ކުޅިވަރު

ވިކްޓްރީ ޓީމު ހަމަނުވުމުން އަނެއްކާ ވެސް މެޗު ކެންސަލް

ލީގުގެ ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓްރީ އާއި ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހާޒިރެއް ނުވި އެވެ.

މިއީ މިދިޔަ ދެ އަހަރު ތެރޭ ވިކްޓްރީން ހާޒިރުނުވެދިޔަ ފަސް ވަނަ މެޗެވެ. މި ސީޒަނުގައި ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗަށް ވެސް ވިކްޓްރީ ޓީމު ހަމަވެފައިނުވެ އެވެ.

ލީގުގައި މިދިޔަ މަހު ފ. ނިލަންދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓްރީ ޓީމު ހަމަވީ ކިރިޔާ އެވެ. އެ ދުވަހު ބަރާބަރު 11 ކުޅުންތެރިން ލައިގެން މެޗު ކުޅުނުއިރު، މިއަަދުގެ މެޗަށް އެ ޓީމުން ލިސްޓުގައި 11 ކުޅުންތެރިން ހަމަވި ކަމަށް ޖެހި ނަމަވެސް ދަނޑުގައި ތިބީ 10 ކުޅުންތެރިންނެވެ. މިދިޔަ ހަފްތާގައި ފޯކައިދޫއާ ދެކޮޅަށް ކުޅެން އޮތް މެޗާ އެކު މިއީ ވިކްޓްރީ ޖެހިޖެހިގެން ދެ މެޗަށް ހާޒިރުނުވެދިޔަ ފުރަތަމަ ފަހަރެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، ގަލޮޅު ދަނޑުގައި ކުރިއަށްދާއިރު މިއަދުގެ މެޗު ފަށަން ކުޑަވަގުތުކޮޅަކަށްވީއިރު ވެސް ދަނޑުގައި ގިނަ އަދަދެއްގެ ބިދޭސީ ތިއްބެވެ.

މެޗު ކޮމިޝަނަރު މެޗު ކުޅެވެން ނެތްކަން އިއުލާނުކުރީ ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން ދަނޑަށް ނުކުތް ފަހުންނެވެ. މި މެޗަށް ވިކްޓްރީ ހާޒިރުނުވުމުން ޔުނައިޓެޑް ވިކްޓްރީ އަށް ތިން ޕޮއިންޓް ލިބޭނެ އެވެ.

ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ހާޒިރުނުވުމުން އެފްއޭއެމުން އެ ޓީމު 40،000ރ. އިން ޖޫރިމަނާކުރި އެވެ. އޭގެ ފަހުން ދެ މެޗަށް ހާޒިރުނުވެދިޔައިރު ބޮޑު ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ވިކްޓްރީ އަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި އެ ނޫން ވެސް ކަންތައްތަކުން ހައްލެއް ހޯދުމަށް ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެ ޓީމުގެ ބައެއް ވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކަންތައްތަކަށް ވަރަށް އަވަހަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ވިކްޓްރީން މި އަހަރު ކުރީކޮޅުގައި މަސައްކަތް ކޮށްފައިވުމުން އެ ކްލަބަށް އެފްއޭއެމުން ދަތިކުރަމުން އަންނަ ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ތުހުމަތުތަކެއް ކޮށްފަ އެވެ.

ވިކްޓްރީން މީގެ ކުރިން ބުނަމުންދިޔައީ ޓީމު ހަމަވުމުގައި ދަތިތަކެއް ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އެ ޓީމުގެ ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިން ބޭރުގެ މުބާރާތްތަކަށް ގައުމީ ޓީމާ އެކު ގޮސްފައިވުމުންނެވެ. އެކަމަކު ޒުވާން ގައުމީ ޓީމު އެނބުރި ރާއްޖެ އައި ފަހުން ވެސް އެ ޓީމުގެ ދެ މެޗެއް މިދިޔައީ ކުޅުންތެރިން ހަމަނުވެ އެވެ.

މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ނަޒީހުގެ ފަހު މެޗު ދިޔައީ ބޭނުންވި ގޮތަކަށް ނޫން

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ވިކްޓްރީ މެޗަށް ފަހު މަގާމުން ވަކިވާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ އެންމެ ބޮޑު އެދުމަކީ މި މެޗަށް ވިކްޓްރީ ޓީމު ހަމަވެ ރަނގަޅު މެޗަކާ އެކު ނިންމާލުން ކަމަށެވެ. އެހެން ނަމަވެސް ކަންތައް ދިޔައީ ނަޒީހު ވެސް ބޭނުންވި ގޮތަކަށް ނޫނެވެ.

