވަކި ފަރާތަކާ މެދު ތަފާތު ނުކުރެވޭ ގޮތަކަށް އަދި ޚަރަދު ކުޑަކޮށް އަދި މައްސަލައިގެ ބާވަތްތަކަށް ބަލައި ވަކިވަކި އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ހިންގުމާއި ޝަރީއަތުގެ އެހެން މަރުހަލާތަކުގެ އިޖްރާއާތުތައް ކަނޑައެޅުމެވެ. ހަމައެއާ އެކު، މަދަނީ އަދުލުގެ ނިޒާމަށް މުޅިން އާ ކަންތައްތަކެއް ވެސް ތައާރަފްކުރާ ގޮތަށެވެ. މިހާރު އާންމު ކޮށްފައި އޮތް އެ ޑްރާފްޓަށް ބޮޑު ބަދަލެއް ގެނައުމެއް ނެތި ފާސްވެއްޖެ ނަމަ، އެއީ ރާއްޖޭގައި އަމަލުކުރާނެ އެންމެ ދިގު ނުވަތަ އެންމެ ގިނަ މާއްދާ ހިމެނޭ ގާނޫނަށް ވާނެ އެވެ.

އެ ޑްރާފްޓް އޮތް ގޮތުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅުމެވެ. މިހާރު ގާނޫނުތައް ހުރި ގޮތުން މަދަނީ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރުމުގެ މުއްދަތު ކަނޑައެޅިފައި ހުންނަނީ ވަރަށް މަދު ބާވަތެއްގެ މައްސަލަތަކެއްގަ އެވެ. އެ ޑްރާފްޓްގައި ހިމަނާފައި އޮތީ މަދަނީ އެކި މައްސަލަތަކުގެ ބާވަތުން ދައުވާ ކުރުމުގެ މުއްދަތު ތަފާތުވާ ގޮތަށެވެ.

އެ ޑްރާފްޓް އޮތް ގޮތުން އާންމު އުސޫލުން މަދަނީ މައްސަލަތަކުގައި ހަ އަހަރު ތެރޭގައި ދައުވާ ކުރަން ޖެހޭނެ އެވެ. އެކަމަކު ވަޒީފާގެ މައްސަލަތަކާއި އަބުރާ ބެހުމާއި އިހުމާލުގެ އަމަލެއްގެ ސަބަބުން ފުރާނައަށް ލިބޭ ގެއްލުންތަކުގެ މައްސަލަތަކާއި ފުރާނައަށް ގެއްލުން ނުވާ އިހުމާލުގެ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ތަފާތެވެ. އަދި ހައްގު ގެއްލިގެންދާ މީހާގެ ހާލަތާއި އެހެން ބައެއް ހާލަތްތަކުގައި ވެސް ދައުވާ ކުރުމުގެ މުއްދަތު އެއަށް ވުރެ އިތުރުވާ ގޮތަށް ވެސް އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ. އެކަމަކު ދައުލަތަށް ލިބެން ޖެހޭ ޓެކުހާއި އާމްދަނީގެ ހޯދުމުގެ މައްސަލަތަކަށް ދައުވާ ކުރުމުގެ މުއްދަތެއް ނޯންނާނެ އެވެ.

މީގެ އިތުރުން ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން މިހާރު ވެސް އޮންނަ ފަދަ ޑިސްޕިއުޓް ރިޒޮލިއުޝަން ފަދަ ނިޒާމެއް ވެސް އެ ޑްރާފްޓްގައި ހިމެނެ އެވެ. އެކަމަކު މިހާރު މި އޮންނަ ނިޒާމާ ކޮންމެވެސް ވަރަކަށް ތަފާތެވެ. މިހާރު ޑިސްޕިއުޓް މަރުހަލާއަށް ނުގޮސް ޝަރީއަތަށް ފޮނުވެނީ ވަރަށް މަދު ބާވަތެއްގެ މައްސަލަތައް ކަމަށް ވިޔަސް، އެ ޑްރާފްޓް އެކުލަވާލާފައި އޮތީ ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން މީޑިއޭޝަނަށް ފޮނުވުމުގެ ކުރިން ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި، މީޑިއޭޝަނަށް ފޮނުވުމާ މެދު މެދު ގޮތެއް ނިންމަން ޖެހޭ ގޮތަށެވެ.

