19 އޮކްޓޯބަރ 2019 - 12:07
މެޑްރިޑް (އޮކްޓޫބަރު 19) - އޭނާއާ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާ ދުބާއީ އިން ބައްދަލުވުމަކީ އިއްތިފާގެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ޒިދާންގެ ހާއްސަ އެދުމެއްގެ މަތިން އުމުރުން 26 އަހަރުގެ ޕޮގްބާ ހޯދަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ވަނީ އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ނުލިބުމުން ޒިދާން އަދިވެސް ހުރީ ހިތްހަމަނުޖެހިފަ އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އަންނަ ސީޒަނުގައި ޕޮގްބާ ރެއާލަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.
ފަޔަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދުމަށް ޕޮގްބާ މި ވަގުތު ދުބާއީގައި ހުރިއިރު ދާދި ފަހުން ޒިދާން ވެސް ވަނީ ދުބާއީ އަށް ގޮސްފަ އެވެ. ޒިދާން ދިޔައީ ދުބާއީ އާޓިފިޝަލް އިންޓެލިޖެންސް އިން ސްޕޯޓްސް ކޮންފަރެންސް އަށެވެ. ޒިދާން މި ދަތުރުގައި ވަނީ ދުބާއީގައި ޕޮގްބާއާ ބައްދަލުކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގެ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.
ސްޕެނިޝް ލީގުގައި މިރޭ މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާންއާ ވަނީ އެކަމާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރިމަތިވެފަ އެވެ. އެ ބައްދަލުވުމުގައި ދެކެވުނީ ޕޮގްބާ ރެއާލަށް ގެންނަ ވާހަކަތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޒިދާން އެކަމަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހެދި އެވެ.
"އެއީ އިއްތިފާގެއް. އޭނަ ވެސް ހުރީ ދުބާއީގައި. އަހަރެން އެތަނަށް ދިޔައީ އިވެންޓަކަށް. އަހަރެމެން ބައްދަލުކުރިން. ދެއްކި ވާހަކަ ތަކަކީ އަމިއްލަ ވާހަކަތަކެއް،" ޒިދާން ބުންޏެވެ.
"ދެއްކި ވާހަކަތަކެއް ނޫސްވެރިންނާ ހިއްސާނުކުރާނަން. އަހަރެމެން ދެ މީހުން އެކަކު އަނެކަކު ދަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ. ބައްދަލުވީމަ ވާހަކަ ދައްކާނެ،"
ޒިދާން އާއި ޕޮގްބާގެ މި ބައްދަލުވުމާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ ވެސް ސުވާލުތައް ކުރިމަތިވި އެވެ. ސޯލްޝެއާ ބުނީ އެ ފޮޓޯ ސޯޝަލް މީޑިއާ އިން އޭނާ އަށް ފެނުމާ އެކު މި ސުވާލުތައް އަންނާނެކަން ޔަގީންވި ކަމަށާއި އެ ފޮޓޯގައި އޭނާ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ޕޮގްބާ އޭނާ ގާތުގައި ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައިނުވާ ކަމަށް ސޯލްޝެއާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސަންބޭ
19 October 2019
ނޫންވެރިން އަބަދުވެސް އުޅޭނީ އެގޮތަށެވެ. ބިތުފަންގި ނަގައިގެންވެސް އެއްޗެއްފެނޭތޯ އެމީހުން އަބަދުވެސް އުޅޭނެއެވެ.
ޟެދް
19 October 2019
އެއީދޯ އެމީހުންގެ ބޭނުން.
ބާލައާދަނު
20 October 2019
ނުބެހޭ ކަންކަމާ ގުއި އުދުޅި ބޭނުމަކީ ނޫސްވެރިންގެ ޒިންމާ.