"ވަރަށް ދެރަގޮތެއް މިވީ. ވިކްޓްރީ ދަނޑަށް ނައުމުން މެޗެއް ކުޅެގެން ޓީމާ ވަކިވުމުގެ ހިތްހަމަޖެހުން ވެސް ނުލިބުން. ކުރިން ވެސް އިއުލާނުކުރި ގޮތަށް މިއީ ޔޫވީގައި ފަހު މެޗު. ޒިންމާ ނަގައިގެން މިދަނީ. ހަގީގަތުގައި ދާން ބޭނުންނުވިޔަސް ކްލަބްގެ ނިންމުން މިއީ. އެކަމަކު އަދިވެސް ކްލަބުން އެނބުރި އަންނަން ގޮވާލައިފިއްޔާ އަންނަން މިހުރީ،" ޔުނައިޓެޑް ވިކްޓްރީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު.-- ފޮޓޯ: މިހާރު

ނަޒީހު ވަނީ މިދިޔަ ސީޒަނުގައި ވިކްޓްރީ އަށް ކޯޗުކޮށްދީފަ އެވެ. ކުރިން ވިކްޓްރީ އަށް ކުޅެފައިވާ ނަޒީހު ބުނީ ހަގީގަތުގައި މިއަދު ވިކްޓްރީ އެ ހާލަތުގައި އޮތް މަންޒަރު ބަލަން އުނދަގޫވާ ކަމަށާއި ފެންނަން އޮތީ މަގާމުތަކާ ހަވާލުވެ ތިބި ގާބިލު ބަޔަކު ފަރުވާކުޑަކޮށް ކުރާ ކަންތައްތަކެއް ކަމަށެވެ.

"މުސާރައިގެ މައްސަލަ އޮތަސް ހަގީގަތުގައި ޓީމު ހަމަކުރެވެން ވާނެ. މިއީ ހަގީގަތުގައި ވަރަށް ބޮޑު ގެއްލުމެއް. ކިތަންމެ ގާބިލު ބަޔަކު މަގާމުތަކާ ހަވާލުވެ ތިބި ކަމުގައިވިޔަސް މިހާ ފަރުވާކުޑަ ވެގެންނުވާނެ،" ޖެހިޖެހިގެން ދެ މެޗަށް ވިކްޓްރީން ހާޒިރުނުވެ ދިއުމުން އެ ޓީމުގެ މެނޭޖްމަންޓަށް އިޝާރާތްކޮށް ނަޒީހު ބުންޏެވެ.

އެންމެ ހީވާގި ކަމާ އެކު ވިކްޓްރީގެ ކަންތައްތަކަށް ހައްލެއް ހޯދަން މަސައްކަތްކުރަނީ ގޯލްކީޕަރު ޓްރެއިނަރުގެ ޒިންމާ ވެސް އުފުލަމުން އަންނަ އަހުމަދު ރިޔާޒް (ގާނާ) އެވެ. ނަޒީހު ވަނީ އޭނާގެ ބޭބެ ގާނާ ކްލަބަށްޓަކައި ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑުގެ ބޭބެ ރިޔާޒް (ގާނާ) 30 އަށް ވުރެ ގިނަ އަހަރު ކްލަބަށް ހިދުމަތް ކޮށްދީފައި އަދިވެސް އެ އަންނަނީ މިހާލަތުގައި ވެސް ކޮށްދެމުން. ފެން އުފުލަން ވެސް އެ ހުރީ އޭނަ. މިއީ ކްލަބެއްގެ އެ ވަރުގެ ހިދުމަތްތެރިން ކުރަން ވެސް ޖެހޭ ކަމެއް ނޫން. މި ބުނީ ފެން އުފުލުމަކީ ދެރަ މަސައްކަތެކޭ އެއްވެސް ނޫން. އޭނަ ކަހަލަ ޕެޝަނޭޓް މީހުން ތިބެގެން ވިކްޓްރީ ސަލާމަތްކުރެވޭނީ. އޭނަ ކުރާ މަސައްކަތް ފާހަގަކުރަން،" ނަޒީހު ބުންޏެވެ.

ނަޒީހު މި މެޗަށް ފަހު މަގާމުން އިސްތިއުފާ ދިންއިރު، ޔުނައިޓެޑް ވިކްޓްރީ ލީގުގެ ހަތް ވަނައިގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 11 ޕޮއިންޓާ އެކު އެވެ.