އެ މައްސަލައެއްގެ ބާވަތާއި ކޯޓުން ބޭރުގައި އެ މައްސަލައެއް ހައްލުކުރަން ކޮށްފައިވާ މަސައްކަތްތަކާއި ޝަރީއަތުގެ މަރުހަލާއަށް ހިނގާނެ ޚަރަދުތަކާއި މައްސަލަ ލަސްވެއްޖެ ނަމަ ކުރިމަތިވެދާނެ ކަންކަން ކޮންމެ މައްސަލައެއްގައި ވަކިވަކިން ބެލުމަށް ފަހު އެއީ މީޑިއޭޝަންގައި ހިންގަން ޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކޯޓުން ކަނޑައަޅަން ޖެހެ އެވެ. އަދި އަވަހަށް ފަރުވާއެއް ހޯދަން ޖެހޭ ނުވަތަ މައްސަލަ ލަސްވެއްޖެ ނަމަ، ދައުވާކުރާ ފަރާތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި މީޑިއޭޝަން ހިންގުމެއް ނެތި އެ މައްސަލައެއް ޝަރީއަތަށް ފޮނުވަން ލާޒިމްވާ ގޮތަށް އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ.

މީޑިއޭޝަނަށް ފޮނުވަން ނުޖެހޭ ކަމަށް ކަނޑައަޅާ މައްސަލަތަކުގައި ނުވަތަ މީޑިއޭޝަންގައި ހައްލެއް ނުލިބޭ މައްސަލަތަކުގައި ޝަރީއަތް ހިންގާނެ މައްސަލަތައް ތިން ކެޓަގަރީއަކަށް ނުވަތަ ޓްރެކްތަކަކަށް ބެހިގެންދާނެ އެވެ. އެއީ ކުދި މައްސަލަތަކާއި އަވަސް މައްސަލަތަކާއި މަލްޓި ޓްރެކްގެ މައްސަލަތަކެވެ. މިދެންނެވި ކެޓަގަރީތައް ބެހިގެން ދާނީ މައްސަލައިގެ ހިމެނޭ ފައިސާ ނުވަތަ މުދަލާއި މައްސަލައިިގެ ބާވަތާއި ހުށަހެޅިފައި ހުރި ކަންކަމަށް ބަލައިގެންނެވެ.

އެގޮތުން ފަސް ލައްކަ ރުފިޔާއަށް ވުރެ މަދު އަދަދެއްގެ ފައިސާ ނުވަތަ މުދާ ހިމެނޭ ނަމަ މައްސަލަތައް ކުދި މައްސަލަތަކުގެ ކެޓަގަރީއަށް ފެތޭއިރު، ތިން މިލިއަނަށް ވުރެ މަދު އަދަދެއް ހިމެނޭ މައްސަލަތައް އެއީ އަވަސް މައްސަލަތަކުގެ ކެޓަގަރީ އެވެ. އަދި ތިން މިލިއަނަށް ވުރެ ފައިސާގެ އަދަދު ނުވަތަ މުދަލުގެ އަގު ބޮޑު ވިޔަސް، ޝަރީއަތް ދިގުލައިގެން ނުދާނެ ކަމަށް ބެލެވޭ ނަމަ އެ ހާލަތުގައި ވެސް އަވަސް މައްސަލަތަކުގެ ކެޓަގަރީއަށް ފެތޭނެ އެވެ.

އެ ނޫން ހާލަތްތަކުގައި އެ މައްސަލަތައް ފެތޭނީ މަލްޓި ޓްރެކްގެ މައްސަލަތަކަށެވެ. ފައިސާގެ އަދަދު ނުހިމެނޭ މައްސަލަތަކުގައި އެ މައްސަލައެއްގެ ޓްރެކް ކަނޑައަޅާނީ ކޯޓުންނެވެ. ޓްރެކް ކަނޑަައެޅުމަށް ފަހު އެކަން ދެ ފަރާތަށް ވެސް އަންގަން ޖެހޭއިރު، އެހެން ޓްރެކަކަށް އެ މައްސަލައެއް ބަދަލު ކުރުމުގެ ބާރު ވެސް ކޯޓަށް އޮވެ އެވެ. މައްސަލަ ބެހިގެންދާ ޓްރެކްތަކަކީ އެ މައްސަލައެއް ހިނގާނެ މުއްދަތާއި ހިނގާ ގޮތްތައް ވެސް ކޮންމެވެސް ތަފާތުވެގެން ދާނެ ކަމެކެވެ.

