ކުޅިވަރު

މާޒިޔާ ބަލިކުރަން ކޮންމެ ޓީމެއް ވެސް ބޭނުންވާނެ: ސެކުލޮސްކީ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ބަލިކުރަން ލީގުގައި ވާދަކުރާ ކޮންމެ ޓީމެއް ވެސް ބޭނުންވާނެ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރުޔާން ސެކުލޮސްކީ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް ވަނީ 11 މެޗުން 20 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި ހަތަރު ވަނައިގައި އޮތް ޓީސީ އަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ ވަނީ 10 މެޗުން 15 ޕޮއިންޓް ހަމަކޮށްފަ އެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ މިރޭގެ މެޗުގައި އިދިކޮޅަށް ނުކުންނަ ދަ ގްރާންޑޭ އަކީ އޭނާގެ ނަޒަރުގައި މޮޅު ޓީމެއް ކަމަށާއި ތަޖުރިބާކާރު ކޯޗެއްގެ އެހީގައި ކުޅެން އެނގިގެން މެޗުތަކުގައި ނަތީޖާ ނެރެމުން އަންނަ ޓީމެއް ކަމަށެވެ. އަދި އެ ފަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު މާޒިޔާ އިން ފޯކަސް ގެއްލުވާނުލައި މޮޅަށް ކުޅެން ޖެހޭ ކަމަށް ސެކުލޮސްކީ ބުންޏެވެ.

"ކޮންމެ ޓީމެއް ވެސް ބޭނުންވާނެ މާޒިޔާއާ ދެކޮޅަށް ނަތީޖާ ނެރެން. އަހަރެމެންގެ ޑިއުޓީ އަކީ އެކަން ވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން. މޮޅުވުން. އެކަން ކުރަން އެންމެ ބޭނުން އެއް ކަމަކީ ވީ އެންމެ އަވަހަށް ގޯލެއް ޖެހުން. އޭރުން ހަމަޖެހިލުމުގެ ފުރުސަތެއް އެބަލިބޭ. އަހަރެމެންނާ ދެކޮޅަށް ގިނަ ޓީމުތަކުން ކުޅެނީ ޑިފެންސް ކޮށްފައި ކައުންޓަ އެޓޭކަަށް ވިސްނައިގެން،" ސެކުލޮސްކީ ބުންޏެވެ.

މިރޭގެ މެޗަށް ފަހު ލީގު 46 ދުވަހަށް މެދުކަނޑާލާނެ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި އަންނަ މަހު 14 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށާއި 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޑިސެމްބަރު މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ޒުވާން ޓީމަށް ވަގުތު ދޭށެވެ.

ސެކުލޮސްކީ ބުނީ އެ ވަރުގެ ބްރޭކަކަށް ހަމަޖެހިލައިގެން ދާން ބޭނުންވާ ކަމަށާއި އެ ވިސްނުމަށް ބަލާއިރު މި މެޗުން މޮޅުވުން ވަރަށް މުހިއްމު ކަމަށެވެ. ސެކުލޮސްކީގެ އެ ވާހަކަތަކަށް ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން މިހާރު ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވެސް ތާއީދުކުރެ އެވެ.

"މާޒިޔާ ލީގުގެ ޓޮޕްގައި އޭދީ އެ ގޮތަށް އަޅުގަނޑުމެން ވެސް މި ބަލަނީ މި ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އެޓްލީސްޓް ޕޮއިންޓެއް ވެސް ނެގޭތޯ. އަދި މޮޅުވުމުގެ ރޫހުގައި ނުކުންނާނީ. ބޮޑު ބްރޭކަކަށް ދިއުމުގެ ކުރިން ރަނގަޅު ޕާފޯމަންސެއް ކޮށްގެން ނަތީޖާ ނެރެވިއްޖެކަމަށް ވާނަމަ ވަރަށް ރަނގަޅު ރޫހެއްގައި އޮންނާނީ،" އިންމަ ބުންޏެވެ.

އިންމަ ބުނީ ލީގުގައި ވާދަކުރާ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ދަ ގްރާންޑޭ ނުކުންނަނީ ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ނެރުމަށް ކަމަށާއި އެކަން ކުރުމަށް މިހާތަނަށް މެޗުތަކުގައި ކުރެވުނު މަސައްކަތުން ޓީމުތައް ދަ ގްރާންޑޭ ބަލައިގަނެފައިވުމަކީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމެއްގެ ހައިސިއްޔަތުން ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަޅުގަނޑުމެން ޓީމަށް އެހެން ޓީމުތަކުން އެހެން ފަރާތްތަކުން ދޭ ރެޕިއުޓޭޝަން އެއީ ވަރަށް މުހިއްމު ކަމެއް. ފުރަތަމަ އަހަރުވީމަ މި ހުރިހާ ކަމެއް ދެމެހެއްޓޭތޯ މި އުޅެނީ. އެއީ އެންމެ މުހިއްމު އެއް އަމާޒު،" އިންމަ ބުންޏެވެ.

އިންމަ ބުނީ ޓީމަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަަބަބުން ބްރޭކްތަކުގެ ފައިދާ އެންމެ ރަނގަޅަށް ނުނެގޭ ކަމަށާއި އެއީ ޕްރެކްޓިހަށް އެކަށީގެންވާ ވަރަށް ކުޅުންތެރިން ހާޒިރުނުވާތީ ކަމަށެވެ.

މިރޭ މާޒިޔާއާ ދެކޮޅަށް ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) އަށް ދެ ރީނދޫ ކާޑު ހަމަވެ ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ. އިންމަ ބުނީ ބަދަލުގައި ކޮންމެ ކުޅުންތެރިއަކު ނެރުނު ކަމުގައި ވިޔަސް އަޔާގެ މަގާމު ފޫބައްދަން އުނދަގޫވާނެ ކަމަށާއި އެހެން ނަމަވެސް ރަނގަޅު ރޭވުމެއްގެ ތެރެއިން ދިމާވާ ކަންތައްތަކަށް އަބަދުވެސް ހައްލެއް ހޯދޭނެ ކަމަށެވެ.

ދަ ގްރާންޑޭ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މިއަދު ހަވީރު ކުޅޭނީ ވިކްޓްރީ އާއި ނިލަންދޫ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގްރީނޭ

26 October 2019

އަޖައިބުން އަންތަރީސްވަން. މާޒިޔާ ވީމަ ކޮންމެ ޓިމެއްވެސް ނިކުންނަންވީ ބަލިވާންތައް؟ ކޮންމެ ޓީމެއްވެސް ކުޅެނީ މޮޅުވާކައްނު. މި ކޯޗައް އިނގޭނީ ރެފްރީންނަށް ޕްރެޝަރު ކުރަން އެކަނި،

The name is already taken The name is available. Register?

އަލީ ރާޖާ

26 October 2019

ކެރަފާ ނާޝިދުގެ ވިކްޓަރީއަށް މާޒިޔާ ބަލި ކުރެވޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454