ދުނިޔެ

އިންތިޚާބު ވެއްޖެ ނަމަ ހަނގުރާމައިގެ މައްސަލަތައް ނުބަލާނަން: ގޯޓާބޭ

ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ ނޫސްވެރިންނާ އިއްޔެ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

16 އޮކްޓޯބަރ 2019 - 11:56

ކޮލަމްބޯ (އޮކްޓޯބަރު 16) - ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ބޭބޭފުޅު މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ބުނާ ހަނގުރާމައިގެ ޖަރީތައް ތަހުގީގު ނުކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި، ލަންކާގެ ހަނގުރާމަ ނިމުމަކަށް ގެނައި އިރު، ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވީ ގޯޓާބޭ އެވެ. ތަމަޅަ ޓައިގަރުންގެ މައްޗަށް ކާމިޔާބު ހޯދި ދުވަސްވަރު އާއްމުންގެ 40،000 މީހުން މަރާފައިވާ ކަމަށް ލަންކާ ސިފައިންގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.

ރާޖަޕަކްސާ އަށް ފަހު ވެރިކަމަށް އައި ސަރުކާރުން ވަނީ ހަނގުރާމައިގެ ޖަރީމާތަކުގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް އަންގައިފަ އެވެ. ނަމަވެސް ތަހުގީގު ކޮމިޓީ އަދި މިހާތަނަށް އުފައްދައިފައެއް ނުވެ އެވެ.

ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ (ވ) އާއި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ނޫސްވެރިންނާ އިއްޔެ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ބޭބޭފުޅު މަހިންދާ ރާޖަޕަކްސާއާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ގޯޓާބޭ އިއްޔެ ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ކުރީގެ ސަރުކާރުން ވައުދުވެފައިވާ ގޮތަށް އެ މައްސަލަތައް، އޭނާ އިންތިޚާބު ވެއްޖެ ނަމަ ނުބަލާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ކުރިއަށް ދާން ކަމަށެވެ.

ހަނގުރާމައިގެ ދުވަސްވަރު ލަންކާ ސިފައިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅޭ ގޮތުން އޭއެފްޕީން ސުވާލު ކުރުމުން ގޯޓާބޭ ވަނީ މާޒީގެ ވާހަކަ އަބަދު ދައްކަނީ ކީއްވެތޯ އައްސަވައިފަ އެވެ.

"މާޒީގެ ކަންތައް ބާއްވާފައި ކުރިމަގާ ގުޅޭ ގޮތުން ސުވާލު ކުރައްވާ،" އުމުރުން 70 އަހަރުގެ ގޯޓާބޭ ވިދާޅުވި އެވެ. "އަޅުގަނޑު މިއުޅެނީ ސްރީ ލަންކާގެ ކުރިމަގުގެ ރައީސް އަށް ވާން. ކުރިމަގަށް ސަމާލުކަން ދީފި ނަމަ މާރަނގަޅު ވާނެ."

ގޯޓާބޭ ވިދާޅުވީ ތަމަޅައިން ވެސް ބޭނުން ވަނީ މާޒީގެ ވާހަކަތަކަށް ވުރެ ބޮޑަށް ވަޒީފާ އާއި ތައުލީމުގެ ފުރުސަތުތަކާއި އުމްރާނީ ތަރައްގީ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ރާޖަޕަކްސާ ވިދާޅުވީ ހަނގުރާމައިގެ ފަހު ދުވަސްވަރު އާއްމުންގެ މީހުން ސަރުކާރު ސިފައިންގެ ހަމަލާތަކުގައި މަރާފައި ނުވާނެ ކަމަށެވެ. އަދި އިންސާނީ އައްޑަނައެއްގެ ގޮތުގައި އާއްމުން ބޭނުން ކުރީ ތަމަޅަ ޓައިގަރުން ކަމަށް ވެސް ވިދާޅުވި އެވެ.

ލަންކާގައި 1972-2009 އަށް ކުރި ދާޚިލީ ހަނގުރާމައިގައި ލައްކައެއްހާ މީހުން ވަނީ މަރުވެފަ އެވެ.

ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ނުކުރުމުން ރާޖަޕަކްސާގެ ސަރުކާރާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު ނާޅައި ދިޔައީ ކިރިޔާ އެވެ. ފިޔަވަޅުތައް ނާޅައި އުޅެނިކޮށް ޖެނުއަރީ 2015 ގެ އިންތިޚާބުގައި ރާޖަޕަކްސާ އަށް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.

އަންނަ މަހު 16 ވަނަ ދުވަހު ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 35 ކެންޑިޑޭޓުން ވާދަކުރެ އެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 16 މިލިއަނެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454