ޝަރީއަތުގެ މަރުހަލާގައި ހިނގާ ޚަރަދުތަކަށް މައްސަލާގައި ހިމެނޭ ފަރާތްތައް ޒިންމާ ކުރުވުމަކީ ވެސް މަދަނީ އަދުލުގެ ނިޒާމަށް އަލަށް ތައާރަފް ކުރާނެ އެއް ކަމެވެ. މައްސަލަ ކޯޓަށް ހުށަހެޅުމަށް ހިނގާ ޚަރަދުތަކާއި މައްސަލާގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ ހެކިން އަޑުއެހުންތަކަށް ހާޒިރުވާން ދަތުރުފަތުރަށް ކުރަން ޖެހުނު ޚަރަދާއި ކޯޓަށް ހާޒިރުވާން ޖެހުމުގެ ސަބަބުން އާމްދަނީއަށް އެޅިގެންދިޔަ ހުރަހާއި އެކްސްޕާޓުންގެ ގޮތުގައި ހާޒިރުކުރާ މީހުންގެ ފީތައް ވެސް މައްސަލާގައި ނާކާމިޔާބުވާ ފަރާތުން ދައްކަން ލާޒިމްވާނެ އެވެ.

ކުދި މައްސަލަތަކުގެ ކެޓަގަރީގެ މައްސަލަތައް ފިޔަވައި، އެހެން ކެޓަގަރީގެ މައްސަލަތަކުގައި ޝަރީއަތުގެ މަރުހަލާއާ ހަމައިން ދައުވާ އަނބުރާ ގެންދާ ހާލަތުގައި ވެސް، ދައުވާ ލިބޭ މީހާ ކުރަން ޖެހުނު މިދެންނެވި ފަދަ ޚަރަދުތަކަށް ދައުވާކުރާ މީހާ ޒިންމާވާން ޖެހޭ ގޮތަށް އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ.

ސިވިލް ކޯޓުގެ ބައެއް -- ފޮޓޯ/މިހާރު

އެއް މައްސަލައެއް ތަފާތު އެކި ފަހަރު މަތިން ހުށަހަޅައި، އަނބުރާ ގެންދާ ގެންދިއުމަކީ މަދަނީ މައްސަލަތަކުގައި މިހާރު އާންމު ކަމެކެވެ. ދައުވާ ކުރުމުގެ މުއްދަތެއް އަދި ދައުވާ ހުށަހެޅޭނެ މިންވަރެއް ކަނޑައެޅިފައި ނޯންނާތީ އެކަށީގެންވާ ސަބަބެއް ނެތަސް، އެއް މައްސަލައެއް އެކި ފަހަރު މަތިން އަނބުރާ ގެންދިއުމާއި އަލުން ހުށަހަޅަމުން ގެންދިއުމުގެ ސަގާފަތުގެ ސަބަބުން ގިނަ ވަގުތުތަކެއް ބޭކާރުވެ، ދައުވާ ލިބޭ ފަރާތުން އުފުލަން ޖެހޭ ތަކުލީފް ބޮޑުވެ އެވެ.

އެ ޑްރާފްޓް އޮތީ އެކަމަށް ވެސް ޚާއްސަ ފަރުވާއެއް ލިބޭ ގޮތަށެވެ. އެއީ ދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އަލުން އެ ފަރާތަކާ ދެކޮޅަށް އެ ދައުވާއެއް ކުރެވޭނީ ފުރަތަމަ އެ ދައުވާއެއް ކުރި ކޯޓަށް މައްސަލަ ހުށަހަޅައި، އަދި ކުރިން އެ މައްސަލަ ބެލި ފަނޑިޔާރުގެ ހުއްދައެއް ލިބިގެން ކަމަށް ހެދުމެވެ. އަލުން ދައުވާ ކުރުމުގެ ހުއްދަ ދެވޭނީ ވެސް ކުރިން ނުލިބި އޮތް އާ ހެއްކެއް ލިބިގެން ނުވަތަ ގާނޫނަށް ބަދަލެއް އައިސްފައި އޮތުން ފަދަ ޚާއްސަ ހާލަތްތަކުގައި އެކަންޏެވެ. މައްސަލަ އަނބުރާ ގެންދާތާ ހަ މަސް ފަހުން މިދެންނެވި ފުރުސަތު ވެސް ބޭނުން ކުރެވޭނީ އެއް ފަހަރަށެވެ.