7 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޫހީ

21 October 2019

ގާނާއަކީ އެކްސްޓްރާ ލެޖެންޑެއް. މައިނާއާ ޖޫލޭއާ ނާއްޕެ ދިޔުމުން ހަމައެކަނި ހުރި ވިކްޓަރީގެ އުއްމީދު. ރައީސް ނަޝީދް ވެއްޖެ ނޫންތޯ ވިކްޓަރީ ކޮޅަށް ޖަހަން އަބަދު ތިޔަ ސިޔާސީ ކަންތަކުގަ ނޫޅެ. ގައިމު ކެނެރީގެ ތެރެއިން އުފަންވި ކްލަބެކޭ ކިޔާ އަޑު އިވޭ.

The name is already taken The name is available. Register?

ގަޓް ބްރޯ

20 October 2019

ޓީމް ހަމަނުވިތަސް ދަނޑަށް ވަންނާނެ މީހަކު ނުވިޔަސް ބޮޑެތި ނަންކިޔާފަ ދިގުދަންމާފަ ލީގު ކުޅެވޭތޯ ބަލަންވާނެ. ކުޑައިރު ފުޓުބޯޅަ މޫސުމުގެ "ހުޅުވާމެޗު" ކުޅޭތަން ބަލަންދާ މީހުން ގިނަކަމުން ހެންވޭރު ދަނޑުން ޖާގައެއް ލިބެނީވެސް އަސުރުކުުރިން ދަނޑަށް ދެވުނިއްޔާ.

The name is already taken The name is available. Register?

އިއްސޭ

20 October 2019

ލީގުން ބޭރުކޮށްލަބަލަ. މިހުރިހާ ޒަމާނުގަ މިކުޅުނީ 8 ޓީމު ގޮވައިގެން، ބޭކާރު ޓީމެއް ބެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތް. ވިކްޓްރީ، ވެލެންސިއާ ފުޓުބޯޅަ ކުޅެން ބޭނުމިއްޔާވީ އަލުން ދަރަނިތައް އަދާކޮށް ނިންމާފަ 2 ވަނަ ޑިވިޝަނުން ފަށަން. ފެންވަރު ނެތްތަނުގަ ކުޅެންހަދައިގެން ދަރަނި އިރުތުވެ މެޗުތައް އިންތިޒާމުކުރާ ފަރާތްތަކުގެ އަތުންވެސް ދާނީ ބޭކާރު ޚަރަދު.

The name is already taken The name is available. Register?

މުއްޗި

20 October 2019

ފުރެމިޔާ ލީގް ކުޅެނިންޔެ ހިތުން. ހެނދު ދަންފަޅީއޮތީ ގަވާއިދާހިލާފަށް އުޅޭބިދޭސީން ގެ އައްޑާއަކަށް ހަދާފަ. ގައުމީ ފުޓްބޯޅަ ސުޓޭޑިޔަމް.

The name is already taken The name is available. Register?

މަގޭ ވިންދު

20 October 2019

އަންނި މިކަމާ އުޅުއްވަންވީ ނޫންތޯއެވެ؟ ފެމެލީ ކްލަބް "ކަރުތާ ފެން" ވެގެން އުޅޭއިރު ވެސް އެމްޑީޕީ އަކާ "ބަގުޑި" ލައިގެން އުޅުއްވަން ހަދާގެން މުޅިން ކްލަބު ކަޑަ ވެއްޖެ ނޫން ތީއެވެ؟ ކޮންމެވެސް އެކައްޗެއް އެހެން މީހުނަށް ދޫކޮށް ލައްވާށެވެ.

The name is already taken The name is available. Register?

މޯޑް

20 October 2019

ވިކުޓްރީ ކުޅުންތެރިން ހަމަ ނުވެގެން ހެޓްރިކު ހެދިއިރުވެސް އެފްއޭއެމަށް އޯކޭ. ނިއުރޭޑިޔަންޓް ވީމަ ސަސްފެންޑް ވެސް ކުރެވޭ. މީ ތޯ އިންސާފަކީ ބަންސާމް ގެންގުޅޭ.

The name is already taken The name is available. Register?

ކަބުރު

20 October 2019

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، ގަލޮޅު ދަނޑުގައި ކުރިއަށްދާއިރު މިއަދުގެ މެޗު ފަށަން ކުޑަވަގުތުކޮޅަކަށްވީއިރު ވެސް ދަނޑުގައި ގިނަ އަދަދެއްގެ ބިދޭސީ ތިއްބެވެ.ދަނޑު ފުރާލުމުގެ ވައުދު ފުރިހަމަކުރަށް ފަރިކޮށްގެންތިއްބަ މެޗު ކެންސަލު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454