ރަހުނު ނުހިމެނޭ ފައިސާގެ މައްސަލަތަކުގައި ހުކުމާ އެއްގޮތަށް އަމަލު ނުކުރުމުން އެ ހުކުމެއް ތަންފީޒު ކުރުވަން މިހާތަނަށް އަމަލު ކުރަމުން އަންނަ އުސޫލަކީ ދަރަނިވެރިޔާ ގޭ ބަންދު ކުރުން ނުވަތަ ޖަލަށްލުން ފަދަ އަދަބުތަކެއް ދީގެން ހުކުމާ އެއްގޮތަށް އަމަލުކުރަން އޭނާއަށް ބާރު އެޅުމެވެ. ދަރަނިވެރިޔާ އިފްލާސްކޮށް، އޭނާގެ މުދަލާއި ފައިސާ ހިފަހައްޓައިގެން ދަރަނި އަދާކުރުވަނީ އެއަށް ފަހު އެވެ. އެއީ 2006 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގަވާއިދެއްގެ ދަށުންނެވެ.

އެކަމަކު މަދަނީ އިޖްރާއާތުގެ ބިލްގެ ޑްރާފްޓް މިހާރު އޮތީ އަދަބުތަކެއް ދިނުމުގެ ބަދަލުގައި އޭނާގެ މުދަލާއި ފައިސާއިން ދަރަނި އަދާކުރުވާ ފަދަ ނިޒާމެއް ގެންނަ ގޮތަށެވެ. އެހެން ގާނޫނަކުން ހިމާޔަތް ކޮށްފައި ވިޔަސް، ދަރަނިވެރިޔާ މިލްކިއްޔާތާއި އޭނާ ކުރާ މަސައްކަތާ ބެހޭ މައުލޫމާތު ދައުލަތުގެ ކޮންމެ އިދާރާއެއް މެދުވެރިކޮށް ހޯދުމުގެ ބާރު ކޯޓަށް ލިބޭއިރު، ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާގެ އުފުލޭ އަދި ނުއުފުލޭ މުދަލާއި ފައިސާ ހިފެހެއްޓުމުގައިި ވެސް ވަރުގަދަ އުސޫލުތަކެއް އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ.

ބާޒާރުގެ އަގުން 20،000ރ. އަށް ވުރެ އިތުރު ނުވާނެ މިންވަރަށް ކާބޯތަކެއްޗާއި އޭނާ އާއި އޭނާގެ އާއިލާގެ އަންނައުނާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެތި ހިފެހެއްޓުމުގެ ބާރު އެ ޑްރާފްޓް އޮތް ގޮތުން ކޯޓަށް ލިބެ އެވެ. އަދި ގޭގައި ގެންގުޅޭ ފަރުނީޗަަރުގެ ތެރެއިން ވެސް ނުހިފެހެއްޓޭނީ ބާޒާރުގެ އަގުން 10،000ރ. އަށް ވުރެ ވަކި ބޮޑުނުވާ މިންވަރުގެ ތަކެއްޗެކެވެ. ދަރަނިވެރިޔާއަށް ލިބޭ އާމްދަނީގެ ތެރެއިން ވެސް އާއިލާ ބެލެހެއްޓުމަށް އެކަށީގެންވާ މިންވަރުގެ ފައިސާ އާއި ދައުލަތުން ދޭ އިނާޔަތްތައް ފިޔަވައި އޭނާ ލިބޭ އެހެން ހުރިހާ އާމްދަނީތައް ހިފެހެއްޓުމުގެ ބާރު އެ ޑްރާފްޓް އޮތް ގޮތުން ކޯޓަށް ލިބޭނެ އެވެ.

މީގެ އިތުރުން ދަރަނިވެރިޔާގެ މިލްކިއްޔާތުގައި ހުންނަ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ގަސްގަހާ ގެއްސަށް ދަންދެން ވެސް ހިފެހެއްޓުމުގެ ބާރު އެ ޑްރާފްޓް އޮތް ގޮތުން ލިބޭއިރު، ބޭންކް އެކައުންޓްތައް ހިފަހައްޓައިގެން ފައިސާ ހޯދުމާއި ތިޖޫރީ ނުވަތަ ސޭފް ޑިޕޮސިޓްތައް ހުޅުވައިގެން ތަކެތި އަތުލުމާއި އެއްގަމު އުޅަނދުތައް ހިފެހެއްޓުމުގެ އުސޫލުތައް ވެސް އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ. މުދަލާއި ތަކެތި ހިފަހައްޓަން ތަންތަނަށް ވަންނަން ޖެހޭ އުސޫލުތަކާއި އަދި މިގޮތަށް ނަގާ ތަކެތި ވިއްކާލައިގެން ދަރަނި އަދާކުރާނެ ގޮތްތައް ވެސް ހިމަނާފައިވެ އެވެ. ފައިސާ ނުހިމެނޭ ހުކުމްތަކުގައި އަމަލު ކުރަން އެ ޑްރާފްޓްގައި ކަނޑައަޅާފައިވަނީ ޖޫރިމަނާގެ ފިޔަވަޅު އެޅުމަށެވެ.

އިސްތިއުނާފްގެ މުއްދަތަށް މިހާރު އޮންނަ 10 ދުވަސް 30 ދުވަހުގެ މުއްދަތަށް ބަދަލު ކުރުމާއި އިސްތިއުނާފް ކުރާ ފަރާތުގެ ބާރު ނުފޯރާ ހާލަތްތަކުގެ ސަބަބުން އިސްތިއުނާފް ލަސްވެއްޖެ ނަމަ، މިދެންނެވި މުއްދަތު އިތުރުކުރެވޭ ގޮތަށް ވެސް އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ. އަދި ކުރިން ނުލިބޭ އާ ހެއްކެއް ލިބިގެން އެ މައްސަލައެއްގެ ހުކުމް އަލުން ރިވިއު ކުރަން ވެސް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅޭނެ ގޮތަށް ހިމަނާފައިވެ އެވެ.

ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކޮށްފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒު ކުރުމާ ބެހޭ އުސޫލުތައް ވެސް އެ ޑްރާފްޓްގައި ހިމަނާފައިވެ އެވެ. އަދި އާބިޓްރޭޝަންގެ މައްސަލަތަކާ ގުޅޭ ބައިތަކެއް ވެސް މަދަނީ އިޖްރާއާތުގެ ބިލުގައި ހިމަނާނެ އެވެ. އެކަމަކު އެ ބިލުގެ ޑްރާފްޓް އާންމުންގެ ޚިޔާލަށް ހުޅުވާލިއިރު، އާބިޓްރޭޝަނާ ބެހޭ ބައިގެ މަޝްވަރާތައް ކުރިއަށް ދާތީ އެ ބައިތައް އަދި އާންމެއް ނުކުރެ އެވެ.

މި ފާހަގަކޮށްލީ މަދަނީ އިޖްރާއާތުގެ ބިލުގެ ޑްރާފްޓްގައި ހިމެނޭ މުހިންމު ބައެއް ކަންތައްތަކެވެ. މިއީ ހަމައެކަނި ޑްރާފްޓެއް ކަމަށް ވެފައި، އާންމުންނާއި ކަމާ ބެހޭ އެކި ފަރާތްތަކުގެ ޚިޔާލުތަކަށް ފަހު މިއަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މި ޑްރާފްޓްގައި ހިމެނޭ މުހިންމު ގިނަ ކަންތައްތަކުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް މަދަނީ އަދުލުގެ ނިޒާމަށް އަންނާނެ އެވެ.

ޖިނާއީ އިޖްރާއާތުތަކެއް ނެތުމުން ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް ބޮޑު ހުސްކަން ނެތިގެން ދިޔައީ މީގެ ދެ އަހަރު ކުރިން އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނުންނެވެ. އެ ސިލްސިލާގެ ތެރެއިން މަދަނީ އިޖްރާއާތުގެ ގާނޫނަކީ ދެން އެންމެ ބޮޑަށް އިސްކަން ދޭން ޖެހިފައި އޮތް ދާއިރާ އެވެ. ޒަމާނީ އާ ބަދަލުތަކާ އެކު އެފަދަ ގާނޫނެއްގެ މުހިންމު ކަން ކިތަންމެހާ ވެސް ބޮޑެވެ.

9 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

16 October 2019

ޒަމާނީ ގާނޫނަކަށް ކުރީގެ ގާޒީންވީމާ ކަމަކު ނުދޭނޫންތޯ؟ މައްލާމެން ރެފްރީން ލައިގެން ޕްރިމިއަރ ލީގު މެޗެއް ކުޅުން ކަހަލަ ކަމެއްތީ

The name is already taken The name is available. Register?

ޕަރސަން

16 October 2019

މަދަނީ އިޖުރާއާތުގެ ޤާނޫނެއް އޮންނަންޖެހޭތާ ކޮންދުވަހެއް.

The name is already taken The name is available. Register?

ޥަގުތީ

16 October 2019

ވިޔަފާރިކުރަން ނަގާ ލޯނުތައް ނުވަތަ ދަރަނީގެ ގޮތުގައި ދޭ އަދަދު ވިޔަފާރި ބަނގުރޫޓްވުމުން ބަދަލުގެ ގޮތުގައި ނަގާދޭއިރު އެ ދޫކުރި އަދަދުގެ އެތަށް ގުނައެއް އިންޓަރެސްޓާއި ޖުރިމާނާގެ ގޮތުގައި ނުނެގޭގޮތަށް ، އޮތުމަކީ ވަރަށް ނުރައްކާތެރިކަމެއް! ޢިންޓްރެސްޓާއި ޖުރިމާނާ ގެ ގޮތުގައި ނެގޭ އަދަދު ލޯނު ނެގި އަދަދަށްވުރެ ބޮޑުނުވާގޮތަށް ކެޕް ކުރުން ރަނަގަޅު

The name is already taken The name is available. Register?

ކޮރަލް

16 October 2019

މީރާ އަކީ ޓެކްސް ފައިސާ އަށް ވުރެ ގިނައިން ޖޫރިމަނާ ފައިސާ ނަގާ ތަނެކޭވެސް ބުނެވި ދާނެއެވެ. ޖޫރިމަނާ އަށް ހުއްޓުމެއް ނާދެއެވެ. ކޯޓަށް މައްސަލަ ފޮނުވަނީ ޖޫރިމަނާ ގެ އަދަދު ބޮޑު ވީމަ އެވެ. ހައްލެއް ބޭނުމެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

16 October 2019

ރާއްޖޭގައި މައްސަލަތައް ހައްލުނުވަނީ ގާނޫނު ނެތިގެނެއްނޫން. ގާނޫނުތަކާއި ގަވާއިދުތައް އެބަހުރި ތަންފީޒުނުކުރެވެނީ. މޫނަށް ކަދުރާއަށް ނުބަލާ ތަންފީޒުވާނަމަ އިޖްތިމާއީ ގިނަ މައްސަލަތަކެއް ނުނުކުންނާނެ. ކިތައްމެ މޮޅު ގާނޫނެއް ހެދިޔަސް މޮޅު މީހާއަށް މޮޅުގޮތް އޮތީ. ތި ގާނޫނުންވެސް އެކަހަލަ ނާޖާިއިޒް ފައިދާ ނެގޭ ގޮތްތައް އެބަހުރި. ހުރިހާ ހަރަދެއް މައްސަލަ ނާކާމިޔާބުވާ ފަރާތުން ދައްކަންޖެހޭގޮތަށް އޮތުމުން ގާޒީ ފޭވަރކުރުން އޮންނާނެ

The name is already taken The name is available. Register?

ޙަސަންބެގެޚިޔާލު

16 October 2019

ޅޯނުތަކަށް ބަދަލު ހޯދުމުގައި ، ލޯނު ހޯދި އަދަދާއި ޖުރިމާނާއެއް ހިމަނާނަމަ އިންޓްރެސްޓް ނުނެގޭނެގޮތަށް ބިލް ބައްޓަންކުރުމަކީ މުހިއްމުކަމެއް

The name is already taken The name is available. Register?

ދޮންހިޔަލަ

16 October 2019

އަސްލު މަދަނީ އިޖުރާއަތެއް ނެތިއްޖިއްޔާ ވަރަށް ފްލެކްސިބަލް ސިސްޓަމްއެއް އޮންނާނީ. ދެން ތި އިޖުރާއަތަކުން ސަލާމަތްނުވެވިގެން އުޅޭ މަންޒަރު ފެންނާނީ.

The name is already taken The name is available. Register?

ޑެލްބޯއި

16 October 2019

400000 މީހުންގެ އާބާދީ އަކަށް އެކަށީގެން ނުވާ މިންވަރަށް ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމުގެ ބޭނުމެއް ނުވިސްނޭ. ބޮޑަށް ބެލެވެނީ ކުރާނެ ކަމެއް ނެތިގެން އުޅޭ ބައެއް އެމީހުންގެ ބޭނުމެއް އޮތް ކަން ދެއްކުމަށް ކުރާ ކަމެއް ހެން. މިހާރު ހުރި ޤާނޫނުތައް މަދުކޮށް ބޭނުންތެރި ދިހަވަރަކަށް ޤާނޫނު ހަދާ މިރާއްޖެ ހިންގުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް. އެކަމަކު ޤާނޫނުތައް ތަންފީޒު ކުރަންވާނެ.

The name is already taken The name is available. Register?

ކަނބިލި

16 October 2019

މ މިސްރާބު ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454